ދެކަފި - 41

(24 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން ޤަބޫލުކުރާގޮތުގައި ، އަސްމަރާގެ ޚިޔާލާއި ވިސްނުން އެހައި މިނިވަންކޮށް ގެންގުޅެން ބޭނުންކަމަށް ވަންޏާ ، އަސްމަރާއާއި ޒަރޫންގެ ކައިވެންޏަށް ގޮތެއް ނިންމުމުގެ ކުރިން ވަރަށްބޮޑަށް ވިސްނަން ޖެހޭނެއެވެ. އެމީހުންވެސް އެކަމަށް ވިސްނަން ޖެހޭނެއެވެ.

"އަހަރެންނާ ކައިވެނި ނުކުރާކަމަށް ވަންޏާ ޒަރޫން އިންނާނީ ކާކާ ހެއްޔެވެ؟" ޒަރޫންއަށް ޖަވާބުދޭން އުނދަގޫ ސުއާލެއް އަސްމަރާ ކުރިއެވެ. އެހެންނަމަވެސް ، އެތަނުން ކޮންމެވެސް ކުއްޖަކު ވާނެ ނޫންހެއްޔޭ ބުނެ ޒަރޫން ހަމަޖައްސާލައެވެ.

"ކަޝަފް އެއުޅެނީ ނޫން ހެއްޔެވެ؟ ކަޝަފާ ކައިވެނި ކުރާށެވެ!" މަލާމާތުގެ ރާގަކަށް އަސްމަރާ ބުންޏެވެ. އަދި ، އެއީ ގޯސް ޚިޔާލެއް ނޫނޭ ބުނެ ޒަރޫންވެސް ޖަވާބު ދިނެވެ. އޭނާ އެބަސް ދެފަހަރަށް ތަކުރާރު ކުރިއެވެ.

ޒަރޫން އޭނާގެ ޑައިރީގައި ލިޔަމުންގެންދާ ތަޖުރިބާތަކަށް އިތުރު ކޮށްލާނެ ވާހަކަތަކެއް މިއަދުވެސް ލިބިއްޖެއެވެ. އަސްމަރާގެ ވިސްނުމާއި ފިކުރާމެދު ، އިތުރަށް ވިސްނަން ޖެހޭކަން ޒަރޫންގެ ނަފުސު އޭނާއަށް ވިސްނައި ދިނެވެ. އެދެމީހުންގެ މިޒާޖާއި އުޅުން އަދި ވިސްނުމާއި ފިކުރު ، ހާސްބައި ތަފާތެވެ. އަސްމަރާ އިސްކަންދޭ ކަންކަން ޒަރޫންއާ ތަފާތެވެ. ޝަޢުޤުވެރިވާ ކަންކަންވެސް ދެމީހުންގެ އެހާ ތަފާތެވެ. އެހެންކަމަށްވަންޏާ ، އަސްމަރާއަކީ ޒަރޫންއަށް އެންމެ ރަނގަޅު ކުއްޖާކަމަށް ނުވެ ހިނގައިދާނެއެވެ. އެއީ ނުވިސްނާ ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ޅަފުރާގައި ރައްޓެހިވެގެން ގާތްކޮށް އުޅުމާއި ބޮޑެތިމީހުން އުޅޭގޮތަށް ދިރިއުޅުމެއްގައި ޒަވާޖީ ޙަޔާތެއް ހޭދަކުރުމަކީ ވަރަށް ތަފާތު ބޮޑު ދެކަމެކެވެ. ފަހަރެއްގައި ދިރިއުޅުމަކީ އެއީކަމަށްވެސް ވެދާނެއެވެ. ބޭނުންވާ ހުރިހާކަމެއް ފުރިހަމައެއް ނުވާނެއެވެ. އަދި ބޭނުންވާ ހުރިހާ އެއްޗެއްވެސް ނުލިބޭނެއެވެ.

------------------------

ޞިދްރާގެ ކައިވެނީގެ ހުށަހެޅުމެއް ލިބި އެކަމާބެހޭގޮތުން ރާފިޢާ ، ކަޝަފާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއީ އާޣާޚާން ޔުނިވަރސިޓީގައި މަސައްކަތްކުރާ އާދައިގެ ކުއްޖެކެވެ. އެހުށަހެޅުން ގެނެސްދިނީ ރާފިޢާގެ ރައްޓެއްސެއްކަމުގައިވާ ޙަލީމާއެވެ. ޞިދްރާއާ ދޭތެރޭ ޙަލީމާ ވިސްނައިލީތީ ރާފިޢާ ހުރީ ވަރަށް އުފަލުންނެވެ. ރާފިޢާ ޤަބޫލުކުރާ ގޮތުގައި އެއީ ވަރަށް ރަނގަޅު ހުށަހެޅުމެކެވެ. ކައިވެންޏަށްފަހު ވަރަށް އަވަހަށް ބޭރުގައި ދިރިއުޅެން ދާނެއެވެ. އެންމެ ފުރަތަމަވެސް ، ރާފިޢާ އެވާހަކަ ދެއްކީ ކަޝަފާއެވެ. އޭގެފަހުން ޞިދްރާއާ ވާހަކަ ދައްކާނީއެވެ. ކަޝަފާ އެވާހަކަ ދައްކަން ޖެހުނީ ، ރާފިޢާ ވިސްނާފައި އޮތީ އެންމެ ފުރަތަމަ ކަޝަފްގެ ކައިވެނި ކޮށްދޭ ގޮތަށް ކަމަށްވާތީއެވެ. ޞިދްރާގެ ނަންބަރު އަންނާނީ އޭގެ ފަހަށެވެ.

ކަޝަފް ، ކައިވެންޏަކަށް އަދި އެއްވެސް ވަރެއްގެ ޝަޢުޤުވެރިކަމެއް ނުގެންގުޅެއެވެ. ޞިދްރާއާ ވާހަކަ ދައްކާފައި ޞިދްރާގެ ވިސްނުން ހުންނަގޮތަކުން ، ޞިދްރާގެ ކައިވެނި ކޮށްދިނުމަކުން ކަޝަފްގެ އެއްވެސް މައްސަލައެއް ނެތެވެ. އެ ގުޅުމާމެދު ރާފިޢާ ހިތްހަމަ ޖެހިފައިހުރި ވަރުން ދެވަނަ ފަހަރަށްވެސް ކަޝަފްގާތު އެވާހަކަ ބުނެއެވެ. އެއީ އާދައިގެ ކަމެއްނޫނެވެ. ކައިވެނީގެ އެކަހަލަ ރަނގަޅު ހުށަހެޅުމަކީ ، ޢާންމުކަމެއް ނޫނެވެ. ޙަލީމާ ބުނެފައިވާ ގޮތުގައި އިންނަން ކިޔާ ރަންފިޔަވާ ، ކައިވެންޏަށް އެއްވެސް ވަރެއްގެ ފައިސާއެއް ހޭދަކުރާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ، ކައިވެންޏަށް ކޮންމެވެސް ވަރެއްގެ ޚަރަދެއް އެޢާއިލާއިންވެސް ކުރަން ޖެހޭނެއެވެ. މިޒަމާނަކީ އެހާ ޚަރަދުބޮޑު ޒަމާނެކެވެ. ރާފިޢާގެ ހަމައެކަނި އޮތް ކަންބޮޑުވުމަކީ އެއީއެވެ. ރާފިޢާގެ އަތުގައިހުރި ގަހަނާތައް ވިއްކާލާފައި އެއޮތީ ، ޝެހްނީލާގެ ކޯހަށް ޚަރަދު  ކުރެވިފައެވެ. އެވަގުތު ރާފިޢާގެ އަތުގައި އެއްވެސް މިންވަރަކަށް ފައިސާއެއް ނެތެވެ.

މުރުތަޟާގާތު އެވާހަކަ ބުނަން ރާފިޢާ ނިންމިއެވެ. ދަރިފުޅުގެ ކައިވެންޏަށް މުރުތަޟާ ،  ކޮންމެވެސް ހޭދައެއް ކުރާނެކަމަށް ރާފިޢާ ޔަޤީން ކުރިއެވެ. އެވާހަކަ ބައްޕަގާތު ބުނުމަކުން ކަޝަފްގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް އެކަހަލަ ކަންކަމުގައި ބައްޕަޔަކީ އެވާހަކަ ދެއްކުން ފިޔަވައި އެހެންކަމެއް ކޮށްދޭނެ މީހެއްނޫންކަމަށް ކަޝަފް ބުނެއެވެ. ބައްޕަގެ ފަރާތުން ފައިސާގެ އެހީއަކަށް އުއްމީދު ކުރުމަކީ ކަނޑުގައި އަޅާ ރޮނގެއްފަދަ ކަމެކެވެ. ބައްޕަ އެކުދިންނަކަށް އެއްވެސް އެހީއެއް ނުދޭނެއެވެ.

ޞިދްރާގެ ކައިވެނިކުރަން ހަތަރުމަހެއްހާ ދުވަސް ލިބިއްޖެނަމަ ، ކަޝަފް ކޮންމެވެސް ތަނެއްގައި މަސައްކަތް ކޮށްގެން ލާރިކޮޅެއް އެއްކޮށްފާނެކަމަށް ބުނެއެވެ. ޔުނިވަރސިޓީ ފިޔަވައި އެހެން ބައެއް ތަންތަނުންވެސް އޭނާއަށް ވަޒީފާގެ ފުރުޞަތު އޮތީ ތަނަވަސް ވެފައެވެ. ޔުނިވަރސިޓީއަށްވެސް ދާނީއެވެ. އެހެން ތަނެއްގައިވެސް މަސައްކަތް ކުރާނީއެވެ. އޭރަށް ދެތިން ހަތަރު މަހުން ލާރިކޮޅެއް އެއްކުރެވިދާނެއެވެ. ކަޝަފްގެ ވިސްނުން އޭނާގެ މަންމަޔަށް ސާފުކޮށްދިނެވެ. ރާފިޢާގެ ދުޢާއަކީ ، ކުދިންގެ ބައްޕައަށް ދަރިންގެ ޒިންމާ އިޙްސާސްވެ ، އެކުދިންނަށްކޮށްދޭންޖެހޭ އެންމެ ފަހުކަމަށް ނަމަވެސް ، ކުދިންނަށް އެހީތެރިވުމުގެ ވިސްނުން  ﷲ މިންވަރު ކުރެއްވުމެވެ.

------------------------

ދިރިއުޅުމުގައި ދިމާވަމުންދާ ކަންކަމުގެ ތެރެޔަށް ގެއްލިފައި އިންދާ ޒަރޫން ސިއްސުވައިލީ ފޯނުގެ ރަނގަބީލުގެ އަޑެވެ. އެއީ ، އަސްމަރާ އެވެ. އެންމެ ފުރަތަމަވެސް ކުރީ ޝަކުވާއެވެ. ޒަރޫންއަށް އޭނާ ވަގުތު ނުދޭކަމުގެ ޝަކުވާއެވެ. ޒަރޫންއަށް ކުރިމަތިވެފައިވާ ކަންކަމާ ގުޅިގެން އަސްމަރާއަށް ވަގުތުދީ އޭނާއާއެކު ދުއްވަން ނުދެވޭކަން ޒަރޫންއަށް އެނގެއެވެ. އެވާހަކަ ވަރަށް ސާފުކޮށް އަސްމަރާގާތު ބުނެއެވެ. އަސްމަރާގެ ނަޒަރުގައި ޒަރޫންއަށް އެއުޅެނީ އޭނާ ދިރިއުޅޭ މާޙައުލަށް އަހުލުވެރި ނުވެވިގެންނެވެ. ކިޔެވުމުގެ ހާސްކަމުގައި ވަގުތު ނުދެވޭއިރު ، މަސައްކަތަކާ ކުރިމަތިލައި ކައިވެންޏަށްފަހު ، ޒަރޫންއަށް ވަގުތު ނުދެވުމުން އަސްމަރާގެ ޙާލު ހުންނާނީ ކިހިނެއް ހެއްޔެވެ ؟ ޒަރޫން އޭރުވެސް މަސައްކަތް ކުރަމުން ގެންދަނީ އެސައިންމަންޓެއް ނިންމާށެވެ. އަދި އިތުރަށް ދެކަމަކަށް އޭނާވަނީ ޒިންމާވާން ޖެހިފައެވެ. އެއީ އުޒުރެއްކަމަށް ބަލައި ، ޒަރޫން ފޯނު ބާއްވައެވެ.

------------------------

ޞިދްރާގެ ކައިވެނީގެ ވާހަކަ ދައްކައިލުމަށްޓަކައި މުރުތަޟާއަށް ފޯނުކޮށްގެން ރާފިޢާގެ ގެޔަށް އޭނާ ޒިޔާރަތްކުރި ދުވަހެކެވެ. ޞިދްރާއާ ކައިވެނިކުރަން އުޅޭ ފިރިހެން ކުއްޖާގެ ޢާއިލާއަކީ މުރުތަޟާ ދަންނަ ޢާއިލާއެކެވެ. ޙަލީމާއަކީވެސް މުރުތަޟާ ދަންނަ މީހެކެވެ. ރާފިޢާއަށް ދެރަވާނެކަމެއް އޭނާ ނުކުރާނެއެވެ. އެހެންނަމަވެސް ، އެ ފިރިހެން ކުއްޖާއަކީ މުރުތަޟާ ދަންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން ، އެއީ ކޮންކަހަލަ ކުއްޖެއްކަން ބަލައިލުމުގެ ޒިންމާއާ މުރުތަޟާ ޙަވާލުވިއެވެ. ރާފިޢާވެސް ޤަބޫލުކުރާ ގޮތުގައި ހަމައެކަނި ޢާއިލާގެ ކަންކަމަށް ބަރޯސާވެގެންތިބެ ކުދިން މީހުންނާ ދެވާކަށް ނުވާނެއެވެ. ކައިވެނިކުރާ ކުއްޖާއަކީވެސް ކޮންކަހަލަ ކުއްޖެއްކަން ބަލަން ޖެހެއެވެ. ޙަލީމާ ބުނެފަ އޮތްގޮތުގައި ރަންކިޔާފަ ރަނަށް ދޭ އެއްޗެއްފިޔަވައި އެހެން އެއްޗެއް އެމީހުން ބޭނުމެއް ނުވެއެވެ. އެމީހުންގެ ދޮށީ ފިރިހެން ދަރިފުޅު މީހަކާ އިން އިރުވެސް އެއްވެސް އެއްޗެއް އެމީހުން ބޭނުމެއް ނުކުރެއެވެ. އެކަމާ މުރުތަޟާ ވީއުފާ އަދި ވަކިން ބޮޑެވެ. އެހެންނަމަވެސް ރާފިޢާ ދެންބުނި ވާހަކަތަކުން މުރުތަޟާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރާފިޢާ ބުނިގޮތުގައި ، އެއީ ، އަންހެންދަރިފުޅުގެ ކައިވެންޏެވެ. ގަހަނާއަށާއި ސަޔަށާ އަދި އެހެން ކަންކަމަށް ކޮންމެވެސް މިންވަރެއްގެ ޚަރަދެއް އެމީހުންވެސް ކުރަން ޖެހޭނެއެވެ. ގަހަނާ ގަތުމުގެ ބޭނުމެއް ނެތްކަމުގައި މުރުތަޟާ ބުންޏެވެ. އަދި އާ ގަހަނާތަކެއް ނުގަތަކަސް ، ރާފިޢާ އަތުގައިހުރި ފޮރުވާފައިހުރި ގަހަނާ ބޭނުން ކުރެވިދާނެކަމަށް މުރުތަޟާ ބުންޏެވެ.

ރާފިޢާގެ އަތުގައި މިހާރު އެއްވެސް ގަހަނާއެއް ނެތެވެ. ޝެހްނީލާގެ އިންޖިނިއަރިންގ ކޯސް ފުރިހަމަކުރަން ފޮނުވާފައި އެހުރީ ، އަތުގައިހުރި ގަހަނާކޮޅު ވިއްކައިލާފަ ލިބުނު ލާރިކޮޅު ބޭނުން ކޮށްގެންނެވެ. މުރުތަޟާ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އަދި އޭނާގެ މަންމަ އާއި ބައްޕަ ، ރާފިޢާއަށް އެތައް ގަހަނާއެއް ދީފައި ހުންނާނެކަމަށް ބުންޏެވެ. ރާފިޢާ ދެން ބުނި ވާހަކަޔަކުން މުރުތަޟާގެ އަނގަ ބެދިގެން ދިޔައެވެ. ރުޅިވެރިކަން އިތުރުވެ ރާފިޢާއާ ދިމާއަށް ކަޅި އަޅައިގަތެވެ.

"މުރުތަޟާ ދެއަނތްބަށް މީހަކާ އިންނަންވެގެން އެހުރިހާ ގަހަނާއެއް އަހަރެން އަތުން އަތުލައިގެން ދިޔައީ ނޫން ހެއްޔެވެ؟" ރާފިޢާ ބުންޏެވެ.

"އާނއެކެވެ! ވަރަށް ގިނަ ގަހަނާ ގެންދިޔައިމެވެ. އެކަމަކު ކުޑަ ގަހަނާކޮޅެއް ، ރާފިޢާގެ އަތުގައި ބެހެއްޓީމެވެ." މުރުތަޟާ ބުންޏެވެ.

މަންމައާއި ބައްޕަ ދައްކަމުންދާ ވާހަކައިގެ އަޑުއަހަން ، ކަޝަފާއި ޞިދްރާ ދުރުގައި ތިއްބެވެ. ބައްޕަ ދައްކާ ވާހައިން ބައެއް ފަހަރަށް ދެމީހުންގެ ބުމަ ގޮށްޖެހެއެވެ. ލޮލުގެ ތާޒާކަމުން ރުޅިވެރިކަން ފާޅު ވެއެވެ. މަދުން ނަމަވެސް ، މުރުތަޟާ ބަހައްޓާފައިދިޔަ ގަހަނާތަކަށް ރާފިޢާ ހެދިގޮތެއް ސާފުކުރަން މުރުތަޟާ ބޭނުން ވިއެވެ.

"މިއޮށްހުރިހާ ދުވަހު މީހެއްގެ އެހީއާނުލައި އެކި ޙާލުގައި ތިންކުދިން ބޮޑެތިކޮށް ދިރިއުޅުމުގެ އުނދަގޫތައް ފިލުވަމުން އައިއިރު ، ފައިސާއަށް ބޭނުންވާނެ ވަގުތުވެސް އަންނާނެ ނޫން ހެއްޔެވެ؟ ދަތި އުނދަގޫ ވަގުތުތަކުން އަހަރެންނާއި އަހަރެންގެ ތިންކުދިން ސަލާމަތްވުމަށް އެތަކެތިވެސް ވިއްކަން ޖެހޭނެ ނޫން ހެއްޔެވެ؟" ރާފިޢާ ބުންޏެވެ.

މުރުތަޟާ ގާތު އަހައި ނުލާ އޭނާގާތު ނުބުނެ ، ގަހަނާތައް ވިއްކައިލީމަ ، މުރުތަޟާ ގާތަށް ރުޅި އައެވެ. އެކަމަކު ، މުރުތަޟާގާތު ބުނެގެން ރާފިޢާއަށް ޙާޞިލްވެފައި އޮތީ ކޮންކަމެއްކަން ޚުދު މުރުތަޟާއަށްވެސް ނޭނގެއެވެ. ބޮޑުލާރިއެއްވެސް ދިއްކޮށްނުލާ ތާނގައި އެއިން ކުއްޖަކާ ދިމާއަށް ދަރިފުޅާއޭ ކިޔައި ގޮވައިލާފައިވެސް ނުވާމީހެއްގެ ކިބައިން ، ޙާލުގައި ޖެހޭ ވަގުތު ކުރަން އޮންނާނީ ކޮން އުއްމީދެއް ހެއްޔެވެ ؟ އެކިޙާލުގައި ތެޅެމުން އުނދަގުލާއި މުޞީބާތަށް ކެތްކުރަމުން ، އެވަގުތަކަށް ލެއްވި ރަޙްމަތްފުޅަކަށް ޝުކުރުކުރަމުން އެތިން ކުދިން ބަލައި ބޮޑުކޮށްފައި އެތިބީ މުރުތަޟާގެ އެއްވެސް އެހީތެރި ކަމަކާ ނުލައެވެ. ކުރަން ޖެހޭކަމެއްގެ ވާހަކަ މުރުތަޟާ ކުރެން ނާހައި އޭނާގާތު ނުބުނެ ކަމެއްކޮށްގެން އެކަމަކާ ސުއާލުކުރަން ، މުރުތަޟާ ލަދުގަންނަން ޖެހޭނެއެވެ. އެކުދިންނާއި ރާފިޢާއާ މެދު މުރުތަޟާގެ ޢަމަލުތައްހުންނަނީ ، ކަމެއްގެ ވާހަކަ އަހައިލެވޭފަދަ ގޮތަކަށް ނޫނެވެ. އެކަހަލަ ހަނދުވަރެއް ނުދެއެވެ. އެހެންނޫނަސް ، އެގަހަނާއަކީ ރާފިޢާގެ ޙައްޤެކެވެ. އޭނާގެ މިލްކެކެވެ. އެވަރުންވެސް ، މުރުތަޟާ ދެއަނތްބަށް މީހަކާ އިނީ އޭގެ ތެރެއިން ބޮޑުބައި ރާފިޢާ އަތުން އަތުލައިގެން ގޮހެވެ. އެގަހަނާއާ ބެހޭގޮތުން ޗުއްޕުވެސް ބުނުމުގެ ޙައްޤެއް މުރުތަޟާއަށް ލިބިގެންނެއް ނުވެއެވެ.

ބައްޕަގެ ފަރާތުން މަންމަޔާ ކުރިމަތިވާ ސުއާލުތަކަށް ކެތްކޮށްގެން ޞިދްރާއާއި ކަޝަފް ދުރުގައި ތިއްބެވެ. ޞިދްރާއަށް ކެތްނުވެގެން ނުކުމެދާނެތީ ، ކަޝަފް އޭނާގެ ކޮއްކޮގެ ކޮނޑުގައި އަތްބާއްވާލައި ހަމަޖައްސާލައެވެ.

"އެ ގަހަނާއަކީ އަހަރެންގެ އެއްޗެކެވެ. އެއަށް ހަދަންޖެހޭ ގޮތެއް މުރުތަޟާކުރެން އަހަންޖެހޭނެކަމަކަށް އަހަރެންނަކަށް ނުފެނެއެވެ. އަހަރެންގެ އަމިއްލަ ބޭނުމަށް އެއްވެސް އެއްޗެއް ނުހޯދަމެވެ. ކުރި ހޭދައެއް ވިއްޔާ ކޮށްފައި އޮންނާނީ ކުދިންގެ ބޭނުން ތަކަށެވެ." މުރުތަޟާގެ ކަންކަށިމަތީ ، ރާފިޢާ ތަފާލެއް ޖެހިކަހަލައެވެ.

ކުދިންނަށް ޚަރަދުކުރަން ޖެހޭއިރު ، އެކުދިންނަށް ވިސްނައިދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަމަށް މުރުތަޟާ ބުންޏެވެ. އަދި ، އެކުދިން ބޭނުންވާހާ ކަމެއް ކޮށްދޭން ނުޖެހޭނެކަންވެސް ރާފިޢާއަށް ހަނދާން ކޮށްދެއެވެ. އަދި އޭނާއަކީ މުއްސަންޖެއް ނޫންކަމަށާއި ، ލައްކައިން ރުފިޔާ ޚަރަދުކޮށް ގަހަނާ ގަނެ ، ކައިވެންޏަށް  ޚަރަދު ކުރެވެން ނޯންނާނެކަމަށްވެސް މުރުތަޟާ ބުންޏެވެ. ރާފިޢާ މުރުތަޟާގެ ކިބައިން އެ އެދެނީ ، ލައްކައިން ޚަރަދުކޮށް ގަހަނާ ގަނެދޭކަށެއް ނޫނެވެ. ރާފިޢާގެ އެދުމަކީ ، ދަރިފުޅުގެ ކައިވެނި ކުރެވޭއިރު ، ޝަރަފްވެރި ގޮތުގައި ޢިއްޒަތާއެކު އެކަން ކޮށްލެވޭވަރު ކޮށްލަ ދިނުމެވެ. ކަޝަފް ، އޭނާގެ ކޮއްކޮ ޞިދްރާގެ ކޮނޑުގައި ދެއަތުން ބާރަށް ހިފަހައްޓައިލައިގެން ހުއްޓެވެ. ޚުދު ކަޝަފަށްވެސް މިހާރު ކެތް ކުރެވެނީއަކީ ނޫނެވެ. އެކަމަކު މަންމައަށްޓަކައި ކެތްކޮށްލައިގެން ހުރީއެވެ.

ކުދިންނަށްއެހައިބޮޑަށް ކިޔަވައިނުދޭން އަބަދުވެސް މުރުތަޟާ އައީ ރާފިޢާއަށް ނަޞޭޙަތް ދެމުންނެވެ. ކުދިންދާ ސްކޫލާއި ކޮލެޖް ، ރާފިޢާއަށް މޮޅުވާން ޖެހެއެވެ. ސްޓްފިކެޓާއި ޑިގްރީ މަތިވާން ޖެހެއެވެ. މިކަންކަމަކީ މުރުތަޟާގެ ވިސްނުމުގައި ނެތް އަދި އޭނާ ބޭނުންނުވާ ކަންކަމެވެ.

"މިހާރު އެތިބީ ޑިގްރީ ހަދައިގެންނެވެ. ޑިގްރީ ވިއްކައިލާފައި ދެންކުރަން ޖެހޭކަމެއް ކުރާށެވެ." މުރުތަޟާ ބުންޏެވެ.

ބައްޕައާ އެވާހަކަ ނުދެއްކުމަށް ޞިދްރާ އޭނާގެ މަންމަޔަށް އާދޭސް ކުރިއެވެ. ކޮންމެ ކަމެއްގައިވެސް އެހީއެއް ވެދިނުމުގެ ބަދަލުގައި މަންމަޔާ ދިމާއަށް ބައްޕަ ކިޔާނީ އެއްޗެހިކަމުގައި ޞިދްރާ އޮތީ ބުނެފައެވެ. އަދި ކަޝަފްވެސް އެކަމާ އޮތީ ދެކޮޅު ހަދާފައެވެ. ބައްޕަ އެއްވެސްކަމެއް ކޮށްނުދޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް ، ރާފިޢާ ނިންމީ އޭނާގެ ވާޖިބު އަދާކުރުމަށްޓަކައި އެވާހަކަ މުރުތަޟާ ގާތު ބުނުމަށެވެ. އެކަމަކު މުރުތަޟާގެ ފަރާތުން ކަމެއް ވާނެކަމުގެ އެއްވެސް އުއްމީދެއް ނުލިބުނެވެ. އޭގެ ބަދަލުގައި ކުރިމަތިވީ އިތުރު ހިތްދަތި ކަމެވެ. ދަރިންގެ ޒިންމާއަށް ފިލަން ދުވާ ބަފައެއްގެ ފަރާތުން ފެންނާނެ އެންމެ  ހުތުރު މަންޒަރެވެ. ގަހަނާތައް ވިއްކާފައި އެކުދިންގެ ކިޔެވުމަށް ޚަރަދުކޮށްގެން މުރުތަޟާ ހުރީ ރުޅިއައިހެވެ. އަދި ، އެގަހަނާތައް ހުރިނަމަ މިއަދު އޭގެ ބޭނުން ހިފުނީސްކަމުގައި މުރުތަޟާ ބުންޏެވެ.      ކުދިން ގޭގައި ބައިތިއްބައިގެން މިޒަމާނުގައި އެކުދިންނަށް ދިރިއުޅުމެއް ނުލިބޭނެކަމާއި ކުދިންނަށް ތަޢުލީމު ދިނުމަކީ މައިންބަފައިންގެ ވާޖިބެއްކަން މުރުތަޟާއަށް ، ރާފިޢާ ހަނދާން ކޮށްދިނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.