ދިއްފުށީ ސޫރުދަ ކަރަންޓުގެ ނިޒާމު ސްޓެލްކޯއާ ހަވާލުކޮށްފި

ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ރާއްޖެއިންބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ހިންގާ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ޕްރޮގްރާމުގެ ދަށުން ކ.ދިއްފުށީގައި ޤާއިމުކުރެވިފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ 40 ކިލޯވޮޓްގެ ނިޒާމު ސްޓެލްކޯ އާއި ޙަވާލުކޮށް މިޕްރޮޖެކްޓްގެ ދަށުން ކ.ދިއްފުށީގައި ޤާއިމުކުރެވުނު އައިސްއުފައްދާ މެޝިން ދިއްފުށީގެ ކައުންސިލާ ޙަވާލުކޮށްފިއެވެ.

ކ.ދިއްފުށީގައި ޤާއިމުކުރެވުނު ނިޒާމަކީ ދިވެހި ސަރުކާރުގެ އިސްނެގުމަކަށް ގްލޯބަލް ސަސްޓެއިނެބަލް އިލެކްޓްރިސިޓީ ޕާރޓްނަރޝިޕް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ހިލޭއެހީގެ ދަށުން ޤާއިމުކުރެވިގެން ދިޔަ ނިޒާމެކެވެ. މިނިޒާމުން ދުވާލަކު 190 ޔުނިޓްގެ ކަރަންޓު އުފައްދާނެއެވެ. އެހެންކަމުން މިނިޒާމަކީ ރަށަށް ދުވާލުގަޑީގައި ބޭނުންކުރާ އެންމެ މަތީ ލޯޑުގެ 12 ޕަސެންޓާއި އެއްވަރުގެ ނިޒާމެކެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ދިއްފުށީ ރައްޔިތުންނަށް މިއަދު މި ހަދިޔާކުރެވޭ އައިސް ޕްލާންޓުގެ ސަބަބުން ރަށުގެ މަޝްވެރިން ބޭނުންވާ އައިސް ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ.

މި ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި އެރަށަކަށް ދުވާލު ގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 ޕަސެންޓު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުމެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގެ މިފަދަ މަޝްރޫޢުތައް ފެށިގެން ކުރިއަށް އެބަދެއެވެ. އަދި އަނެއްބައި މަޝްރޫޢުތައް ޓެންޑަރިންގ ސްޓޭޖުގަޔާއި ޑިޒައިނިން ސްޓޭޖުގަ އެބަހުއްޓެވެ. މުޅި ރާއްޖޭގައި މިހާރު ވެސްވަނީ 4 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށްފައެވެ. މީގެތެރެއިން 2 މެގަވޮޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޤާއިމުކޮށްފައިވާ ނިޒާމުތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.