ދެކަފި - 69

(24 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން ޖުނައިދު ، ކަޝަފްގެ ދިރިއުޅުމުގެ ޙިއްޞާއަކަށް ބަދަލުވެގެން ދާނެއެވެ. ޖަނޫން ޖުނައިދަކީ ،" ކަޝަފްގެ ފިރިމީހާ " ކަމުގައި އެންމެން ކިޔަމުން ގެންދާނެއެވެ. ޒަރޫންއާ ކައިވެނި ކުރަންވީ ހެއްޔެވެ ؟ ޒަރޫންއާއެކު މުޅި ޢުމުރު ހޭދަކުރަން ޖެހެނީއެވެ. މާތް ކަލާކޯއެވެ ! މިއީ ކޮންފަދަ ނިންމުމެއް ހެއްޔެވެ ؟ އިންސާނާ އޭނާގެ ތަދުބީރުގައި އަމިއްލަޔަށް ނިންމާ ނިންމުންތައް އެއީ ތަޤްދީރުގެ ކުރިމަތީގައި އަސްލެއް ނޫނެވެ. ދުނިޔެ ހިނގާނީ ތަޤްދީރު ރާވާ ގޮތެއްގެ މަތިންނެވެ. އަހަރެންނަށް މިކުރެވުނީ ކޮންކަމެއް ހެއްޔެވެ ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ ކަޝަފަށް އޭނާގެ ތަދުބީރުގައި އެލިޔެވުނު އެއްޗަކާމެދު ކަންބޮޑުވިއެވެ.

ކަޝަފްމެން ގޭގައި މިއަދަކީ ވަރަށްބޮޑު ދުވަހެކެވެ. ގޭތެރެ ދަނީ ދޮވެ ސާފުކޮށް ، ރީތިކުރަމުންނެވެ. ދޮރުފޮތިތައް ދޮވެ ހިއްކައި އަލުން އެޅުވެމުން ދެއެވެ. ގޮނޑި ގޮނޑިކައިރީ ބޭއްވިފައި އޮންނަ ވަރަށް އާދައިގެ ދޫލަކޮޅު ކޮޅުވެސް ، ދޮވެ ހިއްކައި އަލުން ބޭއްވެމުން ދެއެވެ. އެމަސައްކަތުގައި އަވަދިނެތި އުޅެމުން ގެންދަނީ ޝެހްނީލާއާއި ޞިދްރާ އަދި ރާފިޢާއެވެ. ވާންމިއުޅެނީ އަދި ވެގެން އެއުޅެނީ ކީއްކަމެއް އެއްވެސް މީހަކަށް އަދި ނޭނގެއެވެ.

އެއީ ކަޝަފްގެ އެންގޭޖްމަންޓަށް ވަމުންދާ  ތައްޔާރީ ތަކެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަޝަފް އާއި ޒަރޫންގެ އެންގޭޖްމަންޓް ވާނެއެވެ. ގޭތެރޭގެ ހަލަބޮލިކަން އޮތީ ވަރަށް ބޮޑަށެވެ.

އެންގޭޖްމަންޓް ވުމަށް ހަމަޖެހިފައިވާ ގަޑިޔަށް އެންމެން އައިސް ހަމަޖެހުނެވެ. ޒަރޫންގެ ޢާއިލާ އެއްކޮށް އައެވެ. މުރުތަޟާއާއި ޙައްމާދުވެސް އައެވެ. ވަރަށް އުފާވެރި މާޙައުލެއްގައި ކަޝަފާއި ޒަރޫންގެ އެންގޭޖްމަންޓް ކުރެވި އަގޮނޓި އަޅައި ނިމިއްޖެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ސާރާވެސް ހުރީ އުފަލުން ފޮޅިފައެވެ. އެކަން ކުރެވިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެންނަމަވެސް ތަނަށް ލިބިފައި އޮތް އުފާވެރިކަމަކަށް އުނިކަމެއް ނުފޯރައެވެ. ޣަޒާލާވެސް އެއްވެސް ހަޑިއެއް ނުހާވައެވެ. އޭނާގެ ފިރިހެން ދަރިފުޅަށްޓަކައި ، ހިތުގައިހުރި އުދާސްތައް ބޭރުވިޔަނުދީ ހިފަހައްޓާލައިގެން ހުއްޓެވެ.

------------------------

އެންގޭޖްމަންޓްގެ ރަސްމިއްޔާތު ނިމިގެން ގެޔަށް އައިސް ވެސް ޣާޒާލާ އޭނާގެ ވިސްނުން ބަދަލެއް ނުކުރެއެވެ. އަދިވެސް އެއްފަހަރު ، އެންމެ ފަހުފަހަރަށްނަމަވެސް ، ޒަރޫން އެކުރަން އުޅޭކަމަކާމެދު ، ޣަޒާލާ ކަންބޮޑުވުން ފާޅުކުރިއެވެ. ޣަޒާލާ ދެކޭގޮތުގައި ، އަވަސް އަރުވާލައިގެން ކުރެވޭ ކަމަކުން ރަނގަޅު ނަތީޖާއެއް ނުފެންނާނެއެވެ. ޒަރޫންވަނީ އެއްފަހަރު މީގެ ކުރިން އެންގޭޖްވެ ، އެއެންގޭޖްމަންޓް ރޫޅިފައެވެ. އިންނަން އުއުޅޭ ކުއްޖާގެ އަމިއްލަ ގެޔެއްވެސް ނެތެވެ. ދިރިއުޅެނީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެވެސް އެންމެ އާދައިގެ އަވަށްގަނޑަކުންނެވެ. އެތަނަށްގޮސް ޒަރޫންއަށް އުޅެވިދާނެ ބާވައެވެ. ޒަރޫންއަށް އެ މާޙައުލަށް އާދަ ވެވިދާނެ ބާވައެވެ. ޒަރޫންއަށް އެއީ މައްސަލައެއް ނޫނެވެ. އޭނާ އެހުންނަނީ ،  އެހުރިހާ ތަކުލީފެއް އުފުއްލާވަރަށް ހިތްހަމަ ޖެހިފައެވެ. އުފާވެރި މާޙައުލެއްގައެވެ. އުފަލުންގޮސް ފޮޅިފައެވެ. މަންމަވެސް އެކުއްޖާއާމެދު ވަރަށް ހިތްހަމަ ޖެހޭނެކަން ޒަރޫންއަށް ކަށަވަރެވެ. ޣާޒާލާވެސް އެހެންގޮތެއް ނެތި ، ގަދަކަމުން ނަމަވެސް ޒަރޫންގެ ވާހަކަ އަޑު އެހިއެވެ.

ޒަރޫން ފޯނުނަގައި ، ކަޝަފަށް ގުޅުމަށްފަހު ވާހަކަ ދެއްކިދާނެތޯ ސުއާލު ކުރިއެވެ. ކަޝަފްގެ ޖަވާބަކަށްވީ ، ކަލާ ވާހަކަ ދެއްކުމަށެވެ. އޭނާ ހުންނާނީ އަޑު އަހާށެވެ. " ކަލާ " އޭ ކަޝަފްބުނިއަޑު އަހާފައި ޒަރޫން އަށްވެސް ބުނެވުނީ " ކަލާ " އޭއެވެ. އަދި އެހެން ކިޔަނީ ކީއްވެތޯ ޒަރޫން ސުއާލު ކުރިއެވެ. މަންމަ ވިސްނައިދީފައި އޮތީ ، ޒަރޫން އާ ދިމާއަށް ، ކަލޭ އޭ ނުކިޔާ ކަލާ އޭ މުޚާބަތު ކުރަން ކަމުގައި ކަޝަފް ބުނެއެވެ. ކަލެއޭ ކިޔައިގެން ޒަރޫންއާ ވާހަކަ ދައްކަން މަންމަ އެހާ ހިތްހަމައެއް ނުޖެހެއެވެ. ކަޝަފްވެސް ހިތްހަމަ ޖެހެނީ ކަލާއޭ ކިޔުމަށެވެ.

" މިހާރު ވަކިން ބޮޑަށް އަހަރެންނަށް ރީތި ވެއްޖެއެވެ. " ޒަރޫން ބުންޏެވެ.

ރީތިވީ ކާކުކަމެއް ކަޝަފަކަށް ނުވިސްނުނެވެ. އެހެންނަމަވެސް ޒަރޫން އެހެން އެބުނީ އޭނާއަށް ނިސްބަތްކޮށްކަމުގައި ބުނުމުން ، އެކަކު އަނެކަކަށް ދެން ދޮގުހަދައިގެން ނުވާނެކަމުގައި ކަޝަފް ބުނެއެވެ. އެއީ ކޮންކަހަލަ ދޮގެއްކަމެއް ޒަރޫންއަކަށް ނޭނގުނެވެ. އެހެންނަމަވެސް ، އެއީ ، ދޮގު ތަޢުރީފް ކުރުންފަދަ ކަންކަން ކަމުގައި ކަޝަފް ބުނެއެވެ. ޒަރޫން އެކުރީއަކީ ދޮގު ތަޢުރީފެއް ނޫނެވެ. އެއީ މިހާރު ، ޒަރޫންއަށް ކަޝަފް ފެން ގޮތެވެ. ޒަރޫންގެ ހިތަށް ފެންނަގޮތް ޙަޤީޤަތަށް ، ތެދަށް ބުނީއެވެ. ޒަރޫންގެ ތަޢުރީފަށް ކަޝަފް އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. އަދި ، ޒަރޫންމެން ގަޑިޔަށް އަންނައްޗޭ ބުންޏެވެ. ޞިދްރާ ބުނެފަ އޮތް ވަގުތަށެވެ. ކަޝަފް ވަކި ގަޑިއެއް ނުބުނެއެވެ. އަންނަންވީ ގަޑި ބުނެފައި އޮތީ ޞިދްރާއެވެ. އެކަމުގައި ވަރަށް މުހިންމު ރޯލެއް ޞިދްރާ އަންނަނީ ކުޅެމުންނެވެ.

މިރޭގެ ހަނދު ކިހާރީތި ހެއްޔޭ ބުނެ ޒަރޫން ، ކަޝަފާ ސަމާސާ ކޮށްލިއެވެ. ކަޝަފް އެހުރިތަނުން ހަނދު ރަނގަޅަކަށް ނުފެނެއެވެ. ކުޑަކޮށް މަސައްކަތް ކޮށްލައިގެން ހަނދު ހޯދައިގެން ބަލައިލުމަށް ޒަރޫން އެދެއެވެ. މިޖެހުނީ އަނެއް ހަ ކަންތަކެވެ. ކަޝަފްގެ ހިތަށް އެރިއެވެ. މިރޭ ހޭލާ ހުރެގެން މިޖެހުނީ ހަނދު ބަލާށެވެ. ޒަރޫންއަށް އެކަހަލަ ކޫސަނިކަންތަކަށް ވަގުތު ވެސް އެބަ ލިބެއެވެ. ފޮރިން އެފެއާރޒް މީހުން ، އޭނާއަށް މަސައްކަތެއްވެސް ނުދެނީ ހެއްޔެވެ ؟ ކަޝަފް ވަރަށް މަސައްކަތްކޮށްގެން އެންމެފަހުން ހަނދު ހޯދައިފިއެވެ. ހަނދާބެހޭގޮތުން ދެމީހުން ވާހަކަ ދައްކައި އިރުކޮޅަކު ސަމާސާ ކޮށް ހެދިއެވެ.

ޒަރޫންއަށް ރީތީ އެކަހަލަ އެއްޗިއްސެވެ. ހަނދާއި މަލާ ޤުދުރަތީ ރީތި މަންޒަރެވެ. އެކަމަކު ޢާންމުކޮށް އަންހެންކުދިންނަށް ރީތިވާ ކަހަލަ އެއްޗިއްސެވެ. ކަޝަފަށް އެކަހަލަ އެއްޗިއްސަށް ސަމާލުކަން ނުދެވެނީ ކީއްވެ ހެއްޔެވެ. އެއީ ކަޝަފާއި ޒަރޫންގެ ވިސްނުމުގެ ތަފާތެވެ.

------------------------

ކަޝަފް މީހަކާ އިންނަ ވާހަކަ ، މުރުތަޟާވެސް ނިޤާރުގާތުގައި ބުނެއެވެ. އެއީ އެއްކްލާހުގައި ކިޔެވި ކުއްޖެއް ކަމުގައެވެ. ފިރިހެންކުދިންނާއެކީ އުޅެމުން އެންމެފަހުން މިނިވަންކަން ހޯދަންވެގެން އެތަނުން ކުއްޖަކު އަތުއަޅުވައިލީއެވެ.  ނިޤާރުގެ ވިސްނުން ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެކައިވެންޏާ ކަޝަފް ފުރަތަމަ ނުޤަބޫލެވެ. ކަޝަފް އެކަމަށް އެއްބަސްވީ އެތައް އުނދަގުލެއް އެކުއްޖާ އުފުއްލި ފަހުންނެވެ. ކިޔަވައިދިން ޕްރޮފެސަރު ލައްވާ އެތައް ވާހަކައެއް ދައްކުވައިގެންނެވެ.

އެއީ މުރުތަޟާގާތު ރާފިޢާ ބުނިގޮތެވެ. އެކަމަކު އެކަން ނިޤާރަށް ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ އެވާނީ ހަމަ ކަޝަފް ގޮސް އެކުއްޖާގާތު ރޮއެ ހޭރި އާދޭސްކޮށްގެން އަތުއަޅުވައިލީ ކަމަށެވެ. އެއީ އެމީހުންގެ އާދައެވެ. ނިޤާރުގެ ވާހަކަތަކުން މުރުތަޟާ ގާތަށް ރުޅިއައެވެ. ކަޝަފްވެސް އެ ކައިވެންޏަށް ރުހުނީއެވެ. އިސްނެގީ ކަޝަފެއް ނޫނެވެ. އެ ފިރިހެން ކުއްޖާއެވެ. އެކަމުގައި ގޯހެއް ކޮބައި ހެއްޔެވެ ؟ ނުލާހިކު މުއްސަނދި ރަނގަޅު ޢާއިލާއެކެވެ. ﷲ ގެ އިރާދަފުޅާއެކު ، ރާފިޢާއާއި އަހަރެންނަށް ލިބުނު ހުރިހާ އަންހެންކުދިންގެ ކައިވެނި ، ނުލާހިކު ރަނގަޅު ޢާއިލާތަކާ ގުޅި ހަމަޖެހުނީއެވެ. މުރުތަޟާގެ ހިތުގައި އޮތްގޮތަށް ބުނެ ނިޤާރުގެ އަނގަ ބަންދުކޮށްލިއެވެ.

ނިޤާރުގެ ހިތްހަމަނުޖެހުންވެސް އެހިނދު މުރުތަޟާއަށް އަމާޒު ވިއެވެ. ތިން އަންހެންކުދިންނޭ ހެއްޔެވެ. މުރުތަޟާގެ ފަސް އަންހެންކުދިން އެބަތިއްބެވެ. އަހަރެންނަށް ލިބިފައި އިތުރަށް އަދި ދެ އަންހެންދަރިން އެބަތިއްބެވެ. ހަނދާން ނެތުނީ ހެއްޔެވެ ؟ އަހަރެމެން ދެމީހުންގެ ކުދިންގެ މަތިން ދުވަހަކު ، މި މުރުތަޟާ ހަނދާނެއް ނުކުރާނެއެވެ. ނިޤާރަށްވެސް މުރުތަޟާ ޖަވާބު ދެއެވެ. މިހާރު އޭނާ އެހުރީ ، ނިޤާރުގެ ކޮންމެ ސުއާލަކަށް އަދި ކިޔާ ކޮންމެ އެއްޗަކަށް ޖަވާބު ދޭގޮތަށެވެ. އެކުދިންނާވެސް އިންނާނެ މީހުން ވާނެއެވެ. އިރާދަކުރެއްވިއްޔާ ރަނގަޅު ޢާއިލާ ތަކާ އެކުދިންގެ ކައިވެނިވެސް ކޮށްދޭނަމެވެ. ރާފިޢާގެ ތިންކުދިންގެ ކައިވެނި އެކުރެވެނީ މުރުތަޟާގެ އެއްވެސް އެހީތެރިކަމެއްނެތިކަން ހަނދާން ނައްތާލައި ، މުރުތަޟާ ވެސް ނިޤާރުގެ ކުރިމަތީ ފަޚުރުވެރި ވިއެވެ. ނިޤާރުވެސް ބޭނުންވަނީ ، އޭނާގެ ކުދިންވެސް ރާފިޢާގެ ކުދިން ކައިވެނި އެކުރިފަދަ ، މުއްސަނދި ޢާއިލާތަކުގެ ކުދިންނާ ދެވުމަށެވެ. ދެ ޢާއިލާގެ ކުދިންނަށް ދެވިފައިވާ ތަރުބިއްޔަތުގެ ތަފާތުގެ މަތިން ހަނދާން ކުރާކަށް ނިޤާރު ބޭނުމެއް ނޫނެވެ. އެކަމަށް އެދި ދުޢާކުރުމަށް ނިޤާރު ގާތު ، މުރުތަޟާ އެދެއެވެ. އަދި ސައިތަށްޓެއް ގެނެސް ދޭށޭ ނިޤާރުގާތު ބުނެއެވެ. ހަމަ ވަގުތުން ، ތިމަންނަގާތަށް ނިދި އައިއްސިއޭ ބުނެ ރަޖާގަނޑު އަޅައިގެން ނިޤާރު އޮށޯތެވެ. މުރުތާޟާ އާ މުރުތަޟާއެކެވެ.

------------------------

އުސާމާއަކީ ޒަރޫންގެ ގާތް ރަޙުމަތްތެރިޔެކެވެ. ޣަޒާލާ މިހާރު އުސާމާ އިންނަން އެއުޅޭ ޢާއިލާ އާ ބައްދަލުކޮށްފިއެވެ. އަދި އުސާމާ އެގެޔަށް އައުމުން ބައްދަލުކޮށް އޭނާއަށް މަރުޙަބާ ކިޔައެވެ. އުސާމާ އިންނަން އުޅޭ ކުއްޖާއަކާ ޣަޒާލާއަކާ ދިމައެއް ނުވެއެވެ. ޣަޒާލާއަށް އެގެޔަށް ދެވުނުއިރު އޭނާވީ ބޭރުގައެވެ. އެކުއްޖާގެ ޢާއިލާގެ މީހުންނަކީ ވަރަށް ރަނގަޅު ބައެއްކަމަށް ޣަޒާލާ އެއްބަސް ވެއެވެ. އުސާމާ އެގެޔަށް ދިޔައިރު ޒަރޫން އުޅެނީ ކޮޓަރީގައެވެ. ކަރާޗީއަށް އައިފަހުން މިފަހަރު އަދި އުސާމާއަކާ ޒަރޫންއަކާ ދިމައެއް ނުވެއެވެ. މަސައްކަތުގައި އަވަދިނެތި އުޅެން ޖެހެނީ ކަންނޭނގެއެވެ. ނޫނީ ، ކޮންމެވެސް އެހެންކަމެއް އެބަ އުޅެއެވެ. އުސާމާއަކަށް ، ޒަރޫންއާއި ކަޝަފްގެ އެއްވެސްކަމެއް އެނގިފައެއް ނެތެވެ. އުސާމާގާތު ޒަރޫން އެވާހަކަ ނުބުނާތީ ޣަޒާލާ އިނީ ޙައިރާން ވެފައެވެ. ޒަރޫންގެ އެންގޭޖްމަންޓް ކުރެވުނު ވާހަކަ ޣަޒާލާ ބުނެއެވެ. އުސާމާއަށް ލިބުނު ޙައިރާންކަމުގައި އިތުރު ވާހަކައެއް ނުބުނެވި  އުޅެނިކޮށް އެތަނަށް ޒަރޫންއަށް އާދެވެއެވެ. ދެ ރަޙުމަތްތެރިން އެކަކު އަނެކަކަށް ، ޙާލު އަޙުވާލު އަހައި ސަލާމް ގަލާން ކޮށްލިއެވެ. އަދި ޒަރޫންގެ އެންގޭޖްމަންޓްގެ ވާހަކައިން އުސާމާ ސުއާލު ކުރިއެވެ.

ޒަރޫންގެ އެންގޭޖްމަންޓްގެ ވާހަކަ އިވުމުން އުސާމާ ދާހިއްލާ ފޯވާނެކަމަށް ބުނެ ، ޒަރޫން ރިމޯޓް ނަގައި އެއަރކޯން އިތުރަށް ފިނިކޮށްލިއެވެ. ކަޝަފް މުރުތަޟާ އާ އެންގޭޖްވީ ވާހަކަ ބުނެ ދުނިޔެ ސިއްސުވައި ނުލައްޗޭ ބުނެ އުސާމާ ސަމާސާ ކޮށްލިއެވެ. އުސާމާއަށް އެކަން އެނގޭއިރު އެވާހަކަ ތިއެހީ ކީއްވެތޯ ޒަރޫން ބުންޏެވެ. އުސާމާގެ މޫނުމައްޗަށް ވެރިވެގެންދިޔަ ނުތަނަވަސްކަން ޒަރޫންއަކަށް ނުފެނުނެވެ. އަސްލުވެސް ކަޝަފްއާ އެންގޭޖްވީތޯ އަހައި އެކަން ޔަޤީންކޮށްލުމަށް އުސާމާ އިތުރަށް ސުއާލު ކުރިއެވެ. ޒަރޫން އާނއެކޭބުނެ ، ކަޝަފް ނުބުނޭހޭ ބުނެ ސުއާލު ކުރިއެވެ. އުސާމާއަކަށް ޒަރޫންގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އަދި އޭނާއަށް މަލާމާތްކުރަނީތޯ ޒަރޫންގާތު ސުއާލު ކުރެއެވެ. އޭނާއެކުރަނީ މަލާމާތެއް ނޫންކަމަށާއި އަސްލުވެސް ކަޝަފާއި ޒަރޫން އެންގޭޖްވީކަން ޒަރޫން ކަށަވަރު ކޮށްދެއެވެ. އަދިވެސް އުސާމާއަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ޒަރޫންއަކީ ، ކަޝަފާމެދު އެއްވެސް ޝަޢުޤުވެރިކަމެއް ދުވަހަކުވެސް ގެންގުޅުނު މީހެއް ނޫނެވެ. ކުއްލިޔަކަށް ކަޝަފާ ދިމާއަށް ޒަރޫންގެ ހިތް ލެނބިގެންދިއުމަކީ އުސާމާއަށް ޤަބޫލުކުރަން ދަތި ކަމަކަށް ވިއެވެ. އޭނާއަށް ލިބުނު ޝޮކްގައި އެތައް ސުއާލުތަކެއް ހިތުތެރޭގައި އެނބުރިގަތެވެ. އެސުއާލުތަކުގެ ޖަވާބުދޭން އެންމެ މުނާސަބުވާނީ ކަޝަފެވެ.

ކަޝަފްގެ އެންގޭޖްމަންޓް ވުމުން ރާފިޢާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކަޝަފަށް ލައިދޭންޖެހޭ އެތައް ނަސޭހަތެއް ރާފިޢާގެ ހިތުގައި އެބަހުއްޓެވެ. ކަޝަފްގެ ދިރިއުޅުން އެވަނީ ބަދަލު ވެފައެވެ. އޭނާގެ ގެ އާބާދު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަވާނެއެވެ. ދިރިއުޅުން ބަދަލުވެގެން ދިޔަޔަސް އެކަމާމެދު ވިސްނައި ކަންބޮޑުވާޏްޖެހޭ ހިސާބަށް ދާނެކަމަކަށް ކަޝަފް ޤަބޫލެއް ނުކުރެއެވެ. ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައިދެވޭތޯ ބަލަމުން އެގެންދަނީ ދިރިއުޅުމުގައި ކަޝަފްގެ ޒިންމާ އިތުރުވެގެންދާނެ ވާހަކައެވެ. ކޮންމެވެސް ވަރަކަށް ކަންކަމާ ވިސްނަން މަޖުބޫރުވާނެ ވާހަކައެވެ. އެކަން ކަޝަފްވެސް ޤަބޫލު ކުރެއެވެ. ދިރިއުޅުމުގެ މިހާތަނަށްވެސް ޒިންމާ އުފުލުން ނޫން އެހެންކަމެއް ކަޝަފް ކޮށްފައެއް ނުވެއެވެ.

ކަޝަފް މިހާތަނަށް އުފުއްލަމުން އައި ޒިންމާއާއި ދެން އުފުއްލަންޖެހޭނެ ޒިންމާ ކަޝަފަށް ވަކިކޮށްދިނުމަށް ރާފިޢާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ކައިވެންޏަށް ފަހު އަންހެންކުއްޖާ އުފުއްލަން ޖެހޭ ޒިންމާއަކީ އޭގެކުރީގެ ޒިންމާއާ އުޑައި ބިމާހާ ތަފާތު ޒިންމާ އެކެވެ. ކަޝަފަށް އެޒިންމާ އުފުއްލޭނެކަމާމެދު މަންމަޔަށް ޝައްކު ކުރެވެނީ ކަމުގައި ކަޝަފް ހީކުރިއެވެ. އެހެންނަމަވެސް ، އެޒިންމާވެސް ، އެންމެ ފުރިހަމަގޮތުގައި ކަޝަފް އުފުއްލާނެކަން ރާފިޢާއަށް ޔަޤީން ކުރެވެއެވެ. ކަޝަފާއި ޒަރޫންގެ ގުޅުމުގައި ދިމާވެދާނެ ކަންކަމާމެދު ކަޝަފް ހުންނަނީ ކަންބޮޑުވެފައެވެ. އެދެމީހުންގެ މިޒާޖުވެސް އުޑާއި ބިމާހާ ތަފާތެވެ. ތެލާއި ފެނާ އެއްފަދައެވެ. އެކުވާނެ ގޮތެއް ނުފެންނާނެއެވެ. އެއީ ވަރަށް އެހެންގޮތަކަށް ވިސްނުންގެންގުޅޭ މީހެކެވެ. ދެމީހުންގެ ދެމެދުގައި އެއްގޮތް އެއްވެސް ކަމެއް ނެތެވެ. އެތަފާތުތަކާއެކު ، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ، ޒަރޫންއާއެކީ އުޅެވޭނެ ކަމާމެދު ކަޝަފްގެ ހިތުގައި އޮތީ ޝައްކާއި ވަހުމެވެ.  މިޒާޖު އެއްގޮތް ނޫންނަމަވެސް ، ކައިވެންޏަށްފަހު ދެމީހުންގެ ވިސްނުން އެއްގޮތް ކުރުމަށްޓަކައި ލައްކަ މަސައްކަތް ކުރަން ޖެހޭނެއެވެ. ރާފިޢާގެ ނަސޭހަތަކީ ، އެކަމަށް ވިސްނައިގެން ދެމީހުން ކުރިޔަށް ދިއުމެވެ. އެކަކު އަނެކަކަށް ގޮތްދޫކޮށްގެންނެވެ. ކައިވެންޏެއް ބާއްޖަވެރި ކުރެވޭނީ އެކަކު އަނެކަކަށް ދޫކޮށްގެންނެވެ. އެކަކު ބޭނުންވާގޮތް އަނެކާ ހަދައިގެންނެވެ. އެކަކު އުފާވާގޮތަށް އަނެކާ އުޅެގެންނެވެ. ދެމީހުންގެ މަޤްޞަދަކީ އެކައްޗެއްކަމަށް ވިސްނައިގެންނެވެ. ކަޝަފަށްވެސް އެކަން ވިސްނެއެވެ. ހަމައެއާއެކު ، ގޮތްދޫކުރަންޖެހޭނީ އަންހެންމީހާއަށްކަންވެސް ކަޝަފަށް އެނގެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.