ދެކަފި - 50

(3 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖުނައިދު މަތީބުރިން ފައިބައިގެން އައިސް ސިޓިންގރޫމުގައި ޖައްސައިލިއެވެ. ޣަޒާލާ އިނީ ފެޝަން މަޖައްލާއެއް ބަލާށެވެ. ޣަޒާލާއާ ދިމާއަށް ބަލައިލުމަށްފަހު ، ސާރާއާ ވާހަކަ ދައްކައިފިންތޯ ޖުނައިދު ސުއާލު ކުރިއެވެ. އޭރުވެސް ޣަޒާލާ އިނީ ތުންފިއްތައިގެންނެވެ. ވަރަށް ތަފްޞީލުކޮށް ސާރާއާ ވާހަކަ ދެއްކިކަމަށް ޣަޒާލާ ބުނެއެވެ. ސާރާ އަނބުރި ދާކަށް ބޭނުމެއް ނުވެއެވެ. ފަރްޙާން އައިސް މާފަށް އެދި ސާރާ އެގެޔަށް ދާން ނުއެދެނިސް ސާރާ އެގެޔަކަށް ނުދާނެއެވެ. އެއީ އަހަރެމެންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތެވެ. ޣަޒާލާ އެބުނި އެއްޗެއްގެ މާނައެއް ޖުނައިދަކަށް ނަގައެއް ނުގަނެވުނެވެ. އެކަމާ ބެހޭގޮތުން ޖުނައިދު ސުއާލު ކުރެއެވެ. އެހުރިހާކަމެއް ހިނގައިދިޔައިރު ، މާފަށް އެދެންޖެހެނީ ކޮންކަމަކާކަން ޖުނައިދަށްވެސް އެނގެން ޖެހޭނެކަމަށް ޣަޒާލާ ދެކެއެވެ.

" ޣަޒާލާއެވެ ! ޣަޒާލާ ގެޔަށް ނާންނަނިސް އަހަރެން ފަރްޙާނާ ވާހަކަ ދެއްކީމެވެ. ފަރްޙާންގެ ވާހަކަ އަހާފައި އަހަރެން ގަންނަން ޖެހުނީ ލަދެވެ. ސާރާގެ ޢަމަލުތައް ހުންނަނީކީ ، ކޮންމެ ކޮންމެ ފިރިހެނަކަށް ދޫކޮށްގެން ހުރެވޭކަހަލަ ގޮތަކަށް ނޫނެވެ. އެކަން އެހެން އޮއްވާ ، ފަރްޙާން މިގެޔަށް ގެނެސް ސާރާގެ ކިބައިން މާފަށް އެދިފަ ، ސާރާބުނާ ކަންކަން އެބުނާ ގޮތަކަށް ކޮށްދޭށޭ ބުނަން އަހަރެންނަކަށް ނުކެރޭނެ އެވެ. އަދި އޭރަށް މައްސަލަ ޙައްލުވާނެކަމަށް ހީކުރަނީ ހެއްޔެވެ ؟ " ޖުނައިދު ބުންޏެވެ.

ސާރާއާ ބެހޭގޮތުން ޝަކުވާއެއް އޮތްކަމަށްވަންޏާ ، ފަރްޙާން ޖެހޭނީ ސާރާއާ ވާހަކަ ދައްކާށެވެ. އެންމެން ކައިރީ އެވާހަކަ ދައްކަމުން ފަރްޙާން ދުވާކަށް ނުޖެހެއެވެ. ޣާޒާލާގެ ވާހަކަ ނިންމައިލިއެވެ. ފަރްޙާން  އެގެޔަށް އައިސް ވާހަކަ ދެއްކީ އޭނާގެ ބޭބެ ޒަރޫންއާއެވެ. އެވާހަކަތައް އެނގުނީ ހަމައެކަނި ޣަޒާލާއާއި ޖުނައިދަށެވެ. އެންމެން ކައިރީ ސާރާގެ ވާހަކަ ދައްކަމުން ދުވީކީ ނޫނެވެ. އެކަމުގައި މައްސަޔަކީ ކޮބައިތޯ ޖުނައިދު ސުއާލު ކުރިއެވެ. ލޯ އަނދިރި މީހުންހެން ކަމުގެ ޙަޤީޤަތް ނުބަލައި ޖުނައިދާއި ޒަރޫންއާ ދެބަފައިން ، ފަރްޙާންއާ އެއްކޮޅަށް ޖެހިފަ ތިބޭތީ ޣަޒާލާގާތަށް ރުޅި އައެވެ. އަމިއްލަ ދަރިފުޅުގެ މައްޗަށް އެއްވެސް ހަމްދަރުދީއެއް ނެތް ގޮތަށެވެ. އެވަރުންވެސް ހަމްދަރުދީ އެވަނީ ،  އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ނަރަކަޔަށް ހެދި މީހާއަށެވެ. ޣަޒާލާއާއި ޖުނައިދު އެކަކު އަނެކަކަށް އެކަމުގެ އިލްޒާމް އަޅުވައި ވާހަކަ ދައްކަމުން ގެންދިޔައެވެ. ދެމީހުންވެސް ތިބީ ހަމައިން ނައްޓާފައެވެ.

" އަހަރެންނަކީ ސާރާގެ މަންމައެވެ. އެއްވެސް މަޔަކު ، އޭނާގެ އަންހެންދަރިފުޅުގެ ދިރިއުޅުން ބަރުބާދު ވެގެންދާކަށް ނޭދޭނެއެވެ. ޖުނައިދު ބުނަން ތިއުޅެނީ ސާރާ އެކުރާކަމެއްކުރަނީ އަހަރެންނާ ހުރެއޭ ހެއްޔެވެ ؟ ތިއުޅެނީ ، ފަރްޙާން ނޭދޭގޮތްގޮތަށް ސާރާ އެއުޅެނީ އަހަރެން ސާރާއަށް ނުބައި ނަޞޭޙަތް ދޭތީއޭ ބުންނަ ހެއްޔެވެ ؟" ޣަޒާލާ ބުންޏެވެ.

އެގޭގެ އެންމެ ބޮޑު މައްސަލަޔަކީ އެއްވެސް މީހަކު އަނެކަކު ބުނާގޮތް ނުހެދުމެވެ. ކޮންމެ މީހަކުވެސް އުޅެންވީ އެމީހަކަށް ފެންނަ ގޮތަކަށެވެ. އަނެކާއާ ދޭތެރޭ ވިސްނައެއް ނުލާނެއެވެ. ޖުނައިދަށް ފެންނަ ގޮތުގައި ، މިވަގުތު އެންމެ މުހިންމީ އެދެމީހުންނާ ވާހަކަ ދައްކައިގެން ދެމީހުން އެއްގަލަކަށް އެރުވުމެވެ. ސާރާ ބޭނުންވީމަ ބޭނުންހާ ގޮތަކަށް ހަދައިގެން އަދި ކަމަކު ނުދާނެއެވެ.

" އެއްގަލަކަށް އެރުމުގެ ޝަރުތަކީ ކޮބައިކަން އެނގޭ ހެއްޔެވެ ؟ ގެއިން ބޭރަށް ނުނުކުމެ ސާރާ ގޭގައި ބަންދުވެގެން އިނުމެވެ. ނޯކަރެއްހެން ފަރްޙާނަށް ޚިދުމަތް ކުރުމެވެ. ފަރްޙާން ބޭނުންވާ ހުރިހާގޮތެއް ސާރާ ހެދުމެވެ. ޖުނައިދުގެ ނަޒަރުގައި އެއީ އެއްގަލަށް އެރުންކަމުގައިވާނަމަ ، މަޢާފު ކުރާށެވެ ! އެދެމީހުން  އެއްގަލަކަށް އަރުވަން ނޫޅޭށެވެ ! " ޣަޒާލާގެ ވިސްނުމުގައި ހުރިގޮތް ރުޅިވެރިކަމާއެކު ޖުނައިދުގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ.

ޖުނައިދު އިނީ އޭނާގެ އަންހެނުން އެދެއްކި ވާހަކަތައް އަޑުއަހަންވެސް ލަދުގެންފައެވެ. އަނގައިންވެސް ބުނަން ނޭނގި ގަބުވެފައި އިނެވެ. ސާރާގެ އާދަތަކާއި އުޅުންހުންނަ ގޮތް ޖުނައިދަށްވެސް އެނގެއެވެ. އަދި އޭނާވެސް ސާރާއަށް ނަޞޭޙަތް ދެއެވެ. އެހެންނަމަވެސް ، ޖުނައިދުގެ ބަހެއް ސާރާ ޤަބޫލެއް ނުކުރެއެވެ. ސަރާ އަބަދުވެސް އަހާނީ މަންމަ ބުނާ ގޮތެވެ.

------------------------

އަސްމަރާ ޒަރޫން ގާތުން ސަލާމަތްވެގެން ގެޔަށް އައިސް ވަންނަތަނުން އޭނާގެ މަންމައާ ދިމާވެއެވެ. މަންމަ އިނީ ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. ފޯނު ބާއްވާފައި ބަލައިލިއިރު ، އަސްމަރާއިނީ މިލާ މޯޅިވެފައެވެ. ސިކުނޑި ގޮވާފައިކަމަށް އަސްމަރާ ބުންޏެވެ. އޭނާގެ މަންމަގެ ސިހުމަށް ސިކުނޑި ގޮވީ އޭނާގެ ނޫންކަމާއި ގޮވީ ޒަރޫންގެ ސިކުނޑިކަމަށް އަސްމަރާ ބުނެއެވެ.

އަސްމަރާގެ ކިބައިގާ ހުރި ކޮންމެ ކަމެއް ޒަރޫންއަށް މިހާރު ފެންނަނީ ގޯސްކޮށެވެ. ފޭސްބުކްގައި އަސްމަރާ ޕޯސްޓްކުރި ފޮޓޯތައް ނަގަންވެސް ޒަރޫން ބުނެފިއެވެ. ޒަރޫންއަށް އެފޮޓޯތައް ކަމުނުދަންޏާ ނުބަލަންވީ ނޫން ހެއްޔެވެ. އެފޮޓޯތައް ނަގާކަށް ޒަރޫންއަކަށް އަމުރެއް ނުކުރެވޭނެއެވެ. އަސްމަރާ އެބުނީ ރަނގަޅު ވާހަކައެއްކަމަށް އޭނާގެ މަންމަވެސް އެއްބަސް ވެއެވެ. ޒަރޫންއަށް މިހާރު ވެގެންއުޅޭގޮތެއް އަސްމަރާއަކަށް ނޭނގެއެވެ. ކުރިން ހުރިހާ ތާކަށް އަހަރެންނާއެކީ ދާނެއެވެ. މިހާރު ޒަރޫން ނުދާ ފަހަރަކު އަސްމަރާގެ ރައްޓެހިންނާއެކު ދިޔައިމަ އެވެސް މައްސަލަޔަކަށް އެބަ ވެއެވެ. ޒަރޫންއަށް އެއައި ބަދަލާ ބެހޭގޮތުން އަސްމަރާގެ މަންމަވެސް ކަންބޮޑު ވެއެވެ. އަދި ޒަރޫން އެހެންކަމެއް ކުރަނީތޯ އަސްމަރާކުރެން އޭނާގެ މަންމަ އަހައެވެ. މަންމަގެ އެވާހަކައިން އަސްމަރާގެ ހިތުގައި ސުއާލުމާރކްތަކެއް އުފެދުނެވެ. ޒަރޫންގެ ޔުނިވަރސިޓީ ދުވަސްވަރު އޭނާ އުޅެފަހުރިގޮތުން ، އެއީ ވަކި ގޮތެއް ނިންމަން އަސްމަރާއަށް އުނދަގޫވި ސުއާލެކެވެ.

------------------------

ނިޤާރުވެސް އޭނާގެ ފިރިހެންދަރިފުޅު ، އެންމެ މޮޅު ޔުނިވަރސިޓީއަށް ވައްދަން މުރުތަޟާއަށް ލަފާދިނެވެ. އަންހެން ދަރިފުޅުވެސް ކިޔެވިފަދަ މޮޅު ތަނަކުން ޙައްމާދަށްވެސް ކިޔަވައިދޭން ނިޤާރު ނިންމާ އެކަން މުރުތަޟާއާ ޙަވާލު ކުރެއެވެ. ނިޤާރު ގޮތަކަށް ނިންމައިފިއްޔާ އެގޮތެއް ހަދަން މުރުތަޟާއަށް މަޖުބޫރު ވާނެއެވެ. އެހެންނޫނީ ގެޔަކަށް ނުވައްދާނެއެވެ.

" އަހަރެންގެ އަންހެން ދަރިފުޅު ކިޔަވާ އެނިންމައިލީ އޭނާ އަމިއްލަ މަސައްކަތުން ލާރި އެއްކޮށްގެން އެހެން މީހެއްގެ އެހީއާ ނުލައެވެ. ޙައްމާދަށް ހުރިހާ ޚަރަދެއް މިކުރަނީ އަހަރެންނެވެ. އޭނާ ފާސްވެސް އެވީ ދެވަނަ ދަރަޖައިގައެވެ. އެދަރަޖައިގަ ފާސްވެގެން ރަނގަޅު ޔުނިވަރސިޓީއަކަށް ނުވައްދާނެއެވެ. " މުރުތަޟާ ބުންޏެވެ.

ނިޤާރު އެބުނަނީ ، އެދަރަޖައިގާ ފާސްވެގެން ޔުނިވަރސިޓީއަށް ނުވައްދާނެ ވާހަކައެއް ނޫނެވެ. ޙައްމާދަށް އެންމެ ރަނގަޅު ޔުނިވަރސިޓީއަކަށް ވެއްދޭނެ ކޮންމެވެސް ގޮތެއް ހަމަޖައްސާށެވެ. އެގޮތެއް އެނގޭނީ މުރުތަޟާ އަށެވެ. ނިޤާރު ބޭނުންވަނީ ކަރާޗީގެ ޔުނިވަރސިޓީއެއްވެސް ނޫނެވެ. ލާހޯރުގެ ޔުނިވަރސިޓީއަކަށް ޙައްމާދު ވައްދާށެވެ. އެކަމަކު ، ޙައްމާދު ފާސްވެފައި އެހުރީ ކަރާޗީގެ ޔުނިވަރސިޓީއަކަށްވެސް ވަދެވޭ ވަރަށްވުރެ ދަށުންނެވެ. ނިޤާރުގެ ހިތްވެސް އަރަ އޮންނަނީ ޞިދްރަތުލް މުންތަހާގައެވެ. ޔުނިވަރސިޓީއަކަށް ވަދެވޭ ވަރުގެ ފެންވަރު ޙައްމާދުގެ ނެތީމަ ، އެންމެފަހުން ކަޝަފާ އެވާހަކަ ދައްކަން ، މުރުތަޟާގާތު ނިޤާރު އެދެއެވެ. ކަޝަފަށް އެލިބުނީ ސަރުކާރުގެ ވަޒީފާއެކެވެ. ލާހޯރުގައި ކަޝަފް ދަންނަ ބޮޑެތި މީހުން މިހާރު އުޅޭނެއެވެ. ކަޝަފް ގެ ނުފޫޒުގެ ބޭނުން ހިފާށޭ ބުނެ ، މުރުތަޟާ އަށް ނިޤާރު ނަޞޭޙަތް ދެއެވެ. އެކަމަކު މުރުތަޟާ ހުރީ ކަޝަފާ އެވާހަކަ ދައްކާ ގޮތަކަށް ނޫނެވެ. އޭނާއަށް އެކަން ކުރާކަށް ނުކެރޭނެ އެވެ. އެތިންކުދިންނަށް މުރުތަޟާ އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. ކަމެއް ކޮށް ނުދިނަސް ބައްޕަ ވީމަ އެކުދިންގާތު ކަމުކިޔަންޖެހޭނެކަމަށް ނިޤާރު ބުނެއެވެ.

" ރާފިޢާ ގާތު ބުނެގެން އަޅެ ކަޝަފާ އެވާހަކަ ދައްކާލަ ބަލާށެވެ ! އެގޭގައި މުރުތަޟާއަށް ޢިއްޒަތާއި ޤަދަރު އޮންނަ ވާހަކަ ބުނަމެއް ނޫން ހެއްޔެވެ ؟ " މުރުތަޟާގެ ބޯ ކައިލެވޭތޯ ނިޤާރު މަސައްކަތް ކުރަމުން ގެންދިޔައެވެ. މުރުތަޟާވެސް ނޫންކަމަށް ހަދާކަށް ބޭނުމެއް ނޫނެވެ. ކަޝަފް ބޭނުންކަމަށްވަންޏާ ، ކަޝަފަށް ކުރެވޭނެ ވަރަށްގިނަ ކަންކަން ހުންނާނެއެވެ. ކަޝަފް މެދުވެރިކޮށް ގޮތެއް ހޯދާއިރު ، ފައިސާގެ ހަދިޔާއެއް ދޭން ޖެހެންޏާ އެކަންވެސް މިހާރު ކަޝަފަށް ކޮށްދެވޭނެއެވެ.

މުރުތަޟާއަކީވެސް ނަހަލާލު ފައިސާ ހޯދާ މީހެކެވެ. އަދާކުރާ ވަޒީފާއާ ގުޅިގެން ، މީހުންނަށް ކޮށްދޭ ކަންކަމުން ނުޙައްޤު ފައިސާ ހޯދުމަކީ މުރުތަޟާ ކުރާ ކަމެކެވެ. ރާފިޢާއާ އިނދެގެން އުޅުނުއިރު ، އެކަހަލަކަމެއް ކުރިޔަކަ ނުދެއެވެ. އެކަމަކު ނިޤާރާ އިންފަހުން ، އެއީ ނިޤާރުވެސް ތަރުޙީބުދޭކަމެއް ކަމަށްވާތީ އެކަން ކުރުމުގައި މުރުތަޟާއަކަށް އެއްވެސް ހުރަހެއް ނޯވެއެވެ.

------------------------

ޒަރޫންއަށް ފޯނުކޮށްފައި އިތުރު ވާހަކައެއް ދެއްކުމެއްނެތި ، ކަޝަފްގެ ޙަޔާތުގައި އެހެން އަންހެންކުއްޖަކު އުޅޭތޯ އަސްމަރާ އަހައިލިއެވެ. އަސްމަރާގެ ސުއާލުން ޒަރޫންއަށް ލިބިގެންދިޔައީ ފުން ޙައިރާން ކަމެކެވެ. އެސުއާލަށް ރުޅި ނައުމަށް އަސްމަރާ އެދެއެވެ. ހަމަ އެއާއެކު ، އަސްމަރާގެ ކޮންމެ ކަމަކަށްވެސް ބުނާ ކޮންމެ ވާހަކަޔަކަށްވެސް ޒަރޫން ހިތްހަމަ ނުޖެހޭކަން ހަނދާން ކޮށްދިނެވެ. އެންގޭޖްމަންޓާއި ކައިވެންޏަށް ހިތްހަމަ ނުޖެހޭކަމަށް ވަންޏާ ޒަރޫން އޭނާގާތު ސާފުކޮށް ބުނުމަށް އަސްމަރާ އެދެއެވެ. އަދި އަސްމަރާ ޒަރޫންދެކެ ފޫހިވާނެގޮތަކަށް ކަންތައް ނުކުރުމަށްވެސް އެދެއެވެ. ޒަރޫންގެ ހިތުގައި އެއްވެސް ކުއްޖަކު އޮތްނަމަ އަސްމަރާގާތު ސާފުކޮށް ޒަރޫން ބުނާނެ އެވެ. އަސްމަރާއަކަށް ދޮގެއް ނުހަދާނެއެވެ.

" މިގުޅުމުގައި މައްސަލައެއް އުޅޭނަމަ އުޅޭހާވެސް މައްސަލަޔަކީ ، އަސްމަރާގެ އުޅުމާއި އަޚްލާޤެވެ. ޤަބޫލު ނުކުރަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ތިންވަނަ މީހެއްގެ މައްސަލައެއް އަހަރެމެންގެ ތެރެޔަކު ނެތެވެ. " ޒަރޫން ބުންޏެވެ.

ޒަރޫންދެކެ އިންތިހާއަށް އަސްމަރާ ލޯބި ވެއެވެ. އަސްމަރާއާއި ޒަރޫންގެ ގުޅުމަކީ ، އަސްމަރާގެ އުޅުމާއި އަޚުލާޤާހުރެ އަސަރުކުރާ އެއްޗަކަށްވީގޮތެއް އަސްމަރާއަކަށް ނުވިސްނުނެވެ. އެއީ އެހާ ދެރަވަރުގެ ގުޅުމެއް ކަމަކަށް އަސްމަރާ ހިއެއް ނުކުރެ އެވެ. އިރުއިރުކޮޅުން ، އަންހެންކުދިންނާ ފިރިހެންކުދިން ޕާޓީ ހަދާފަ ކޮންސެޓަށް ދިއުމަކީ ޒަރޫން ރުހޭކަމެއް ނޫންކަމަށް އެތައް ފަހަރަކު އޭނާވަނީ އަސްމަރާގާތު ބުނެފައެވެ. އެކަމަކު އެންމެ ފަހަރަކުވެސް ، ޒަރޫންބުނާ ވާހަކައެއް އަސްމަރާ ޤަބޫލެއް ނުކުރެއެވެ. އެކަން އެހެން އޮއްވާ އަސްމަރާ އެދައްކަނީ ކޮންލޯތްބެއްގެ ވާހަކައެއްކަމާމެދު ޒަރޫންގެ ހިތުގައި ސުއާލު އުފެދެއެވެ. ޒަރޫންގެ ދުލުން އެކަހަލަ ވާހަކައެއް  އަހާކަށް އަސްމަރާ ބޭނުމެއްނޫނެވެ. އެއީ ވަރަށް އަމިއްލަ އެދުމުން ފުރިގެންވާ ވާހަކަ އެކެވެ.

" އަހަރެން ވަރަށް ސާފުކޮށް މިބުނަނީއެވެ ! އަސްމަރާ ތިއުޅޭގޮތަށް ދިރިއުޅެން އަހަރެންނަކަށް ތަޙައްމަލެއް ނުކުރެވޭނެ އެވެ. އެއީ އަހަރެންގެ އަމިއްލަ ގޭގައިވެސް ޙާލު އޮތްގޮތެވެ. އަހަރެންގެ އަމިއްލަ ގެއިން ، މިހާރު މި ތަޖުރިބާ ކުރަނީ ތިކަހަލަ ކުއްޖެއްގެ ދިރިއުޅުމުގެ ތަޖުރިބާ އެވެ. ސާރާގެ ދިރިއުޅުމުންނެވެ. " ޒަރޫން ބުންޏެވެ.

އަސްމަރާއަށް ވިސްނޭގޮތުގައި ، ޒަރޫންގެ މަންމަޔަކީ ވަރަށް ހަރުދަނާ ޝަޚުޞިއްޔަތެކެވެ. ސާރާއަށް މަންމަ ދީފައިވާނީ ހަރުދަނާ ތަރުބިއްޔަތެއްކަން ގައިމެވެ. އެއްވެސް ކަމެއް ކޮށްނުދީ ދޫކޮށްލާފައެއް ނުވާނެއެވެ. އެވަރުންވެސް މަންމަޔާ ދޭތެރޭ ޒަރޫން އެވިސްނަނީ ކަންއޮތްގޮތާ އިދިކޮޅަށެވެ. ޒަރޫންގެ މަންމަޔާ ބެހޭގޮތުން ، އޭނާ އެވިސްނާގޮތް އަސްމަރާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ޒަރޫންގެ ގޭގެ ކަންކަމާބެހޭ ޚުލާޞާއެއް އަސްމަރާއަށް ދޭކަށް ޒަރޫން ބޭނުމެއް ނުވެއެވެ. އެކަމާބެހޭ ގޮތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އަސްމަރާއަކަށް ޤަބޫލެއް ނުކުރެވޭނެ އެވެ. އެއީ އެއްފާޑަކަށް އުޅޭ ބަޔެއްކަމަށް ވާތީއެވެ. އެއީ ޒަރޫންއަށް ކަމުދާ ޒާތަކަށް އުޅޭ ބައެއް ނޫނެވެ. އެމީހުންގެ މައްޗަކަށް ޒަރޫންގެ ބަހެއްވެސް ، ނުވިތާކަށް ބައްޕަގެ ބަހެއްވެސް ނުވިކެއެވެ. ޒަރޫން އަސްމަރާއަށް ދޭން ބޭނުންވާ މެސެޖަކީ ، އޭނާގެ މައިންބަފައިންގެ ދިރިއުޅުން ހުރިގޮތަށް އޭނާ ދިރިއުޅެން ބޭނުން ނުވާކަމުގެ މެސެޖެވެ. އެކަން އަސްމަރާއަށް ނުވިސްނިގެން ، އެކަމާބެހޭގޮތުން އަސްމަރާއާ ވާހަކަ ދައްކައި ޒުވާބު ކުރާކަށް ޒަރޫން ބޭނުމެއް ނުވެއެވެ.

" އަސްމަރާވެސް ތަންކޮޅެއް ބޮޑަށް މިކަމާ ވިސްނާށެވެ ! އެންމެ ރަނގަޅު ގޮތަކީ ، އަހަރެމެން ކުރިންވެސް ތިބިގޮތަށް ގާތް ރަޙުމަތްތެރިންގެ ގޮތުގައި ތިބުމެވެ. ދަމުން ދަމުންގޮސް އެކަކު އަނެކަކަށް އެއްޗެތި ކިޔައި އަބަދު ޒުވާބު ކުރުމަކީ މާ ތާހިރު ކަމެއް ނޫނެވެ. " ޒަރޫންގެ އަޑުގައިވެސް ވަނީ ގޮތްދޫނުކުރުމާއި ރުޅިވެރިކަމެވެ.

އަސްމަރާ އިނީ ދެރަވެފައެވެ. އެހެންނަމަވެސް ، ޒަރޫންއަށް އޭނާ ދެރަވެފައި އިންކަން އަންގާކަށް ބޭނުމެއް ނުވެއެވެ. އެންމެ ރަނގަޅޭ ބުނެ އަސްމަރާ ފޯނު ބާއްވައެވެ.

ޒަރޫން ، އަސްމަރާއާ ވާހަކަދައްކައި ނިމުމުން ، ބައްޕަގާތަށް ދެއެވެ. ބައްޕަ ގޮވައިލީމައެވެ. ޖުނައިދުވެސް އިނީ ގޭތެރޭގައި އެހިނގާ ކަންތައްގަނޑާ ގުޅިގެން ހަދާނެގޮތް ބޮޑުވެފައެވެ. ޒަރޫން އައިސް ބައްޕަގެ ކުރިމަތީހުރި ގޮނޑީގައި ޖައްސައިލައެވެ.

އަސްމަރާގެ ބައްޕަ ފޯނުކުރިވާހަކަ ، ޖުނައިދު ބުނުމުން ޒަރޫންގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އަސްމަރާގެ ބައްޕަ ފޯނުކުރީ ޒަރޫންގެ ޝަކުވާ އަކައިގެންނެވެ. އެދެމަފިރިން އެރޭ ރޭގަނޑު ކެއުމަށް އައުމަށް ޖުނައިދުވަނީ ދަޢުވަތު ދީފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.