(25 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ވޭނަށް އަރައި އިށީނުމަށް ފަހު އޭނާ ލޯ މަރައިލިއެވެ. އީމާން އޭނާޔާ އެއްވެސް ވާހަކައެއް ދެއްކުމަކީ މި ވަގުތު އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ގޮނޑީގައި އޭނާޔާ ޖެހިގެން އިނީތީވެސް މިހާރު އުނދަގޫ ވެއެވެ.
"އުއްމީދު ރާވަލްޕިންޑީއަށް އައީ ކީއްވެގެން؟" އީމާން އަހައިލިއެވެ. އޭނާގެ މަކަރުވެރިކަން އެނގި ބޭޒާރުވީމާ އައީއޭ ބުނެފާނަމޭ އުއްމީދުގެ ހިތަށް އެރިއެވެ.
"އެކަނި އިންނަން ޖެހުނީމާ ފޫހިވެގެން އައީ." ދޮރުން ބޭރު ބަލަހައްޓައިގެން އިނދެ އޭނާ ބުނެލިއެވެ.
އީމާން އިރުކޮޅަކު އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"އަހަންނަށް ނުގުޅުނީ..."
އުއްމީދު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ދަތުރުމަތީގައި ހިމޭނުން ހުންނަން ބޭނުން. އެހެންވީމާ..."
އީމާން އަނެއްކާވެސް އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭރުވެސް އޭނާ އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. އޭނާގެ އަޑުގައި އެވަރުގެ ހަރުކަށިކަމަކާއި ފަރުވާކުޑަ ކަމެއް ހުރީ ކީއްވެގެން ބާވައޭ ޚުދު އީމާންގެ ހިތަށް އެރިއެވެ.
"އަދިވެސް ރުޅިގަނޑު މައިތިރި ނުވަނީ ދޯ؟" އީމާން އަހައިލިއެވެ.
އުއްމީދު އަނގަޔަކުން ނުބުންޏެވެ.
"އުއްމީދުގެ ރުޅި ފިލުވަން އަހަންނަށް ކުރެވޭނެ ކަމަކީ ކޮބާ؟" އީމާން ސީރިއަސް ރާގަކަށް އަހައިލިއެވެ.
"ކަލެއަށް ޖެހޭނީ އަމިއްލައަށް މަރުވެގަންނާށެވެ." އުއްމީދު ހިތާހިތާ ކިޔައިލިއެވެ.
"އަހަރެން ބުނެފިން ރުޅިއެއް ނޫނޭ. ރުޅި އަންނާން ޖެހޭ ސަބަބެއްވެސް ނެތް. ދަތުރުމަތީގައި ހިމޭނުން އިންނަން ބޭނުންވުން ނޫން އެހެން ކަމެއް ނެތް. އަހަރެންގެ ހާލު އެހައި ރަނގަޅެއް ނޫން."
އީމާން ފިކުރު ބޮޑުވެފައި އަހައިލިއެވެ. "ކިހިނެއްވީ؟ ބަލީތަ؟" އޭނާ އުއްމީދުގެ އަތްތިލަމަތީގައި އަތް ބާއްވައިލިއެވެ. އުއްމީދަށް ހީވީ ހޫނު އަނގުރުގަނޑެއް އަތްތިލައިގައި ޖެހުނީ ހެންނެވެ. އަވަހަށް އަތް ދަމައިގެންފިއެވެ.
"މާ ބޮޑު ކަމެއް ވީއެއް ނޫން. ކުޑަކޮށް ބޮލުގައި ރިއްސަނީ." އޭނާ ލޯ މަރައިލިއެވެ.
"ބޭސް ގުޅައެއް ބޭނުންތަ؟"
"ބޭނުމެއް ނޫން. ބޭނުން ވަނީ ހިމޭނުން އިންނަން."
އޭގެ ފަހުން އީމާން ދެއްކި ވާހަކައެއް އޭނާއަކަށް ނީވެއެވެ. ދަތުރުމަތީގައި ދެން އީމާން ވާހަކަދެއްކީ ސައިބޯ ތަނަކަށް ވޭން މަޑުކުރީމައެވެ.
"އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން." އޭނާ އީމާން ގާތު ބުނެލިއެވެ. އެކަމަކުވެސް އީމާން އޭނާއަށް ފިނި ބުއިމަކާއި ސާމުޖީއެއް ގެނެސްދީފިއެވެ.
"އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ އަހަރެން ބުނީމެއްނު؟" ފޮރުވަން އުޅުނަސް އޭނާގެ އަޑާއި ރަވައްޔާގައި ހުރި ހިތިކަމެއް ފޮރުވޭ ގޮތެއް ނުވިއެވެ.
ދަތުރުގެ ބާކީ ބައި ދިޔައީ މުޅީން ހިމޭންކޮށެވެ. އޭނާ އީމާނަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އީމާންވެސް އޭނާ ގާތުން އެއްޗެއް އޮޅުންފިލުވާކަށްވެސް އަދި ވާހަކަދައްކާކަށްވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އީމާނަށް އޭނާގެ ރަވައްޔާ ކަމުނުދިޔަކަން އެނގެއެވެ. އެކަމަކުވެސް އޭނާގެ ރުޅިވެރިކަން ފުކަކަށްވެސް ކުޑައެއް ނުވެއެވެ.
ގޭ ދޮށަށް ވޭން މަޑުކުރުމާއެކު އުއްމީދު ފައިބައިގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އީމާން ސާމާނު ބޭލުވުމުގެ މަސައްކަތް ފަށައިފިއެވެ.
ނޯކަރުން ހުރިހައި ސާމާނެއް ގޭތެރެއަށް ވައްދައިފިއެވެ. އުއްމީދުގެ ހުރީ އެންމެ ދަބަހެކެވެ. ގިނަ ސާމާނަކީ އީމާންގެ ސާމާނެވެ. އީމާން އިރުކޮޅަކުން އޭނާގެ މަސައްކަތާއިގެން އުޅެގެންފާނޭކަން އުއްމީދަށް އެނގެއެވެ. އެޔަށް ފަހު ކުރަން އޮތް ކަމެއް ކުރާން ޖެހޭނީ އޭނާ އަމިއްލައަށެވެ.
"އަހަންނާ ވާހަކަ ނުދެއްކިޔަސް އުއްމީދު ތިޔަ ކަންތައް ކުރާ ގޮތަށް ކުރާ ސަބަބެއް ބުނެލާ." ކޮޓަރިއަށް ވަނުމާއެކު އީމާން ފުރަތަމަވެސް ދެއްކި ވާހަކައަކީ މިއީއެވެ. އުއްމީދު އިނީ ސޯފާގައި އިށީނދެގެންނެވެ.
"އަހަރެން ކުރީ ކޮން ކަމެއް؟" އޭނާ ފިނި ރާގަކަށް އަހައިލިއެވެ.
އީމާން އައިސް ސޯފާގައި އިށީނދެއްޖެއެވެ. އުއްމީދު ތެދުވާން އުޅުނީމާ އަތުގައި ހިފައި ބައިންދައިފިއެވެ.
"މިތާނގައި އިށީނދެ އަހަންނާ ވާހަކަދައްކާ."
އޭނާ ރުޅި އައިސްފައި ބުނެލިއެވެ. "މީގެ ފަހުން އަހަރެންގެ ގައިގައި އަތްނުލާތި."
އީމާން ހައިރާންވެފައި އަހައިލިއެވެ. "ކީކޭ ތިޔަ ބުނީ؟"
"އަޑު އިވިއްޖެއެއްނު؟"
"އަތް ނުލާންވީ ކީއްވެގެން؟ ތިޔައީ އަހަރެންގެ އަނބިމީހާއެއްނު؟"
އެ ވާހަކަ އޭނާއަށް ވީ ހުތުރު ވާހަކައަކަށެވެ. އީމާންގެ މޫނަށް ކުޅެއް ޖަހައިފާނަމޭ ހިތަށް އެރިއެވެ. އޭނާގެ މަކަރުވެރިކަމާއި ދޮގުވެރިކަން އެނގިއްޖެއޭ މިހާރު ބޭނުން ވަނީ އޭނާ މަރައިލާށޭ ބުނެފާނަމޭވެސް ހިތަށް އެރިއެވެ.
"އީމާނާ ބަހުސުކުރާކަށް އަހަރެން ބޭނުމެއް ނޫން." އޭނާ ކެތްތެރިވެލައިފައި ބުނެލިއެވެ.
"އެކަމަކު އަހަރެން ބޭނުން އުއްމީދާ ބަހުސުކުރަން. ކަންތައް ތިޔަ ކުރާ ގޮތުން އަހަންނަށް އުނދަގޫވާ މިންވަރު އެނގޭތަ؟"
"އެކަމާ އަހަރެން ކުރާނީ ކީއް؟" އޭނާ އީމާނާ ދިމާއަށް ބަލައިލިއެވެ.
"ތިޔަ ހަދާހެން ނުހަދާ. އަހަންނަށް ނުގުޅި ދިޔަކަމަށް އަހަރެން ގަބޫލުކުރަން. ވީ ގޮތަކީ..."
އުއްމީދު އަވަސްއަވަހަށް އީމާންގެ ވާހަކަ މެދުކަނޑައިލިއެވެ. "އެއްވެސް އުޒުރެއް ދައްކާނެ ކަމެއް ނެތް. ސަބަބު ކިޔައި ނުދިނަސް ހެޔޮ. އެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން."
"އުއްމީދު ތިޔަވަރަށް އަހަންނާ ދެކޮޅުވެރިވާން ޖެހޭ ކަހަލަ ކަމަކަށް މި ދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި ވީ ކޮން ކަމެއް؟"
އޭނާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުގެ ހާލު ބޭރަށް ނުދައްކައި ވޭތޯއެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ޖަވާބެއް ދިނުމުގެ ބަދަލުގައި ދުރަށް ބަލާން ފަށައިފިއެވެ.
"މި ދިޔަ ހަތް ގަޑިއެއްހައި އިރުގެ ތެރޭގައި އުއްމީދުގެ ކަންތަކާ ހުރެ އަހަރެން ކަންބޮޑުވެފައިވާ މިންވަރު ވަޒަންކުރެވޭތަ؟ އުއްމީދު އަހަރެން ދެކެ ލޯބިނުވާކަން އަހަރެން ދެނަހުރިން. އެއީކީ މައްސަލައެއް ނޫން. އުއްމީދު ނުވިޔަސް އަހަރެން އުއްމީދު ދެކެ ލޯބިވޭ. އެހެންވީމާ އުއްމީދު ކުރާ ކޮންމެ ކަމަކުން އަހަންނަށް އަސަރުކުރޭ."
އޭނާ ސިހިފައި އީމާނާ ދިމާއަށް ބަލައިލިއެވެ. ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މި ކަހަލަ ވާހަކައެއް އީމާން ދުވަހަކުވެސް ނުދައްކައެވެ. އޭނާ އެ އުޅެނީ ކޮން ކަމެއް ސާބިތުކޮށް ދޭން ބާވައެވެ؟ އޭނާއަށް އުއްމީދު އެހައި ރަނގަޅަށް އެނގޭ ބާވައެވެ؟ އޭނާ ސުވާލުގެ ނަޒަރަކުން އީމާންގެ މޫނަށް ބަލައިލިއެވެ.
"އަހަރެން ލޯބި ނުވާކަން މީނާއަށް ހަމަ އެނގޭ ބާވައެވެ؟ ނޫނީ މާ ބޮޑު ވިސްނުމަކާ ނުލައި ހަމަ ބުނެލީ ބާވައެވެ؟"
އީމާން ވާހަކަ ކުރިއަށް ގެންދިޔައެވެ. "އުއްމީދުގެ ނުރުހުމާއި ޖެއްސުމަށް ވުރެ ބޮޑަށް އަހަރެންގެ ހިތަށް ދަތިކުރާ އެއްވެސް ކަމެއް ނޯންނާނެ. އަހަރެން ދެކެ ލޯބިވާށޭ ދުވަހަކުވެސް ނުބުނަން. މިހާރަކުވެސް އެހެންނެއް ނުބުނަން. އެކަމަކު އަހަރެންގެ ލޯތްބަށް ކޮންމެވެސް ވަރަކަށް ގަދަރު ކުރާށޭ ބުނާނަން. އުއްމީދު ދެކެ ލޯބިވުމަކީ އަހަރެން ކުރާ ނުބައި ކަމެއް ކަމުގެ އިހުސާސް އަހަންނަށް ކޮށްދޭން ނޫޅޭ. އަހަރެން މިއީ މާ ގިނަ ގުޅުންތަކެއްގެ ތެރޭގައި އުޅޭ މީހަކީމެއް ނޫން. އެހެންވީމާ އޮތް ގުޅުމެއް ދެމެހެއްޓޭތޯ ބެލުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް. އަހަރެންގެ ދިރިއުޅުމުގައި އުއްމީދަށް ދީފައި ވަނީ ވަރަށް މަތިވެރި މަގާމެއް. އެ މަގާމުން ދުރުހެލިވާން އުއްމީދު މަސައްކަތް ކުރީމާ އަހަރެން ވަރަށް ދެރަވޭ. ޚާއްސަކޮށް އުއްމީދާ އެކީ މިހައި ގިނަ ދުވަހު ދިރިއުޅުމަށް ފަހު އެކަހަލަ ކަމެއް ކުރުމަކީ ވަރަށް ދެރަ ކަމެއް. އަހަރެން އެއްވެސް ކަމަކާ ގުޅިގެން ޝަކުވާއެއް އޮތިއްޔާ ކުރޭ. ދިފާއުގައި އެއްޗެކޭ ބުނުމުގެ ފުރުސަތު އަހަންނަށް ދީ."
"ތިޔަ ހުރިހައި ވާހަކައެއް އަޑު އިވިއްޖެ. ދެން އަހަރެން ބޭނުން ވަނީ ނިދަން." އޭނާ އީމާންގެ ވާހަކައަށް ދިނީ ވަރަށް ފަރުވާ ކުޑަ ފިނި ޖަވާބެކެވެ.
އީމާންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ހިނގައްޖެއެވެ. އަދި އަނގައިންވެސް ނުބުނެ ތެދުވެއްޖެއެވެ. އުއްމީދުގެ ހިތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އުފާވެރިކަން ވަދެގެން ދިޔައެވެ. އޭނާ އީމާނާއެކު ދިރިއުޅޭތާ އަހަރެއްހައި ދުވަސްވީއެވެ. މީގެ ކުރިން ދުވަހަކުވެސް އީމާން ރުޅި އައިސްފައި ހުއްޓައެއް އޭނާ ނުދެކެއެވެ. އެއީ ވަރަށް ސުލްހަވެރި ފިނި ސިކުނޑިއެއްގެ ވެރިއެކެވެ. މިއަދު އޭނާ މިފަދަ ގޮތަކަށް ރުޅި އައީމާ އުއްމީދު ހައިރާންވިއެވެ.
އުއްމީދު ތެދުވެގެން ގޮސް އެނދުގައި އޮށޯވެއްޖެއެވެ. އީމާން ފާޚާނާއަށް ވަދެފައި ނުކުމެ ހެދުން ބަދަލުކޮށްފިއެވެ. އަތްމަތީ ފޮށި ހުޅުވައިގެން އެއިން ކޮންމެވެސް އެއްޗެއް ނަގައިފިއެވެ. އުއްމީދު އެނދުގައި އޮށޯވެގެން އޮތީއެވެ. އީމާން ކާރުގެ ތަޅުދަނޑި ނަގައިގެން ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. ދޮރު ހުޅުވައިލުމަށް ފަހު ނުކުންނާން އުޅެފައި ކޮންމެވެސް ކަމެއް ހަނދާން ވެގެން ކަހަލަ ގޮތަކަށް ހުއްޓިއްޖެއެވެ. ހުއްޓުނުތަން ފެނިފައި އުއްމީދު ލޯ މަރައިލިއެވެ. ފިޔަވަޅުގެ އަޑު އިވުނީމާ އީމާން އަންނަނީ އޭނާޔާ ދިމާއަށްކަން އެނގިއްޖެއެވެ.
"އަހަރެން މި ދަނީ މުހިއްމު ކަމަކު ބޭރަށް. ކައްކާ މީހާ ގެޔަކު ނެތް. އެހެންވީމާ މިރޭ ޖެހޭނީ ބޭރުން ކާ އެއްޗެހި ގެންނަން. އުއްމީދު ކާން ބޭނުންވާ އެއްޗެއް ބުނޭ. އަދި އެހެން އެއްޗެއް ބޭނުން ވިޔަސް ބުނޭ. އަހަރެން އަންނަމުން ގެންނާނަން." އީމާން އެނދު ކައިރިއަށް އައިސްފައި ބުނެލީ އަޑު އިވުނެވެ.
"ރޭގަނޑު ކާކަށް ނުޖެހޭނެއެވެ. އޭގެ ކުރިން އަހަރެން..." އޭނާ ހިތި ގޮތަކަށް ވިސްނައިލިއެވެ.
އިރުކޮޅެއް ވާންދެން އޭނާގެ ޖަވާބެއްގެ އިންތިޒާރުގައި އީމާން ހުއްޓެވެ. އެކަމަކު ޖަވާބެއް ނުލިބޭނެކަން އެނގުނީ ކަހަލައެވެ.
"އުއްމީދަށް ދޭން ހަދިޔާ ގެނައިން. މުށި ކުލައިގެ ކޮތަޅުގައި ހުންނާނެ. ބަލައިލާތި." އީމާން ބޮކި ނިއްވައިލާފައި ކޮޓަރިން ނުކުމެއްޖެއެވެ.
ފުން ނޭވައެއް ލުމަށް ފަހު އުއްމީދު ތެދުވެ އިށީނދެއްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން ބޭރުން ކާރު އިސްޓާޓުކުރި އަޑު އިވިއްޖެއެވެ. އޭގެ ފަހުން ނުކުމެގެން ދިޔަ އަޑުވެސް އިވުނެވެ. އޭނާ އެނދުން ފައިބައިފިއެވެ. ކޮޓަރީގެ ބޮކި ދިއްލައިލިއެވެ. އަދި ބާރަށް ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ބޮޑު ކޮޓަރިއަށް ނުކުތް އިރު ޞާބިރު ޓީވީ ބަލަން އިނެވެ. ތިމަން އަންނާންދެން އިންތިޒާރުގައި ހުންނާށޭ އީމާން ބުނީކަން އޭނާއަށް ޔަގީން ވެއްޖެއެވެ. އެއީ އާދައެކެވެ. އީމާން ލަހުން އަންނަ ރެއެއް ވިއްޔާ ޞާބިރުވެސް އަދި އެހެން ނޯކަރުންވެސް ނުނިދައި ތިބެއެވެ. އެމީހުން ނިދަނީ އީމާން ކައި ނިމިގެން ކޮޓަރިއަށް ވަނީމައެވެ.
"ޞާބިރު ދޭ. އަހަރެން ހުންނާނަން. އީމާން އައީމާ އަހަރެން ދޮރު ހުޅުވާނަން."
"އީމާން ސާހިބު ބުނުއްވާފައި އޮތީ ހެދުމެއް އިސްތިރި ކޮށްލާށޭ. އިސްތިރި ކޮށްލައިފައި އަޅުގަނޑު ނިދަން ހިނގައިދާނަން." ޞާބިރު ތެދުވެއްޖެއެވެ.
"ނޫނޭ. އަހަރެން އިސްތިރި ކޮށްލާނަން. ޞާބިރު ދޭ."
ޞާބިރު ބޯ ޖަހައިލުމަށް ފަހު ނުކުމެގެން ހިނގައްޖެއެވެ. އެޔަށް ފަހު އޭނާ ދޮރުފާރަވެރިޔާއަށް ގޮވައި ގެނެސްފައި ބައިގަޑިއިރު ކޮށްފައި ގެއަށް ދާށޭ ބުނެފިއެވެ. "އަހަރެން ކަލޭ މި ފޮނުވައިލަނީ މާދަމާ އީމާންގެ ގާތް ބަޔަކު އަންނާތީ ދުވާލު ކަލޭގެ ބޭނުން ޖެހޭނެތީ. އެހެންވީމާ ގެއަށް ގޮސް ރަނގަޅަށް ނިދައިލާފައި ހެނދުނު އާދޭ."
"އަދި އީމާން ސާހިބު ނުދުރުވެއެއް ނޫންތޯ. ދުރުވީމާ އަޅުގަނޑު ހިނގައިދާނަން."
"ނޫނޭ. އީމާން ދިޔައީ މާ ދުރަކަށް ނޫން. ވަރަށް އަވަހަށް އަތުވެދާނެ. ކަލޭ ދޭ." އޭނާ ދޮގެއް ހަދައިލިއެވެ.
ދޮރުފާރަވެރިޔާ ދިޔައީމާ އޭނާ ދޮރާށި ލައްޕައި ތަޅުލުމަށް ފަހު އައިސް ގޭތެރެއަށް ވަދެއްޖެއެވެ.
އީމާންގެ އަތުގައި ފިސްތޯލައެއް އޮވެއެވެ. އެ ފިސްތޯލައަށް ހުންނަނީ އުންޑަ ލައްވައިފައެވެ. އެއް ދުވަހަކު އީމާން އޭނާއަށް ފިސްތޯލަ ޖަހާނޭ ގޮތް ކިޔައި ދިނެވެ.
(ނުނިމޭ)
Vvv.trrthi aabayayah inthizaaru
ވ ޝައުގުވެރި...އެކަމަކު......ކާކުބާ މިހާރު ތެދު ހަދަނީ.