ނައިޖީރިޔާގެ ސްކޫލަކުން ގެއްލުނު 300 އަށްވުރެ ގިނަ ދަރިވަރު ރަހީނުކުރީ ބޯކޯ ހަރާމުން ކަމަށް އެ ޖަމާއަތުން ބުނެފި

ގެއްލުނު ދަރިވަރުންގެ ބެލެނިވެރިން ސްކޫލްދޮށަށް އެއްވެފައި

ހުޅަނގުއުތުރު ނައިޖީރިޔާގެ ސްކޫލަކުން ފާއިތުވި ހުކުރު ދުވަހު ގެއްލުނު 300 އަށްވުރެ ގިނަ ދަރިވަރުން އެ ޖަމާއަތުން ރަހީނުކުރީ ކަމަށް ނައިޖީރިޔާގެ އުތުރުގައި ހަނގުރާމަކުރަމުންދާ ބޯކޯ ހަރާމް ޖަމާއަތުން ބުނެފިއެވެ. މިއީ، އެ ޖަމާއަތުގެ ހަނގުރާމައިގެ ދާއިރާ ފުޅާކުރިކަމުގެ ހެއްކެކެވެ. ބޯކޯ ހަރާމް ޖަމާއަތުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެފައި ވަނީ ނައިޖީރިޔާގެ އިރުއުތުރުގައެވެ.

ކަޓްސީނާ ސްޓޭޓުގެ ކަންކަރާގައި ހުންނަ ފިރިހެން ކުދިންގެ ސްކޫލެއް ކަމަށްވާ ގަވަމެންޓް ސައިންސް ސެކަންޑަރީ ސްކޫލަށް ހަތިޔާރުއެޅި ބަޔަކު ހުކުރުދުވަހު ދިން ހަމަލާއަށް ފަހު 333 ދަރިވަރުން ވަނީ ގެއްލިފައެވެ. މިއީ ނައިޖީރިޔާގެ އިރު އުތުރުގައި ބޯކޯ ހަރާމްގެ ބާރު އޮންނަ ސަރަހައްދާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި ހުރި ސްކޫލެކެވެ.

މޮޓޯސައިކަލުގައި 100 އެއްހާ ހަނގުރާމަވެރިން ސްކޫލަށް ވަދެ ހަމަލާދިނުމަށް ފަހު، ސަލާމަތީ ބާރުތަކާ ދެމެދު އެތައް އިރަކަށް ބަޑީގެ ހަމަލާ ބަދަލުކުރެވިފައި ވެއެވެ. އެ ވަގުތު ގިނަ ދަރިވަރުންތަކެއް ސްކޫލްގެ ފާރުމަތިން ފުންމާލައިގެން ތަންތަނަށް ވަދެ ފިލިއެވެ.

"އަހަރެންނަކީ އަބޫބަކަރް ޝެކާއު. ކަޓްސީނާއި (ދަރިވަރުން) ރަހީނުކުރުމުގެ ފަހަތުގައި ވަނީ އަހަރުމެންގެ އަޚުން." ބޯކޯ ހަރާމްގެ ލީޑަރުގެ އަޑުން ފޮނުވި މެސެޖެއްގައި ވެއެވެ. 2014 ވަނަ އަހަރު ޗިބޮކްގެ އަންހެންކުދިންގެ ސްކޫލަކުން އެތައް ސަތޭކަ ދަރިވަރުން ރަހީނުކުރުމުގެ ފަހަތުގައި ވަނީވެސް ބޯކޯ ހަރާމް ޖަމާއަތެވެ.

ފުރަތަމަ ހީކުރެވިފައި އޮތީ ހަމަލާ ދިނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަގުފޭރޭ މީހުންކަމަށެވެ. އަދި ސަރުކާރުން ބުނީ ޖަންގަލީގައި އެމީހުން އުޅޭ ތަން ދެނެގަނެވިފައިވާ ކަމަށާއި، ފުލުހުންނާއި، އެއްގަމު ސަފައިންނާއި، ވައިގެ ސިފައިން ގުޅިގެން ދަރިވަރުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

މިއީ ރައީސު މުހައްމަދު ބުހާރީ އެ ސްޓޭޓަކަށް ނިސްބަތްވެވަޑައިގަންނަވާ ކަޓްސީނާގައި މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. އެހެންކަމުން، ބޯކޯ ހަރާމްގެ ހަރަކާތްތައް ހުޅަނގު އުތުރުން އިރު އިތުރަށް ފުޅާކުރީކަމުގެ ބިރު މިހާރު އޮތީ ކުރިމަތިވެފައެވެ. މިއީ ހަރުކަށި ފިކުރުގެ ޖަމާއަތުން ހޯދި ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

އިސްލާމިކް ސްޓޭޓަށް ވަފާތެރި ޖަމާއަތެއްގެ ގޮތުގައި ނުކުތް ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އިރު އުތުރުގައި ހަނގުރާމަ ފެށީ 2009 ވަނަ އަހަރުއެވެ. އެ ފަހުން އެ ޖަމާއަތުގެ ހަރަކަތްތައް ވަނީ އަވަށްޓެރި ނައިޖަރ، ކެމަރޫން އަދި ޗާޑަށްވެސް ފަތުރިފައެވެ. ބޯކޯ ހަރާމުން ހިންގާ ހަނގުރާމަވެރި ހަރަކާތްތަކުގައި ފާއިތުވި 11 ވަރަކަށް އަހަރުގެ ތެރޭގައި 36 ހާސް މީހުން މަރުވެ، 2 މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.