އުއްމީދު - 36

(21 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ހިތި ވާހަކަކޮޅުވެސް އޭނާ ކެތްތެރިކަމާއެކު އަޑުއެހިއެވެ. "އަހަރެން ދެނަހުރިން. އެ ވާހަކަ ބުނުމަކީ ކޮންމެހެން އެހައި މުހިއްމު ކަމެއް ނޫން."

"މުހިއްމު ނުވާންވީ ކީއްވެގެން؟ އީމާން ދެކެ ލޯ..."

އީމާން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ލޯތްބެއް ނުވޭ. މައްސަލައެއް ނެތް. އަހަރެން ލޯތްބަކަށް ނުވެސް އެދެމެއްނު؟ އަހަރެން ދެކެ ލޯބިވާށެކޭ ނުބުނަމެއްނު؟"

އުއްމީދު އިރުކޮޅެއް ވާންދެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

"އީމާނަށް ލޯބި ލިބިއްޖެއެއްނު؟ މައްސަލައެއް ނެތީ އެހެން ވެގެން. ލޯބި ނުލިބުނު ނަމަ އަހަރެން މި ބުނާ އެއްޗެއް އިހުސާސް ކުރެވުނީސް."

"އަހަންނަށް ނުލިބުނު އެއްޗަކީ ލޯތްބެއްނު؟" އީމާންގެ އަޑުގައި ހުރި އާދަޔާ ޚިލާފު އަސަރެއްގެ ސަބަބުން އުއްމީދުގެ މޫނު ރަތްވެގެން ދިޔައެވެ. އެ ބުނަނީ ކީކޭކަން އޭނާއަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ.

އީމާން ރުޅީގެ މައްޗަށް ބާރު ފޯރުވަމުން ބުނެލިއެވެ. "އުއްމީދު ނުވިޔަސް އަހަރެން އުއްމީދު ދެކެ ލޯބިވޭ."

"ލޯބި ވާނެ ކަމެއް ނެތް. އަހަރެން މަޖުބޫރެއް ނުކުރަމެއްނު؟" އުއްމީދުގެ އަޑުގައި ހުރީ ބީރައްޓެހިކަމާއި ގުޅުމެއް ނެތްކަމުގެ އަސަރެވެ.

"ތިޔައީ އަހަންނަށް ކުރެވޭނޭ ކަމެއް ނޫންކަން އުއްމީދު ރަނގަޅަށް ދަންނާނެ. އުއްމީދު ދެކެ ލޯބި ނުވުމަކީ އަހަރެންގެ އިޚުތިޔާރުގައި އޮތް ކަމެއް ނޫން."

އީމާން ތެދުވެގެން ހިނގައްޖެއެވެ. އުއްމީދު އަނެއްކާވެސް އާދައިގެ މަތީން ހިމޭންކަމުގެ ތެރެއަށް ގެއްލިއްޖެއެވެ.

އީމާން މެދުކަނޑައިނުލައި ޑޮކްޓަރ ޚޫރްޝީދު ގާތަށް ދެއެވެ. އެ ބައްދަލުވުމުގެ ސަބަބުން އޭނާގެ ހިތާއި ރޫހަށް އާދަޔާ ޚިލާފު ތާޒާކަމެއް ލިބެއެވެ. ބައެއް ފަހަރަށް އޭނާ ނުވެސް ބުނަނީސް އޭނާގެ ހިތުގެ ހާލަތާއި ހިތާމަތައް ޚޫރްޝީދު ދެނެގަނެއެވެ. އަދި މައްސަލަތަކުގެ ހައްލު ނިކަން ރީތިކޮށް ކިޔައިދެއެވެ. އެހެންވީމާ އޭނާ ހުންނަނީ ގިނަ ފަހަރަށް ވަރަށް ބޮޑަށް ހިތަހްމަ ޖެހިފައެވެ.

އޭނާގެ ހިތުގައި ދީނުގެ މައްޗަށް އޮންނަ ލޯބި ބޮޑުވަމުންދާ ސަބަބަކީވެސް ޚޫރްޝީދެވެ. އާއްމު ގޮތެއްގައި އޭނާ ޢިޝާ ނަމާދުކުރަނީ ދިރާސީކޮޓަރީގައެވެ. އޭގެ ފަހުން އިންނަނީ ޤުރްއާން ކިޔަވާށެވެ. އޭނާ އެހެން ހުރިހައި ނަމާދަކަށްވުރެ ބޮޑު ސަމާލުކަމެއް ޢިޝާ ނަމާދަށް ދެއެވެ. ބައެއް ފަހަރު ވާހަކަދައްކަދައްކައި ހުރެފައި އޭނާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި ޤުރްއާނުގެ އާޔަތަކަށް ހަވާލާދެވޭ ގޮތް ވެއެވެ. މިހެންވާ ކޮންމެ ފަހަރަކު އުއްމީދު އަޖައިބެއް ކަހަލަ ގޮތަކަށް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިންނަކަމުގެ އިހުސާސް ކުރެވުނީމާ އޭނާ ހިނިތުންވެލައެވެ. އޭނާޔާ ބެހޭ ގޮތުން އުއްމީދު ވިސްނަނީ ރަނގަޅަށް ނޫންކަން އޭނާއަށް ވަރަށް ސާފުކޮށް އެނގެއެވެ.

* * *

ދެމަފިރިންގެ އާއިލާއަށް އެހެން މެންބަރަކު އިތުރުވާން އުޅޭކަން އީމާނަށް އެނގުނީ ކާވެންޏަށް ހައެއްކަ މަސްދުވަސް ވީތަނާއެވެ. އެކަމާ ގުޅިގެން އުއްމީދުގެ ކިބައިން ފެނުނު އުފާވެރިކަމަކީ އޭނާ ހީކޮށްގެން ހުރި ގޮތާ ޚިލާފަށް ދިމާވީ ކަމެކެވެ. ދިރިއުޅުމަށް އަންނާން އުޅޭ ބަދަލުގެ ކުރިން އުއްމީދުގެ ރަވައްޔާވެސް އާދަޔާ ޚިލާފު ގޮތަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ހިތްހަމަޖެހިފައި ހުންނަތަން ފެންނާން ފަށައިފިއެވެ. ނުރުހުމުގެ އަސަރު ކުޑަވާން ފަށައިފިއެވެ. އީމާނާމެދު ކަންތައް ބަހައްޓާ ގޮތަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އޭނާގެ ކަންތައްތަކަށް ސަމާލުކަން ދޭން ފަށައިފިއެވެ. އޭނާގެ ކަމެއް ވިއްޔާ ނޯކަރަކު ލައްވައި ކުރުވުމުގެ ބަދަލުގައި އަމިއްލައަށް ކުރާން ފަށައިފިއެވެ. ދަރިފުޅާ ބެހޭ ގޮތުން އޭނާޔާ ވާހަކަދައްކާން ފަށައިފިއެވެ. އެކި ކަހަލަ ރޭވުންތައް ކުރިއަށް ރާވަން ފަށައިފިއެވެ. އީމާން ހުންނަނީ ހައިރާންވެފައެވެ. އުއްމީދަށް އައި ބަދަލުތަކަކީ އޭނާ ހީކޮށްގެން ހުރި ކަހަލަ ބަދަލުތަކެއް ނޫނެވެ. އޭނާ މައިންބަފައިންނަށް ފޯނުކޮށްފައި މި ވާހަކަތައް ކިޔައިވެސް ދީފިއެވެ. ސިބިލް ވަރަށް ގިނައިން އުއްމީދަށް ފޯނުކޮށްގެން ވާހަކަދައްކައެވެ. އީމާން ހީކޮށްގެން ހުރީ ފަހި ބަދަލުތަކެއް އައިސް ނިމުނީ ކަމުގައެވެ. ކުރީން އިންނާން އުޅުނު މީހާގެ މަތީންވެސް ހަނދާން ނެތުނީ ކަމަށެވެ. އެކަމަކު އެއީ އޭނާއަށް ހީކުރެވުނު ކުށްހިއެކެވެ.

ދެމަފިރިން އެއް ރެއަކު ކާން ރެސްޓޯރަންޓަކަށް ހިނގައްޖެއެވެ. އުއްމީދު ހުރީ ވަރަށް އުފާވެރި މޫޑެއްގައެވެ. ކައި ނިމިގެން ދެމީހުން ރެސްޓޯރަންޓުން ނުކުންނާން އަންނަމުން އުއްމީދު ކުއްލިއަކަށް ހުއްޓިއްޖެއެވެ. އީމާން ހައިރާން ވެފައި ބަލައިލީއިރު އުއްމީދު ހުރީ ވަކި ދިމާއަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އީމާން އެ ދިމާއަށް ބަލައިލިއެވެ، ފެނުނީ ޒުވާން އަންހެނަކާއި ފިރިހެނަކު ރެސްޓޯރަންޓަށް ވަދެގެން އަންނަތަނެވެ. އީމާން އެ ފިރިހެން މީހާއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ ދެ މީހުން ވަރަށް ބާރަށް ހިނގައިފައި ގޮސް އެތެރެއަށް ވަދެއްޖެއެވެ.

އުއްމީދު އެނބުރި އެމީހުންނާ ދިމާއަށް ބަލައިލިއެވެ. މި ފަހަރު ހިމޭންކަމުގެ ބަލި މި ޖެހުނީ ނުޖެހޭތާ ލައްކަ ދުވަސް ފަހުންނެވެ. އެމީހުން ވަދެގެން ގޮސް އޮބައިލީމާވެސް އުއްމީދު ބަލަހައްޓައިގެން ހުއްޓެވެ. އީމާންގެ އޭނާގެ ކޮނޑުގައި އަތް ޖައްސައިލީމާ ދިޔައީ ސިއްސައިގެންނެވެ.

އީމާން ސީދާ އުއްމީދުގެ ލޮލަށް ބަލަހައްޓައިގެން ހުރެ އަހައިލިއެވެ. "ޖަހާންޒޭބް؟"

އުއްމީދު ބޯ ޖަހައިލިއެވެ. އީމާންގެ ލޭ އެ ވަގުތު ކެކިގަތެވެ. މިއީ އޭނާގެ އަނބިމީހާއެވެ. އެކަމަކު މިހާރުވެސް ކުރިން އިންނާން އުޅުނު މީހާ ފެނުނީމާ އެހެން އެއްވެސް އެއްޗެއް ފެންނަ ކަމަކަށް ނުވިއެވެ. އޭނާ ވަކި އެއްޗެކޭ ނުބުނެ ނުކުންނާން ހިނގައިގެންފިއެވެ. އުއްމީދުވެސް އޭނާގެ ފަހަތުން ހިނގައިގެންފިއެވެ.

ކާރު ދުއްވަމުން ދިޔައިރު އީމާން އިނީ ހިމޭނުންނެވެ. ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން އައިސް ލޯގަނޑުދޮށުގައި ހުރި ގޮނޑީގައި އިށީނދެ ބޯ އޮމާން ކުރަން ފަށައިފިއެވެ. އެ ވަގުތު އުއްމީދު އައިސް އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

"އީމާން. އޭރު ވީ..."

އީމާން އުއްމީދުގެ އަތް އެއްފަރާތް ކޮށްލިއެވެ. "އަހަރެން ކުޑަ މަސައްކަތެއް ކޮށްލަން ވެފައި އެބައޮތް. މި ދަނީ ދިރާސީ ކޮޓަރިއަށް." އަޑުގައި އާދައިގެ ގޮތެއް އެކުލެވޭތޯ އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

"ވާހަކަދައްކައިލަން އަހަރެން ބޭނުން."

"މި ވަގުތު އުއްމީދާ އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އެހެންވީމާ އެއްވެސް ވާހަކައެއް ދައްކަން މަސައްކަތް ނުކުރޭ." ނޭނގި ނަމަވެސް އޭނާގެ އަޑަށް ހިތިކަން ވެރިވެއްޖެއެވެ.

އޭނާ އެ ދިޔަ ގޮތަށް ގޮސް ދިރާސީ ކޮޓަރިއަށް ވަދެއްޖެއެވެ. ނަމާދު ކުރުމަށް ފަހު ކޮމްޕިއުޓަރު ދޮށުގައި އިށީނދެ މަސައްކަތް ފަށައިފިއެވެ. އެކަމަކު އޭނާގެ ސިކުނޑި އަދިވެސް ހުހެއް ނުވެއެވެ. ޚިޔާލުތަކުން ސަލާމަތެއް ނުވެއެވެ.

ގަޑިއެއްހައި އިރު ފާއިތުވެގެން ދިޔަ ފަހުން ދިރާސީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިއްޖެއެވެ. އޭނާ އެނބުރި ބަލައެއް ނުލައެވެ. އުއްމީދު އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އީމާން އިން ގޮތަށް މަސައްކަތްކުރަން އިނީއެވެ.

"އީމާން މި ފަހަރު ތިޔަ ރުޅި އައީ ވަރަށް ކުޑަކުޑަ ކަމަކާހެދި."

"އަހަރެން މިހިރީ ރުޅި އައިސްފައެއް ނޫން."

"އެހެންވެއްޖެއްޔާ އަހަންނާ ވާހަކަ ނުދައްކަނީ ކީއްވެގެން؟"

"މި ދައްކަނީނު؟"

"ތިޔަހެންނެއް ނޫން."

"އަހަރެން މީނީ މަސައްކަތެއްގައި. މަސައްކަތް ކުރިޔަދީ." އޭނާ ކީބޯޑުން އެއްޗެއް ޓައިޕުކުރަމުން މޮނީޓަރާ ދިމާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

"އަހަރެން މި އައީ މައާފަށް އެދެން."

"އެދޭނެ ކަމެއް ނެތް." އޭނާ އަދިވެސް އުއްމީދާ ދިމާއަކަށް ބަލައެއް ނުލައެވެ.

"ތިޔަހެން ހަދަނީ ކީއްވެގެން؟" އެންމެ ފަހުން ޝަކުވާގެ ރާގަކަށް އުއްމީދު އަހައިލިއެވެ.

"އަހަރެން އެއްވެސް ކަމެއް ނުކުރަން. ކުރާހައިވެސް ކަމަކީ ކެތްކުރުން."

"ކޮން ކަމަކާ ކެތްކުރަނީ؟"

"ވަކި ކަމެއް އުއްމީދަށް އެނގޭނެ."

"އަހަރެން މައާފަށް އެބަ އެދެމެއްނު؟"

"މައާފަށް އެދުމުގެ ފައިދާއަކީ ކޮބާ؟ މި ކުރަނީ ނުބައި ކަމެއްކަން އެނގިހުރެ އެކަމެއް ކުރަނީ ކީއްވެގެން؟ ނުވަ އަހަރު ދުވަސް ވާންދެން މޮޔަހައްދައިގެން އުޅެފައި އިންނަން ދެކޮޅު މީހަކާ ހެދި ކަންބޮޑުވެގެން އުޅެނީ ކީއްވެގެން؟ އުއްމީދު ދެކެ ލޯބިނުވާ މީހަކުގެ ފަހަތުން ދުވަނީ ކީއްކުރަން؟ މަކަރުހެދި މީހަކާމެދު ފިކުރުކުރަނީ ކީއްކުރަން؟"

"އޭނާ އަހަންނަކަށް މަކަރެއް ނުހަދާ. މަކަރުހެދީ އަހަރެން. އޭނާ އަހަރެން ދޫކޮށްލީއެއް ނޫން. އަހަރެން އޭނާ ދޫކޮށްލީ." އުއްމީދު ލަފުޒުތަކަށް ބާރުލަމުން ބުނެލިއެވެ.

"އުއްމީދު އޭނާ ދޫކޮށްލީ ކީއްވެގެން؟" އޭނާއަށް އިހުސާސްކުރެވުނީ ޚުދު އޭނާގެ އަޑު ފުން ހޮހަޅައެއްގެ ތެރެއިން އިވޭ ކަމުގައެވެ.

"އެއީ އޭނާގެ އެދުމަށް ބޯލަނބައިލެވެން އަހަންނަށް ނެތުނީމާ."

"އޭނާގެ އެދުމަކީ ކޮބާ؟" އޭނާގެ ސުވާލާއެކު އުއްމީދު އިސްދަށަށް ޖަހައިލިއެވެ. އޭނާ ދެވަނަ ފަހަރަށްވެސް ހަމަ އެ ސުވާލުކޮށްލިއެވެ.

އެ ދުވަހު ހައިރާންވީ ވަރަކަށް އީމާން ދުވަހަކުވެސް ހައިރާނެއް ނުވެއެވެ. އޭނާގެ ސިކުނޑި ގަބުވެއްޖެ ކަހަލައެވެ.

އުއްމީދު މަޑުމަޑުން އެ ވާހަކަ ކިޔައިދީފިއެވެ. ޖަހާންޒޭބާއެކު ދާން ދެކޮޅުހެދި ގޮތާއި އޭނާގެ ހުރިހައި ހެޔޮކަމަކާއި އޭނާގެ ދެކެ ވާ ލޯތްބާއެކުވެސް ޖަޒުބާތުގެ މައްޗަށް ބާރު ފޯރުވި ގޮތް ކިޔައިދީފިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން އޭނާ އީމާނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

އީމާންގެ ލޮލުންވެސް ކަރުނަ ފާއްދާލައިފިއެވެ. އޭނާގެ ކުރިމަތީގައި މިހިރަ އަންހެންމީހާ، ހުރިހައި ބަލިކަށިކަމަކާއި އުނިކަމަކާއެކުވެސް އީމާންކަމާއި ދީނަށްޓަކައި ހަވާނަފުސުގެ އެދުންތައް މަރައިލީ ހިތްވަރާއެކުގައެވެ. ލޯބީގެ ޖާދޫގައި ޖެހި ބެހިގެންނެއް ނުދިޔައެވެ. މުސްލިމް އަންހެނެއްގެ ފިރިއަކަށް ވީތީ އޭނާގެ ހިތުގައި ފަޚުރުވެރިކަމުގެ ޝުއޫރު ހިނގައިގެންފިއެވެ. އެއީ އީމާންކަމަށްޓަކައި ލޯބި ދޫކޮށްލީ ހިތްވަރުގަދަ އަންހެނެކެވެ.

"އުއްމީދު ކަންތައް ކުރީ ރަނގަޅަށް. އެއީ އެ ވަގުތު ކަންތައް ކުރަން ޖެހޭނެވެސް ގޮތް. އޭނާގެ ހެޔޮކަން އާއިލާއަށް ފޯރާފައި އޮތް ހާލަތެއްގައި އޭނާ ބުނި ކަމެއް ނުކުރެވުނީތީ އެއްގޮތަކަށްވެސް ދެރަވާކަށް ނުޖެހޭނެ. އެއްވެސް މީހަކު ލޯބީގެ ބަދަލުގައި، ހެޔޮކަމެއްގެ ބަދަލުގައި ފާފައަކަށް އެދިފިނަމަ އެކަމާ ޖެހޭނީ ދެކޮޅުހަދަން. އުއްމީދު ކަންތައް ކުރި ގޮތަކީ އެއީ. ތެދުވެރި ލޯތްބެއް އަތުން ބީވެގެން ދިޔައީއޭ ކިޔައިގެން އެކުވެރިން އެ ދެއްކި ވާހަކައަކީ ދޮގު ވާހަކަ. އެއީ ހަގީގަތެއް ނޫން. އުއްމީދު ސަލާމަތްވެގަތީ ސީދާ ނަރަކައާ ދިމާއަށް އުއްމީދު ގެންދާން މަސައްކަތްކުރި މީހެއްގެ ކިބައިން. އޭނާ އެދުނު ކަންކަމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައި ހުރި ކަންކަން. ނޫނީ ރަޖަމުގެ އަދު ކަނޑައެޅިހައި ހުރި ކަމެއް. އުއްމީދު ކުރި ކަމަކީ ލޯތްބާއި އީމާންކަމާ ދެކަމުން ކުރެ އީމާންކަން ޚިޔާރުކުރުން."

އޭނާގެ އުއްމީދުގެ ދެއަތްތިލައިގައި ހިފަހައްޓައިލިއެވެ.

"އަހަންނަށް އޭނާގެ މަތީން ހަނދާން ނައްތައި ނުލެވެނީ ކީއްވެގެން؟ ހަނދާންވަނީ ކީއްވެގެން؟" އުއްމީދަށް ކުޑަކޮށް ރޮވޭގޮތް ވެއްޖެއެވެ.

"މަސައްކަތްކުރީމާ ހަނދާން ނައްތައިލެވިދާނެ."

"އަހަރެން ވަރަށް ބޮޑަށް މަސައްކަތްކުރަން. އަހަންނަށް ވަނީ ކިހިނެއް ކަމެއް ނޭނގޭ. އީމާން. އަހަރެންގެ ގައިގައި ބައްޔެއް ހުރީކަމަށް ވެދާނެ. މާޒީގެ ވަކިގަނޑުން އެއްގޮތަކަށްވެސް ސަލާމަތެއް ނުވެވުނު. އަހަރެން ބޭނުން ވަނީ ވެދިޔަތަން ހަނދާނައްތައިލާފައި ކުރިއަށް ދާން. އަދި އަމުދުން މިހާރު... އެކަމަކު އެހެންނެއް ނުއެއްވި."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.