ދެކަފި - 22

(5 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފުގެ ހިތަށް މިދުވަސްވަރު ލިބިފައިވާ މާޔޫސްކަން އޭނާގެ ޔުނީގެ ރަޙުމަތްތެރިއާ މާރިއާއަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެވާހަކަ މާރިއާގާތު ބުނާނީ ކިހިނެއް ހެއްޔެވެ ؟ ކިޔެވުމުގެ ބުރަޔާހުރެ މިޒާޖަށް ބަދަލުއައިސް ހުރީއޭ ބުނުން ފިޔަވައި ، ދޭނެ ޖަވާބެއް ކަޝަފަކަށް ނުފެނެއެވެ. ރޭގަނޑަކު ހަމަޔަށް ލޮލުފިޔަ ޖެހެނީއެއްވެސް ނޫނެވެ. މިޙާލަތުގައި ކިޔެވުމަށް ނޭދެވޭ އަސަރެއްކޮށްފާނެތީ ކަޝަފް ހުންނަނީ ކަންބޮޑުވެފައެވެ. އަދި އެކަމަށް ވިސްނައިގެން ކިޔެވުމަށް ބުރުލެއް ނާރާނެހެން މަސައްކަތް ކުރަމުން ގެންދެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ، ބައެއްމީހުންނަށް ހުރިހާ އެއްޗެއް އެދެއްވަނީ ކީއްވެ ހެއްޔެވެ؟ އެވެސް ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް ތިއްބައެވެ. މިސާލަކަށް އަސްމަރާއެވެ. އަދި ޒަރޫން އެވެ. ދުނިޔެއަށް އުފަންވީއްސުރެ އެމީހުން ބޭނުންވާ ހުރިހާ އުފަލަކާއި ހުރިހާ އެއްޗެއް އެބަ ލިބެއެވެ. އެމީހުންނަށްޓަކައި ހުރިހާކަމެއްވެސް އަދި ހުރިހާ އެއްޗެއްވެސް އޮންނަނީ އެންމެ ފުރިހަމަ ކޮށެވެ. އެއީ އެމީހުންގެ ޙައްޤު އޮންނަ ގޮތެވެ.

އަނެއްކޮޅުން ، ބައެއްމީހުން ނިކަމެތި ކަމުގައެވެ. ﷲ ގެ ޙަޟުރަތުން އެމީހުންނަށް އެއްވެސް އެއްޗެއް ނުލިބެއެވެ. މިސާލަކަށް އަހަރެންނާއި އަހަރެންގެ ކޮއްކޮއިންނެވެ. އަހަރެމެން އުފަންވީއްސުރެ އުޅެމުން މިގެންދަނީ މިފަދަ ޙާލެއްގައެވެ. ބައްޕައެއްގެ ލޯތްބާއި އެހީތެރިކަމާ ނުލައެވެ. އަހަރެމެންގެ ބައްޕަޔަކަށް ހުރީވެސް އަދި މަންމަޔަކަށް ހުރީވެސް އެ މަންމައެވެ. ނަމަކަށްހުރި ބައްޕަގެ ފަރާތުންވެސް ކުރިމަތިވަނީ ހުސް މުޞީބާތެވެ. އިރުއަރާ އޮއްސޭއިރު ، ދުނިޔޭގައި ހުރުމަށްޓަކައި ބުރަ މަސައްކަތް ކުރަން ޖެހެއެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ދާއޮހޮރުވައި ވަރުބަލިވަންދެން ބުރަ މަސައްކަތުގައި ދުވާލު ހަތަރުދަމު އުޅެން މަޖުބޫރެވެ.

ނާއުއްމީދުން އުއްމީދުގެ ކުރިއެއް ފަޅާނެކަމަށް އިރުއަރާތަނުން ކުރަމުން އަންނަ އުއްމީދު ނިމެނީ އެދުވަހުގެ ނިމުމާއެކުގައެވެ. އޭގެ އަނެއްދުވަސް އަންނާނެއެވެ. އުއްމީދު ކުރެވޭނެއެވެ. އެކަމަކު އެދުވަސްވެސް ނިމިގެންދާނީ އެކުރާ އުއްމީދުން ކަރުބުޑުގައި ހިތިރަހަ ލައްވާފައެވެ. އަހަރެމެންފަދަ ނިކަމެތިންނާއި ޒަރޫނާއި އަސްމަރާމެންފަދަ މުއްސަނދިން އެއްތަން ކުރެއްވުމުން ﷲ ސުބްޙާނަހޫ ވަތަޢާލާ މިކުރައްވާ އިމްތިޙާނަކީ ކޮންފަދަ ކަމެއް ހެއްޔެވެ ؟ އެއަށްވުރެ ދުނިޔެއަށް ނުފޮނުއްވިނަމަ މާ ރަނގަޅުވީހެވެ.

އެތައް ޚިޔާލުތަކަކުން އުނދަގޫ ކުރަމުން ، ބޯ ހާސްކުރަމުންދިޔަ ކަޝަފްގެ ހިތަށް އެކިކަހަލަ ވަހުމާއި ވަސްވާސްތައް ވަންނަމުން ދިޔައެވެ. ނިންޖަށް ކައިރިނުވެވިގެން އުޅެނިކޮށް ، ކަޝަފްގެ ލޯމެރެންފެށިއިރު އޭނާގެ ލޮލުން ފާއްދަމުންދިޔަ ކަރުނަތައް އޮހިގަތެވެ. ކަޝަފަށް ނިދިގެންދިޔަ އިރު ، އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުގެ ހިލަމެއް ނުވެއޮވެ ، ހާސްކަންމަތީ ނިދީގެ ޢަލަމަށް ދަތުރު ކުރިއެވެ.

------------------------

ޣަޒާލާގެ ތުންފަތުގައި ކުލަޖައްސައި ބޭރަށްދާން ރީތިވަމުން ގެންދެއެވެ. ޒަރޫން މަޑުމަޑުން ދޮރުހުޅުވާލައި ކޮޓަރިއަށް ވަދެ މަންމަ ކޮންތާކަށްދާން ތައްޔާރުވަނީތޯ ސުއާލުކުރެއެވެ. ޣަޒާލާ ތައްޔާރުވަމުން އެދަނީ އޭނާގެ ރައްޓެހި ސަކީނާ ، ބާބަކިއު ޕާޓީއަކަށް ދަޢުވަތުދީފައި އޮތީމާ އެގެޔަށް ދާށެވެ. އޭނާއާއެކު އެގެޔަށް ދާން ޒަރޫން ގާތު ޣަޒާލާ ބުނެއެވެ. އެހެންނަމަވެސް ، ޝުކުރިއްޔާއޭ ބުނެ ، އެކަމުން ޒަރޫން މަނާވެގަނެއެވެ. އަދި ، މަންމަ ޕާޓީއަށްދާށޭ ، ތިމަންނަ އެތަނަށްގޮސް ކުރާނެކަމެއް އޮންނާނެ ހެއްޔޭ ބުނެ އަނެއްކާވެސް ޕާޓީތަކަށް ދާންފެށީތޯ މަންމައާ ސުއާލުކުރެއެވެ. ގޭގަ ހުންނަނަމަ އަހަރެމެންނަށްވެސް މަންމަޔާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބޭނެވާހަކަވެސް ޒަރޫން ބުނެއެވެ.

"ޒަރޫންއަށް އެއީ މައްސަލަޔަކަށްވަނީ ކީއްވެ ހެއްޔެވެ؟ ކަލޭގެ އަމިއްލަ ޙަޔާތް އޮންނާނީ ކަލޭ ބޭނުންވާ ގޮތަކަށެވެ. އަހަރެން ، އަހަރެންގެ ޙަޔާތް އަހަރެން ބޭނުންގޮތަކަށް ކުރިޔަށް ގެންދެވޭނެއެވެ." ޣަޒާލާ ހިތްހަމަ ނުޖެހި އިނދެ ބުންޏެވެ.

"މަންމަޔަށް މަންމަގެ ޢާއިލާއާއެކު ވަގުތުކޮޅެއް ހޭދަނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އެހެންނޫނީ އެންޖީއޯއަށް ދާނެއެވެ. އެތަނަށް ދާން ނެތިއްޔާ ކޮންމެވެސް ބާބަކިއު ޕާޓީއަކަށް ދާނެއެވެ. މަންމަގެ ތި އިޖްތިމާޢީ ޙަޔާތުން އަހަރެމެންނަށްވެސް ވަގުތުކޮޅެއް ނުދެނީ ކީއްވެ ހެއްޔެވެ؟" ޒަރޫން އޭނާގެ މަންމައާ ސުއާލުކުރިއެވެ.

ޒަރޫންގެ އެސުއާލާ ގުޅިގެން ޒަރޫންގެ ޢުމުރަކީ ކޮބައިތޯ ޣަޒާލާ އަހައެވެ. އަދި ތިއީ މިހާރު ކުޑަކުދިން ނޫންކަމަށާއި މަންމަގެ ބޭނުން ޖެހެން މިހާރު ފުރުޞަތެއް ނޯންނާނެކަމަށް ޣަޒާލާ ބުންޏެވެ.

"އަހަރެމެން ކުޑަކުދިންގެ ގޮތުގައި އުޅުނުއިރުވެސް މަންމަގެ ކަންތައް ހުންނަނީ އެހެންނެވެ. އެއިރަކު އަހަރެމެންނަކަށް ނުވިސްނޭނެއެވެ. އެކަމަކު މިހާރު ވިސްނެއެވެ. އަހަރެމެންނަށްވެސް ބޮޑެތިވިޔަސް މަންމަގެ ބޭނުން ޖެހެއެވެ. ޢާއިލާއަށް ބޭނުންވާ ވަގުތަކީ އަންހެނަކަސް ހުސްކުރަން ޖެހޭނެ އެއްޗެކެވެ. އަދި އެއީ ޝަކުވާ ކުރަނީ ނޫންކަމަށާއި އެއީ ކުރަންޖެހޭ ކަމެއްކަމަށްވާތީ މަންމަގާތު ބުނެލީކަމަށް ޒަރޫން ބުނެއެވެ."

"ޒަރޫންގެ ކައިވެނިކުރުވަން އަހަރެން ސީރިއަސްކޮށް އެބަ ވިސްނަމެވެ." ޣާޒާލާ ބުންޏެވެ. އެވާހަކަޔާ ގުޅިގެން އެއީ ކީއްވެތޯ ޒަރޫން ސުއާލު ކުރިއެވެ.

"އެއީ އޭރަށް ޒަރޫން ތިދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ  ދެއްކުން ހުއްޓާލައި އެހެން ވާހަކަތަކަކަށް ފުރުޞަތު ހުޅުވޭނެތީއެވެ." ޣަޒާލާގެ ވާހަކަ ނުނިމެނިސް ޒަރޫން އެތަނުން ނުކުމެގެންދާން ހިނގައިގަތެވެ.

"މަޑުކޮށް ބަލާށެވެ! މިރޭ އަހަރެންނާ އަސްމަރާގެ މަންމައާ އެގެއިން ދިމާވާނެއެވެ." ހިނިތުންވެފާ ހުރެ ، ޣަޒާލާ ބުންޏެވެ.

އެހެން ހެއްޔޭ ބުނެ ޒަރޫން ، ފޫހިވެފައިހުރެ އެތަނުން ނުކުމެގެން ދެއެވެ. އޭނާގެ ކައިވެނީގެ ކަންތައް ދީވަލްޕާއެއް ހެން މަންމަގެ ކޮނޑަށް ސަވާރުވެ އޮންނާތީ ، ޒަރޫންއަށް ވަރަށް އުނދަގޫ ވެއެވެ. އޭނާ މިވަގުތަށް ކުރަން ބޭނުންނުވާކަމެއްކުރަން މަންމަ ބާރުއެޅުމަކީ ، އޭނާގެ ދިރިއުޅުމާ ކުޅުމެވެ. މަންމަގެ ދިރިއުޅުން ޒަރޫންއަކަށް ކަމަކު ނުދެއެވެ. ޒަރޫން އިންނަން މަންމަ އެހޯދި ކުއްޖަކީ ، މަންމަގެ ނާރެހުގެ ތެރެއިން ، މަންމަގެ ވިސްނުމާ ފިކުރަށް ތަބާވާ މީހުންގެ ތެރެއިން އުފަންކޮށްގެން ހޯދި ކުއްޖެކެވެ. މިރޭވެސް ، ބާބަކިއު ޕާޓީއަށް އެދަނީ އެބައިގަނޑެވެ. ޢާއިލީ ޙަޔާތަކަށް އެކަހަލަ އަންހެނުންގެ ފަރާތުން އެއްވެސް ޙިއްޞާއެއް ނޯންނާނެ އެވެ.

------------------------

ޔުނިވަރސިޓީތެރެޔަށް ކަޝަފް ވަދެގެން ދަނިކޮށް ، އޭނާއަށް ގޮވަމުން ފަހަތުން މާރިއާ އައެވެ. އަދި ކަޝަފާއި ޒަރޫންއާ ދެމެދު އަނެއްކާވެސް ކަންތައްގަނޑެއް ހިނގި ވާހަކަ އަޑުއެހީމޭ ބުންޏެވެ. މާރިއާ ކިޔަވަމުންދަނީ އެހެން ކްލާހެއްގައެވެ. އެހެންކަމުން ކުރީދުވަހު ، ކްލާހުގައި ހިނގި ބަހުސްގެ އެއްވެސް ކަމެއް މާރިއާއަކަށް ނޭނގޭނެއެވެ. ކްލާހުގައި ކުރެވޭ ޢިލްމީ ބަހުސްތައް އެއީ މައްސަލަޔަކަށް ކަލޭމެން ތިހަދަނީ ކީއްވެގެންތޯ ކަޝަފް ސުއާލު ކުރިއެވެ. އަބަދު އަބަދު ކަޝާފާއި ޒަރޫންއާ ދެމެދު މައްސަލަ އުފެދެނީ ކީއްވެތޯ މާރިއާ ސުއާލު ކުރެއެވެ.

"އެއީ އޭނާއަށް އެހެންމީހުންއުޅޭ ދުނިޔޭގެ ޚަބަރެއް ދަބަރެއް ނުވާތީއެވެ. ޒަރޫން ހީކުރަނީ ، އަންހެންކުދިންނަށް އެއްޗެކޭ ބުނަން ނުކެރޭނެ ކަމަށެވެ. ޒަރޫނަށް އެހުރީ އަންހެން ކުދިންނަށް ބަލައި މައްލަވަ ކޮށްކޮށް ، ހުރިހާކުދިންނާމެދު އެއްނަޒަރަކުން ބަލަން އާދަވެފައެވެ." ކަޝަފްގެ ހިތުގައިހުރި އުދާސްތައް ބަންޑުން ކޮށްލިއެވެ.

ޒަރޫން އަންހެންކުދިންނާ ދިމާއަށް ބަލައި މައްލަވަކުރުމަކީ އޭނާގެ އަމިއްލަ ކަމެކެވެ. ކަޝަފާ ޖައްސާލައިގެން އުޅުމަކީ އެހެންކަމެއްކަމަށް މާރިއާއަށް ފެނުނެވެ. އަންހެން ކުދިންނާ ދިމާލަށް ޒަރޫން ކިތަންމެ ވަރަކަށް ބެލިއަސް އެއީ ކަޝަފް ކަންބޮޑުވާ ކަމެއްނޫނެވެ. އަދި އެއީ އޭނާއަށް މައްސަލައެއްވެސް ނޫނެވެ. އެކަން އެއީ ކަޝަފާ ބެހޭކަމެއް ނޫނެވެ. މާރިއާ އޭނާގެ ކްލާހަށް ދިޔައީ ، ކަޝަފަށް އަނގައިން ބުނާނެ ފުރުޞަތެއްވެސް ނުދީ ، ކަޝަފްގެވެސް މައްސަލަތަކެއް އެބަހުއްޓޭ ބުނަމުންނެވެ.

------------------------

"އެއް ހަފުތާ ތެރޭގައި މިގެ ހުސްކުރާށެވެ! އަހަރެން މިގެ ގަންނަން އުޅޭމީހަކާ ވާހަކަ ދައްކައިފީމެވެ. ކަލޭމެން ގޮތެއް ހޯދަން އޮތީ އެންމެ ހަފުތާއެކެވެ." ވައްހާބު ، ރާފިޢާމެންގެޔަށް އައިސް އަމުރު ކުރިއެވެ.

"ބޭބޭއެވެ! ކޮންމެވެސް ވަރަކަށް އަހަރެމެންނަށް އިޙްސާންތެރިވާށެވެ! މިކުދިން ގޮވައިގެން އަހަރެން ތިން ހަފުތާތެރޭގައި ދާނީ ކޮންތާކަށް ހެއްޔެވެ؟" ރާފިޢާ ބުންޏެވެ.

"ދާނެ ތާކަށް ދާށެވެ! ހަދާނެ ގޮތެއް ހަދާށެވެ! ކަލޭގެ ކުދިންގެ ކައިވެނި އެއީ އަހަރެންގެ ޒިންމާއެއް ނޫންކަމަށްވަންޏާ އެކުދިންގެ އެއްވެސް ޒިންމާއެއް އަހަރެންގެ މައްޗަކަށް ނުވެއެވެ." އަމުރުވެރި ރާގެއްގައި ވައްހާބު ރާފިޢާއަށް ޖަވާބު ދިނެވެ.

ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ގެބަލަން އިތުރު މީހުން އަންނާނެއެވެ. ގެހުސްކުރަން ވައްހާބު އެދިނީ އެންމެ ހަފުތާއެކެވެ. އެހަފުތާގެ ތެރޭގައި ރާފިޢާއާއި ތިންކުދިން އެގެއިން ނެރެލެވޭނެއެވެ. ރާފިޢާ ހަތަރު އުދަރެސް ފެނުޖެހުނެވެ. ބުނާނެ އެއްޗެއްވެސް ނޭނގި ގަބުވެފައި އެތައް އިރަކު ހުއްޓެވެ.

------------------------

ކަޝަފާއި ޒަރޫންގެ މައްސަލަގަނޑުގެ ޚަބަރު ސާރާއަށްވެސް އޮތީ ލިބިފައެވެ. ދެދުވަސްމަތިން އެދެމީހުންގެ މެދުގައި ދެދުވަހުން އެއްދުވަހު ، މިހާރު ޒުވާބު އެބަ ހިނގައިފިއެވެ. އެކަމާބެހޭގޮތުން ސަމާރާވެސް ޒަރޫންއާ ސުއާލުކުރިއެވެ.

"މަޒެއް ޒުވާބެއް ނުކުރަމެވެ. އޭނާގެ ބަހުސްގައި އެއްވެސް މާނަވީ ނުކުތާއެއް ނުވެއެވެ. ތަޅަނީ ހުސް އަނގައެވެ." ޒަރޫން ބުންޏެވެ.

"އެހެންވިއްޔާ ކަލޭމެންގެ ޕްރޮފެސަރު އޭނާ ނުހުއްޓުވަނީ ކީއްވެ ހެއްޔެވެ؟ ހުސް އަނގަ ތަޅަންޏާ އެކުއްޖަކު ހުއްޓުވުމަކީ ޕްރޮފެސަރުގެ ކަމެއް ނޫންހެއްޔެވެ؟" ސާރާ ބުންޏެވެ.

"ޕްރޮފެސަރަށް އަބަދުވެސް ކަމުދަނީ ކަޝަފްގެ ވާހަކައެވެ. އިންސައިކްލޮޕީޑިއާ އިން ދައްކާފަ އަހަރެން ދައްކާ ވާހަކަ އެއްވެސް ޕްރޮފެސަރަކަށް ޤަބޫލެއް ނުކުރެވެއެވެ. މިހާރު މިއުޅޭ ޕްރޮފެސަރުންނަށް ވެފައި ތިބެނީ ކީއްހެއްޔެވެ؟" ޒަރޫން ރުޅިވެރިކަމާއެކު ބުންޏެވެ.

ޒަރޫންގެ ހިތުގައި ކަޝަފާމެދު އޮތް ނަފުރަތު ސާރާއަށްވެސް ފެނުނެވެ. ކަޝަފް ފެންނަކަމަށް ނުހަދަން ސާރާ ، ޒަރޫނަށް ލަފާދިނެވެ. އެކަމަކުވެސް ކަޝަފަށް އެހާ މުހިންމުކަމެއް ދެނީ ކީއްވެތޯ ސުއާލުކުރެއެވެ. އެސުއާލެއް ދޭނެޖަވާބެއް ޒަރޫން އަކަށް ނުވިސްނުނެވެ.

------------------------

ނިދާގަޑިޔަކީ ، ކަޝަފްމެންގެ ޢާއިލާއަށް ހާސްކަމާއި ނުތަނަވަސްކަމުން ފުރިގެންވާ ގަޑިއެކެވެ. އެކަކަށްވެސް މިހާރު ހަމަ ނިންޖެއް ނުލިބެއެވެ. ކުރިމަތިވެފައިވާ ބޮޑު މުޞީބާތާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނާ ވިސްނާ ކޮޅެއް މެދެއް ނުފެނެއެވެ. ކަޝަފުގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނިފައި ކިހިނެއްވީތޯ އާއި ކޮންކަމަކާތޯ ވިސްނަނީ ޞިދްރާ އަހައިލިއެވެ.

"އަހަރެން ސަޖާތާ އިންނަން ނިންމައިފީމެވެ." ކަޝަފް ބުންޏެވެ.

"ކަޝަފްގެ ހަމަހޭ އެބަހުރި ހެއްޔެވެ؟" ޞިދްރާ ކަންބޮޑުވެފައި އަހައިލިއެވެ.

ކަޝަފް އޭނާގެ މަންމަޔަށް އިތުރު ހިތްދަތިކަމެއް ދޭކަށް ބޭނުމެއް ނުވެއެވެ. މަންމަގެ ހިތަށް ތަސައްލީއެއް ލިބޭނެ ކޮންމެ ކަމެއްވެސް ކުރަން އޭނާހުރީ ތައްޔާރަށެވެ. އެއީ ކިޔެވުން ހުއްޓާލާފައި ސަޖާތާ އިނުންކަމަށްވިޔަސް މެއެވެ. ތިންކުދިން ގޮވައިގެން މަންމަ ދާނެ ތަނެއް ނެތް އިރު ، ސަޖާތާ އިނދެފިނަމަ އެންމެ ދެރަވެގެން ބޯހިޔާކޮށްލައިގެން މިހާރުވެސް އެއުޅޭގޮތަކަށް އުޅެވިދާނެއެވެ.

"ސަޖާތާއާ ކައިވެނި ކުރީމަ ކަޝަފަށް ހަމަނޭވާލައިގެން އުޅެވޭނެހެން ހީވޭ ހެއްޔެވެ؟ އެއީ ކޮންބައެއްކަން ނޭނގެނީ ހެއްޔެވެ؟ އެންމެ އިރުކޮޅަކުވެސް ކަޝަފަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަހަރެމެންނަށް ބޯހިޔާޥަހިކަމެއް ހޯދުމުގެ ބޭނުމުގައި ކަޝަފްގެ ކިޔެވުން ހުއްޓާލާނެކަމެއް ނެތެވެ. މަންމަ މިހާރު ދެތިން މީހަކާ ވާހަކަ ދައްކައިފިއެވެ." ޞިދްރާ ބުންޏެވެ.

ރާފިޢާ މީހުންނާ ވާހަކަ ދެއްކިޔަސް ، ކުއްޔަށް ހިފާގޭގެޔަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއަކީ މައްސަލަޔަކަށް ވާނެއެވެ. އެފައިސާ ހޯދޭނެގޮތެއް ނެތެވެ. އެމީހުން ދިރިއުޅެނީ ލިބޭ އެއްޗަކުން ކިރިޔާ ފުއްދާލައިގެންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.