(20 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮންމެ މަގަކުން، ކޮންމެ އެއްގަމު އުޅަނދަކުން، ކޮންމެ މޫނަކުން ޖަހާންޒޭބް ފެނޭތޯ ބެލުމުގައި އޭނާ ހޭދަކުރީ ކިތައް ދުވަސް ކަމެއް އުއްމީދަކަށް ނޭނގެއެވެ. ކުރީ ދުވަހެކޭ އެއްފަދައިން އަނެއްކާވެސް އޭނާގެ ކުރިމައްޗަށް ޖަހާންޒޭބް ނުކުމެދާނެއޭ އެތައް ފަހަރަކު ހިތަށް އަރައެވެ. ކައުންޓަރު ކައިރީގައި ހުރެގެން ކުޑަ ދޮރުން ބޭރު ބަލަނިކޮށް ފެނިދާނެއޭ ހިތަށް އަރައެވެ. ކޮންމެ ކާރެއް މަޑުކުރުމާއެކު އެ ކާރުން ފައިބާނީ ޖަހާންޒޭބޭ ހިތަށް އަރައެވެ.
އެ ދުވަހު އޭނާ ހުރީ ކައުންޓަރު ދޮށުގައި މީހަކުގެ އޯޑަރު ނޯޓު ކުރާށެވެ. އެ ވަގުތު އެއްކަލަ ބިދޭސީމީހާ އައިސް އޭނާގެ ނަމަކީ ކޮބައިހެއްޔޭ އަހައިފިއެވެ. އޭނާ ހައިރާން ވެފައި އެމީހާގެ މޫނަށް ބަލައިލިއެވެ. އެމީހާ ބުނި ގޮތުގައި ނަން އޮޅުފިލުވައިލާން ބޭނުންވީ ކޮންމެ ދުވަހަކު އޭނާގެ އޯޑަރު ނޯޓުކުރާ ކުއްޖާއަށް ވާތީއެވެ.
"ކޮންމެ ދުވަހަކު މީނާގެ އޯޑަރު ނޯޓު ކުރަނީ އަހަރެން ހެއްޔެވެ؟" އޭނާ ވިސްނައިލިއެވެ. "އެކަމަކު އަހަރެން ހަނދާނެއް ނުވެއެވެ." އޭނާ އެހެން ހެއްޔޭ އަހާ ކަހަލަ ނަޒަރަކުން އެމީހާގެ މޫނަށް ބަލާން ފަށައިފިއެވެ.
"ޖަހާންޒޭބް ނޫން މީހެއްގެ މޫނު އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ." އޭނާ އަމިއްލަ ބަލިކަށިކަމަށް ހިތުން އިއުތިރާފު ވިއެވެ.
އެމީހާ އަނެއްކާވެސް އޭނާގެ ނަމަކީ ކޮބައި ހެއްޔޭ އަހައިފިއެވެ. އޭނާ ނަން ބުނެފިއެވެ.
އެ ދުވަހު މަސައްކަތުން އަވަދިވެގެން ދަނާލަށް އައިސް އަރާމު ކޮށްލާން ޖައްސައިލުމާއެކު އެ ބިދޭސީމީހާގެ މަތީން ހަނދާން ވެއްޖެއެވެ. މީގެ މަހެއްހައި ދުވަސް ކުރިން އެމީހާ މި ރަށު ބަހުން ވާހަކަ ދައްކާން ފެއްޓީމާ ހައިރާންވީ ހަނދާން ވެއްޖެއެވެ.
ވިދިގެން އައި ދުވަހު މެންދުރު ކާގަޑީގައި އެމީހާ އަތުވެއްޖެއެވެ. މިއަދު އުއްމީދަށް އޭނާ އެނގިއްޖެއެވެ. އޭގެ ފަހުން އަންނަ ކޮންމެ ވަގުތަކު އުއްމީދާ ކޮންމެވެސް ވާހަކައެއް ދައްކަން މަސައްކަތް ކުރެއެވެ. އުއްމީދު އެއްވެސް ވާހަކައެއް ނުދައްކައެވެ. މަސައްކަތުގައި އަވަދިނެތި އުޅެނީއެވެ. އެ ގޮތަށް ގާތް ވާން މަސައްކަތްކުރާ މީހުންނަކީ ކޮން ކަހަލަ ބައެއްކަން އޭނާ ފިސާރި ރަނގަޅަށް ދަނެއެވެ.
އުއްމީދު އޭނާގެ ދަންފަޅި އޮންނަ ގަޑި ބަދަލު ކުރުވައިފިއެވެ. ދެން ފެންނާން ފެށީ އެމީހާ ހަވީރު އަންނަ ތަނެވެ. އޭނާގެ ކަންތައްތައް ހުންނަ ގޮތް އަޅައިގަންނަ ގޮތްވީ އެހައި ތަނުންނެވެ. ހަވީރު އަންނަ ގޮތަށް ރޭގަނޑު އެތައް އިރެއް ވާންދެން އިނދެއެވެ. ދޭތެރެއަކުން ކޮންމެވެސް އެއްޗަކަށް އޯޑަރުވެސް ކުރެއެވެ. ކުރާ ކަމަކީ އުއްމީދާ ދިމާއަށް ބެލުމެވެ. އުއްމީދު އޭނާޔާ ދިމާއަށް ބަލައިލުމާއެކު އިސްދަށަށް ޖަހައިލައެވެ. އެންމެ ފަހުން ގޮސް އެތާނގައި މަސައްކަތްކުރާ އެހެން ކުދިންގެ ލޮލުގައިވެސް މި ކަމެއް އަޅައިގެންފިއެވެ.
* * *
ހަފުތާ ބަންދުގައި އޭނާ ގެއަށް އަތުވެއްޖެއެވެ. ރާވަލްޕިންޑީއަށް އާދެވުނީމާ އޭނާއަށް އަޖައިބެއް ކަހަލަ ގޮތެއް ވެއެވެ. ބައެއް ފަހަރަށް ހީކުރެވެން ފަށަނީ ވަރަށް ވިޔާނުދާ ތަނަކަށް އާދެވިގެން އުޅެނީ ކަމުގައެވެ.
"މަންމައަށް ފެންނަނީ ދެން ދަރިފުޅު ލާހޯރް ދޫކޮށްލާފައި މިރަށަށް އައިސް ދިރިއުޅެން ފަށަން. އާމްދަނީ ހޯދުމުގެ ބޭނުމެއްވެސް މިހާރަކު ނެތް. ކޮއްކޮމެނަށް ވާވަރަށް ފައިސާ ލިބޭ. އެހެންވީމާ ދަރިފުޅު ދެން ރަށުން ބޭރުގައި އުޅޭނެ ކަމެއް ނެތް." މަންމަ އެރޭ އޭނާ ގާތު ބުންޏެވެ. އޭނާ ހައިރާންވެފައި މަންމަގެ މޫނަށް ބަލައިލިއެވެ.
އޭނާގެ ހިތަށް އެރިއެވެ. ""މިހައިތަނުން އަހަރެންގެ މަސައްކަތް ނިމުނީ ހެއްޔެވެ؟"
"ދެން މި ރަށުގައި އުޅޭ. ދަރިފުޅު އިންނާނޭ ރަނގަޅު މީހަކު މަންމަ ހޯދާނަން. މަންމަ ބޭނުންވަނީ ވީހައިވެސް އަވަހަކަށް ދަރިފުޅު މީހަކާ ދެވަން."
އޭނާ އަނގައިންވެސް ނުބުނެ އިށީނދެގެން އިނީއެވެ. މަންމަ ކުޑައިރުކޮޅަކު އިނދެފައި ތެދުވެގެން ހިނގައްޖެއެވެ.
"ކާވެނި؟ އަހަރެން ހަމަ މީހަކާ އިންނަންވީ ހެއްޔެވެ؟ ޖަހާންޒޭބް ނޫން މީހަކާ އިންނާންވީ ހެއްޔެވެ؟ މިހާރު މި އޮތީ ހުރިހައި ކަމެއް ނިމި ކޮޅުން ލައިފައެވެ. ދެން އަހަރެން މީހަކާ އިންނަނީ ކީއްކުރަން ހެއްޔެވެ؟ އަމިއްލަ ނަފުސަށް މަކަރު ހަދަން ހެއްޔެވެ؟ ނޫނީ އެހެން މީހަކަށް މަކަރު ހަދަން ހެއްޔެވެ؟" އޭނާގެ ސިކުނޑިން މަންމަގެ ވާހަކަ ގަބޫލުކުރާ ހެންނެއް ހިއެއް ނުވެއެވެ.
"އިމްތިހާނަކީ ދުވަހަކުވެސް ނިމޭ ކަމެއް ހެއްޔެވެ؟" އޭނާގެ ހިތަށް އެރިއެވެ. "އެއީވެސް އިމްތިހާނެކެވެ. ލާހޯރް ދޫކޮށްލާފައި ރާވަލްޕިންޑީއަށް އަންނާންވީ ހެއްޔެވެ؟ މި ރަށުން އަނެއްކާވެސް މީހަކާ ގުޅުމެއް އުފައްދާންވީ ހެއްޔެވެ؟ ޖަހާންޒޭބް ފިޔަވައި އެހެން މީހަކާއެކު އަހަންނަށް ނޫޅެވޭނެކަން މަންމައަށް ނޭނގެނީ ހެއްޔެވެ؟"
އޭނާ ރާވަލްޕިންޑީއަށް އައީ ދެ ދުވަހަށެވެ. އެކަމަކު މި ފަހަރު އޭނާ ހަފުތާއެއް ވާންދެން އެނބުރި ނުގޮސް އުޅުނެވެ. އެނބުރި ދާން އުޅުނު ދުވަހު އަނެއްކާވެސް މަންމަ އެ ވާހަކަދެއްކިއެވެ. އޭނާ ހިމޭންކަމާއެކު އަޑު އަހައިލުމަށް ފަހު ބޯ ޖަހައިލިއެވެ.
"އެނބުރި ރަށަށް އައުމަކުން މިހާރު ކުރާނޭ އެއްވެސް ފައިދާއެއް ނެތޭ ބުނެވޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ގެއެއް ހުއްޓަސް، ނެތަސް މިހާރަކު ދިރިއުޅުމަކަށް އަންނާނޭ ބަދަލެއް ނެތެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހުރިހައި ކަމެއް ނިމިއްޖެއެވެ. ދިރިއުޅުން އަނދައި ހުލިވެއްޖެއެވެ. މިހާރު ހުރީ އަޅި ފުންޏެކެވެ. އަޅި ފުންޏެއްގެ ތެރޭގައި އަލުން ގެއެއް އެޅުމަކީ ފަސޭހަ ކަމެއް ނޫނެވެ." ގެއިން ނުކުތް ވަގުތު އޭނާގެ ހިތަށް އެރިއެވެ.
* * *
އެރޭ ލާހޯރަށް އައުމަށް ފަހު ވަރަށް އަވަހަށް ރާވަލްޕިންޑީއަށް ބަދަލުވާނަމޭ ޢަޤީލާ ގާތު އޭނާ ބުންޏެވެ.
"ކީއްކުރަން؟" ޢަޤީލާ ހައިރާން ވެފައި އަހައިލިއެވެ.
"މަންމަ ބޭނުންވާ ގޮތަކީ އެއީ. ފިރިހެން ދެ ކޮއްކޮއިން މިހާރު މަސައްކަތް އެބަކުރޭ. ރަނގަޅު އާމްދަނީއެއް އެ ދެ ކުދިންނަށް ލިިބޭ. އެހެންވީމާ އަހަރެން މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތް." އޭނާ ހެދުން އިސްތިރި ކުރަމުން މަޑުމަޑުން ބުނެލިއެވެ.
"އަހަރެން މޮޔަ ހައްދަން ނޫޅޭ. އުއްމީދު ދާން ތިޔަ އުޅެނީ މީހަކާ އިންނަން ވެގެން. ޖަހާންޒޭބް ނޫން މީހަކާ އިނދެގެން އުފާވެރިކަމާއެކު ދިރިއުޅެވޭނެތަ؟" ޢަޤީލާ ސީރިއަސް ރާގަކަށް އަހައިލިއެވެ.
"ނޭނގޭ. ނޫޅެވިވެސްދާނެ. ފަހަރެއްގައި އުޅެވިވެސްދާނެ." އޭނާއަކަށް ދޭނޭ ރަނގަޅު ޖަވާބެއް ނުވިސްނުނެވެ.
"އުއްމީދުގެ އެންމެ ރަނގަޅު ކަމަކީ ހާލަތަށް ތަބާވުން. މީސްމީހުންގެ ރަވައްޔާ ގަބޫލު ކުރުމާއި އަމިއްލަ ނަފުސު ރުއްސައިގަތުމަކީ އުއްމީދު ވަރަށް ކުޅަދާނަ ކަމާއެކު ކުރާ ކަމެއް. އެހެންވީމާ އުފާވިޔަސް ނުވިޔަސް ހާލަތު އޮތް ގޮތަކަށް ދީލައިލައިގެން ދިރިއުޅޭނެކަން އަހަންނަށް އެނގޭ." ޢަޤީލާ ދިރާސާވެރިކަމާއެކު ބުނެލިއެވެ.
އޭނާ އަނގައިން ނުބުނެ އިސްތިރިކުރަމުން ގެންދިޔައީއެވެ.
"ހާލަތަށް ތަބާވުން؟ ނޫނެކެވެ. އަހަންނަށް ކުރަން ނޭނގުނު ކަމަކީ އެއީއެވެ. ހާލަތު އޮތް ގޮތަކަށް ދީލައިލާން އެނގުނު ނަމަ އަހަރެންގެ ދިރިއުޅުން މިހާރު މި އޮތް ގޮތަކަށް ނޯންނާނެއެވެ. ހަތަރު އަހަރު ދުވަސް ވާންދެން ޖަހާންޒޭބްގެ އަވާމެންދުރުގައި ދިރިއެއް ނޫޅޭނެއެވެ." އޭނާ ހިތާމައިގެ އާހެއް ބޭރުކޮށްލިއެވެ.
* * *
ވިދިގެން އައި ދުވަހު އޭނާ ރެސްޓޯރަންޓަށް ހިނގައްޖެއެވެ. ދަނާލުން ނުކުންނާން އައި ވަގުތު ދޮރުވާނު ބުނި ގޮތުގައި އޭނާ ރަށުގައި ނެތި ދިޔަ ހަފުތާގެ ތެރޭގައި ބިދޭސީއަކު އައިސް އޭނާ ކޮބައި ހެއްޔޭ ކިޔައިގެން ސުވާލުކޮށް އުޅުނެވެ. އޭނާ ރެސްޓޯރަންޓުގެ އެހެން ކުދިންނާ ސުވާލު ކުރިއެވެ. އެކަމަކު އެމީހާ އައިސް އުއްމީދު ނެތިގެން އުޅުނު ވާހަކައެއް އެކަކުވެސް ނުބުނެއެވެ. އެކަހަލަ ކަމެއް އެއިން ކުއްޖަކަށް ފާހަގަ ކުރެވިފައެއް ނެތެވެ.
އެ ބިދޭސީ މީހާގެ ނަމަކީ ޑެނިއަލް އެޑްގަރެވެ. ޑެނިއަލް އެ ދުވަހު ހަވީރު އަތުވެއްޖެއެވެ. އާދައިގެ މަތީން އޭނާގެ ގާތަށް އައިސް ހިނިތުންވެލިއެވެ. އުއްމީދުވެސް ހިނިތުންވެލިއެވެ. އެކަމަކު ދެން ޑެނިއަލް ދެއްކި ވާހަކައަކުން އެ ހިނިތުންވުން ފޮހެވިގެން ހިނގައްޖެއެވެ. އޭނާ އުޅެގަތީ ހަފުތާއެއް ވާންދެން އޭނާ އުޅުނު ތަނެއް އޮޅުންފިލުވާށެވެ.
އުއްމީދު ހައިރާންވެފައި އޭނާޔާ ދިމާއަށާއި ކައިރީގައި ހުރި އެހެން މީހަކާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީގައި ހުރި ނުރުހުމުގެ އަސަރު ފާހަގަ ކުރެވުނީމާ ޑެނިއަލް އަވަސްއަވަހަށް އޯޑަރު ނޯޓު ކުރުވަން ފަށައިފިއެވެ. އޯޑަރު ނޯޓު ކުރުމަށް ފަހު އަނގައިންވެސް ނުބުނެ އޭނާ ކާ އެއްޗެހި ގެނެސްދީފިއެވެ. އޭނާގެ ހިމޭން ކަމުގެ ސަބަބުން ޑެނިއަލަށް އޭނާގެ ސުވާލު ޖަވާބު ލިބިދާނޭ ކަމަށް އުއްމީދު ހީކުރިއެވެ. މީގެ ފަހުން ސުވާލު ނުކުރާނޭ ކަމަށްވެސް ހީކުރިއެވެ. ދަންފަޅި ނިންމާފައި ދިއުމުގެ ކުރިން އާދަޔާ ޚިލާފު ސުވާލެއް ކޮށްފާނެއެކޭ އޭނާގެ ހިތަކަށްވެސް ނާރައެވެ.
ޑެނިއަލްގެ ސުވާލަކުން ނުވަތަ ހަރަކާތަކުން އާދަޔާ ޚިލާފު ކަމެއް އޭނާއަށް އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ. އޭނާގެ ހިތަށް އެރިއެވެ. މި މީހާގަނޑު ކޮންމެ ދުވަހަކު މިތަނަށް އައިސް މި އުޅެނީ ކީއްކުރަން ބާވައެވެ؟ މި ތަނުން ފެއްސިގެން ނުގޮސް އިނީ ކީއްވެގެން ހެއްޔެވެ؟ މިއީ ޑެނިއަލް ބަލާތީ އޭނާއަށް އުނދަގޫވީ ފުރަތަމަ ފަހަރެވެ.
ދަންފަޅި ނިމުމުގެ ކުޑަ އިރުކޮޅެއް ކުރިން ޑެނިއަލް އޭނާގެ ގާތަށް އަތުވެއްޖެއެވެ.
"އަހަންނާ އިނދެފާނަންތަ؟" ޑެނިއަލް އަހައިލީ އަޑު އޭނާއަށް އިވުނެވެ.
"މިއީ މޮޔަވެގެން އުޅޭ މީހެއް ހެއްޔެވެ؟" އުއްމީދުގެ ހިތަށް ފުރަތަމަ އެރީ މިހެންނެވެ. "އަހަރެންގެ ފެންވަރަކީ މިހާރު މިއީ ހެއްޔެވެ؟ ކޮންމެ މީހަކު އައިސް ކައުންޓަރު ދޮށަށް ހުއްޓިފައި އިންނަން އަހާވަރަށް އަހަރެންގެ ފެންވަރު ދެރަވީ ހެއްޔެވެ؟"
އޭނާ އެއްވެސް ޖަވާބެއް ނުދީ ދުރަށް ހިނގައްޖެއެވެ.
އެ ރޭ އެނދުގައި އޮވެ ވިސްނައިލީމާ އޭނާގެ ހިތަށް އެރިއެވެ. އަހަރެން ނުފެނިގެން ދަނާލަށް އައި މީހަކީވެސް ޑެނިއަަލް ކަމުގައި ވެދާނެއެވެ. އަހަރެން އުޅެނީ މި ދަނާލުގައިކަން އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާ މިތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ ދެން އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟"
* * *
އެ ރޭ ހަތަރުދަމު އޭނާ އޮތީ ހޭލައެވެ. ފަތިސްވީއިރު އޭނާ ވަކި ގޮތެއް ނިންމައި ފައިސަލާ ކޮށްފިއެވެ. ފުރަތަމަ ކުރި ކަމަކީ އެއްވެސް ބިދޭސީއަކު އޭނާ ހޯދަން އަތުވެއްޖެއްޔާ މިހާރު ދަނާލުގައި ނޫޅެއޭ ބުނާށޭ ދޮރުވާނު ގާތު ބުނުމެވެ.
ހަމަ އެ ދުވަހު ރެސްޓޯރަންޓު ހިންގާ މީހުންނަށް ފޯނު ކޮށްފައި ވަޒީފާއިން ވަކިވީ ވާހަކަ ބުނެފިއެވެ. ދަނާލުގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި މިފަދަ ހާލަތަކާ ކުރިމަތިލާކަށް ދުވަހަކުވެސް އޭނާއަކަށް ނުޖެހެއެވެ. އެކަމަކު މިހާރު މި ވަނީ އެންމެ މީހަކާ ހެދި ބިރުން ފިލަފިލައިގެން އުޅޭން ޖެހިފައެވެ. "އަހަރެން މި ބިރު ގަންނަނީ ކޮން ކަމެއް ދެކެ ހެއްޔެވެ؟ ކާު ދެކެ ހެއްޔެވެ؟ އަހަރެންގެ ރުހުމާ ނުލައި އަހަންނާ އިނުމަކީ އެކަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އަހަރެން އިންކާރު ނުކުރީ ކީއްވެގެން ހެއްޔެވެ؟ ރުޅި އައިސްގެން ބަވައިނުގަތީ ކީއްވެގެން ހެއްޔެވެ؟" އޭނާ ވިސްނަމުން ދިޔައެވެ.
އޭގެ ފަހުން ކުޑަ ދުވަސްކޮޅެއް ވާންދެން އޭނާ ދަނާލުގައި އުޅުނެވެ. ކަންތައް ކުރަންވާ ގޮތަކާ މެދު އޭނާ ގެންދިޔައީ ވިސްނަމުންނެވެ. އަނެއްކާވެސް ވަޒީފާއެއް ހޯދަން މަސައްކަތް ކުރަންވީ ބާވައެވެ؟ ޓިއުޝަންދޭން ފަށްޓާންވީ ހެއްޔެވެ؟ ނުވަތަ ރާވަލްޕިންޑީއަށް ދާންވީ ހެއްޔެވެ؟ އެތައް ދުވަހަކު ވިސްނުމަށް ފަހު އޭނާ ވަކި ގޮތެއް ކަނޑައަޅައި ނިންމައިފިއެވެ.
"އެނބުރި ރަށަށް ދާންވީއެވެ. މި ރަށުގައި އުޅެވޭނީވެސް ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ މި ރަށުން ހާސިލު ކުރެވޭން އޮތީ ވަކި ކޮން ކަމެއް ހެއްޔެވެ؟ ޖަހާންޒޭބް..." އޭނާއަކަށް ވިސްނުން އިތުރަކަށް ކުރިއަކަށް ނުގެންދެވުނެވެ.
ދަނާލުގައި އުޅުނީ ކިތައް އަހަރު ދުވަހު ކަމެއް އޭނާއަކަށް ރަނގަޅަކަށް ނޭނގެއެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ ދަނާލުގައިކަން އެނގެއެވެ. އޭނާއަށް ފޮނި ހުވަފެންތައް ފެނުނީ މި ދަނާލުގައެވެ.
ހުވަފެން ދުށުން އޭނާ ހުއްޓައިލީވެސް މީގެ ހަތަރު އަހަރު ދުވަސްކުރިން ހަމަ މި ދަނާލުގައެވެ. ދިރިއުޅުމުގެ އެންމެ ހިތާމަވެރި ހަތަރު އަހަރު ދުވަސް ހޭދަކުރީވެސް މި ދަނާލުގައެވެ. އޭނާގެ ދިރިއުޅުމުގެ އުފާވެރި ދުވަސްތަކުގެ ހުރިހައި ހިނދުކޮޅެއް ވަކިވަކިން އޭނާގެ ހަނދާނުގައި ހަރުލައިފައި އެބަހުއްޓެވެ. އެކަމަކު ފާއިތުވި ހަތަރު އަހަރު ދުވަސް ހޭދަކުރި ގޮތް ހަނދާން ކުރަން އުޅުނަސް ހަނދާނެއް ނުވެއެވެ. އެ ހަތަރު އަހަރު ދުވަސް އޭނާ ހޭދަކުރީ އެއްވެސް އަލިކަމެއް ނެތް އަނދިރި ހޮހަޅައެއްގެ ތެރޭގައި ކަހަލައެވެ.
(ނުނިމޭ)
Haadha haadha reethi vaahakE eh
Vvv..reethi