ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށެވެ.
ރޭ ފަތިހުން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކެނޑިފައިވާއިރު، އެ ސަރަހައްދުތަކަށް ކަރަންޓު އެއްކޮށް ނުދެވި އުޅެނިކޮށް މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
މިކަމާއިގުޅިގެން ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ ރޭ ހަތަރެއް ޖެހި އިރު އަށް ފީޑަރަކުން ކަރަންޓު ދިޔަ ކަމަށާއި ކަރަންޓު ދެމުން ގޮސް އަށްވަނަ ފީޑަރު ޖެއްސިތަނުން މުޅި މާލެއިން ކަރަންޓު ދިޔައީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ފޯލްޓް އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި އަށްވަނަ ފީޑަރުން ސްވިޗް ގިއަރެއްގަ މައްސަލަ ޖެހުނީ ކަމަށެވެ. އަދި ފީޑަރުތައް ޖައްސަމުން އަންނަ ކަމަށާއި މިހާރު ކުރިއަށްދަނީ ސްވިޗް ގިއަރުގެ ކޭބަލް އެހެން ގިއަރަކާ ގުޅުމުގެ މަސައްކަތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މަޢާފަށް އެދިފައެވެ.