ދެކަފި - 63

(17 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން ފޯނު ނުނެގީމާ ކަޝަފް ފޯނު ބާއްވައެވެ. ކަޝަފްގެ ހިތުގައި ހިނގަމުންދާ ރުޅިވެރިކަމުގެ އިޙްސާސްތައް އޭނާގެ އަމިއްލަ ނަފުސަށް އިއްވައިލައެވެ. މީހަކާ ދިމާއަށް ބަވައިގަންނަ ބީދައިންނެވެ. މީހަކު މަރައިލުމުގެ ހުއްދައެއް ކަޝަފަށް ލިބޭނެ ނަމަ ، އޭނާ މަރައިލާނެ މީހަކީ ޒަރޫން ޖުނައިދެވެ. ޒަރޫން އެކުރަނީ މީހެއްގެ އަތުން މަރު ޙައްޤުވާފަދަ ކަންކަމެވެ. ސާރ އަބްރާރުގާތުގައި ކަޝަފްގެ ކައިވެނީގެ ވާހަކަ ދައްކަން ޒަރޫންއަށް ލިބިގެންވަނީ ކޮން ޙައްޤެއް ހެއްޔެވެ ؟ ޒަރޫން ބޭނުންވާހާ ވާހަކައެއް އެހެން މީހުންގާތު ދެއްކެއެވެ. ކުރަން ބޭނުންވާހާ ކަމެއް ކުރެވެއެވެ. އެމީހުން އެއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ. ފުތަމަ އުސާމާ އެވެ. ދެން ޒަރޫން އެވެ. އަހަރެން ހައްލައިލުމަށް ، އެމީހުން ބޭނުންހައިގޮތަކަށް ދެމީހުން ގުޅިގެން ކޮން ސަކަރާތެއް ޖަހަން ހެއްޔެވެ. އެމީހުން އެކަން ކުރުމުގައި ކޮންމެވެސް އެހެން މަޤްޞަދެއްވެސް އޮވެދާނެއެވެ. އެއީ ކޮންމެ މަޤްޞަދެއްކަމުގައި ވިޔަސް ، ޒަރޫންއަށް ފިލާވަޅެއް ނުދީ ދޫކޮށްނުލުމަށް ކަޝަފް ނިންމައެވެ.

ކަޝަފަށް ގެޔަށް އާދެވުނު އިރު އެންމެން ތިބީ މެންދުރުގެ ކެއުމަށް ތައްޔާރު ވެގެންނެވެ. ސަލާމް ކޮށްލިތަނުން ކަޝަފްވެސް ކާން އައުމަށް ރާފިޢާ ބުނެއެވެ. ތިމަންނަ ބަނޑުހައެއް ނުވެއޭ ، ނުކާނަމޭ ކިޔާފަ ދިޔަގޮތަށް ގޮސް ގުންފައި ޖަހާފަ ކޮޓަރިޔަށް ވަތްގޮތުން އެންމެންނަށްވެސް ސިހުން ލިބުނެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ސާރ އަބްރާރާއެކު ދެކެވުނު ވާހަކައިގެ ބާވަތުން ، އޭނާއަށް ގެނެސްދިން ކޮފީތަށިވެސް އައީ ނުބޮއެވެ.

ކަޝަފްގެ ޢަމަލު ހުރިގޮތުން ޞިދްރާއަކަށް ނީނދެވުނެވެ. ވީގޮތެއް ސާފުކުރުމަށްޓަކައި ޞިދްރާ ، ކަޝަފް ކައިރިޔަށް ދެއެވެ. ޞިދްރާއަށް ކޮޓަރިޔަށް ވަދެވުނު އިރުވެސް ކަޝަފްއިނީ ރުޅިއައިސް ރަތް ފައެވެ. ޙާލު ރަނގަޅުތޯ އާއި ކިހިނެއްވީތޯ ، ޙައިރާންވެފައި ހުރި ޞިދްރާއަށް  އަހައިލެވުނެވެ.

" އަދިއެއް ކަމެއް ނުވެއެވެ. އެކަމަކު ކަމެއް ވާން އެބަ އުޅެއެވެ. " ކަޝަފް ބުންޏެވެ.

ކަޝަފްގެ ޖަވާބުން ޞިދްރާ އިތުރަށް ކަން ބޮޑުވިއެވެ. ކަޝަފް އިނީ ހަދާނެގޮތެއް ނޭނގިފައެވެ. ކަޝަފް ހީކުރީ އޭނާގެ ދިރިއުޅުމުގެ ހުރިހާކަމެއް ރަނގަޅަށް ދާ ކަމަށެވެ. އެކަމަކު ، ކުއްލިޔަކަށް މައްސަލަތައް ފެންމަތިވާން މިފެށީ ކީއްވެ ހެއްޔެވެ ؟ ކަޝަފަށް ހަމަ ނޭވާއެއް ލެވޭނީ ކޮން އިރަކުން ބާވައެވެ ؟ ޞިދްރާ ކަންބޮޑުވެގެންގޮސް ، ﷲ އަށްޓަކައި ، ވެގެން އުޅޭގޮތެއް ސާފުކޮށް ބުނެލަބަލާށޭ ބުންޏެވެ.

" އަހަރެންނަށް އެ ނުބައި ނުލަފާ .......... އަތުޖެހިއްޖެނަމަ ، މުޅި ޢުމުރުގައިވެސް ހަނދާން ނުނެތޭވަރު ކޮށްލާނަމެވެ. އެއީ ކާކުކަމެއް ޞިދްރާއަކަށް ނޭނގެއެވެ. އެކަމަކު ކޮންމެވެސް މީހެއްގެ ފަރާތުން ، ކޮންމެވެސް ކަމެއް ކަޝަފަށް ކުރިމަތިވެއްޖެކަން ޔަޤީން ވިއެވެ. އެއީ ޒަރޫން ޖުނައިދެވެ. އެނޫން ކާކު ހެއްޔެވެ ؟ ނުބައި ނުލަފާކަމުގެވެސް އިންތިހާ އެވެ. ޞިދްރާއަށް ކަޝަފް ސާފުކޮށްދިނެވެ.

އަނެއްކޮޅުން ޒަރޫން ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހަދާނެގޮތް ބޮޑުވެފައެވެ. ވާހަކަ ދައްކައިލުމަށްޓަކާ އޭނާ އުސާމާއަށް ފޯނުކޮށްލިއެވެ. ޙާލު އަޙުވާލު އަހައިލުމަށްފަހު ވާހަކަ ކުރިޔަށް ގެންދިޔައެވެ. ޒަރޫންގެ އަޑުގައިވާ ނުތަނަވަސްކަން އުސާމާއަށްވެސް ފާހަގަ ކުރެވުނެވެ. ޒަރޫން ހީކުރިގޮތުގައި އޭނާގެ އަޑުގައި އެއްވެސް ނުތަނަވަސްކަމެއް ނެތެވެ. އެހެންނަމަވެސް އުސާމާއަށް އެކަން އެއޮތީ ފާހަގަ ކުރެވިފައެވެ. ޒަރޫން ދައްކަން ބޭނުންވި ވާހަކަ އުސާމާގާތަކުވެސް ނުބުނެވުނެވެ.

ކަޝަފްގެ އަނގައިން ޒަރޫން ޖުނައިދުގެ ނަން ނުކުތުމާއެކު ޞިދްރާ ދިޔައީ ސިއްސައިގެންނެވެ. އަނެއްކާ ޒަރޫން ކުރީކީއްތޯ ބަލަން ޞިދްރާ ބޭނުންވިއެވެ. އޭނާ އިނީ އެކަމަށް ކެތް މަދުވެފައެވެ. ޒަރޫން އަނެއްކާ ކީއްކުރީ ބާވައެވެ. ޒަރޫން އަކަށްވެސް ޒަރޫން އެދެމެދަށް އައި ސަބަބެއް ނޭނގެއެވެ. ޒަރޫން އެކުރީ އަބަދުވެސް އޭނާ ކުރަން އާދަވެފައިހުރި ކަންތަކެވެ. ޒުވާން އަންހެން ކުދިންގެ ފަހަތުން އިންނަން އަހަމުން ދުވުމެވެ. ކަޝަފްގެ ޙަޔާތް ބަރުބާދު ކޮށްލުމަށްޓަކައި ، އެކަލޭގެ ކޮށްފައި ނުކުރާނީ ކޮންކަމެއްކަން ދެނެވޮޑިގެންވާނީ ﷲ އެވެ. ވެގެން އުޅޭގޮތެއް އަދިވެސް ޞިދްރާއަކަށް ސާފެއް ނުވެއެވެ.

" އަބްރާރ ސާރ ކުރިމަތީގައި އަހަރެންނަށް ، ދެވަނަ ފަހަރަށް މޫނުދައްކައިލާން ނުކެރޭވަރު ކޮށްލައިފިއެވެ. އެކަމަށްޓަކައި އަހަރެން ދުވަހަކުވެސް ޒަރޫންއަށް މާފެއް ނުކުރާނަމެވެ. " ކަޝަފް ބުންޏެވެ.

ސާރ އަބްރާރ ގާތުގައި އަހަރެންނާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނީއެވެ. ޞިދްރާ ދިޔައީ އެއްލިގެންނެވެ. އޭނާގެ އަނގަ ތަންމިނަށް ހުޅުވި ޙައިރާންކަން އޭގެ އިންތިހާއަށް ދިޔައެވެ. އަނގައިން ބުނަން ނޭނގި ، އަނގަ ލައްޕައިލާންވެސް ނޭނގި ޞިދްރާއަށް އެތައް އިރަކު އިނދެވުނެވެ. ކަޝަފާ އިންނަން ވާހަކަ ދައްކަން ފެނުނީ ސާރ އަބްރާރާ އެވެ. ކަޝަފްގާތު އެވާހަކަ ދެއްކިނަމަ ކަންކަށިމަތީ އެތިފަހަރެއްނާޅައި ދޫކޮށެއް ނުލެވޭނެއެވެ.

ކަޝަފް އެދެއްކި ވާހަކަ ޞިދްރާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ކަޝަފްވެސް އިނީ އެވާހަކަ ޤަބޫލުކުރަން އުނދަގޫ ވެފައެވެ. އޭނާގެ ގޮތްކުޑަކަން ނިކަން ދެކިބަލާށެވެ. ކަޝަފް ގާތު އެވާހަކަ ދެއްކުމުގެ ބަދަލުގައި ސާރ އަބްރާރުގާތު އެވާހަކަ ދައްކައި ކަޝަފްގެ އަގު ވައްޓާލައިފިއެވެ. އަބްރާރް ގާތު ޒަރޫން ބޭނުންވީ ، ކަޝަފާ ގަޔާވާކަމުގެ ތަޞައްވުރެއް އުފައްދާށެވެ. އުޅުމާއި ވިސްނުމާ ފިކުރު ބަދަލުވެފައިވާކަން ހާމަ ކުރުމަށެވެ. ކަޝަފާ މެދު ވިސްނައި އޭނާއާ އަޅައިލާކަން އަންގައި ދިނުމަށެވެ.

" ކަޝަފް އާ ގަޔާވާ ވާހަކަ އާއި ކައިވެނިކުރަން ބޭނުންވާ ވާހަކަ ޒަރޫން ބުނި ހެއްޔެވެ ؟ " ޞިދްރާ ޙައިރާންވެގެން އިނދެ ސުއާލު ކުރިއެވެ.

އަސްމަރާއާ އެކު ވެފައި އޮތް އެންގޭޖްމަންޓް ރޫޅުނުކަން ޞިދްރާއަށް އެނގިފައެއް ނެތެވެ. މިވަގުތު ކަޝަފަށް މުހިންމީ ޒަރޫންގެ އެންގޭޖްމަންޓްގެ މައްސަލައެއް ނޫނެވެ. ކަޝަފާ އިންނަން އެދުމުގެ މައްސަލައެވެ. ޞިދްރާއަކަށް އެއީ މައްސަލަޔަކަށް ނުވެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ސާރ އަބްރާރް މެދުވެރިކޮށް ، ކަޝަފް އާ އިންނަން ޒަރޫން އެހިނަމަ އޭގެ މާނަޔަކީ ޒަރޫން އެކަން ކުރަން ބޭނުން ވެފައި އޮތުންކަމަށް ޞިދްރާ ދެކެއެވެ. އެވާހަކަ ޞިދްރާގެ އަނގައިން އަޑު އިވުމުން ކަޝަފް ނިންމީ ޞިދްރާ އެހުރީ މޮޔަވެފައި ކަމުގައެވެ. ޒަރޫން އަށް ވުރެ އުސާމާވެސް ކަޝަފަށް މާ ރަނގަޅެވެ. އެހެންކަމަށްވާންޏާ އުސާމާގެ ހުށަހެޅުން ބަލައިގަންނަންވީ ކަމުގައި ޞިދްރާ ދެކެއެވެ. އެކަމަކު ، ކަޝަފް އަށް ފެނުނު ގޮތުގައި ޞިދްރާއަކަށް ކަޝަފްގެ ވިސްނުން ހުންނަގޮތް ދުވަހަކުވެސް ނޭނގޭނެއެވެ.

ޒަރޫން ހަދާނެގޮތް ބޮޑުވެ ސިނގިރޭޓެއް ރޯކޮށްލުމަށްފަހު ، ގަޑިޔަށް ބަލައިލާ ، އެންމެ ފަހުން ފޯނު ނަގައި ކަޝަފާ ގުޅައެވެ. ކަން ދިމާކުރި ގޮތުން އެފޯނު ނެގެނީ ޞިދްރާއަށެވެ. އެވަގުތު އެތަނުގައި ކަޝަފެއް ނެތެވެ. ޒަރޫން ފޯނުކުރުމަށްފަހު ސަލާމް ގޮވާލައި ، ކަޝަފާ ވާހަކަ ދެއްކިދާނެތޯ އަހައިލައެވެ. ކަޝަފްގެ ފޯނު ނެގީ ކަޝަފްގެ ކޮއްކޮ ޞިދްރާކަމުގައި އޭނާ ބުނެއެވެ. އަދި ޙާލު ކިހިނެއްތޯ ޒަރޫންކުރެން އަހައިލައެވެ. ޒަރޫންގެ ޙާލު ރަނގަޅުކަމަށާއި ޞިދްރާއަށް އޭނާ އެނގޭތޯ އަހައިލައެވެ. ޔުނިވަރސިޓީގެ ދުވަސްވަރުއްސުރެ ޒަރޫންގެ ވާހަކަ ގޭތެރެއިން އިވެމުން އަންނަކަމުގައި ޞިދްރާ ބުންޏެވެ. ރަނގަޅަށް ވިއްޔާ ޒަރޫންއާ ބެހޭގޮތުން ރަނގަޅު ވާހަކައެއް އަޑުއިވިފައި ނޯންނާނެ ކަމުގައި ޒަރޫން ބުންޏެވެ. އެއަށްފަހު ޞިދްރާ އޭނާގެ ތަޢާރުފެއް ޒަރޫންއަށް ދެއެވެ. އޭނާގެ ނަމަކީ ޞިދްރާ ކަމުގައެވެ. އަދި އުޅެނީ ކައިވެނިކޮށްގެން ކަމަށާއި ދިރިއުޅެނީ އެމެރިކާގައި ކަމުގައެވެ. ކަޝަފް މިވަގުތު ކޮޓަރީގައި ނެތްކަމަށާއި އައިމަ ގުޅާލާށޭ ބުނާނެކަމުގައި ޞިދްރާ ބުންޏެވެ.

ޞިދްރާ އެއްޗެއް ހީނުކުރާކަމަށް ވަންޏާ ކުޑައިރުކޮޅަކު ޞިދްރާއާ ވާހަކަ ދައްކައިލެވިދާނެތޯ ޒަރޫން ސުއާލު ކުރެއެވެ. ޞިދްރާ އެކަމަށް އިޢުތިރާޒެއް ނުކުރެއެވެ. އަދި ވާހަކަ ދައްކައި ލެވިދާނެކަމުގައި ޞިދްރާ ބުންޏެވެ.

ޞިދްރާގާތު އެވާހަކަ ދެއްކުމަކީ ކުރަން އެންމެ ރަނގަޅުކަމެއްކަން ޒަރޫންއަކަށް ނޭނގެއެވެ. އެކަމަކު އެވާހަކަޔަކީ އޭނާ ދައްކަން ބޭނުންވާ ވާހަކައެއްކަން ޒަރޫނަށް ޔަޤީނެވެ. ކަޝަފްގެ ޢާއިލާ ހަމަޔަށް ޒަރޫން ދިއުމަށްޓަކައި ޞިދްރާ ނޫން އެހެން މީހަކު ނެތެވެ. އޭނާ ލައްކަ ގޮތްގޮތަށް ވިސްނައި އެކަމާ ފިކުރުކޮށްފިއެވެ. އޭނާ އެހުންނަނީ ، އެކަމުގައި އެއްވެސް މަގެއް ނުފެނި މާޔޫސް ފައެވެ. އެކަން ޒަރޫންގެ އަޑުން ޞިދްރާއަށްވެސް އިޙްސާސް ކުރެވުނެވެ. އަދި އެއްވެސް ޖެހިލުމެއްނެތި ޒަރޫން އަށް އޭނާއާ ވާޙަކަ ދެއްކިދާނެ ކަމުގައި ޞިދްރާ ޒަރޫންއަށް ކަށަވަރު ކޮށްދިނެވެ. ޒަރޫންގެ ވާހަކަ އޭނާ އަޑުއަހާނެކަމުގައި ބުންޏެވެ.

ދުވަސްތަކަކަށްފަހު ، ފުރަތަމަ ފަހަރަށް ޒަރޫންގެ ތުންފަތަށް ހިނިތުންވުން އައެވެ. އެންމެ ދެރަވެގެން ކަޝަފްގެ ކޮއްކޮ ޞިދްރާއާ ވާހަކަ ދައްކައި ލެވޭގޮތްވީމާ އޭނާ ހުރީ ވަރަށް ހަމަ ޖެހިފައެވެ. ޞިދްރާއަކީ ކަޝަފާ ތަފާތު ކުއްޖެކެވެ. ޒަރޫންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ޞިދްރާއާއި ޒަރޫން އެދެއްކި ވާހަކައެއް އެދެމީހުންގެ މެދުގައި ސިއްރުކޮށް ބޭއްވިއެވެ. އެވާހަކަތައް ނިމުމުން ކަޝަފް އަތަށް ފޯނުގެނެސްދީ ، ޒަރޫންގެ ފޯނެކޭ ބުނެ ފޯނު ދިއްކޮށްލައެވެ. ޞިދްރާ ގާތަށް ހުރީ ލާނެތްފާޑުގެ ހިންޏެއް އައިސްފައެވެ.

" ތިއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ ؟ ދުވާލު ހަތަރުދަމު އަހަރެން މިގެންދަނީ ފޯނު ކުރަމުންނެވެ. އަހަރެންގެ ފޯނު ނުގަނަނީ ކީއްވެ ހެއްޔެވެ ؟ އެކަމަކު ކައިވެނި ކުރަން ބޭނުންވަނީ އަހަރެންނާއެވެ. " ކަންފަތުގައި ފޯނު ޖެހުމާއެކު ކަޝަފް ހަޅޭއްލަވައިގަތެވެ.

އެންމެ ފުރަތަމަވެސް ޒަރޫން ކަޝަފްގެ ކިބައިން މަޢާފަށް އެދެއެވެ. އަދި އޭނާ މިހާރު ހުރީ އިސްލާމްއާބާދުގައި މަސައްކަތަށް ނުކުމެ ކަމުގައި ބުނެއެވެ. އަދި މިހާރު ވަގުތު ހުސްކޮށްގެން ކަޝަފާ ގުޅީ ކަމުގައި ބުންޏެވެ. ޒަރޫން މަޑުމައިތިރިކަމާއެކު ދެއްކި ވާހަކައިން ކަޝަފްގެ ރުޅިގަނޑަށް އެއްވެސް އަސަރެއް ނުކުރިއެވެ. ސާރ އަބްރާރުގާތުގައި ކަޝަފްގެ ކައިވެނީގެ ވާހަކަ ދައްކައިގެން ޒަރޫންދެކެ އޭނާ ރުޅިއައިސްހުރިކަން ކަޝަފް އަންގައިލިއެވެ. ޒަރޫން ދެކޭގޮތުގައި މީހެއްގެ ކައިވެންޏަށް އެދުމަކީ ކުށެއް ނޫނެވެ. ޒަރޫންގެ ހުށަހެޅުން ޒަރޫންގެ އަތުގައި ބާއްވަން ކަޝަފް އެދެއެވެ. މުޅި ދުނިޔެއިންވެސް ކަޝަފަށްޓަކައި ހުރީ ޒަރޫން ކަމަށް ހީކުރަނީ ހެއްޔެވެ ؟ ކަޝަފް އާ ކައިވެނިކުރަން އެތައް ކުދިންނެއް ތިބޭނެކަމަށް ޒަރޫން ޤަބޫލުކުރެއެވެ. ޒަރޫންއަށް އަންހެނުންނަށް އިޙްތިރާމްކުރަން ދުވަހަކުވެސް ދަސްނުވާނެކަމަށް ކަޝަފް ބުނެއެވެ.

" މީހަކާ އިންނަން ހުށަހެޅުމަކީ އަންހެނުންނަށް އިޙްތިރާމް ނުކުރުންކަމަށް ކަޝަފަށް ފެންނަނީ ކީއްވެ ހެއްޔެވެ ؟ ޙަޤީޤަތުގައިވެސް އަހަރެން އަންހެނުންނަށް އިޙްތިރާމް ކުރަމެވެ. " ޒަރޫން ބުނެއެވެ.

ޒަރޫންގެ އިޙްތިރާމް ޒަރޫން އަތުގައި ބާއްވަން ކަޝަފް އެދެއެވެ. އަދި ޒަރޫންގެ ފަރާތުން އެއްވެސް ކަމެއް އޭނާ ބޭނުންނުވާ ވާހަކަ ކަޝަފް ބުނެއެވެ. ޒަރޫން އެދެނީ ކަޝަފް އާ ބައްދަލުކޮށްފައި އެވާހަކަ ދައްކާށެވެ. ފޯނުން އެވާހަކަ ދެއްކުމަކީ އެހާ ރަނގަޅުކަމެއްކަމަކަށް ޒަރޫންއަކަށް ނުފެނުނެވެ. ކަޝަފަށް މައްސަލަޔަކަށް ނުވާކަމަށް ވަންޏާ ކަޝަފްގެ އޮފީހަށް ގޮސް ބައްދަލުކޮށްލަންވެސް ޒަރޫން ހުރީ ތައްޔާރަށެވެ. އެހެންނަމަވެސް ޒަރޫންގެ މޫނު ދުށުމަށްވެސް ކަޝަފް ނޭދެއެވެ. އަދި އަމްދުން ކަޝަފްގެ އޮފީހަށް އަންނަން ޚިޔާލަށްވެސް ނުގެނައުމަށް ކަޝަފް ބުނެއެވެ.

" ހިނގައްޖެއްޔާ ! " ޒަރޫން މަޑުމައިތެރިކަމާއެކު ސުއާލު ކުރިއެވެ.

" އައިއްސިއްޔާ ހަދާނެގޮތް އެނގޭނީ އަހަރެންނަށެވެ. ނިކަން އައިސް ބަލާށެވެ !  " ކަޝަފް ބުންޏެވެ.

" ކަޝަފް ކުޑަކޮށް ހަމަޖެހިލައިގެން އަހަރެންގެ ހުށަހެޅުމާމެދު ވިސްނާލައިފިއްޔާ އެއީ އެހާ މުނާސަބު ނޫންކަމެއްކަމަށް ނުފެނިދާނެއެވެ. މާ އަވަސް އަރުވައިލާފައި މިކަހަލަ ކަންކަމުގައި ގޮތް ނިންމާކަށް ނުވާނެއެވެ. އަޅެ ރަނގަޅަށް ވިސްނައިލާ ބަލާށެވެ. " ޒަރޫން ބުންޏެވެ.

ކަޝަފްގެ ވިސްނުމުގައި ފިރިހެންކުދިންގެ ކަމަކީ އެއީއެވެ. އަންހެންކުދިންގެ ކައިވެންޏަށް އެދުނީމާ ، އެކުދިން ހުރިހާ ކަމެއް ހުއްޓާލާފައި ، އިށީނދެ އެކަމަށް ވިސްނަންވީއެވެ.

" ޒަރޫން އަހަރެންނާމެދު ތިޔަގެންގުޅެނީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ ؟ އަހަރެންނަކީ ، އަސްމާރާ ، ނަވީން ، ނޯރީން، ފަރީން ، މާރިއާ ކަހަލަ މީހެއްނޫނީމެވެ. " ކަޝަފް ، ދިގު ލިސްޓެއް ޒަރޫންއަށް ހުށަހެޅިއެވެ.

ކަޝަފް އެލިސްޓް ކިޔައިލުމުން ޒަރޫންގާތަށް ހިނި އައެވެ. އަދި ކަޝަފަށް ، ޒަރޫން މައްލަވަކުރި ހުރިހާ ކުދިންގެ ލިސްޓް އެނގޭކަމަށް ބުނެ ސަމާސާ ކޮށްލިއެވެ. އަދި އެލިސްޓުގައި ފަރީންގެ ނަން އެކަނި ބާއްވަން ޒަރޫން ބުނެއެވެ. އެއީ އޭނާއަށް ވަރަށް އިޙްތިރާމްކުރާ ކުއްޖެއްކަމުގައި ބުނެއެވެ. ޒަރޫންގެ ހިތުގައި އޭނާގެ މައްޗަށްވެސް ޚިޔާލު އޮތްކަމުގައި ކަޝަފް ބުންޏެވެ. ޒަރޫންގެ ޖަވާބަކަށްވީ ،  އޭނާގެ ހިތުގައި ކަޝަފް އޮންނަނީ ޗުރޭލްގެ ގޮތުގައި ނޫންހޭ ބުނެ އިތުރަށް ކަޝަފާ ސަމާސާ ކޮށްލިއެވެ. އެހެންކަމަށް ވަންޏާ ، ޗުރޭލެއްގެ ގޮތުގައި ޒަރޫންއާމެދު އޭނާ ކަންތައްކުރަން ބޭނުން ނޫންކަމަށް ވަންޏާ އިތުރަށް ދެން އޭނާއާ ނުގުޅުމަށް ބުނެ ފޯނު ކަނޑާލައެވެ.

އެވަގުތު ޞިދްރާވެސް އެތަނަށް އައިސް ވަދެއެވެ. ޞިދްރާހުރީ ކަޝަފާ ނިވާވެގެން ކަޝަފް ދައްކާ ވާހަކައިގެ އަޑު އަހާށެވެ. ތިހުރިހާ ވާހަކައެއް ، ކޮންމެ ވާހަކައެއްގެ އިދިކޮޅަށް ރުޅިއައިސް ރަތްވެގެން ދެއްކީމަ ލައްކަ ފައިދާ ވެއްޖެ ދޯއޭ ބުނެ ޞިދްރާ ، ކަޝަފާ ސުއާލުކުރިއެވެ. އަންނަ ކޮންމެ ، ރަނގަޅު ހުށަހެޅުމަކަށް ކަޝަފް ތި ދެނީ ބީރު ކަންފަތެކެވެ.

" ރަނގަޅު ހުށަހެޅުމެކޭ ހެއްޔެވެ ؟ ޞިދްރާއަށް އެ އިންސާނާގެ އުޅުމާއި އަޚުލާޤު އެނގޭ ހެއްޔެވެ ؟ ނޭނގޭނެއެވެ. އަހަރެންނަށް އެއީ ކިހާވަރެއްގެ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. ދެއަހަރުވަންދެން ޔުނިވަރސިޓީގައި އޭނާއާ އެއްކްލާހެއްގައި އުޅުނީ އަހަރެންނެވެ. އޭނާގެ ހުރިހާކަމެއް އަހަރެންނަށް އެނގެއެވެ. އޭނާގެ ގޮތެއްފޮތެއް ނެތްކަމާއި ރުޅިއާއި ، މީހުންނަށް މަލާމާތް ކުރުމާ އަދި ކުދިން ފަހަތުން ދުވާތަންވެސް އަހަރެންނަށް އޮތީ ފެނިފައެވެ. އެހެންވީމާ މީގެފަހުން އޭނާ އެހުށަހެޅީ ރަނގަޅު ހުށަހެޅުމެއްކަމަށް އަހަރެންގާތު ނުބުނާށެވެ. " ކަޝަފް ރުޅިވެރިކަމާއެކު ޞިދްރާއާ ދިމާއަށްވެސް ހަޅޭއްލަވައިގަތެވެ.

ޞިދްރާ ހުރީ ކަޝަފްގެ ރުޅިގަދަ ކަމާހުރެ ބޯގޮވާފައެވެ. ޞިދްރާ ދެކޭގޮތުގައި އެއީ ރަނގަޅު ހުށަހެޅުމެކެވެ. އެ ހުށަހެޅުން ކަޝަފް ދޫކޮށްލައިގެން ނުވާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ފާރޫގުގެ ވަރަށް ރީތި ވާހަކައެއް ވަރަށް ކުރިން ކީމެވެ. އެ ދުވަހުން ފެށިގެން ފާރޫގެ ނަން އޮތް ލިއުމެއް ވިއްޔާ ނުކިޔައެއް ނުހުރެވެއެވެ. މި ވާހަކަވެސް މި ދަނީ ކިޔަމުންނެވެ. އެކަމނަކު އަތުގައި ފޮތެއް އޮވެގެން ކިޔާލީމާ ވާ އުފަލެއް ނުވެއެވެ. ބައެއް ކިޔާފަ އަނެއް ބައި ކިޔަން އެއް ދުވަސް ހުންނަން ވީމާ ވަރަށް ދެރަވެއެވެ. ފާރޫގުގެ ވާހަކަ ފޮތެއް ކިޔަން ލިބޭނީ ކޮން ދުވަހަކުންތޯއެވެ؟ މިހާރު ލިބެން ހުރިއްޔާ ހުރި ތަނެއް ބުނުއްވާ ދެއްވާށެވެ.

    • އުރުދޫ އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ވާހަކަ ވަރަށް ގިނައިން އަޅުގަނޑު ކިޔަމެވެ. އިންސާނާގެ ދިރިއުޅުމާ ގުޅުން ހުންނަ ޢިބްރަތްތެރި ވާހަކަ ލިޔުމަކީވެސް އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. ގިނައިން ލިޔެވިފައި ހުންނާނީ ކުރުވާހަކަ ތަކެވެ. އެއީ ނޫސްތަކުގައެވެ. ދިގުވާހަކަވެސް ނޫސްތަކުގައި ފުދޭވަރަކަށް ލިޔެވިފައި ހުންނާނެއެވެ. ޢިރާޤުގެ އަންހެންދަރި " މިޔާދާ " ނޫން ވާހަކަ ފޮތެއް އަދި ޗާޕް ކުރެވިފައެއް ނުވާނެއެވެ. އެ ވާހަކަވެސް " ލިޔުންތެރިން " ގައި އޮންލައިންކޮށް އެބޭފުޅުން މިހާރު ، ޝާއިޢު ކުރައްވަމުން އެބަ ގެންދަވައެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އޮންލައިންކޮށް ވާހަކަ ވިދާޅުވުމަކީ ގިނަ ބޭފުޅުން ބޭނުންފުޅުވާ ގޮތް ކަމަށް ފެންނާތީ ، ވާހަކަފޮތް ޗާޕް ނުކުރެވެނީކަމަށް ވެދާނެއެވެ. އަޅުގަނޑު ލިޔާ ވާހަކަތަކަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާތީ ، ޒުހޭރާއަށް ޝުކުރު ދަންނަވަމެވެ. ފަށްފަށުން ޝުކުރިއްޔާއެވެ !

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.