އުއްމީދު - 33

(18 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭގެ ގަޑިއެއްހައި އިރު ފަހުން ފެނުނީ ޑެނިއަލް އީމާން ޢަލީއަކަށް ވެގެން އެ މިސްކިތުގައި ތިބި އެހެން މީހުންގެ އެހީގައި ނަމާދުކުރަން ހުއްޓައެވެ. ނަމާދުން އަވަދިވެގެން އިމާމާއެކު އޭނާވެސް ދުޢާގައި ބައިވެރިވިއެވެ. އެޔަށް ފަހު ވަކިން އަމިއްލަ ދުޢާއެއްވެސް ކުރިއެވެ.

މިސްކިތުން ފައިބައިގެން ގެއަށް އައިސް އޭނާ ސުޢޫދަށް ފޯނުކޮށްފައި ހުރިހައި ވާހަކައެއް ކިޔައިދީފިއެވެ.

"ޑެނިއަލެއް ނޫން. މިހާރު އަހަންނަކީ އީމާން ޢަލީ. އަހަރެން ކުރަން ބޭނުން ވެގެން އުޅުނު ކަންތައް ކޮށްފިން. ފައިސަލާ މި ކުރެވުނީ އަވަހަށް ކަމެއް ލަހުން ކަމެއް އަހަންނަކަށް ނޭނގޭ. އުއްމީދު ވީތަނެއް ހޯދުމުގައި ސުޢޫދަށް ކޮށްދެވޭނޭ ކަމެއް އޮތިއްޔާ ބުނޭ. މީގެ އިތުރަށް އަހަންނަށް މަގުދައްކައިދީ ކިޔަވައިދޭނޭ ޢިލްމުވެރިއަކު ހޯދަންވެސް އަހަރެން ބޭނުން."

ޑެނިއަލްގެ އަޑުގައި ހުރި ހަމަހިމޭންކަމާއި ސުކޫން ފާހަގަކުރެވުމުން ސުޢޫދު ހައިރާންވިއެވެ.

ވިދިގެން އައި ދުވަހު އޮފީހުން ބައްދަލުވީމާ ސުޢޫދު އޭނާޔާ ކޮނޑާއި ކޮނޑު ޖައްސައި ސަލާންކޮށްލިއެވެ.

"ދީން ބަދަލުކުރިކަން އެއްވެސް މީހަކަށް އަދި އަންގާކަށް އަހަރެން ބޭނުމެއް ނޫން. ސުޢޫދުވެސް އެހެން މީހަކު ގާތު ނުބުނާނެ ކަމަށް އުއްމީދުކުރަން." ވާހަކަފެށުމާއެކު އޭނާ ބުނެލިއެވެ.

"އެންމެ ރަނގަޅު. ތިޔަކަމާ ކަންބޮޑު ނުވޭ. ދެން އޮތީ އުއްމީދުގެ ވާހަކަ. އޭނާގެ ޚަބަރެއް ބަލާފައި އަހަރެން މާދަމާ ބުނާނަން. ފެންނާނެކަން ގައިމު. މިރޭ އަހަންނާއެކު ހިނގާ. އިމާމަކާ ބައްދަލުކުރުވައިދޭނަން." ސުޢޫދު އުފާވެރި ރާގަކަށް ބުނެލިއެވެ.

އެ ރޭ އިރާކޮޅު ސުޢޫދު އޭނާ ގޮވައިގެން ދަންނަބޭކަލެއްގެ ގާތަށް ހިނގައްޖެއެވެ. އެއީ ނިސްބަތުން ބީރައްޓެހި އަވަށެކެވެ. އެ އަވަށުގައި އަޅައިފައިވާ ވަރަށް ރީތި ގެއެއްގައި އިސްކޮޅުން ދިގު ދޮން މީހަކު ހުއްޓެވެ. އެމީހާ ސުޢޫދާއި އީމާނާ ދެމީހުންނާ ސަލާންކޮށްލިއެވެ. ސުޢޫދު ބުނި ދަންނަބޭކަލަކީ އެއީއެވެ. އޭނާ އެ ދެމީހުން ގޮވައިގެން ގޮސް ގޭގެ ބޮޑުކޮޓަރިއަށް ވަދެއްޖެއެވެ. އެ ކޮޓަރިތެރޭގައި ޖަހައިފައި ހުރި ފޮތްހަރުތަކުގައި އެތައް ފޮތެއް ހުއްޓެވެ. ތިން މީހުން އިށީނުމާއެކު ނޯކަރަކު ކާއެއްޗިއްސާއި ބޯއެއްޗެހި ތަބަކަކަށް ލައިގެން އަތުވެއްޖެއެވެ.

އީމާން ޢަލީ އޭނާގެ ކުރިމަތީގައި އިން މީހާޔާ ދިމާއަށް ބަލައިލިއެވެ. އެމީހާގެ ނަމަކީ ޑޮކްޓަރ ޚޫރްޝީދް އަސްޣަރެވެ. އޭނާ ނޯކަރާ ވާހަކަދައްކަމުން ގެންދިޔައީ ނުހަނު މަޑުމައިތިރިކަމާއެކު ހިތްހެޔޮ ރާގަކަށެވެ. އޭނާގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ސުލޫކެއްގެ ސަބަބުން އީމާނަށް އަސަރުކޮށްފިއެވެ. ނޯކަރު އެނބުރި ދިއުމާއެކު އޭނާ މުޚާތަބުކުރީ އީމާނާއެވެ.

"މާ ގިނަ ބާވަތްބާވަތުގެ ކާ އެއްޗެހި ގެނެސްނުދެވުނީތީ ދެރަވަން."

އޭނާ އެހެން ބުނީމާ އީމާން ވަރަށް ބޮޑަށް ލަދުގެންފިއެވެ.

"މިހާރުވެސް މާ ގިނަވެއްޖެ. ސައިތަށްޓަކުން އަޅުގަނޑުމެންނަށް ފުދިއްޖައީސް."

"މިއީ އަހަރެންގެ ގާތަށް އެއްޗެއް ދަސްކުރަން އައި މީހަކަށްޓަކައި ގެނައި އެއްޗިއްސެއް ނޫން. މިއީ އަހަރެން އެ މީހެއްގެ ފުށުން ލައްކަ ގިނަ އެއްޗެހި ދަސްކުރާނޭ މީހަކަށްޓަކައި ގެނައި އެއްޗެހި."

އީމާން ސައިބޮއިބޮއި ހުރެފައި ހުއްޓައިލިއެވެ. ޚޫރްޝީދު ދެއްކި ވާހަކަ މާ ރަނގަޅަކަށް ވިސްނައެއް ނުގަނެވުނެވެ. އެހެންވީމާ އޮޅުން އަރައިފައިވާ ކަހަލަ ގޮތަކަށް ސުޢޫދާ ދިމާއަށް ބަލައިލިއެވެ.

"ސުޢޫދު ބުނާ ގޮތުގައި ޑެނިއަލް އީމާން ޢަލީއަކަށްވީ މީހަކާ އިންނަންވެގެން. އެ ކުއްޖަކަށްޓަކައި އީމާން ޢަލީއަކަށް ވީ އަންހެންކުއްޖާ ދެކިލުމަކީވެސް ކުރަން ޖެހޭ ކަމެއް. މީހަކު އީމާން ޢަލީއަކަށް ވާ ކަހަލަ އަންހެންކުދިން މި ޒަމާނުގައި ފެންނަނީ ވަރަށް މަދުން." ޚޫރްޝީދުގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އީމާންގެ މޫނަށެވެ.

"ތިޔަ ނުކުމެވުނީ ކޮން ކަހަލަ މަގަކަށްކަން އެނގޭތަ؟" އޭނާ އަހައިލިއެވެ.

"ނޫން." ޑެނިއަލް މަޑުމަޑުން ބުނެލިއެވެ.

ޚޫރްޝީދުގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އެނގޭ ކަމަކީ އަޅުގަނޑު ޚިޔާރުކުރީ ކުރިމަތީގައި އޮތް ތިން މަގުންކުރެ އެންމެ ރަނގަޅު މަގުކަން. އެކަމަކު އެ މަގުން ދެވޭނީ ކޮން ދިމާއަކަށް ކަމެއް އަދި ނޭނގޭ. ތިޔަ ބޭފުޅާގެ އަރިހަށް މި އައީ އެހެން ވެގެން."

"ތިޔައީ އިމްތިހާނުގެ މަގެއް. އިމްތިހާނަކީ ކޮބައިކަން އެނގޭތަ؟"

އީމާން ބޯ ހޫރައިލިއެވެ.

"ނޭނގޭ ސަބަބަކީ މުޅި އުމުރު ދީނުން ބޭރުގައި، އެއްވެސް ދީނަކަށް ތަބާނުވެ އުޅުނީތީ. މާ ގިނަ ދުވަހެއް ނުވެ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހޭނެ. ދީނުގެ މަތީގައި އީމާން ދެމިހުންނަނީ ކިހިނެއް ކަމާއި އަގީދާގައި ހުރީ ކިހައި ވަރެއްކަން އެނގޭނީ އެ އިމްތިހާނާ ކުރިމަތިލީމާ. ކޮންމެ ދުވަހަކު މި ގަޑީގައި މި ގެއަށް އާދޭ. ދީނާ ބެހޭ ވީހައިވެސް ގިނަ މައުލޫމާތެއް ދެވޭތޯ އަހަރެން މަސައްކަތް ކުރާނަން. ދީނަށް ލޯބި ޖެއްސެވުމަކީ ﷲގެ ކަމެއް." ޚޫރްޝީދު އަޖައިބެއް ކަހަލަ ގޮތަކަށް ހިނިތުންލެވަމުން ވާހަކަދެއްކިއެވެ.

ޑެނިއަލް ދެ ގަޑިއިރު ވާންދެން އެ ގޭގައި އިނެވެ. ދީނާ ބެހޭ އަސާސީ ކަންތައްތައް ޚޫރްޝީދު ކިޔަވައިދިނެވެ. އަދި ގެއަށް ގޮސް ކިޔާނޭ ދެތިން ފޮތެއްވެސް ދިނެވެ. އޭނާ އެ ގެއިން ނުކުމެގެން އައީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކީގައެވެ. ރޭގަނޑު ނިދަން އޮށޯތުމާއެކު މިސްކިތުގައި ކުރި ދުޢާގެ މަތީން ހަނދާން ވެއްޖެއެވެ.

ކޮންމެ މީހަކުވެސް ދީނާ ދިމާއަށް އެނބުރެނީ ކޮންމެވެސް ބޭނުމަކާ ލައިގެންނެވެ. އޭނާ ދީން ބަދަލުކުރީ އަންހެނަކުގެ ބޭނުމުގައެވެ. އޭނާގެ ކިބައިގައި އީމާންކަން އޮތުމާއެކު ފުރަތަމަވެސް ދުޢާކުރީ އެ އަންހެންމީހާ ލިބޭނޭ ގޮތެެް މެދުވެރި ކުރައްވާތޯއެވެ. އޭނާގެ ލޯބީގައި ތެދުވެރިކަމެއް، އިޚްލާސްތެރިކަމެއް ހުރިއްޔާ އެކުއްޖާ ލިބޭނޭ މަގެއް ދައްކަވާތޯއެވެ. ﷲ ގެ ކިބައިން ކަމަކަށް އެދުނު ފުރަތަމަ ފަހަރަކީ އެއީއެވެ. މީގެ ކުރިން އޭނާ އެއްވެސް އެއްޗެއް، ކަމެއް ބޭނުމެއްވެސް ނުވެއެވެ. އެހެންވީމާ އިސްލާމަކަށްވެ ހުރެ ﷲ އަށް އޭނާ ދެންނެވި ދެންނެވުން ފުރިހަމަކޮށް ދެއްވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮތެވެ. ދުޢާ އިޖާބަކުރައްވާނޭ ކަމުގެ ކަށަވަރުކަން އޮތެވެ.

އީމާން ޢަލީ ލޯ މަރައިލިއެވެ. އޭނާގެ ދުޢާގެ މަތީން ހަނދާން ކުރަމުންނެވެ. "އޭނާ ލިބޭނޭކަން ޔަގީނެވެ. މިހާރު މާ ބޮޑަށްވެސް ކަށަވަރެވެ." އޭނާގެ ހިތަށް އެރިއެވެ.

* * *

"އޭނާ އުޅެނީ އެ ދަނާލުގައި. ބައްޕައަކީ ސިފައިންގެ މޭޖަރެއް. އާއިލާގައި އިތުރު އަންހެންކުއްޖަކާއި ދެ ފިރިހެން ކުދިން ތިބޭ. ގެ ހުންނަނީ ރާވަލްޕިންޑީގައި. އުޅެނީ މީހަކާ އިނދެގެންނެއް ނޫން."

އަނެއް ދުވަހު ސުޢޫދު އޭނާއަށް އުއްމީދާ ބެހޭ މައުލޫމާތު ދީފިއެވެ. އަދި ރާވަލްޕިންޑީގައި ހުންނަ ގޭގެ އެޑްރެހާއި ފޯނު ނަންބަރުވެސް ހޯދައި ދީފިއެވެ.

"އެކަމަކު ދޮރުވާނު ބުނީ އެތާކު ނޫޅެއޭ." އީމާން ހައިރާންވިއެވެ.

"އާނ. އޭނާ ދޮގުހެދީކަމަށް ވާނީ. އޭނާ ގާތު ދޮގު ހަދާށޭ ބުނީ އުއްމީދު ކަމަށްވެސް ވެދާނެ."

"އެހެންވެއްޖެއްޔާ އަހަރެން ހަދާނީ ކިހިނެއް؟"

"އަހަރެން ކޮންމެވެސް ގޮތަކުން އޭނާގެ އާއިލާޔާ ގުޅައިފައި އީމާންެގެ އެދުން ހުށަހެޅޭތޯ ބަލައިލާނަން."

"ތިޔަކަމެއް ކުރާނީ ކިހިނެއް؟"

"އެކަން އަހަރެންގެ މައްޗަށް ދޫކޮށްލާ." ސުޢޫދު ހިނިތުންވެލިއެވެ.

* * *

ސުޢޫދު މަސައްކަތް ކުރަނީ ކިހިނެއް ކަމެއް އީމާނަކަށް ނޭނގެއެވެ. އެކަމަކު އެ ބުނި ގޮތަށް ހަދާނޭކަން އެނގޭތީ އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާ ކޮންމެ ދުވަހަކު ޚޫރްޝީދު ގާތަށް ކިޔަވަން ދެއެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެކި ފެންވަރުގެ ބޮޑެތި ޢިލްމުވެރިން ދެކިފައެވެ. ޔުނިވަރުސިޓީން ފެންވަރު ރަނގަޅު އެތައް ޕްރޮފެސަރުންނަކާ ވަނީ ބައްދަލުވެފައެވެ. އެކަމަކު ތިންވަނަ ދުނިޔޭގެ ކުޑަ ގައުމަކުން ދިމާވީ މި ޢިލްމުވެރިޔާ އޭނާ މުޅީން އާސޯޚު ކޮށްލައިފިއެވެ. ޚޫރްޝީދު ކިޔެވީ މިސުރުގެ ޖާމިޢުލްއަޒްހަރުންނެވެ. އުރުދޫ ބަހާއި އިނގިރޭސި ބަހުގެ އިތުރަށް އޭނާ އަރަބި ބަސްވެސް ދަނެއެވެ. އެކަމަކު އޭނާއަށް އެންމެ ބޮޑު ސިހުމެއް ލިބުނީ ދެކެވުނު ވާހަކައެއްގެ ތެރެއިން ޖަރުމަނުބަހުން ވާހަކަދެއްކީމައެވެ.

"ޖަރުމަނު ބަސް؟" ހައިރާންވީ ވަރުން އޭނާގެ އަނގަ ހުޅުވިއްޖެއެވެ.

"އީމާނެކޭ އެއްފަދައިން އަހަރެންވެސް ބައެއް ބަސް ދަންނަމޭ." ޚޫރްޝީދު ހިނިތުންވެލިއެވެ.

އޭގެ ފަހުން ދެމީހުން ދައްކާ ގިނަ ވާހަކަ ދައްކަނީ ޖަރުމަނު ބަހުންނެވެ. މީހަކު ހުންނަ ގޮތަކުން އެ މީހަކުގެ ޢިލްމީ ފެންވަރަކީ ކޮބައި ކަމެއް ނޭނގޭނެއެވެ. މި ފަހަރުވެސް މިވީ އެހެންނެވެ. އޭނާ ހީކުރި ވަރަށްވުރެ ޚޫރްޝީދު މާ މޮޅެވެ. ކޮންމެ މައުޟޫއަކަށް ވާހަކަ ދެއްކިޔަސް އޭނާގެ މައުލޫމާތުގެ ޚަޒާނާ ހުހެއް ނުވެއެވެ. ހަމައެކަނި މައުލޫމާތު ހުންނަނީއެއް ނޫނެވެ. އެ ދައްކާ ވާހަކައެއް ސާބިތުކޮށް ދޭނޭ ދަލީލުތަކާއި ހަވާލާވެސް އެވަރަށް ހުރެއެވެ. ދުނިޔޭގެ ކުދިބޮޑު ހުރިހައި ދީނަކާ ބެހޭ މައުލޫމާތު އޭނާ ދަނެއެވެ. އިސްލާމް ދީނާ ބެހޭ ގޮތުން އޭނާގެ ހިތުގައި ހުރި ހުރިހައި ޝައްކެއް ދިޔައީ ފަސޭހަކަމާއެކު ފިލަމުން ސާފުވަމުންނެވެ. ޚޫރްޝީދު ދައްކާ އެއްވެސް ދަލީލަކާ ދެކޮޅަށް އީމާން ދައްކާނޭ ވާހަކައެއް ނުހުރެއެވެ. އެ ވާހަކަ ބުނެލީމާ ޚޫރްޝީދު ބުންޏެވެ.

"އެއްވެސް ދަލީލަކަށް ޖަވާބެއް ނުދެވޭ ވަރު ކުރެވޭނީ އެ ދަލީލެއްގައި ބާރެއް ހުރެގެން. އަހަރެމެންގެ ދީނަކީ ދަލީލުގެ ދީނެއް. މަންތިގުގެ ދީނެއް. މަގުމަތީގައި ސަލާންޖަހަން ހުންނަ އަކުރު ނުދަންނަ މުސްލިމަކަށްވެސް އޭނާގެ ދީނުގެ ޝުއޫރާއި އަސާސީ މައުލޫމާތު އެނގިފައި އެހެން މީހަކު ލާޖަވާބު ކުރެވިދާނެ. ސަބަބަކީ އަހަރެމެން ދަލީލު ނަގަނީ ކީރިތި ޤުރްއާނުން ކަމަށް ވުން. އެއީ ﷲ ގެ ބަސްފުޅު. ދެން އަހަރެމެން ބުރަވަނީ ކީރިތި ރަސޫލާގެ ބަސްފުޅަށް. މިއީ ހައްތަހާވެސް އިލާހީ ދަލީލު. އިލާހީ ދަލީލުގެ ކުރިމަތީގައި ﷲ ގެ މަޚުލޫގުންނަކަށް ޖަދަލެއް ނުކުރެވޭނެ."

ޚޫރްޝީދުގެ ވާހަކަތަކާ މެދު ވިސްނި ވަރަކަށް އޭނާގެ ސިކުނޑި ދިޔައީ ސާފު ވަމުންނެވެ. އޮޅުންބޮޅުން ދިޔައީ ފިލަމުންނެވެ.

"ބިމުގެ ހުންނަނީ ދެ ވައްތަރެއް. އެއް ވައްތަރަކީ ހަނަފަސް ބިން. މި ފަދަ ބިމަކަށް ކިތަންމެ ވަރަކަށް ވާރޭ ވެހުނަސް، ފެން ޖެއްސަސް ފެހި ކަމެއް ނާންނާނެ. އެއްޗެއް ނުހެއްދޭނެ. ދެވަނަ ވައްތަރަކީ ދުޅަހެއު ބިން. މި ވައްތަރުގެ ބިމަކަށް ދެތިން ތިކި ފެން ޖެހުމާއެކު ފެހިކަން އަތުވެދާނެ. އެކަމަކު ބިމަކަށް ބޭނުންވަނީ ހަމައެކަނި ފެހިކަމެއް ނޫން. އެ ފެހިކަމުން ފައިދާއެއްވެސް ކުރަން ވާނެ. ބައެއް ކަހަލަ ފެހި ވިނައާއި ގަހަކީ ބޮޑު ވިހައެއް. އެހެންވީމާ ފަރުވާތެރި ވެގެން ބަލަހައްޓަމުން ނުދާނަމަ ދުޅަހެއު ބިމެއްގައިވެސް ދެ ވައްތަރެއްގެ ގަސް ހެދެމުން ދާނެ. ފެން ޖެހުމުގެ އިތުރަށް ހައްދާ ތަކެތި ބެލެހެއްޓުމަކީވެސް ކުރަން ޖެހޭނޭ ކަމެއް. ﷲ ވަނީ ކޮންމެ މީހަކަށްވެސް ސިކުނޑިއަކާއި ޝުއޫރެއް ދެއްވާފައި. ބިމުގައި ހެދޭ ވިހަ ގަސްގަހާގެހިން ސަލާމަތް ވެގެން އުޅުމަކީ އަހަރެމެން ކޮންމެ މީހެއްގެ މައްޗަށް ލާޒިމު ކަމެއް. އަދި ފައިދާ ކުރުވަނިވި ގަސްގަހާގެހި ހައްދައި ބެލެހެއްޓުމަކީވެސް ކޮންމެ މީހަކުގެ މައްޗަށްމެ އޮތް ވާޖިބެއް. އެއީ އީމާނަށްވެސް ކުރެވޭނޭ ކަމެއް."

ޚޫރްޝީދުގެ ހިތުގައި އޭނާގެ މައްޗަށް އޮތް ޔަގީންކަން ފެނުނީމާ އީމާން ހައިރާންވިއެވެ. އެ ޔަގީންކަމާއި އިތުބާރު ޚުދު އޭނާއަކަށްވެސް ނެތެވެ. އޭނާއަކީ ޚޫރްޝީދުގެ ގާތަށް އައި ފުރަތަމަ ބިދޭސީ މުސްލިމެއް ނޫނެވެ. އިސްލާމް ދީން ގަބޫލު ކުރުމަށް ފަހު އެގެއަށް ކިޔަވަން އަންނަ އެހެން މީސްމީހުންނާވެސް އޭނާޔާ ބައްދަލުވެއެވެ. ދިރިއުޅުން މަޑުމަޑުން ބަދަލުވަމުން ދާ ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. ދީނަކަށް އުޅުމާއި ނޫޅުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. މުޅީން ދެ ވައްތަރެއްގެ ތަޖުރިބާއެކެވެ. ދީނަކަށް އުޅުމުގެ ތަޖުރިބާ މާ ރަނގަޅެވެ. ހިތަށް ލިބޭ އަރާމާއި އުފާވެރިކަން މާ ބޮޑެވެ. މަގުސަދެއްގެ އިހުސާސާއި ހަމަޖެހުން ފާހަގަ ކުރެވެއެވެ.

"މީގެ ކުރިން އަޅުގަނޑު ދުވަހަކުވެސް ދީނެއްގެ ބޭނުން އިހުސާސެއް ނުކުރަން. ކަލަކު ވޮޑިގެންވާ ކަމަކަށް ގަބޫލުކުރަން. ހުރިހައި ދީނެއް އަންނަނީ އެއް ކަލެއްގެ ފަރާތުން ކަމަށްވެސް ގަބޫލުކުރަން. އެކަމަކު ދީނެއް ގަބޫލުކުރާ ވަރަކަށް އެއެްވެސް ދީނަކުން އަޅުގަނޑަކަށް އަސަރެއް ނުކުރޭ. ހަގީގަތުގައި ދީނަކަށް ނޫޅުމަކުން އަޅުގަނޑުގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑުގެ ދިރިއުޅުން އޮތީ ވަރަށް ފާގަތިކޮށް. ކަމަކަށް އެދިގެން ﷲ އަށް ދަންނަވަން ޖެހޭ ފަދަ ހާލަތެއްވެސް ނެތް. މިފަދަ ހާލަތެއްގައި ދިރިއުޅުން ވޭތުކުރާ މީހަކަށް ދީނެއްގެ އޮންނާނީ ކޮން ބޭނުމެއްތޯ؟ އެފަދަ މީހަކަށް ދީން ވާނީ އިޚްތިޔާރީ އެއްޗަކަށް. ދީނެއް އޮތުމަކުން ނުވަތަ ނެތުމަކުން ދިރިއުޅުމަކަށް ކުރާނޭ އެއްވެސް އަސަރެއް ނެތް."

އޭނާގެ އުދާސްތައް ބޭރުކުރަން ފެށީމާވެސް ޚޫރްޝީދު ހަމަޖެހިލައިގެން އިނދެ ހިނިތުންވެލީއެވެ.

"ﷲ އަބަދުވެސް އީމާން ބެހެއްޓެވީ ސީދާ މަގުގައި. އެއީ އެކަލާނގެ ރަޙުމަތް. ދީނެއްގެ ބޭނުމެއް ނެތް ކަމަށް ވިސްނުނު ސަބަބަކީ އެއީ. ﷲ އީމާނަކަށް އެއްވެސް ކަހަލަ އިމްތިހާނެއް ނުޖައްސަވާ. ﷲ ވޮޑިގެންވާ ކަމަށް ގަބޫލުކުރުމާއެކު ހުރިހައި ދީނަކަށް އިހުތިރާމުކުރާ މީހެއްގެ ގޮތުގައި ލެހެއްޓެވީ. ދީނެއްގެ މުހިމުކަމުގެ އިހުސާސް އާއްމު ގޮތެއްގައި މީހަކަށް ކުރެވެނީ އިމްތިހާނަކާ ކުރިމަތިލާން ޖެހުނީމާ. އިމްތިހާނަކީ ކިސަޑު ވަޅުގަނޑެއް ކަހަލަ އެއްޗެއް. އެއްވެސް މީހަކަށް އަމިއްލައަކަށް އެ ވަޅުގަނޑަކުން އަރައެއް ނުގަނެވޭނެ. ވާގަނޑެއްގެ ބޭނުން ޖެހޭނެ. ހިފައިލާނޭ އަތެއްގެ ބޭނުން ޖެހޭނެ. މި ވަގުތު އެ ވާގަނޑާއި އަތަށް ވެފައި މިއޮތީ ދީން. ވާގަނޑާއި އަތުގެ ބޭނުން ނުހިފައި ކިސަޑުގަނޑުގެ ތެރޭގައި އޮވެގެން ސަލާމަތް ވާން އަތްފައި ހޫރުވި ވަރަކަށް ދާނީ އަޑިއަށް. ފެނަށް ގެނބޭ މީހާ މަރުވެގެން ނަމަވެސް މައްޗަށް އަރާ. އެކަމަކު ކިސަޑަށް ގެނބޭ މީހާ މައްޗަކަށް ނާރާ. ކިސަޑުގަނޑުން އެމީހާ އެކީގައި ދިރުވައިލާ. ވާގަނޑާއި ހިފާނޭ އަތެއްގެ އެހީގައި ކިސަޑުގަނޑުން އަރައިގަންނަ މީހާ ދެނެއް ކިސަޑު ދެކެ ބިރެއް ނުގަންނާނެ. ހަޅޭއްލަވައިގަތީމާ ނުވަތަ ބާރަށް ގޮވައިލީމާ ހިފާނޭ އަތެއް އަންނާނެކަން އޭނާ ދަންނާނެ. ދެން ނިކަން ވިސްނައިލަބަލަ. އީމާން ވެފައި ވަނީ ނަސީބުވެރިއަކަށް. މިހާރު ވެފައި ތިޔަ ވަނީ ކިސަޑުގަނޑަކަށް ވެއްޓުނަސް ގޮވައިލީމާ މީހަކު އަންނާނޭ ކަމުގެ އުއްމީދުކުރާ މީހަކަށް ވެފައި."

ކޮންމެ ރެއަކު އޭނާ އެނބުރި ގެއަށް އަންނަނީ ވަރަށް ޖޯޝާއެކީގައެވެ.

* * *

ސުޢޫދު އޭނާގެ އާއިލާގެ މީހުންގެ އެހީތެރިކަމާއެކު އީމާންގެ އެދުން އުއްމީދުގެ އާއިލާއަށް ހުށަހަޅައިފިއެވެ. ވިސްނައިލާން ހައެއްކަ ދުވަސް ހޭދަކުރުމަށް ފަހު އެމީހުން ކުރީ އިންކާރެވެ. ސުޢޫދު އޭގެ ފަހުންވެސް ދެތިން ފަހަރަކު މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. އީމާން ގާތު އެ ވާހަކަ ބުނީމާ ވަރަށް ދެރަވިއެވެ.

"ދެން އެހެން ގޮތެއް ނޯންނާނެތަ؟" އޭނާ ސުޢޫދާ ސުވާލުކޮށްލިއެވެ.

"އެހެން ބަޔަކު މެދުވެރިކޮށްގެން ކޮންމެވެސް ގޮތެއް ވޭތޯ ބަލައިލާނަން." މިހެން ބުނި ކަމުގައި ވިޔަސް ސުޢޫދަކަށް މާ ބޮޑު އުއްމީދެެއް ނެތެވެ.

އީމާން ޢަލީގެ ހާސްކަމާއި ކަންބޮޑުވުން އިތުރު ވެގެން ހިނގައްޖެއެވެ. އޭނާ އާދައިގެ މަތީން ކޮންމެ ރެއަކުވެސް ޚޫރްޝީދުގެ ގެއަށް ދެއެވެ. ޚޫރްޝީދަކަށް އޭނާގެ ހާސްކަން ސިއްރެއް ނުކުރެވުނެވެ. ސަބަބަކީ ކޮބައިތޯ އެތައް ފަހަރަކު އެހީމާ ހުރިހައި ވާހަކައެއް ސާފުކޮށް ކިޔައިދީފިއެވެ.

"އުއްމީދު ޢާލަމް ދެކެ ކިހައި ވަރަކަށް ލޯބިވޭ؟"

އެ ސުވާލަށް ދޭނޭ ސީދާ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. "އެޔެއް އަޅުގަނޑަކަށް ނޭނގޭ. އެކަމަކު..."

(ނުނިމޭ)

3 ޚިޔާލު

  1. އުއްމީދު މިވާހަކައިގެ 34 ވަނަ ބައި ނުކުންނާނީ
    ކޮންދުވަހަކުންތޯ؟
    ދުވާލަކު ފަސް,ހަފަހަރު ވާހަކަ ނުކުމޭތޯ ބަލާލެވޭ
    ވަރަށް ޝައުގުވެރިކަން ހުރިވާހަކައެއް،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.