ދެކަފި - 51

(4 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަސްމަރާގެ މައިންބަފައިން ، ރޭގަނޑުގެ ކެއުމަށް އެގެޔަށް އައުމުގެ ކުރިން ، ޖުނައިދު ބޭނުންވީ ވެގެންއުޅޭގޮތް ، ޒަރޫންގެ ފަރާތުން ސާފު ކުރުމަށެވެ. ޒަރޫންއަށް އޭނާ ގޮވައިލި ސަބަބަކީ އެއީއެވެ. ޒަރޫން ލަދުން އިނދެ އޭނާގެ ބައްޕަޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާއާއި އަސްމަރާއާ ދެމެދުގައިވެސް ޖެހިފައި އޮތީ ސާރާއާއި ފަރްޙާނާ ދެމެދު ، އަދި ބައްޕަޔާއި މަންމަޔާ ދެމެދު ޖެހޭ މައްސަލަކަން ސާފުކޮށް ދިނުމަށް ޒަރޫން މަސައްކަތް ކުރިއެވެ. ޒަރޫން އެބުނި ވާހަކައެއް ޖުނައިދަކަށް ނަގައެއް ނުގަނެވުނެވެ. އަދި ޒަރޫން އެބުނާ ވާހަކަޔެއް އިތުރަށް ސާފުކޮށްދިނުމަށް ޖުނައިދު އެދުނެވެ.

" ބައްޕާއެވެ ! އަސްމަރާ ބޭނުންވަނީ އޭނާ ބޭނުންގޮތަކަށް ބަށްޓަން ކުރެވޭ ދިރިއުޅުމެކެވެ. އަމިއްލަ މިނިވަންކަމާއި އެހެން މީހެއްގެ ބަސް ނުވިކޭފަދަ ޗާލާކީ ދިރިއުޅުމެކެވެ. އަހަރެން ބޭނުންވާ ގޮތެއް އަދި އަހަރެން ބޭނުންވާ ކަމެއް އެއީ އަސްމަރާއަށް މުހިންމު އެއްޗެއް ނޫނެވެ. އަހަރެން ބުނާގޮތެއް ހަދާކަށް ތައްޔާރެއް ނޫނެވެ. އަހަރެން އޭނާއަށް އަމުރު ކުރަނީކީ ނޫނެވެ. ހަމައެކަނި ، އަހަރެން ބޭނުންވާ ގޮތް ބުނެދެނީއެވެ. އެއިންގޮތެއް އަހަރެން ބުނާގޮތަކަށް ހަދާކަށް އަސްމަރާ ބޭނުމެއް ނުވެއެވެ. " ޒަރޫން ބުންޏެވެ.

އެއީ ޖުނައިދުވެސް ހިތަށް އަރައިގެން ހުރިގޮތެވެ. ޒަރޫންގެ ޢަމަލަކާގުޅިގެން ނުވަތަ ބުނާ ބަހަކާ ގުޅިގެން މައްސަލަ އުފެދުނީއެވެ. އަސްމަރާ އަދި އެހުރީ އޭނާގެ މައިންބަފައިން ގާތުގައެވެ. އަދި ކުރިން އޮތް މިނިވަން ޚިޔާލުގެ ވިސްނުން އަސްމަރާގެ އާދަތަކުން ފިލުވައިލަން އުނދަގޫ ވާނެއެވެ. އެހެންނަމަވެސް ، ކައިވެނީގެ ފަހުން ޒަރޫންގެ ގެޔަށް އައިމަ ، އަސްމަރާ އިޞްލާހު ވެދާނެއެވެ. ބައްޕަޔަށް ، އަސްމަރާއާ މެދު ވިސްނުނުގޮތް ޒަރޫންއަށް ޤަބޫލެއް ނުކުރެވެއެވެ. އަސްމަރާއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ސާރާއަށް ބަދަލެއް ނައި ފަދައިންނެވެ. އަދި މަންމަ ބައްޕާޔާމެދު ، ޢަމަލުކުރަމުންގެންދާ ގޮތް އިޞްލާޙު ނުވި ފަދައިންނެވެ.

ޒަރޫންއަށް ޤަބޫލު ކުރެވޭގޮތުގައި ، ކައިވެނީގެ ފަހުން އަސްމަރާ އެގެޔަށް އަޔަސް އަންނާނެ ބަލަދެއް ނޯންނާނެއެވެ. ގޭތެރޭގެ މާޙައުލު އޮތްގޮތުން، އަސްމަރާ ނޭނުންވިޔަސް  އެބަދަލަށް އޭނާއަކަށް ފުރުޞަތެއް ނުލިބޭނެއެވެ. އެގޭގެ މާޙައުލުގައި ގޯސްކޮށް އޮތްކަމެއް ޖުނައިދަކަށް ނުއެނގުނެވެ. ޒަރޫން އިނދެގެން ގެޔަށް ގެންނަ އަންހެންކުއްޖަކު ، މަންމަޔާއި ސާރާ އުޅޭގޮތަށް ދިރިއުޅޭކަށް ޒަރޫން ބޭނުމެއް ނޫނެވެ. އަސްމަރާއަކީ ވަކި ސާރާއަށް ދޫކުރާނެ ކުއްޖެއް ނޫނެވެ. އެހެންކަމުން އަސްމަރާ އެގެޔަށް އަތުވެއްޖެނަމަ ، އެމީހުންގެ ކޮޅު ގަދަވެ ، ޒަރޫންގެ ބޮލަށް މިހާރަށްވުރެވެސް ބޮޑަށް އުނދަގޫވާނެއެވެ. އެއީ އޭނާއަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫނެވެ.

ޒަރޫން އެއައީ އެއް އަހަރުވަންދެން ، ޓްރޭނިންގގައި ގެޔާ ދުރުގައި ވަކިން އުޅެފައެވެ. އޭނާ އެހޭދަކުރި އެއް އަހަރު ދުވަހުގެ ތެރޭގައި ލައްކަ ގިނަތަންތަން ފެނި ލައްކަގިނަ ތަޖުރިބާ އޭނާއަށް ކުރެވިއްޖެ އެވެ. ޒަރޫންއާ ކައިވެނިކޮށްގެން އަންނަ އަންހެންކުއްޖާ ، ގޭގައި ބަންދުކޮށްގެން ގެންގުޅޭކަށް ޒަރޫންވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އެކުއްޖަކަށް ޒަރޫންގެ ބަސްވިކެން ޖެހޭނެއެވެ. މަންމައާއި ސާރާގެ ނުފޫޒު އެކުއްޖެއްގެ މައްޗަށް ފޯރައި އެމީހުންގެ ދިރިއުޅުމަށް އެކަމުގެ އަސަރު ކޮށްގެން ނެއް ނުވާނެއެވެ. ޒަރޫން އަށް އެންމެ ރަނގަޅީ އަސްމަރާގެ ބައްޕަޔާ  ޒަރޫންގެ ނުކުތާތަކުގެ ވާހަކަދައްކައި ބައްޕަ އެކަން ނިންމައި ދިނުމެވެ. އަސްމަރާގެ ބައްޕަޔާ އެކަމުގައި ކުރިމަތިލާކަށް ޒަރޫން ބޭނުމެއް ނޫނެވެ.

------------------------

އެރޭގެ ކެއުމުން ނިމިގެން ދެޢާއިލާގެ މީހުން ގޭގެ ގޯތިތެރޭގައި ވާހަކަ ދައްކަމުން އެގެންދަނީ އަސްމަރާއާއި ޒަރޫންގެ ގުޅުމާ ބެހޭގޮތުންނެވެ. އެންމެ ފުރަތަމަވެސް ވާހަކަ ފެށީ ، އަސްމަރާގެ މަންމަ ސަމްރާ އެވެ. ދެޢާއިލާއިން އަސްމަރާއާއި ޒަރޫން އާ ދެމީހުންގެ ގުޅުން ޤާއިމްކުރީ ވަރަށް ފޮނި އުއްމީދެއްގައެވެ. އެދެކުދިންވެސް ބޮޑުވަމުން އައީ އެކީގައި ކިޔަވަމުންނެވެ. އެންމެފަހުން ޔުނިވަރސިޓީއަށްވެސް ދިޔައީ އެކީގައެވެ. ދެޢާއިލާގެ މެދުގައި އޮތް ގާތްކަމާއެކު ، އެދެމީހުން ކައިވެނިކޮށްފިނަމަ ، ވަރަށް އުފާވެރި ޙަޔާތެއް ހޯދައިދެވޭނެކަމުގެ ފޮނި އުއްމީދުގައެވެ. އަދި އެދެމީހުންވެސް އެކަމަށް އެދި ތިބުމާ އެކުގައެވެ. އެމީހުން ހީކުރިގޮތް ގޯސްވީތާއެވެ.

އަސްމަރާއާއި ޒަރޫންގެ ގުޅުން އެހައި ގޯސްވެގެން އެދިޔަ ސަބަބެއް ޣަޒާލާއަކަށްވެސް ނޭނގެއެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިގެން އުޅޭކަން އެނގެއެވެ. އެކަމަކު ޣަޒާލާއަށް އެކަން ނެގުނީ ވަރަށް ކުޑަކަމެއްގެ ގޮތުގައެވެ. ޒުވާން ކޮންމެ ދެކުއްޖެއްގެ މެދުގައިވެސް ކުދިކުދި މައްސަލަ ޖެހޭނެއެވެ. އަމްދުން އިންނަން އަނގޮޓިއަޅައި ކައިވެނިކުރުމާ ދެމެދުގައި އެކަކު އަނެކަކު ދެކެ ވާ ލޯބި އިތުރުވެ ، ކުދިކުދި ކަންކަން މައްސަލަޔަކަށް ހެދޭނެއެވެ.

އަސްމަރާގެ ބައްޕަޔަށް ފެނުނުގޮތުގައި ، އެޖެހޭ ކުދިކުދި މައްސަލަ ކަމަކަށް ނުހަދައި އެކުދިން ދެވަންވީއެވެ. އޭރަށް ހުރިހާކަމެއް ހަމަޖެހިގެން ދާނެއެވެ. ޖުނައިދަށްވެސް ފެންނަނީ އެގޮތެވެ. އެހެންނަމަވެސް ، އެދެމީހުން އެއްގަލަކަށް އަރަން ނެތިއްޔާ މައިން ބަފައިންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ޣަޒާލާ ، ސަމްރާއަށް ގޮވާލައި އަސްމަރާއަށް ވިސްނައިދިނުމަށް ، ވަރަށް އާދޭހައެކު އެދެއެވެ. އެހެންނަމަވެސް ، އަސްމަރާއަށް ކަމެއް ވިސްނައިދޭން އޭނާ ކުރާނެ ވަކިކަމެއް ސަމްރާ އަކަށް ނުފެނެއެވެ. މިހާރުވެސް އޭނާވަނީ ކޮންމެވެސް ވަރަކަށް އަސްމަރާއަށް ނަޞޭޙަތް ދީފައެވެ. ސަމްރާ ދެއްކި އެއްވެސް ވާހަކައެއް އަސްމަރާއެއް ޤަބޫލެއް ނުކުރެއެވެ. ޒަރޫންއަކީ ، ވަރަށް ހަރުކަށި ވިސްނުމެއް ގެންގުޅޭ މީހެއްކަމަށް ސަމްރާ ބުނެއެވެ. އަދި ޣަޒާލާއާއި ޖުނައިދު ، ޒަރޫންއާ ވާހަކަ ދައްކައިގެން ޒަރޫން ހަމަޖެއްސުމަށް ސަމްރާ އެދެއެވެ.

ޖުނައިދު ބުނިގޮތުގައި ޒަރޫންއަކީ ވިސްނޭ ކުއްޖެކެވެ. ހަރުކަށި ވިސްނުމެއް ނުގެންގުޅޭނެއެވެ. އެކަމަކު ޒަރޫން ބޭނުންވާ ވަކިގޮތްތަކެއް ކޮންމެ ކަމެއްގައިވެސް ހުންނާނެއެވެ. އެއީކީ ގޯސް ގޮތްގޮތެއް ނޫނެވެ.

" އަހަރެމެންގެ ހުރި ހަމައެކަނި ދަރިއަކީ އަސްމަރާއެވެ. ކައިވެނީގެ ފަހުން އެދަރިފުޅު ގެއިން ނުނުކުމެ ބަންދުވެފައި އިންނަންޖެހޭ ކައިވެންޏެއް ކުރުވާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. " ސަމްރާ ބުންޏެވެ.

" ސަމްރާއެވެ ! ތިހެން ނުބުނާށެވެ. ޒަރޫންއަކީ އެކަހަލަ ކުއްޖެއް ނޫނެވެ. އެކަމަކު މިހާރު މިއުޅޭ ކުދިންނާ ތަފާތު ވާނެއެވެ.  ކޮންމެވެސް ވަރަކަށް އަނބިމީހާ ހިފަހައްޓާނެއެވެ. ޖުނައިދުވެސް އެބުނީ ނޫން ހެއްޔެވެ ؟ ޒަރޫން ބޭނުންވާ ވަކިގޮތްތަކެއް ހުންނައިރު ، އޭނާގެ އަނބިމީހާވެސް އެކަންކަމަށް ކުޑަކޮށް ވިސްނައިގެން ނޫނީ ދިރިއުޅުމެއް ނުފެންނާނެ ނޫންހެއްޔެވެ ؟ އަހަރެމެން އެކީގައި ތިބެގެން ޒަރޫންއަށް ވިސްނައި ދޭނަމެވެ. ކައިވެނީގެ ކުރިން ، ހުރިހާ ކަމެއްގައި ދެމީހުންގެ ވިސްނުން އެއްގޮތެއް ނުވާނެއެވެ. އެކަމަކު ކައިވެނީގެ ފަހުން ވަރަށް ގިނަކަންކަން ހަމަޖެހިގެން ދާނެއެވެ. " ޣަޒާލާ ބުންޏެވެ.

ޣަޒާލާގެ ވާހަކަޔަށް ސަމްރާ އަކަށް މުޅިން އެއްބަހެއް ނުވެވުނެވެ. ޣަޒާލާ އެބުނީ ރަނގަޅު ވާހަކަޔަކަށްވެސް ވެދާނެއެވެ. އެކަމަކު ކައިވެނި ނުކޮށް އުޅެނިކޮށް އެހާ ބޮޑެތި ، ގިނަ މައްސަލަތައް ޖެހޭއިރު ، ކައިވެނީގެ ފަހުން ވާނީ ކިހިނެއްތޯ ސަމްރާ ސުއާލު ކުރެއެވެ. ސަމްރާގެ ސުއާލަށް ދޭނެ ޖަވާބެއް ޣަޒާލާއަކަށް ނުވިސްނުނެވެ. ޖުނައިދުވެސް އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ކައިވެނީގެ ފަހުން އުފެދިދާނެ ސުއާލު ތަކާއި ޖެހޭނެ މައްސަލަތައް ނޭނގުމެއްގެ ތެރެޔަށް ދޫކޮށްލައި އެބައިމީހުންގެ އެބައްދަލުވުން ނިންމައިލިއެވެ. އެކަމަށް އެއްވެސް ޙައްލެއް ނުހޯދިއެވެ.

އަސްމަރާގެ މަންމައާއި ބައްޕަ ދިޔަފަހުން ، ޒަރޫންމެންގެ ގޭތެރޭގެ ހޫނުކަން ވަކިން ބޮޑުވިއެވެ. އެކަމާ ބެހޭގޮތުން ކުރެވުނު ހޫނު ބަހުސް ފެށުނީ އޭގެ ފަހުންނެވެ. ޒަރޫން ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ކަމެއް ޣަޒާލާއަކަށް ނޭނގެއެވެ. ޣަޒާލާ ހަޅޭއްލަވަނީ ޖުނައިދާ ދިމާއަށެވެ. ޒަރޫން އޭނާގެ މައިންބަފައިންނަށް އެޖެއްސީ އިތުރު މުޞީބާތެކެވެ. އޭނާއާ ދިމާއަށް ޣަޒާލާ ހަޅޭއްލެވިއިރު ، ޖުނައިދު އިނީ ދެލޯ މަރައިލައިގެންނެވެ. އެއީ ހަމައެކަނި ޖުނައިދުގެ ދަރިއެއް ނޫނެވެ. ޣަޒާލާގެވެސް ދަރިޔެކެވެ.

" އެއީ އަހަރެންގެވެސް ދަރިޔެކެވެ. އެކަމަކު ، ޒަރޫންގެ އާދަތައް ހުންނަނީ ޖުނައިދެކޭ އެއްގޮތަށް ހަރުކަށި ވިސްނުމެއްގައެވެ. ހަރުކަށިވެގެން ގޮސް ޙައްދު ފަހަނަޅާފައެވެ. އޭގެ ނަތީޖާ މިހާރު މި ފެންނަނީ އެވެ. " ޣަޒާލާ ބުންޏެވެ.

" އަހަރެން ހަރުކަށިނަމަ ޣަޒާލާ ތިއުޅޭގޮތަކަށް ނޫޅެވޭނެއެވެ. މިހާރު ހުންނާނީ މިގެއިން ބޭރުކޮށްފައެވެ. އަހަރެން މިދޭ މިނިވަންކަން ޣަޒާލާއަށް ލިބިގެން ނުވިނަމަ ޣަޒާލާ މިއަދު ތިއުޅޭގޮތަކަށް ނޫޅެވޭނެއެވެ. އެކަމާ އަހަރެން މިހާރު އެބަ ދެރަ ވެއެވެ. ޚާއްޞަކޮށް އަހަރެންގެ ދަރިންގެ ކަންތައްތައް ޚަރާބުވެގެން ދާތީ ވަކިން ދެރަ ވެއެވެ. " ޖުނައިދު ޖަވާބު ދިނެވެ.

ޣަޒާލާގެ މަސައްކަތާހުރެ އެކުދިންނަށް ރަނގަޅަކަށް އަޅައެއް ނުލެވެއެވެ. ހުރިހާ ކަމެއްވެސް ވެގެން މިދަނީ އެކަމާ ގުޅިގެންނެވެ. ޖުނައިދު ނުބުނަންހުރި ވާހަކަވެސް އޭނާގެ ދުލުން ބޭރުވަމުން ދިޔައެވެ. އޭގެ ކުރިން ޣަޒާލާގެ މިނިވަންކަމާމެދު ޖުނައިދު އެއްވެސް އެއްޗެކޭ ބުނެފައެއް ނެތެވެ. ޣަޒާލާގެ ކުދިންނަށް އޭނާދޭ ތަރުބިއްޔަތާމެދު ސުއާލުކުރަންވީ މިއަދު ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު އަނގައިން ނުބުނެ ހުރެ ޣަޒާލާގެ ތަޞައްވުރާމެދު ސުއާލު އުފައްދަންވީ މިއަދު ހެއްޔެވެ ؟

ކުދިންގެ ކިޔެވުމާއި ސްކޫލްގެ ކަންތައް އެއީ ޣަޒާލާ އެންމެ އިސްކަމެއްދޭ ކަންކަމެވެ. އެމީހުންގެ އުޅުމާއި އަޚުލާޤުގެ މައްސަލައެއްގައި ޣާޒާލާއަށް އިނގިލި ދިއްކުރެވެންވީ ކީއްވެގެން ހެއްޔެވެ ؟ ޖުނައިދުގެ މުރާދަކީ ޣަޒާލާއަށް އެކަމުގައި އިހުމާލުގެ އިނގިލި ދިއްކުރުމެއް ނޫނެވެ. ހާވަހާވައި ހޯދައިގެން ޖުނައިދު އެބުނާ ވާހަކަޔަކީ ، އޭނާގެ ދަރިންގެ ތަރުބިއްޔަތުގައިހުރި އުނިކަމެއްގެ ވާހަކައެވެ. އަދި އެކަމުގައި ޣަޒާލާއަށް އިހުމާލު ވެވިފައި ވާ ވާހަކައެވެ. ރަނގަޅު ތަޢުލީމާއި ރިވެތި އަޚުލާޤަކީ ތަރުބިއްޔަތުގެ އަސާސެވެ. ޒަރޫންއާއި ސާރާއަކީ ތަޢުލީމީ ގޮތުން ފެންވަރު ރަނގަޅު ދެކުދިންނެވެ. އެކަމަކު ، ގުޅުމެއް ދެމެހެއްޓުމަށްޓަކައި ބައެއް ކަންކަން ދޫކޮށްލުމުގެ ވިސްނުން އެމީހުންގެ ކިބަޔަކު ނެތެވެ. އެއީ އަހަރެމެންގެ ކުށެކެވެ. އަހަރެމެންނަކަށް އެމީހުންނަށް އެކަން ދަސްކޮށްދީ ވިސްނައިދެވިފައެއް ނެތެވެ. އެހެންނަމަވެސް ޖުނައިދުގެ އެވާހަކަތައް ޣަޒާލާ ޤަބޫލެއް ނުކުރެއެވެ. ސާރާގެ މައްސަލައިގާ ޒަރޫންގެ ވިސްނުން އެހުރީ ރަނގަޅަކަށް ނޫނެވެ. އަދި ޖުނައިދުވެސް ، ސާރާގެ މައްސަލައިގާ ޒަރޫންއާ އެއްބައިވެގެން އެގެންގުޅެނީ އެއްވިސްނުމެކެވެ. ސަރާ އެހަދަނީ ރަނގަޅަށެވެ. ޣަޒާލާއަކަށް ސާރާގެ ޢަމަލުތަކެއް ގޯހެއް ނޫނެވެ.

ޣަޒާލާ އެހުރީ ސާރާއަށް ރަނގަޅުގޮތް ވިސްނައިދޭ ގޮތަކަށް ނޫނެވެ. ޒަރޫން އެހުރީ ، ޖުނައިދު ދައްކާ ވާހަކަ އަހާގޮތަކަށް ނޫނެވެ. ޣަޒާލާ ޤަބޫލުކުރިޔަސް އަދި ޤަބޫލު ނުކުރިޔަސް ، ދެމީހުންގެވެސް އޮތީ ހަމަ އެއްމައްސަލަޔެކެވެ. އެއްވެސް ވަރަކަށް ގޮތް ދޫނުކުރުމެވެ. އަސްމަރާގެވެސް މައްސަލަޔަކީ އެއީއެވެ. އަދި ޣަޒާލާވެސް ދިރިއުޅެނީ އެކަހަލަ ދުނިޔެއެއްގައެވެ. އަސްމަރާގެ މައިން ބަފައިންނަކީވެސް ހަމަ އެދުނިޔޭގައި އެމީހުންގެ ހުރިހަމައެކަނި  ދަރިފުޅު ގެންގުޅެން ބޭނުންވާ ބަޔެކެވެ. މިކަހަލަ ޙާލަތެއްގައި ، ދިމާވެގެން އެއުޅޭ މައްސަލަ ، ޞުލްޙަވެރިގޮތުގައި ނިންމޭނެ މަގެއް ފެނުމަކީ ޖުނައިދުގެ ނަޒަރުގައި ނާދިރު ކަމެކެވެ. ޖުނައިދުގެ ވާހަކަތަކުން ޣަޒާލާ އިތުރަށް އައީ ރުޅިއެވެ. އިތުރަށް ޒުވާބު ނުކުރަން ނިންމައި ޖުނައިދާ ދިމާއަށް އަތް ހޫރައިލުމަށްފަހު ޣަޒާލާ އެތަނުން ނުކުމެގެން ދިޔައެވެ.

އޭގެ އަނެއްދުވަހު ، އަނެއްކާވެސް ފަރްޙާން އައިސް ސާރާ އާ ވާހަކަ ދައްކަން ބޭނުންވެއެވެ. އެދެމީހުން ވާހަކަ ދައްކަން ޖައްސާލައިގެން ތިބީ ގޯތި ތެރޭގައެވެ.

" ފަރްޙާން އެވެ. އަހަރެން ރަނގަޅަށް މިބުނަނީއެވެ ! ފަރްޙާނަށްޓަކައި އަހަރެން ބަދަލެއް ނުވާނަމެވެ. ބަދަލުކުރަން ޖެހޭނީ ފަރްޙާންގެ ވިސްނުމެވެ. " ސަރާ ބުންޏެވެ.

ސާރާ ވިސްނާ ގޮތުގައި ކައިވެނި ރޫޅައިލުން ނޫން އެހެންގޮތެއް ނެތެވެ. އެކަމަކު ފަރްޙާން ވިސްނާ ގޮތުގައި އެދެމީހުންގެ ގުޅުން އެހައި ބަލިކަށްޓެއް ނޫނެވެ. ސާރާދެކެ ފަރްޙާން ، އިންތިހާއަށް ލޯބި ވެއެވެ. އަދި ދިމާވާ ކުދިކުދި ކަންކަމުގައި ސަރާ ގޮތް ދޫކޮށްގެން އެކައިވެނި ދެމެހެއްޓިދާނެއެވެ. ކުދި ކުދި ކަންކަން ކަމުގައި ފަރްޙާން ދެކޭ ކަންކަމަކީ ސާރާއަށް ބޮޑެތި ކަންކަމެވެ. އެއީ ސާރާގެ ޟަރޫރީ ޙައްޤެވެ. އެޙައްޤާ އެއްވެސް މީހަކު ކުޅެން ، ސާރާ ފުރުޞަތެއް ނުދޭނެއެވެ. އެއްވެސް މީހަކަށް އެ ޙައްޤަށް ގޮތެއްވެސް ނުކިޔޭނެއެވެ. ސާރާގެ ވާހަކަ ތަކުން ފްރަޙާން ދިޔައީ އެއްލިގެންނެވެ. ޞަރޫރީ ޙައްޤެއްގެ ވާހަކަ އައިމައެވެ.

" ތިމާގެ އަމިއްލަ މިނިވަންކަމުގައި ، ފިރިމީހާގާތު ނުބުނެ އެހެންމީހުންނާއެކު ބޭރަށްގޮސް މަޖާކޮށް އުޅުމަށް ތިކިޔަނީ ޟަރޫރީ ޙައްޤޭ ހެއްޔެވެ ؟ ފަރްޙާންގެ އެސުއާލަށް ސާރާ ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި ސާރާކުރީ ސުއާލެކެވެ. ފަރްޙާން އެއައީ ، އަނެއްކާވެސް އޭނާއާ ޒުވާބު ކުރަންތޯ އަހައި ސުއާލު ކުރެ އެވެ. ފަރްޙާން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކި ނަމަވެސް ސާރާގެ ބަސްމަގާއި ރާގުގައި ހުރީ ހަރުކަށި ކަމެވެ. ގޮތް ދޫނުކުރުމާއި ޖަދަލު ކުރުމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.