ނައިޖީރިޔާގައި ރަހީނުކުރި 300 އަށްވުރެ ގިނަ ދަރިވަރުން ސަލާމަތްކޮށްފި

ފާއިތުވި ހުކުރު ދުވަހު ނައިޖީރިޔާގެ ހުޅަނގުއުތުރ ސްޓޭޓެއް ކަމަށްވާ ކަޓްސީނާގައި ރަހީނުކުރި 300 އަށްވުރެ ގިނަ ފިރިހެން ދަރިވަރުން ސަލަމަތީ ބާރުތަކުން ސަލާމަތްކޮށްފި ކަމުގައި އެ ސްޓޭޓުގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޓީވީ ޗެނެލް އެންޓީއޭއަށް މައުލޫމާތުދެއްވަމުން ގަވަރުނަރު އަމީނޫ ބެއްލޯ މަސާރީ ވިދާޅުވި ގޮތުގައި ބޯކޯ ހަރާމް ހަނގުރާމަވެރި ޖަމާއަތުން ރަހީނުކުރި 344 ދަރިވަރުން މިހާރު ތިބީ ކަޓްސިނާއަށް އެނބުރި އައުމުގެ މަގުމަތީގައެވެ.

"މިވަގުތު 344 ދަރިވަރުން ވަނީ ސަލާމަތީ ބާރުތަކާ ހަވާލުކުރެވިފައި. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި ހުރިހާ ދަރިވަރުން ނޫންނަމަވެސް، ގިނަ ދަރިވަރުން މިވަނީ ސަލާމަތްކުރެވިފައި." އޭނާ ވިދާޅުވިއެވެ.

ދަރިވަރުން ރަހީނުކޮށްފައި ތިބީ ކަަޓްސީނާގެ ހުޅަނގަށް އޮން ޒަމްފަރާ ސްޓޭޓުގެ ރުގޫ ޖަންގަލީގައެެވެ.

ދަރިވަރުން ސަލާމަތްވިކަން ގަވަރުނަރު މަސާރީ ޔަގީީންކޮށްދެއްވުމުގެ ކުރިން ނައިޖީރިޔާގެ ރައީސު މުޙައްމަދު ބުހާރީގެ އަރިސް ބޭފުޅަކުވެސް ދަރިވަރުން ސަލާމަތްކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. ނަަމަވެސް، ކަޓްސީނާ ސްޓޭޓްގެ ކަންކަރާ އަވަށުގައި ހުންނަ ފިރިހެންކުދިންނަށް ޚާއްސަ ގަވަރމެންޓް ސައިންސް ސެކަންޑަރީ ސްކޫލުން އެންމެ ފުރަތަމަ ރަހީނުކުރެވުނީ ކިތައް ކުދިންކަމާ، މިހާރު ސަލާމަތްނުކުރެވި ތިބީ ކިތައް ކުދިން ކަން އަދިވެސް ކަަށަވަރުވެފައި ނުވެއެވެ. ހުކުރު ދުވަހު ބޯކޯ ހަރާމްެގެ އެތައް ސަތޭކަ ހަނގުރާވެރިން އެ ސްކޫލަށް ހަމަލާދިން އިރު 800 ދަރިވަރުން ސްކޫލްގައި ތިއްބެވެ. ނަމަވެސް، ހަމަލާގެ ތެރޭގައި އެތައް ސަތޭކަ ދަރިވަރުން ވަނީ ފިލާފައެވެ.

ގަވަރުނަރު މަސާރީ ވިދާޅުވި ގޮތުގައި ދަރިވަރުން ތިބި ހިސާބު ފާހަގަކުރުމަށް ފަހު ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަށާލައި، ބަޑީގެ އެންމެ ވަޒަނެއްވެސް ނުޖެހުމަށް ހަނގުރާމަވެރިންނަށް އިންޒާރުދިނެއެވެ. އަދި ސަލާމަތީ ބާރުތަކުން ބޭނުންވި ގޮތަށް އެމީހުން ވަނީ ދަރިވަރުން ދޫކޮށްލާފައެވެ.

"އެމީހުން އަހަރުމެންގެ އިރުޝާދަށް އަމަލުކޮށް އެންމެ ވަޒަނެއްވެސް ޖަހާފައި ނުވާތީ ﷲއަށް ހަމްދުކުރަން." މަސާރީ ވިދާޅުވިއެވެ.

ސްކޫލްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރައްވާނެ ކަަމަށްވެސް ކަޓްސީނާގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

"ފާއިތުވި ހަ ދުވަހުގެ ހިތްދަތި ތަޖުރިބާ ތަކުރާރުވިޔަ ނުދިނުމަށް ފުލުހުނާއި ގުޅިގެން އަދި ސަލާމަތީ ޚިދުމަތްދޭ އަމިއްލަ ކުންފުނިތަކާ ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ." ގަވަރުނަރު އަމީނޫ މަސާރީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.