ދެކަފި - 70

(24 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފަކީ ، އޭނާގެ މަންމަ ފަދައިން ގޮތް ދޫކޮށްގެން އިންނާނެ މީހެއް ނޫނެވެ. ފިރިމީހާ ހެދިގޮތެއް ހެދިގެންނެއް ކަޝަފަކަށް ނީނދެވޭނެއެވެ. ފިރިމީހާ އޭނާގެ ވާޖިބާއި މަސްއޫލިއްޔަތުން ރެކި ، އަނބިމީހާއަށާއި ކުދިންނަށް ހިތުހުރިގޮތެއް ހަދައި އިހާނެތިކޮށް ދޭ ތަކުލީފުތަކަށް އަޑު ނުއުފުއްލައި ކަޝަފަކަށް ނުހުރެވޭނެއެވެ. އެކީގައި އުޅެން ބޭނުންކަމަށް ވަންޏާ ޒަރޫންވެސް ޖެހޭނީ އެކަންކަން ޤަބޫލުކޮށް ، ހަމަޔާއި އިންސާފަށް ބޯލަނބާށެވެ.

ރާފިޢާގެ ދިރިއުޅުމުގައި ގޮތްދޫކޮށްގެން ، ފިރިމީހާ ބޭނުންހައިގޮތެއް ހެދިގެން އުޅެން ޖެހުނު ނަމަވެސް ، ﷲ ގެ އިރާދަފުޅުން ، އޭނާގެ ދަރިފުޅު ކަޝަފަށް އެފަދަ ގޮތެއް މެދުނުކުރެއްވުމަކީ ، އޭނާގެ އަބަދުގެވެސް ދުޢާއެވެ. ރާފިޢާއަށް އެގޮތް ޤަބޫލުކޮށްލައިގެން އިނުން ފިޔަވައި އެހެންގޮތެއް ނެތްކަން ސާފުކޮށް ދިނުމަށް ރާފިޢާ މަސައްކަތް ކުރިއެވެ. ރާފިޢާއަށް ދިރިއުޅުމުގައި ކުރިޔަށް ދާނެގޮތްތަކެއް އޭނާގެ ފިރިމީހާއެއް ނުދައްކައެވެ. އެކަމަކު ، ކަޝަފްގެ ދިރިއުޅުން އާބާދު ކުރުމަށްޓަކައި ގޮތްތަކެއް ފެންނަން އެބަހުއްޓެވެ. ކާމިޔާބު އަނތްބަކަށްވުމަށްޓަކައި ކަޝަފްގެ ކުރިމަތީގައި ފުރުޞަތުތަކެއް އެބަހުއްޓެވެ. އުފަލުގައި ހުރުމަށްޓަކައި ބޭނުންކުރާނެ ގޮތްތައް އެބަހުއްޓެވެ. ރަނގަޅަށް ކިޔަވައިގެން ، ސިކުނޑިވަނީ ހުޅުވި ތަނަވަސް ވެފައެވެ. ޝަރަފާއި ޢިއްޒަތުން ފުރިގެންވާ ސަރުކާރުގެ އިސް ވަޒީފާއެއް ލިބިފައި އެބައޮތެވެ. އަދި އެދާއިރާއިން ކުރިޔަށް ދިއުމުގެ ރަނުގެ ފުރުޞަތުތައް އެހުރީ ފެންނާށެވެ. އެކަންކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި ، ލޯބިން ފުރިގެންވާ އުފާވެރި ދިރިއުޅުމެއް ހޯދުމަށް  ރާފިޢާ ، ކަޝަފަށް ނަޞޭޙަތް ދިނެވެ.

ރާފިޢާ އެތައް ގޮތަކުން ވިސްނަމުން ދިޔައެވެ. ފަހަރެއްގައި ، ހުރިހާކަމެއްގައި ގޮތްދޫކުރަން ކަޝަފަށް މަޖްބޫރު ވެދާނެއެވެ. އަދި ޒަރޫން ގޮތް ދޫނުކޮށްފާނެއެވެ. އެކަމަކުވެސް ، ވީއެންމެ ރަނގަޅަކަށް ޙާލަތު ދެނެގަނެ ދިރިއުޅުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ކަޝަފަށް ނަޞޭޙަތްތެރި ވިއެވެ.

ރަނގަޅު ގެއަކާއި އެގޭގެ އަހަންމިއްޔަތަކީ ކަޝަފަށްވެސް ރަނގަޅަށް އެނގޭ އެއްޗެކެވެ. ކަޝަފްގެ މުޅިދިރިއުޅުން ވޭތުކުރީ އެފަދަ ގެއަކާއި އެގޭގެ އަހަންމިއްޔަތަށް އެދި މަންމަގެ ދިރިއުޅުން ވޭތިކުރިގޮތްތަކުގެ ތަޖުރިބާއިންނެވެ. މަންމަގެ ދިރިއުޅުމުގެ ބާކީއޮތްބައި ނިކަމެތިކަމުގައި ވޭތުކުރާކަށްވެސް ، އަދި ކަޝަފްވެސް އެ ތަޖުރިބާތަކުގައި އަބަދު ދެމިހުންނާކަށް ބޭނުމެއް ނުވެއެވެ.

ޒަރޫންއަކީ ރަނގަޅު ޢާއިލާއެއްގެ ، ވަރަށް ރަނގަޅު ކުއްޖެކެވެ. އެކަމަށްޓަކައި ރާފިޢާ އިންތިހާއަށް އުފާ ކުރެއެވެ. ޒަރޫންއަކީ ރަނގަޅު ފިރިޔަކަށްވެ ، ދިރިއުޅުމުގެ ހުރިހާކަމެއްގައި ކާމިޔާބު މީހަކަށްވާނެކަމުގައި ރާފިޢާ ޔަޤީން ކުރެއެވެ. އެހެންކަމުން ، ރަނގަޅު އަނތްބަކަށްވުމަށްޓަކައި ، ޒަރޫންގެ ހުރިހާކަމަކަށް ވެސް ވިސްނައި އެހީތެރިވުމަށް ރާފިޢާ އެދެއެވެ. އަދި ކޮންމެ ޙާލެއްގައިވެސް ، އެކައިވެނި ދެމެހެއްޓުމަށް ރާފިޢާ އޭނާގެ ދަރިފުޅުގެ ކިބައިން އެދެއެވެ. ކަޝަފް އޭނާގެ މަންމަދިން ނަޞޭޙަތް އަޑުއަހައެވެ. އަދި މަންމަ ބުނެ ނަޞޭޙަތްލައިދިން ކަންކަން ފުރިހަމަކުރުމަށް ޢަޒުމް ކަނޑައެޅިއެވެ.

------------------------

ކަޝަފް ހީވަނީ ސާދަވިލޭރޭގެ ހަނދެއް ހެންނެވެ. ކައިވެންޏަކަށް އަންހެންކުއްޖަކު ތައްޔާރުވާނެ އެންމެ ފުރިހަމަޔަށް ކަޝަފް ހުރީ ތައްޔާރު ކުރެވިފައެވެ. ޞިދްރާއާ ޝެހްނީލާއާއި ރާފިޢާގެ މަސައްކަތުންނެވެ. ޒަރޫންއަށް މިހާރު ކަޝަފް ފެނިއްޖެނަމަ ، ހުރިތަނަށް ބިންމައްޗަށް ތިރިވާނެއެވެ. ޞިދްރާ އޭނާގެ ދައްތަ ކަޝަފާ ސަމާސާ ކޮށްލިއެވެ. މުޅިތަން އޮތީ ޒީނަތްތެރި ކުރެވި ކުލަބޮކިތަކުން އަލިކޮށްފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އޭގެ އިންތިހާއަށެވެ. ޣަޒާލާއާއި ރާފިޢާވެސް ހިނިތުންވެފައި ތިބެ އެކަކު އަނެކަކަށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އަބްރާރް އާއި ޖުނައިދުގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޞިދްރާގެ ދެތުންފަތް އެއްގޮތަކަށްވެސް ނުލެއްޕެއެވެ. ހިނިތުންވުން އޭނާގެ މޫނުމަތިން ފިލައިގެން ނުދެއެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމިގެންދިޔައީ އުފާވެރިކަމުން ފުރިގެންވާ މާޙައުލެއްގައެވެ. ކައިވެނީގެ ރަސްމިއްޔާތަށްފަހު ޒަރޫންވެސް މަޑުކުރީ ކަޝަފް މެންގެ ގޭގައެވެ. އެމީހުން އަދި މަޑުކުރުމަށް ނިންމާފައި އޮތީ ކަޝަފްމެންގެ ގޭގައެވެ.

ޙަރަކާތެއް ނެތި އިން ބުދެއްހެން ، އެނދުގެ މެދުގައި ކަޝަފް ބޭންދިފައި އިނެވެ. އެނދުވަނީ އަލަތު ކައިވެންޏާ މުނާސަބުވާގޮތަށް ރަތްކުލައިގެ މާމަލުން ޒީނަތްތެރި ކުރެވިފައެވެ. އެއީ ޒަރޫންގެ އަމިއްލަ ކޮޓަރިއެވެ. ޒަރޫން ބޭރުން އައިސް ، ކޮޓަރިތެރެޔަށް ވަނުމާއެކު ، ކަޝަފްގެ ދޯޕައްޓާ ރަނގަޅުކޮށް ބޯނިވައި ކޮށްލިއެވެ.

ޒަރޫން މަޑުމަޑުން ހިނގަމުން އައިސް އެނދުކައިރީ ހުއްޓިލިއެވެ. އޭނާހުރީ ލަދުވެތި ހިނިތުންވުމަކުން ހިނި އައިހެވެ. ކަޝަފާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެ ، ހަލޯއޭ ބުނެލިއެވެ. ކަޝަފް ވެސް ލަދުވެތި ބެލުމަކުން ޒަރޫންއާ ދިމާއަށް ބަލައިލުމަށްފަހު ، އައްސަލާމް ޢަލައިކުމް އޭ ބުނެ ޖަވާބު ދިނެވެ. އެއަށްފަހު ، ޒަރޫންވެސް ބޮޑަށް ހިނިތުންވުމާއެކު ، ވަޢަލައިކުމުއްސަލާމޭ ބުނެ ކަޝަފްގެ ސަލާމް ބަލައިގަތެވެ. ކަޝަފްގެ މޫނުމަތީގެ ލަދުވެތިކަން އިތުރު ވިއެވެ. ހޭން ނުހޭން އިނދެ ، ލަދުގަހެއްގެ ފަތްތައް މޯޅިވާގޮތަށް ކަޝަފްގެ ލަދުވެތިކަން އިތުރު ވިއެވެ. ޒަރޫން އައިސް އެނދުގައި އިށީނދެލައެވެ.

ދެމީހުންކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ. ކުރާނެކަމެއްވެސް ނޭނގިފައެވެ. ޙަޔާތުގެ އެދަތުރުގެ ދަތުރު ދުޢާވެސް އެދެމީހުން ތިބީ ހަނދާން ނެތިފައެވެ. ޒަރޫން ކުއްލިޔަކަށް ފުންމައިގެން ތެދުވެ ، ބޭލި ހެދުމުގެ ޖީބުތައް ހާވަމުން އެއްޗެއް ހޯދަމުން ގެންދިޔައެވެ. އެތާހުރިއްޔާ ހުރި ވަތްގަނޑެއް ހޯދިއިރުވެސް އެއެއްޗެއް ނުފެނުނެވެ. ކަޝަފްވެސް އިނީ ހާސްވެފައެވެ. ޒަރޫން އެހޯދާ އެއްޗެއް ނޭނގިގެންނެވެ. އެންމެފަހުން ތިމަންނަޔަށް ހީވަނީ ، ތިހޯދާއެއްޗެއް މިތާ ބިންމައްޗަށް ވެއްޓިފައި އެބައޮތް ހެންނޭ ބުނުމުން ، ޒަރޫން އައިސް އެނދުކައިރިޔަށް ވެއްޓިފައި އޮތް އޭނާގެ ފޯނު ނެގިއެވެ.

އެތައް އިރެއްވީއިރުވެސް އނެދުމަތީ ބައިންދާފައި އިން ބުދެއްހެން ކަޝަފް އިނެވެ. ޒަރޫންއަށްވެސް ކުރާޏެ ނުކުރާނެކަމެއް ނޭނގި ހިތްއަވަސްވެފައި ހުރެ އެނދުމައްޗަށް ވެއްޓިގަތެވެ. ދެމީހުންވެސް ތިބީ ލަދުވެތިކަމެއްގެ ތެރެޔަށް ޣަރަޤުވެ ނިމިފައެވެ. އާ ކައިވެނީގެ ފުރަތަމަރޭ ، އެހެން މީހުންވެސް އުޅޭނީ އެހެން ބާވައެވެ. ލޯބީގެ އަދާތަކުގެ ފެށުން އަންނާނީ ކޮން ހިސާބަކުން ބާވައެވެ. ދެމީހުން ދެމީހުންނަށް ބުނާނެ އެއްޗެއް ނޭނގި ، ކުރާނެކަމެއް ނޭނގި ، ލަދުވެތިކަމުގެ ރަޖާއިން ރަޖާ އަޅައިގެން ތިބެ އެއުފާވެރި ރޭ ދުއްވައިލާނީބާވައެވެ. އެކަމަކު އެއީ ، އާ ކައިވެންޏެއްގެ ރޭ ކުރާނެކަމެއް ނޭނގޭވަރުގެ ކުޑަ ދެކުދިންނެއް ނޫނެވެ. ލޯބީގެ ވާހަކަ ފޮތާއި ފިލްމުބަލައި އެރޭ ، މީހުން އުޅޭނޫޅޭގޮތް ހުންނާނީ ދެމީހުންނަށްވެސް އެނގި ދަސްވެފައެވެ.

އެއްޗެއް ކާނަންތޯ ޒަރޫން ސުއާލު ކުރިއެވެ. މިރޭ އަހަންވީ ސުއާލަކީ އެއީހޭ އަހައި ކަޝަފް ގެ ހިތުގައި ސުއާލު އުފެއްދިއެވެ. ތަޢުރީފް ކޮށްފިއްޔާ އެއީ ދޮގެކޭ ކަޝަފް ބުނާނެއެވެ. ޒަރޫން އެންމެ ފަހުން މަޢާފަށް އެދެމުން ނުގުޅޭ ވާހަކަ ދެއްކެނީ ލަދުގެންފައި އިނީމަކަމަށް ބުނެ އެކަމަށް އިޢުތިރާފް ވެއެވެ.

ކަޝަފާ ދިމާވީމަ ދައްކަންހުރި އެތައް ވާހަކައެއް ޒަރޫންގެ ހިތުގައި ފުނިޖެހިފައި ހުއްޓެވެ. އެކަމަކު ކަޝަފް އޭނާގެ ކުރިމަތީ އިށީނދެ އިންއިރު ބުނާނީ ކީކޭކަމެއް ޒަރޫންއަކަށް ނޭނގުނެވެ. އެއިން އެއްވެސް ވާހަކައެއް މިހާރަކު ހަނދާނެއް ނެތެވެ. އެކަމަކު އެއްޗެއް ބުނަން އޮތިއްޔާ އޮތީ ކަޝަފަށް ކުރެވޭ ތަޢުރީފެވެ. އޭނާގެ ކުރިމަތީ އިށީނދެ އެއިން ކަޝަފް އޭނާއަށް ފެންނަނީ ވަރަށް ރީތި ޕަރީއެއްގެ ސިފައިގައެވެ. ކަޝަފްގެ ނަލަކަމާއި ފަރިކަން ޒަރޫންއަށް ސޫރަކުރެވުނީ މިރެއެވެ. ކައިވެނީގެ ހެދުމުގައި ފެންނައިރު ، އޭނާ ކުރިން ދެކެފައިވާ ހުރިހާ ކުދިންނަށްވުރެ ، އެތައްހާސް ބައެއް ކަޝަފް ރީއްޗެވެ. އެހާމެ ފުރިހަމައެވެ. ޒަރޫން އެހެން އެބުނަނީ ޒަރޫންގެ ކުރިމަތީގައި ކަޝަފް އިނީމައެއް ނޫނެވެ. އަޞްލުވެސް ކަޝަފްގެ ރީތިކަމާއި ފަރިކަން އެހައި ފުރިހަމައެވެ. ޒަރޫން އެދެއްކި ވާހަކަތަކަށް ކަޝަފް ޖަވާބެއް ނުދެއެވެ. ރަކިގޮތަކަށް ހިނިއައިއްސައި އިނދެވުނީއެވެ. ޔުނިވަރސިޓީގައި އަނގަތަޅާވަރުން ހީވީ އެހެންފަދަ ކަމެއް ހެންނެވެ. މުޅިތަން އޮންނަނީ ކުޑަޔަށް ލާފައެވެ. މިއޮއްފަދަ ރޭ ، ބުނާނެ އެއްޗެއް ނޭނގިގެން އެއިންނަނީ އަނގަ ބަންދު ވެފައެވެ. ހުރިހާ ފިރިހެނުންނަކީވެސް އެކަހަލަ ބަޔެކެވެ. ރަނގަޅަށްވިއްޔާ އެއޮތީ ރައްޓެހިވެގެން އުޅުނު އަންހެންކުއްޖެއްގެ މަތިން ހަނދާން ވެފައެވެ. އެވާނީ އަސްމާރާއަށެވެ. ކަޝަފްގެ ހިތުގައި ޝައްކުތައް އުފެދެމުން ދިޔައެވެ.

އެންމެ ފަހުން ބުނާނެ އެއްޗެއް ނޭނގިއިނދެ ، ކަޝަފްގެ އަތުގައި ހިފާލައި ޒަރޫންގެ ހިތުގައި އޮތްއެއްޗެއް ބުނެވޭތޯ ބެލިއެވެ. ޒަރޫންއަށް އިތުބާރު ކުރީތީ ޝުކުރު އަދާކުރިއެވެ. އަދި އެއީ ބޭކާރުވެގެންދާނެ ކަމަކަށް ނުހަދާނެކަމަށް ޒަރޫން ވަޢުދު ވެއެވެ. އެނގޭ ހެއްޔެވެ ؟ ދިރިއުޅުމުގައި ވަރަށްގިނަ ގޯސް މީހުންނަށް ހެދެއެވެ. އެކަމުން އެހެންމީހުންނަށް ތަކުލީފުވެސް ލިބެއެވެ. ޒަރޫންއަށްވެސް ވަނީ ވަރަށްގިނަ ގޯސްކަންތައްތައް ކުރެވިފައެވެ. އެކަންކަމުން ކަޝަފަށް ވަނީ ތަކުލީފުތަކެއް ލިބިފައެވެ. ޒަރޫން އެކަމަށް ނިހާޔަތަށް މަޢާފަށް އެދެއެވެ. ޙަޤީޤަތުގައިވެސް ، ޒަރޫންއަށް ކުރެވިފައިވާ ކަންކަމާމެދު އޭނާ މިއަދު ދެރަވެއެވެ.

މީގެ ކުރިންވެސް ޒަރޫންވަނީ ކަޝަފްގާތު އެވާހަކަ ދައްކައި މަޢާފަށް އެދިފައެވެ. އަލުން އެވާހަކަ ދައްކަން ބޭނުންވީ ، އަޞްލުގައިވެސް އެކަމާ ދެރަވެ ، މަޢާފަށް އެދެން ބޭނުންވާތީއެވެ. ދިރިއުޅުން ފެށުމުގެ ކުރިން ، އެކަކު އަނެކަކަށް ކުރެވިފައިވާ ކަންކަމަށް މަޢާފަށް އެދި ދެމީހުންވެސް ހިތް ސާފުކުރުމަކީ މުހިންމު ކަމެކެވެ. އެއީ ޒަރޫން ބުނި އެންމެ ރަނގަޅު ވާހަކަ އެވެ. ކަޝަފްގެ ހިތަށް އެރިއެވެ. " އެނގޭ ހެއްޔެވެ ؟ އަހަރެން ކަޝަފާ ގަޔާވީ ކަޝަފްގެ ޚުލްޤުގައިހުރި ރަނގަޅު ސިފަތަކާއި އާދަތަކުގެ ސަބަބުންނެވެ. އަހަރެން ހިތްހަމަޖެހޭ އެތައް ކަމެއް ކަޝަފްގެ އާދައިގާ އެބަހުއްޓެވެ. އަހަރެން ކަޝަފާ ކައިވެނިކުރީ އެހެންވެއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އަހަރެންގެ ނިންމުމަކީ އަހަރެންގެ ދިރިއުޅުމަށް އެންމެ ރަނގަޅު ނިންމުމެވެ. " ޒަރޫން ބުންޏެވެ.

ކަޝަފް އިނީ ރަކިގޮތަކަށް ހިނިތުން ވެލައިގެންނެވެ. ޒަރޫންއަށް އެކަހަލަ ވާހަކަ ދައްކަން އެނގޭނެ ކަމަކަށް ކަޝަފް ހިއެއް ނުކުރެއެވެ. އެކަމަކު އެދެއްކީ ތާއެވެ. ކަޝަފްގެ ހިތަށް އެރިއެވެ. ދެން ނިމުނީއޭ ބުނެ ، ޒަރޫން އަށް ދައްކާނެ ވާހަކައެއް ނޭނގި އެނދުގެ ބޯލާކޮޅުގައި ލެނގިލިއެވެ. އަންހެން ކުދިންނާ ވާހަކަ ދެއްކުމަކީ ހާދަ އުނދަގޫ ކަމެކެވެ. ޒަރޫންގެ ހިތަށް އެރިއެވެ. ޚާއްޞަކޮށް ، ކަޝަފްފަދަ ، ޒަރޫން އެންމެ އެދޭ ކުދިންނާ ވާހަކަ ދައްކަން ވަކިން އުނދަގުލެވެ.

ޒަރޫން ހިނިތުންވެގެން ހުރެ އެކަހަލަ މުހިންމު ވާހަކަތަކެއް ދެއްކިތަން ކަޝަފަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މައްސަލައެއް ނެތްތާއެވެ. އެކަންކަން އިޙްސާސްވުންވެސް އެއީ ވަރަށް ބޮޑު ކަމެކެވެ. ހިމޭނުން އިނުމުގައިވެސް ހައްދެއް އޮންނާނެއެވެ. ޝުކުރިއްޔާ އާއި މަރުޙަބާ ނޫންބަހެއް ދުލަކުން ބޭރެއް ނުވެއެވެ. ޒަރޫން ކުއްލިޔަކަށް އެނބުރިލައި ، ފިނިފެންމަލެއް ނަގައި ކަޝަފަށް ދިއްކޮށްލިއެވެ. އެއާއެކު ކަޝަފްގެ މޫނުމަތި ލަދުން މޯޅިވެގެން ދިޔައެވެ. ޝުކުރިއްޔާއޭ ބުނުން ފިޔަވައި އެހެން ބަހެއް ބޭރެއް ނުވެއެވެ. ކަޝަފްގެ ހުރިހާ ވާހަކައަކާއި ޖަވާބެއް އަންނަނީ ހިނިތުންވުމުގެ ތެރެއިންނެވެ. އެހިނިތުންވުމުން ބުނެދޭ އެއްވެސް އެއްޗެއް ޒަރޫންއަކަށް ނަގައެއް ނުގަނެވެއެވެ. އެންމެފަހުން ، ކޮންމެވެސް ވާހަކައެއް ދެއްކުމަށް ކަޝަފްގެ ކިބައިން ޒަރޫން އެދެއެވެ. އެހެންނޫނީ އޭނާއަށް ކުރެވިފައިވާ ކަންކަމަށް ކަޝަފް މަޢާފު ނުކުރަނީކަމަށް ބެލިދާނެއެވެ.

" ޒަރޫންއާ ކައިވެނިކުރަން ނިންމުމަކީ އަހަރެންނަށްވެސް ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އެކަމަކު ، ޒަރޫން އަހަރެންގެ ފަރާތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެވޭނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ. އެކަމަކު މިކައިވެނި އަހަރެންނަށް ވަރަށް މުހިންމެވެ. މިއީ އަހަރެންނަށް ވަރަށް މާތް ގުޅުމެކެވެ. މިކައިވެނި ދެމެހެއްޓުމަށްޓަކައި ، އިރާދަކުރެއްވިއްޔާ ، އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަމެވެ. " ކަޝަފް ، ޒަރޫންގެ ލޮލަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ވާހަކަ ދައްކާއިރުވެސް ހާދަ ފުރިހަމައެވެ. ޒަރޫންގެ ހިތާހިތާ ބުނެލިއެވެ. ޒަރޫން ހީކޮށްގެން ހުރިވަރަށްވުރެ ކަޝަފް ކުޅަދާނައެވެ. ވާހަކަ ދެއްކުންތެރިއެވެ. ޢިބާރާތުގެ ފުރިހަމަކަން އެހާ ބޮޑެވެ. އުއްމީދުތައް އެހާ ފޮންޏެވެ. އެހާމެ ރީތި ކުރަނގި ދެލޮލެވެ. ފަހަރެއްގައި މޭކަޕް ކޮށްލާފައިހުރިގޮތުން ފެންނަ ގޮތަކީކަމަށް ވެދާނެއެވެ. ބިރެއްނެތި ކައިރިން ބަލައިލީމަ ، ކަޝަފް ތަޞައްވުރު ކުރެވޭނެގޮތް ޒަރޫންގެ ހިތަށް ގެނެވުނެވެ.

" އެނގޭ ހެއްޔެވެ ؟ އަހަރެންގެ އިތުރު ތަޢުރީފެއް އަދި އެބައޮތެވެ. ކަޝަފްގެ ލޮލުގެ ވިދުން ވަރަށް ތޫނެވެ. ލޮލުގެ ރީތިކަން އެހައި ފުރިހަމައެވެ. " ޒަރޫން ބުންޏެވެ. ކަޝަފް ލަދުންގޮސް އިތުރަށް މޯޅިވެގަތެވެ.

ޒަރޫންވެސް ކަޝަފަށް ވަޢުދުތަކެއް ވިއެވެ. އެއީ ކަޝަފް ގެ ބޭނުންތައް ފުރިހަމަޔަށް އަދާކޮށްދޭނެކަމުގެ ވަޢުދެވެ. އެކަން ޢަމަލާއި ބަހުން ސާބިތުކޮށްދޭނެކަމުގެ ޢަހުދެވެ. ޖަޒުބާތުގައި ޖެހި ކަޝަފުގެ ހިތުގައި އެކޮޅުކޮޅުން ކުރެހިފައިވާ ޒަރޫންގެ ތަޞްވީރު ބަދަލުކޮށްލަދޭނެކަމުގެ ވަޢުދެވެ. އެރޭގެ ވަގުތުތައް ހޭދަވެގެންދިޔައީ އާކައިވެނީގެ ރެޔެއްގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ ، އެކަކު އަނެކެއްގެ އުއްމީދުތައް ދިރުވައި ފުރިހަމަކޮށްދޭނެކަމުގެ ފޮނި ވަޢުދުތަކާ އެކުގައެވެ.

ކަޝަފްގެ ހިތުގައި ޒަރޫންއާމެދު އޮތް ކިލަނބު ތަޞައްވުރު އެރޭ ބަދަލުކޮށްލިއެވެ. ޒަރޫންގެ ރަނގަޅުކަންތައްތައް ލޯތްބާއެކު ކަޝަފް ފާހަގަ ކުރިއެވެ. އަދި ޒަރޫން ބޭނުންވާފަދަ އަނތްބަކަށް ވޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.