
މާލޭގެ ގެއަކުން ދުން އަރާތީ ގޮސް ބެލިއިރު ބަނގުރާ ކައްކާ ސާމާނު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދުން އަރާތީ ރިޕޯޓުކޮށްފައިވަނީ މާލޭގެ ރޯޝަނީ މަގުގައި ހުރި ގެއަކުން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:12 ހާއިރު ކަމަށެވެ.
އެމްއެންޑީއެފާއި ފުލުހުން އެގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރުނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވަދެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު އެގެއިން ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެގެއަށް ވަދެ ބެލިއިރު އެގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކާތީކަން އެނގިފައިވާ ކަމަށެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެގޭތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ގައުމެއް ހާމައެއް ނުކުރެއެވެ.