
ނިޒާމީ ނުކުތާއަކީ ހަމައެކަނި މަޖިލިސްތަކުގައި ނެގޭ އެއްޗެއްނޫނެވެ. އެ ނުކުތާ ، ކޮންމެތާކުވެސް ނެގޭނެއެވެ. އަދި ކޮންމެ މީހަކަށްވެސް ނެގިދާނެއެވެ. އެއީ އޭނާއަށްވެސް ނެގިދާނެ އެއްޗެކެވެ. އޭނާއާ ބެހޭ ކަންކަމުގައެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ.
ދޮންބެއްޔާ ނިޒާމީ ނުކުތާ އެނެގީ ހަމަ ، ނަގަންވެގެންނެވެ. ރިޔާސީ ނިޒާމު ކަމުނުގޮސްގެން ބަރުލަމާނީއަކަށް ބަދަލުކުރަން ވެއްޖެއެވެ. މިހާރު އަނެއްކާ ، ބަރުލަމާނީގެ ތެރެޔަށް ފެޑެރަލް ލާންވެއްޖެޔޯލައެވެ. ރާއްޖެ އެތައްބަޔަކަށް ބަހައި ވަކިވަކި ކުދި ސަރުކާރުތަކެއް އުފަންދަންވީޔޯލައެވެ. އެ ސަރަޙައްދުތަކުގެ ކުދި ރަށްތަކަށް ފުރިހަމަ ތަރައްޤީލިބޭނެކަމަށްވަނީ އޭރުންނެވެ. ކުދިރަށްތަކަށް ސަރުކާރުން މިހާރުކުރާ ހޭދަ ނުކޮށް އާބާދީ ބޮޑެތި ރަށްރަށަށް އެ ޚަރަދުތައް ކުރަންޖެހޭކަމަށް ބުނާމީހުން އެކަހަލަ ވާހަކަ ދެއްކީމަ ގިނަމީހުންގާތަށް އަންނާނީ ހިންޏެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ، އެނބުރޭ ވަހުތާނެއްހެން ، ނިޒާމުން ބޭރުވެ ، ޚިޔާލު ބަދަލުވާމީހުން އެވާހަކަ ދައްކަނީ އެމީހުން ބޭނުންވާ މަޤަޞަދެއް ޙާޞިލްކުރުމަށްކަމުގައި ގިނަބަޔަކަށް ފެންނާނެއެވެ.
ނިޒާމަކީ ، ރޭވިފައި އޮންނަ ގޮތެވެ. ތަރުތީބެވެ. އެންމެ ބޮޑު ނިޒާމަކީ ، އިންސާނާ ދިރިއުޅުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައިވާ ގޮތެވެ. އެގޮތްތަކުން ، ދުނިޔެއަށް ނަމޫނާ ދެއްކެވި ، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. އެއަށްފަހު ، އެކަންކަމަށް ވިލަރެސް ކުރެވި ބައްޓަން ކުރެވިގެން ދިރިއުޅޭ ، ރައްޔިތަކަށް ނިސްބަތްވާ ވެރިކަމުގެ ނިޒާމެވެ.
ވެރިކަމުގެ ނިޒާމަކީ ، ޤައުމެއް ހިނގަމުން އަންނަ ގޮތެވެ. ވެރިކަމުގެ ބާރުތައް ބެހިފައި އޮންނަ ގޮތެވެ. ވެރިކަން ތަރުތީބުކޮށްގެން ހިންގޭ ގޮތެވެ. ދިވެހިރާއްޖެއަކީވެސް ، މިނިވަން ޤައުމެކެވެ. ސިޔާސީ މިނިވަންކަމެއްނެތް ޙާލަތެއްގައިވެސް ، 1953 ގައި ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމް ކުރެވުނެވެ. ކުރިން އޮތް ރަސްކަމުގެ ނިޒާމް އުވާލާފައެވެ. އެހެންނަމަވެސް ، ފުރަތަމަ ޖުމްހޫރިއްޔާ ދެމިއޮތީ ، އެންމެ އަށެއްކަ މަސްދުވަހުއެވެ. އެނިޒާމު ކަމަކު ނުދިޔައެވެ. އެނިޒާމު ކަމު ނުދިޔައީ ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ސިޔާސީ މަސްރަޙުގައި ވެރިކަމާތޮޅެން ، މިހާރުވެސް އެއުޅޭފަދަ ، މާލޭގެ ބޮޑުންނަށެވެ. އަލުން އަނެއްކާވެސް ، ރަސްކަމުގެ ނިޒާމަށް ބަދަލު ކުރެވުނެވެ. އެއީވެސް ކުރިން އޮތް ނިޒާމު ސިޔާސީ މީހުންނަށް ، ކަމުނުގޮސްގެންނެވެ. ވެރިކަމުގައި ހުންނަންޖެހޭ މީހާއަށް ނުހުރެވިގެންނެވެ. ނުވަތަ ، ބަޔަކު ވެރިކަމަށް އަރާ ހިތުންނެވެ. އަމިއްލަ އެދުމަށެވެ. ރައްޔިތުންގެ އެދުމަކަށްނޫނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރާ ކޮންމެ ފަހަރަކުވެސް އެކަން ކުރަނީ ސިޔާސީ މީހުންގެ އަމިއްލަ އެދުމަށެވެ. ކުރިންވެސް އަދި މިހާރުވެސް އެކަން ކުރެވެނީ އެބީދައިންނެވެ. 78 އަހަރުވަންދެން އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުގެ ދަށުގައި އޮތުމަށްފަހު ، ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނީ 1968 ގައެވެ. ރާއްޖެއަކީ ، 1968 އިން ފެށިގެން ޖޫމްހޫރީ ވެރިކަމެއް ހިނގަމުން އަންނަ ކުޑަކުޑަ ޤައުމެކެވެ. ޖުމްހޫރީ ވެރިކަމެއްގައި ބޭނުންކުރާ ، ރިޔާސީ ނިޒާމްވެސް ދިވެހިން ދެކެފައިވަނީ ، އެކި ދުވަސްވަރު އެކިގޮތަށެވެ. 1968 އިން ފެށިގެން ، ދިވެހިން ދެކެމުން މިއަންނަނީ ދެވަނަ ޖުމްހޫރިއްޔާގެ ދުވަސްވަރެވެ. ރިޔާސީ ނިޒާމެވެ. އެހެންނަމަވެސް ، އެ ނިޒާމުވެސް ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ކަމަކު ނުދިޔައެވެ. އެމީހަކަށް ނުވަތަ އެބަޔަކަށް ވެރިކަމަށް އާދެވޭނެ ގޮތްތަކަށް މަގުކޮށުމަށްޓަކައި ނިޒާމު ބަދަލުކުރަން ޖެހިއްޖެއެވެ.
ދިވެހިން ބޭނުންވަނީ ، ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ މެދުގައި 2007 ވަނައަހަރު ނެގުނު ވޯޓުން 62 އިންސައްތަމީހުން ވޯޓުލާފައިވަނީ ، ރިޔާސީ ނިޒާމަށެވެ. ރައްޔިތުން ބޭނުންވަނީ ، އޭރު ޤައުމު ހިނގަމުންދިޔަ ރިޔާސީ ނިޒާމުކަން ވަރަށް ސާފެވެ. އެހެންނަމަވެސް ، ބަރުލަމާނީ ނިޒާމަށް ހިތްކިޔައި ، އެނޫންގޮތަކަށް ވެރިކަން ލިބެންނެތް މީހެއްގެ ނުވަތަ ބަޔެއްގެ ހިތުން ، ބަރުލަމާނީ ފިލައިގެންނެއް ނުދިޔައެވެ. އެކިއެކި މަޖިލިސްތަކާއި އެއްވުންތަކުގައި ބަރުލަމާނީގެ އަޑު އުފުލަމުން ގެންދެވުނެވެ. އެހެނަސް ، އެކަން ވައިގަ ހިފާގޮތެއް ނުވިއެވެ. ސިޔާސީ މައިދާނުގައި ހަނގުރާމަކުރަމުން ގެންދާ އެއްވެސް މީހަކަށްވެސް ، އެނިޒާމެއް ކަމަކު ނުދިޔައެވެ. ސިޔާސީ މީހުންނަށް އެނިޒާމު ކަމުނުދިޔައީ ނިޒާމީ ނުކުތާއަކާ ހުރެއެއްނޫނެވެ. އެނިޒާމަށް މަސައްކަތްކުރާ މީހާގެ ގޮތުންނެވެ. އެމީހަކު ވެރިކަމަށް އަންނަން ، ނިޒާމު ބަދަލުކުރުން ކަމުނުދަނީއެވެ. މަޤްޞަދު ގޯހީއެވެ. ބަރުލަމާނީ ނިޒާމުން ވެރިކަން ހިނގާ ގިނަ ޤައުމުތަކުގެ ޙާލަތަށް ބަލާއިރު ، އެއީ ޚުދުމުޚުތާރު ވެރިކަމެކެވެ. އެހެންކަމުން ގިނަ ޤައުމުގައި ، ޚާއްޞަކޮށް ބައިމަދު ކުދި ޤައުމުތަކުގައި ، ވެރިކަން ހިންގެނީ ރިޔާސީ ނިޒާމުންނެވެ.
މިހާރު އަނެއްކާ ނިޒާމީ ނުކުތާއެއް ނަގައިފިއެވެ. ރިޔާސީ ނިޒާމުވެސް ، ބަރުލަމާނީ ނިޒާމުވެސް މިހާރަކު ކަމަކު ނުދެއެވެ. އެއިން އެއްވެސް ނިޒާމެއްގެ ތެރެއިން ވަކިމީހަކަށް ވެރިކަމަށް އާދެވޭނެ އެއްވެސް ގޮތެއް ނެތީއެވެ. މިހާރު ބޭނުންވަނީ ، ބަރުލަމާނީއަށް ބަދަލުކޮށްގެން ހިންގާ ފެޑެރަލް ނިޒާމެކެވެ. 15 އަހަރުކުރިން ރައްޔިތުން ބުނިބަސް އެމީހުންގެ ބޮލަށްޖަހައި ، އަނެއްކާވެސް ބަރުލަމާނީއަށް ވޯޓުލާންވީޔޯލައެވެ.
ދޮންބެއްޔާ ހިތަށް އެރިއެވެ. ރާއްޖޭގެ ރިސޯޓަކުން ލިބޭ ފައިދާއިން ، ރާއްޖެ ހިންގޭވަރުވާނެކަމަށް ބުނެ 2008 ވަނައަހަރު ، ވެރިކަމަށް އައިބަޔަކު ، ވެރިކަން ޙަވާލުކުރީމަ ދެތިން އަހަރުވެސް ރައްޔިތުންނަކަށް އެކަމެއް ނުކޮށްދެވުނެވެ. އޮބެހެއްޓުމާއި ހިފެހެއްޓުމުގެ ޚުދުމުޚުތާރު ވެރިކަމެއްކުރި އިރުވެސް ، އެވެރިކަންވެސް ނަގަހައްޓައި އޮބަހައްޓައި ، ހިފަހައްޓައިލެވޭގޮތެއް ނުވިއެވެ. ވެރިކަންކުރާކަށް ނޭނގުނެވެ. ސިޔާސީ ވާދަވެރިން އެއްގަލަކަށް ނޭރުވުނެވެ. ސަލާމަތީ ބާރުތައް ކޮންޓްރޯލް ކުރާކަށް ނޭނގުނެވެ. ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވެއްޖެއެވެ. އެންމެފަހުން އަމިއްލަޔަށް އިސްތިޢުފާދީފައި ، ރައްޔިތުން ދޫކޮށްލައިފިއެވެ.
މިހާރު އަނެއްކާ އެހެން ވާހަކައެކެވެ. އާ ފަލްސަފާއެކެވެ. ފިކުރެއް ދިރިގެން އަންނަނީޔޯލައެވެ. ފެޑެރަލް ނިޒާމެއް ގެނެސް ، ރާއްޖެ އެތައް ބަޔަކަށް ބައިކޮށް ، ކުދިކުދި ސަރުކާރުތަކެއް ހަދަންވީޔޯލައެވެ. ލޯކަލް ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ސްޕްރީމްކޯޓުތައް ކޮންމެ ސަރަޙައްދެއްގައިވެސް ޤާއިމްކުރަންވީޔޯލައެވެ. ރަށްރަށް ވަކިވަކިން ތަރައްޤީކޮށް ކުރިއަރުވަންވީޔޯލައެވެ. ސަރުކާރުން އެކަންކުރަމުންގެންދަނިކޮށް ، އެކަމާ ދެކޮޅުބަޔަކު މިހާރު އެކަމަށް ތާއީދުކުރާގޮތަށް ، އަމިއްލަ މަޤްޞަދެއް ޙާޞިލްކުރަން އެވާހަކަ ދެއްކީމަ ، އެއީ ނިޒާމީ ނުކުތާއެކެވެ. މީހުންގާތަށް އަންނާނީ އަމަށަކު ހިންޏެއްނޫނެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ، ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ވެރިކަމުގެ ނިޒާމެކެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ސަރުކާރެކެވެ. ރާއްޖޭގެ އާދަކާދައާއި ސަޤާފަތާ އަދި މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތައިގެން ، ދިވެހިންނަކީ އެއްބައެއްވަންތަ ، އަޚުވަންތަ ބަޔެއްގެ ގޮތުގައި ޚިދުމަތްކޮށްދޭނެ ނަޟާޙަތްތެރި ހެޔޮ ވެރިކަމެކެވެ. ގުޅިގެން އެކުގައި އުޅެން އެނގޭ ، ވަކިވެގަތުމުގެ ވިސްނުމެއްނެތް ، ހެޔޮލަފާ ކެތްތެރި ، ވެރިޔެއްގެ އޯގާވެރިކަމެވެ. އެއީ ، ބޭނުންވިޔަސް ، ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫނެވެ. ވެރިކަމަކީ ﷲ މިންވަރުކުރައްވާ ކަމެކެވެ. ޙައްޤުތައް ކަށަވަރުކޮށްދޭންޖެހޭ އަމާނާތެކެވެ.
ޕާޓީގެ ނިޒާމުން ޤައުމު ހަލަބޮލިކޮށްލައި ، ޢާއިލާތެރޭ ދެބުރަކަށި ޖައްސައި ދެފަރާތަށް މޫނުލައިގެން ، ބައިބައިވެ ، ދީނާއި އަޚުލާޤީހަމަތަކުން އެއްކިބާ ކުރާނެ ވެރިންނެއް ރައްޔިތުން ބޭނުމެއް ނުވާނެއެވެ. ވެރިކަމުގެ ދަހިވެތިކަން ހިތުގައި އޮންނަ ، ސިޔާސީ މީހުންނަށް ފެންނަ ސިޔާސީ ހުވަފެނަކުން ، އެމީހުންގެހިތަށް އަރާހާ ނިޒާމެއްނޫނެވެ. ވަކިމީހަކު ވެރިކަމަށް އަންނަން ފަރުމާކުރެވޭ ނިޒާމެއްވެސް ނޫނެވެ.
ބަރުލަމާނީ ނިޒާމަކީވެސް ، ފެޑެރަލް ނިޒާމަކީވެސް ދިވެހިން ނުދަންނަ ނިޒާމެއްނޫނެވެ. އެނިޒާމުތަކުގެ ވެރިކަމުގެ ހަލަބޮލިކަމާއި ހުރި ގެއްލުމުގެ މިސާލުތައް ، ރާއްޖޭގެ ހަފަރާތުން އެހެރަދަނީ ފެންނަމުންނެވެ. މައްސަލަޔަކީ ވެރިކަމުގެ ނިޒާމެއްނޫނެވެ. ވެރިކަންކުރާ މީހުންނެވެ. ރައްޔިތުން ބޭނުންވަނީ ، ވެރިކަން ޙަވާލުކުރާމީހާއަށް ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އަދި އަމާނާތްތެރިކަމާއެކު ، ހެޔޮވެރިކަމެއް ކުރަން އެނގުމެވެ.
İslam dheenaa faalhugai khilaaafah ulhey nizam dho nugenevigen miulheny