ނައިޖީރިޔާގައި މިސްކިތަކަށް ހަމަލާދީ 15 މީހުން މަރާލައިފި

ހަތިޔާރުއެޅި ބަޔަކު ނައިޖީރިޔާގެ ހުޅަނގު އުތުރުގައި އޮންނަ ޒަމްފަރާ ސްޓޭޓްގެ މިސްކިތަކަށް ހަމަލާދީ، އެ މިސްކިތުގައި ނަމާދަށް ތިބި މީހުންގެ ތެރޭން 15 މީހުން މަރާލައިފިއެވެ.

ބުއްކުޔޫމް ލޯކަލް ގަވަމެންޓް އޭރިޔާގެ ރުވާން ޖެމާ އަވަށުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ ނައިޖީރިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެއަވަށުގެ މިސްކިތަށް ހަމަލާދީފައި ވަނީ ފާއިތުވި ހުކުރު ދުވަހު ހުކުރު ނަމާދަށް ތިއްބައެވެ.

"ހަތިޔާރުއެޅި ޑާކޫން އައީ ބަޑި ހިފައިގެން މޮޓަރުސައިކަލުގައި. އަދި އައިގޮތަށް މިސްކިތަށް ވަދެ ތަނެއް ދޮރެއް ނުބަލާ އަހަރުމެންގެ ގަޔަށް ބަޑި ޖަހަން ފެށީ." އެވަގުތު މިސްކިތުގައި ނަމާދަށް ހުރި އަމީމު މުސްޠަފާ ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

ނަން ހާމުނުކުރަން ޝަރުޠުކޮށް އެހެން މީހަކު މައުލޫމާތު ދިން ގޮތުގައި ހަތިޔާރުއެޅި މީހުން މިސްކިތަށް ހަމަލާދީފައި ވަނީ ގާތް ގަނޑަކަށް 2 ޖެހިއިރު (ރާއްޖޭގަޑިން ހަވީރު 6 ޖެހިއިރު) އެވެ. އޭނާ އިތުރަށް ބުނިގޮތުގައި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

"މޮޓަރުސައިކަލުގައި އައި ބަޔަކު މިސްކިތަށް ވަދެ، ނަމާދަށް ތިބި މީހުން ގަޔަަށް ބަޑިޖަހަން ފެށީ. 15 މީހަކު ވަނީ ވަގުތުން މަރުވެފައި. އެހެން ގިނަ ބަޔަކަށްވެސް ވެނީ އެކިވަރުގެ އަނިޔާ ލިބިފައި." ނައިޖީރިޔާގެ ޑެއިލީ ޕޯސްޓް ނޫހަށް މައުލޫމާތުދިން މީހަކު ބުންޏެވެ.

އާއްމުންގެ ފަރާތުން ލިބުނު މައުލޫމާތު އިތުރަށް ސާފުކުރުމަށް ޒަމްފަަރާ ސްޓޭޓުގެ ފުލުހުންގެ ތަރުޖަމާނު މުޙައްމަދު ޝޭހޫ ގުޅުމުން ޖަވާބެއް ދީފައި ނުވެއެެވެ. އަދި މެސެޖްކުރުމުންވެސް މައުލޫމާތުދީފައި ނުވެއެވެ.

މިއީ ޒަމްފަރާ ސްޓޭޓުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މި ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހު ވެސް ބުއްކުޔޫމްގެ ޒުގޫ އަވަށުގައި ނަމާދަށް ތިބި ބަޔަކު ރަހީނުކޮށްގެން ގެންގޮސްވައި ވެއެވެ. އެ ފަހަރު ހަތިޔާރު އެޅި މީހުންތިބީ ނަމާދުކުރާ މީހުން ކަމަށް ހެދިގެންްނެެވެ.

ނައިޖީރިޔާގެ ހުޅަނގު އުތުރުގައި ހަތިޔާރުއެޅި މީހުންގެ ނުރައްކާ ބޮޑުވެފައިވާއިރު، އެ މީހުން ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް ބަަޔަކު ރަހީނުކޮށް، އެތައް ސަތޭކަ ބަޔަކު މަރާލާފައެވެ. އަދި އެ ސަރަހައްދުގެ މަގުމަތީގައި އުޅުމަކީވެސް ނުރައްކަށް ހުށަހެޅިދާނެ ކަމަކަށް ވަނީ ވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.