ދެކަފި - 23

(6 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ﷲ ވޮޑިގެންވަނީ އަހަރެމެންނާ އެކުގައެވެ." ޞިދްރާ ބުންޏެވެ.

"ﷲ ވޮޑިގެންވަނީ މުއްސަނދިންނާ އެކުގައެވެ. އަހަރެމެންނާ އެކުގައެއް ނޫނެވެ. އަހަރެމެންނަށް ﷲ ދެއްވީ ކޮން އެއްޗެއް ހެއްޔެވެ؟" ކަޝަފް ބުންޏެވެ.

ދިރިއުޅުމުގައި ތަކުރާރުކޮށް ކުރިމަތިވަމުންދާ ހިތްދަތި ޙާލަތާ ގުޅިގެން ، އެމީހުންގެ ޙާލަތު އެހެންގޮތަކަށް ބަދަލުވެދާނެ ކަމަށް، ކަޝަފަށް އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެވެއެވެ. ރާފިޢާ އުއްމީދު ކުރަމުން އެގެންދަނީ އޭނާގެ ތިންކުދިން ބޮޑުވެ މީހުންނާ އިނދެގެން ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެ ދުވަހަކަށެވެ. އޭނާގެ ހުރިހާކަމެއް އެކުދިންނަށްޓަކައި ވަނީ ޤުރުބާން ކުރެވިފައެވެ. އެހެންނަމަވެސް ، ރާފިޢާގެ ކެތްތެރިކަމާއި ހިތްވަރުގަދަކަން މިނެލެވޭފަދަ ސިކުނޑިއެއް އެކުދިންނަކަށް ލިބިފައެއް ނުވެއެވެ. އެ ޅަ ސިކުނޑިތައް އަބަދުވެސް ހާސްކުރުވަމުންދަނީ ދުވަހުން ދުވަހަށް ދިމާވާ މައްސަލަތަކުންނެވެ. ވިހޭއްސުރެ އެކުދިން ތަޖުރިބާ ކުރަމުން އެގެންދަނީ އެފަދަ ވޭންދެނިވި ޙަޔާތެކެވެ. އެހެންކަމުން ޙާލަތު ބަދަލުވުމަކީ އެކުދިންނަށް ކުރެވެން އޮތް އުއްމީދެއް ނޫނެވެ. ޚާއްޞަކޮށް ކަޝަފްގެ އުއްމީދުތަކުގައި އެއްވެސް ދިރުމެއް ނެތެވެ. ޞިދްރާއާއި ޝެހްނީލާއަކީ ކަޝަފާ ތަފާތު ދެކުއްޖެކެވެ.

------------------------

ކޮންމެ ދިރިއުޅުމެއްގައިވެސް އަދި ކޮންމެ ދެމީހެއްގެ ދެމެދުގައިވެސް މައްސަލަ އުފެދޭނެއެވެ. މައްސަލަ ނުއުފެދޭނަމަ ، މުއްސަނދިކަމުގެ ނިޢުމަތް ލިބިފައިވާ މުއްސަނދި ޢާއިލާއަކަށް އުފަންވެފައިވާ ޒަރޫން އާއި އަސްމަރާއާ ދެމެދު ޚިލާފުތަކެއް ނުއުފެދޭނެ އެވެ. އެދެމީހުންގެ ޒަވާޖީ ޙަޔާތުގެ ވާހަކަ ދެކެވުނީއްސުރެ މައްސަލައެއް ނުޖެހޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ކުޑައިރުއްސުރެ ދަންނަ ރައްޓެހި ދެކުދިންގެ ގޮތުގައި އެކުގައި އުޚެ ބޮޑުވެ ، މީހުންނާ އިންނަ ޢުމުރަށް އެޅިއިރު އެއީ ގާތް ދެ ރަޙުމަތްތެރިންނެވެ. އެހިސާބުން ، އަސްމަރާގެ ހުވަފެނަކީ ، ޒަރޫންއާއެކު ޒަވާޖީ ޙަޔާތެއް ލިބުންކަމަށްވިޔަސް ، ޒަރޫންގެ ޚިޔާލު ތަފާތެވެ. އެހިސާބަށް އައިއިރު ، އަސްމަރާއަކީ އޭނާގެ ރަހުމަތްތެރިއެކެވެ. އޭނާގެ ވިސްނުމާއި ނަޒަރު ބަށްޓަން ކުރެވިފައި އޮތީ އެގުޅުމުގެ މައްޗަށެވެ. ކައިވެނި ކުރަންއުޅޭ މީހެއްގެ ގޮތުގައެއް ނޫނެވެ. އެހެންނަމަވެސް ، ކުއްލިޔަކަށް އެ ރަޙުމަތްތެރިކަން ، ދިރިއުޅުމުގެ ބައިވެރިއެއްގެ ދަރަޖަޔަށް ގެންދަން މައިންބަފައިން ބޭނުންވިޔަސް ، ޙަޔާތުގެ ބައިވެރިއެއްގެ ނަޒަރުން ބަލައިގެން އަސްމަރާ ތަޖުރިބާ ކުރަން ޒަރޫން ބޭނުން ވެއެވެ. އެކަމުގައި ގޮތެއް ނިންމަން އެނާއަށް އިތުރު ވަގުތު ބޭނުން ވެއެވެ. އެކަމަކު ، އެކަން ޤަބޫލުކުރާ މީހަކު ނެތެވެ.

"ކޮންމެ ތަނަކީ ، އަންހެންކުދިން ގޮވައިގެން ދެވޭނެ ތަނެއްނޫންކަން އަސްމަރާއަށް ޤަބޫލު ނުކުރެވިގެން ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟" ޒަރޫން ބުންޏެވެ.

އެކަން އަސްމަރާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އިޖްތިމާޢީ އެއްވުންތަކުގައި އަންހެންކުދިންނާއި ފިރިހެންކުދިން ތަފާތު ކުރުމަކީ އަސްމަރާ ޤަބޫލުކުރާ ކަމެއްނޫނެވެ.

"އަސްމަރާއެވެ! އެތަނަކަށް އެއްވެސް އަންހެންކުއްޖަކު ނުދެއެވެ." ޒަރޫން ބުންޏެވެ.

އެކަމަކު އެއްކުއްޖަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ އެތަނަށް ގެންދިޔައެވެ. އެކަން އޮތީ އަސްމަރާއަށްވެސް އެނގިފައެވެ.

"ކޮންމެވެސް މޮޔަ ކުއްޖަކު އޭނާ ރައްޓެހިވެގެންއުޅޭ އަންހެންކުއްޖާ އެތަނަށް ގެންދިޔައެވެ. އަހަރެންނަކީ ، އަހަރެން ރައްޓެހިވެގެން އުޅޭކުއްކަޖު ނުވަތަ ޢާއިލީގޮތުން ތިމާގެ ކުއްޖަކު ، ރައްކާތެރިކަމެއްނެތް އެކަހަލަ ތަނަކަށް ގެންދާނެ މީހެއްނޫނީމެވެ. އެކުވެރިޔާއެވެ! އެކަހަލަ ތަންތަނަށް އަންހެންކުދިން ދަންޏާ ކޮންމެފަދަ ގޮތެއްވެސް ދިމާވެދާނެއެވެ."

އަސްމަރާއަށް ފެނުނުގޮތުގައި ޒަރޫން އެދިޔަތާކަށް އެއްވެތިބި މީހުންނަކީ ގޯސްބަޔެއްނޫނެވެ. އެމީހުން ގޯސްވެގެން އުޅެނީ ޒަރޫންއަށެވެ. ޒުވާން ފިރިހެނުންތަކެއް މަޖާކުރަން އެއްވާތާކަށް އަންހެންކުދިން ގޮސް މަސްހުނިވެ އުޅުމަކީ ޒަރޫން ދެކޭގޮތުގައި އަޚުލާޤީގޮތުން ދަށް ޢަމަލެކެވެ. އެކަހަލަ ކަންކަމުގައި ކަމަކާނުލައި އަސްމަރާ މައްސަލަ އުފައްދަނީއެވެ. ފިރިހެނަކަށް ވީމަ ކޮންމެފަދަ ބަޔަކު އެއްވާތާކަށްވެސް ޒަރޫން އަށް ގޮސް އުޅެވިދާނެއެވެ. އެކަމަކު ފިރިހެނަކާއެކު އަންހެންކުއްޖަކު ހުރެއްޖެނަމަ ، އެއީ ތަފާތު ކަމެކެވެ. މުޖުތަމަޢުގައި ގެންގުޅޭ އަޚުލާޤީ މިންގަނޑުން ބޭރުވެގެން އުޅޭ އަންހެނުންނަކީ ޒަރޫންއަށް ކަމުދާ ބައެއް ނޫނެވެ.

"ތިއީ ކިހާބޮޑު ތަފާތު ކުރުމެއް ހެއްޔެވެ؟ ޒަރޫން ހިތަށް އެރީމަ ހިތަށްއެރި ތާކަށް ދެވޭނެއެވެ. އަންހެނަކަށް ވީމަ އެމިނިވަންކަމެއް ނެތެވެ." އަސްމަރާ ބުންޏެވެ.

ޒަރޫންގެންގުޅޭ ތަފާތު ކުރުން ، ގަދަކަމުން އޭނާ ޤަބޫލު ކުރިއެވެ. އެހެންނަމަވެސް ، ޒަރޫންގެ ވިސްނުމާއި ފިކުރަށް  އަންނަމުންދާ ބަދަލަކީ އަސްމަރާ ފާހަގަ ކުރަމުން އަންނަ ބަދަލެކެވެ. އެދެމީހުންގެ މެދުގައި އެކަމާބެހޭގޮތުން ހިނގި ދެބަސްވުން ނިމިގެންދަނީ ޒަރޫން ހަތިޔާރު ބަހައްޓައިގެންނެވެ. އެހެންނަމަވެސް ޒަރޫންއަކީ ޒަރޫންކަން ދަނެގެން ، ކައިވެނިކުރަންޏާ ކައިވެނިކުރާށޭ ޒަރޫން ބުނެއެވެ.

------------------------

ކަޝަފުމެންނަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތްވުމަށްޓަކައި ، ރާފިޢާ ގެންދިޔައީ އެކަންލައިގަތްތާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންނެވެ. ރާފިޢާގެ ރައްޓެހި ނަބީލާ ބުނިގެޔެއް މިހާރުވަނީ ރާފިޢާ ބަލާފައެވެ. އެހެންނަމަވެސް މަހުކުއްޔަށް އެހާބޮޑު ޢަދަދެއް ދެއްކޭނެގޮތެއް އަދި ނުފެނެއެވެ. އެކަމާ ރާފިޢާ ހުންނަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. ޞިދްރާގެ ޚިޔާލުގައި މަންމަގޮސް ބައްޕައާ އަދި އެއްފަހަރު އެވާހަކަ ދައްކަން އެބަޖެހެއެވެ. ގެދޫކޮށްލާފައި އެހަތަރުމައިން ވަންނާނީ ކޮންތާކަށް ހެއްޔެވެ ؟ އަދި އެއީ ކިހާބޮޑުކަމެއްކަން މުރުތަޟާއަށް ނުވިސްނެނީ ކީއްވެބާވައެވެ ؟ އެހެންނަމަވެސް ރާފިޢާއަށް މުރުތަޟާގާތު ވާހަކައެއް ބުނާނެ ފުރުޞަތެއް މުރުތަޟާއެއް ނުދެއެވެ. ރާފިޢާގެ ފޯނަކަށްވެސް ޖަވާބެއް ނުދެއެވެ. މުރުތަޟާގެ ދެފައިގަ ހިފާފަ އާދޭސް ކުރަންވީ ހެއްޔެވެ ؟ އެއީ ، ބަލި ހިކަނދިގަނޑަކަށް ވެގެން ފައިބުޑަށް ވެއްޓެން ކާކު ހެއްޔެވެ ؟ އޭނާގެ އަނބިމީހާއާއި ބޮޑުވެފައިތިބި ތިން އަންހެންދަރިން ގެއިން ނެރެ އެއްލާލަން ނިންމި މީހަކާ ، ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ ؟ ރާފިޢާއަކީ ތަންދޮރު ނުދަންނަ ޖާހިލެއްނަމަ ، އެގޭ ދޮރުމައްޗަށްގޮސް ހަޅޭއްލެވީހެވެ. އެކަމަކު ކިޔަވައިގެންހުރި މީހެއްވީމަ އެފަދަ ދަށުދަރަޖައިގެ ކަމެއްކުރާކަށް ރާފިޢާގެ ޟަމީރު ތަނެއް ނުދެއެވެ. އެހެންނަމަވެސް ، ރާފިޢާ ޤަބޫލުކުރާގޮތުގައި ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އެއްވެސް އިންސާނަކަށް ، ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. މިއީ އެ ހަތަރުމައިންނަށް ﷲ މެދުވެރިކުރައްވާ އިމްތިޙާނެކެވެ.

ޞިދްރާ ލަފާދިންގޮތަށް މުރުތަޟާއާ ބައްދަލުކުރުމަށް ހިތްނޭދުނަސް ހިތްވަރުކޮށްފައި ރާފިޢާ ، މުރުތަޟާއާ ބައްދަލު ކުރެއެވެ. އަދި ގޭގޭގެ ކުލިބޮޑުވާހަކައާއި އެވަރަށް އެ ހަތަރު މައިންނަށް ފައިސާ ނުލިބޭ ވާހަކަ މުރުތަޟާ ގާތު ދައްކައެވެ. ގެހުސްކުރަން ޖެހޭކަމަށް ވަންޏާ ، އެންމެ މަދުވެގެންވެސް ތިންމަސްދުވަހުގެ މުއްދަތެއް ދީގެން ނޫނީ ، އެހެންތަނެއް ހޯދައިގެން އެގެ ހުހެއް ނުކުރެވޭނެއެވެ. މުރުތަޟާގެ ނިންމުމުގައި އެކަމުގައި މުރުތަޟާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އެއީ ރާފިޢާއާއި ބޭބެ ވައްހާބުގެ ކަމެކެވެ. އެމައްސަލައިގެ ތެރެޔަށް ވަންނާކަށް މުރުތަޟާ ބޭނުމެއް ނުވެއެވެ. މުއްދަތު އިތުރުކުރަން ބޭނުންކަމަށްވަންޏާ އެވާހަކަ ބޭބެއާ ދައްކަންޖެހޭނީވެސް ރާފިޢާއެވެ. ރާފިޢާމެންގެ އެއްވެސް ކަމަކާ ނުބެހުމަށް މުރުތަޟާ އޮތީ ނިންމާފައެވެ.

"ތިއީ އެކުދިންގެ ބައްޕައެވެ. އެކުދިން ގެއިންނެރެ މަގުމައްޗަށް ތި އެއްލައިލަނީ ކީއްވެ ހެއްޔެވެ؟ އެކުދިންނަށް ދިމާވާ އުނދަގުލަށް ޙާއްލު ހޯދައިދިނުމަކީ މުރުތަޟާގެ ވަޖިބެކެވެ." ރާފިޢާ ބުންޏެވެ.

"ހުރިހާ ވާޖިބެއް އަދާކުރަންވީ އަހަރެން ހެއްޔެވެ؟ ދަރިންގެ މައްޗަށް އެއްވެސް ފަރުޟެއް ، ވާޖިބެއް ނެތް ހެއްޔެވެ؟" މުރުތަޟާ ރުޅިއައިސް ރާފިޢާއާ ސުއާލުކުރިއެވެ.

މުރުތަޟާއާއި ރާފިޢާގެ ވާހަކަތައް އަޑުއަހަން ގޭތެރޭގައި ކަޝަފް ހުއްޓެވެ. އެންމެފަހުން ކަޝަފަށް ކެތްނުކުރެވިގެން ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ގޭތެރެއިން ނުކުމެގެން އައިސް މަންމައާ މުޚާތަބު ކުރިއެވެ.

"މަންމާއެވެ! ދެން ހުއްޓާލާށެވެ! މީދަ ފެންނަ މީހަކީ އަހަރެމެންގެ ބައްޕައެއް ނޫނެވެ. އަދި އެއީ މަންމަގެ ފިރިމީހާއެއްވެސް ނޫނެވެ. އެއީ އަމިއްލަ އެދުންބޮޑު އިންސާނެކެވެ." ކަޝަފް ،  ގޭތެރެޔަށް ވަނުމަށް ރާފިޢާ އެދުނެވެ. އެވަގުތު މުރުތަޟާއަކަށްވެސް މަޑެއްކޮށެއް ނީނދެވުނެވެ.

"ރާފިޢާ ތިދައްކަނީ މިކުދިންގެ ވާހަކަ ހެއްޔެވެ؟ ބަފަޔަކާ ވާހަކަ ދެއްކުމުގައި އެއްވެސް އަދަބެއް ސަދަބެއްނެތް މިކުދިންނަށް އަހަރެންގެ އޮންނާނީ ކޮން ޒިންމާއެއް ހެއްޔެވެ؟" ކަޝަފާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ މުރުތަޟާ ބުނަމުން ގެންދިޔައެވެ.

"އަހަރެން ކަލޭގެ ކިބައިން އެއްވެސް ޙައްޤަކަށް ނޭދެމެވެ. އަހަރެންގެ ޙައްޤެއް ކަލޭގެމައްޗަށް އޮތްނަމަ ، އެ ޙައްޤުވެސް އަހަރެން ދޫކޮށްލައިފީމެވެ. އެ ޙައްޤަށް ކަލޭ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. ކަލޭ ކަހަލަ ރަޙުމެއްނެތް އިންސާނަކަށް ސަލާމް ޖެހުމަކީ ، އަހަރެން އަމިއްލަޔަށް މަރުވުންފަދަ ކަމެކެވެ." ކަޝަފް ނަފުރަތާއި ދެރައާއި ދޭތި އެއްކޮށްގެން ހުރެ ބައްޕައާ ދިމާއަށް ބުންޏެވެ.

"ތިހާ އަހަރެންގެ ބޭނުމެއް ނުހިފޭކަމަށް ވަންޏާ މީދަ ފެންނަ ، ކަލޭގެ މަންމަ ގާތު އަހަރެންނަށް އިރުއިރުކޮޅާ ފޯނު ނުކުރާށޭ ބުނާށެވެ. ތިހާ މޮޅިއްޔާ ކަލޭމެންގެ މައްސަލަތައް ކަލޭމެން އަމިއްލަޔަށް ޙައްލު ކުރާށެވެ. އަހަރެންނަށް ކޮން އުނދަގުލެއް ކުރާކަށް ހެއްޔެވެ؟" ރުޅިވެރިކަމާއެކު ، މުރުތަޟާ ބުންޏެވެ.

"ދެން ނުގުޅާނެއެވެ. އަހަރެންގެ މަންމަވެސް ، އަދި އަހަރެމެން ތިންބެއިންވެސް އެއްވެސް ކަމަކާ ކަލެޔަކަށް އުނދަގުލެއް ނުކުރާނެއެވެ. އެހެންނޫނަސް ، އަހަރެމެންނަށް ތަކުލީފެއް ޖެއްސުންފިޔަވައި ކަލެޔަށް ކުރަން އެނގެނީ ކޮންކަމެއް ހެއްޔެވެ؟" ކަޝަފްވެސް އޭނާގެ ބައްޕަޔަށް ކެރިގެން ޖަވާބު ދިނެވެ.

"މިގޮތަށް މިކުދިން ތަރުބިއްޔަތުވެފަ ތިއްބާ ، މީނާ އާ އިންނަން އެއްވެސް މީހަކު ނާންނާނެއެވެ. މިވާހަކަ އަހަރެން ބުނިވާހަކަ ލިޔެފައި ބާއްވާށެވެ." ރާފިޢާއާ ދިމާއަށް އިނގިލި ދިއްކޮށްގެންހުރެ މުރުތަޟާ ބުންޏެވެ.

"ކަލެއާއި މަންމައާ ދެމީހުންހެން ، ދިރިއުޅުން ބަރުބާދުވާގޮތަށް ޢަމަލުކުރާ ، ކަލޭފަދަ އިންސާނަކު ކައިވެނިކުރަން އަހަރެން ގާތަށް ނާންނާށެވެ. މަންމަ އެހުރީ ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ. އަހަރެމެންވެސް ، އިރާދަކުރެއްވިއްޔާ ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވާނަމެވެ. ތިކަހަލަ ރަޙުމެއްނެތް އިންސާނެއްގެ ނަން ބައްޕަގެ ނަމުގެގޮތުގައި ބޭނުން ނުކޮށް ، ޢިއްޒަތުގައި އުޅެން އަހަރެމެންނަށްވެސް އެނގޭނެއެވެ." ކަޝަފް ބުންޏެވެ.

"ބައްޕަ ، މިތިންއަކުރަށް ތިހާ ނަފުރަތުކުރާކަމަށް ވަންޏާ ، ދިރިއުޅުމުގެ ފަހުބައިގާ އެކަމުގެ ހިތި ފެންނާނެއެވެ. މަންމައެކޭ އެއްގޮތަށް މުޅި ޢުމުރު ، ފައިވާނުގައި ދޫލާން ޖެހޭނެއެވެ. ދިރިއުޅެން ޖެހޭނީ އެހެންމީހުންގެ ތައްޕާހުގައެވެ." މުރުތަޟާވެސް ރުޅިއައިސްހުރެ ކަޝަފަށް ޖަވާބު ދެމުން ގެންދިޔައެވެ.

"އަހަރެން ، މަންމަހެން ތިކަހަލަ މީހުންގެ ފައިގާ ދުލެއް ނުލާނަމެވެ. އަހަރެންގެ ދިރިއުޅުން އާބާދު ކުރާނީ އަހަރެން އަމިއްލަޔަށެވެ." ކަޝަފް ގެ ވާހަކަތަކަށް ކެތްނުވެގެން ހާދަ ގޮތްކުޑަ ކުއްޖެކޭ ބުނެ ، މުރުތަޟާ އެގެއިން ނުކުމެގެން ދެއެވެ.

ރާފިޢާ އިނީ ހަދާނެގޮތް ބޮޑުވެފައެވެ. ކަޝަފް އެއްވެސް އަދަބުވެރިކަމެއްނެތި ، އެހާ ރުޅިވެރިކަމާއެކު ބައްޕަޔާ ވާހަކަ ދެއްކީތީ ކަޝަފްދެކެ ރުޅިވެސް އައިސްފައެވެ. އަދި ވަގުތުން ގޭތެރެޔަށް ވަންނަން ކަޝަފަށް އަމުރު ކުރިއެވެ.

"އެމީހާއަށް ގުޅައިގެންގެނެސް މަންމަ ތިވާހަކަ ދައްކަނީ ކީއްކުރަން ހެއްޔެވެ. ގޭތެރޭގައި އެއްގަޑިއިރުވަންދެން އަހަރެން މަޑުން ހުރީމެވެ. ތި ދެއްކި ވާހަކަތަކުން ލިބުނު ޙައްލެއް އެބައޮތް ހެއްޔެވެ؟ އޭނާގެ އިޙްސާސްތައް އަހަރެމެންނަށްޓަކައި މަރުވެފައި އޮތްއިރު ، މިގެޔަށް އެމީހާ ތި ގެންނަނީ ކީއްކުރަން ހެއްޔެވެ؟ މަންމަގެ އަބުރު ގެއްލި ، އޭނާގެ ފައިބުޑަށް ތިރިވެ ، ތިލިބޭ ތަކުލީފްތަކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ." ކަޝަފް ރޮމުން ރޮމުން މަންމްއާ ދިމާއަށް ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.