ލެބެނާން (ލުބްނާން) ގެ ޓްރިޕޮލީ (ޠަރާބުލުސް) އިން ފުރައިގެން ޔޫރަޕުގެ މަންޒިލަކަށް ދަތުރުކުރި ހިޖުރަކުރާ މީހުންނާއިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން 70 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ލެބެނާންގެ އިގުތިސާދީ ހާލަތު ގޯސްވެ، ބައެއް މީހުން ސިފަކުރާ ގޮތުގައި އެގައުމު ވަނީ "ނިމުމެއް ނެތް މުސީބާތްތަކުގެ ޖަހައްނަމައަކަށް" ބަދަލުވެފައެވެ. އެހަންކަމުން، ކޮންމެވެސް ގޮތަކުން އެ ގައުމު ދޫކޮށް ޔޫރަޕުގެ ކޮންމެވެސް ދިމާއަކަށް ހިޖުރަކުރެވޭތޯ މަސައްކަތްކުރާ މީހުން ދަނި ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިފަދަ މީހުންނާއިގެ ދަތުރުކުރާ ގިނަ ބޯޓުތައް ފުރާ ބަނދަރަކީ ލެބެނާނުގެ އުތުރުގައި އޮންނަ ޓްރިޕޮލީއެވެ.
ސީރިޔާ (ސޫރިޔާ) ގެ ޠަރްޠޫސްއާ ދިމާއަށް ބޭރުން ބަންޑުން ޖަހާލި ކުޑަ ބޯޓުގައި ލެބެނާންގެ އިތުރަށް ސީރިޔާ (ސޫރިޔާ) އާއި ފަލަސްޠީނަށް ނިސްބަތްވާ މީހުން ތިބި ކަމަށްވެއެވެ.
ލެބެނާންގެ ޓްރާންސްޕޯޓް މިނިސްޓަރު ޢަލީ ޙިމްޔާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 71 އަށް އަރާފައެވެ. ސަލާމަތްވެފައި ވަނީ 19 މީހުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބަންޑުން ޖަހާލި ލަކުޑި ކުޑަ ބޯޓުގައި ގިނައިން ތިބީ ސީރިޔާ މީހުންނާވިރު އޭގެތެރޭން ގިނަ މީހުން އަތުން ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސީރިޔާ ސިފައިންގެ އިތުރަށް، ސީރިޔާގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންވެސް ދަނީ ބައިވެރިވަމުންނެވެ.
ސީރިޔާގެ ޓްރާންސްޕޯޓު މިނިސްޓަރާއި، ބަންޑުންޖަހާލި ބޯޓުން ސަލާމަތްވީ ބައެއް މީހުންނާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުން އެ ބޯޓުގައި 120 އަށްވުރެ ގިނަ ވާނެއެވެ. އެހެންކަމުން، އިތުރު ބަޔަކު ކަނޑުވެ ގެއްލިފައި ވުން އެކަށީގެން ވެއެވެ.
ލެބެނާނުގެ އިގުތިސާދީ ދަތިކަމުން ސަލާމަތްވާން އެ ގައުމުގެ މީހުންނާ، އެ ގައުމުގައި ދިރިއުޅޭ ސީރިޔާއާއި، ފަލަސްޠީނުގެ މީހުން އާ ދިރިއުޅުމެއްގެ އުއްމީދުގައި ޔޫރަޕުގެ ކޮންމެވެސް ދިމާއަކަށް ފުރައިގެން ދާން މަސައްކަތްކުރާއިރު، މިފަދަ މީހުން އުފުލާ ކުދި ބޯޓުތަކު އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ފަދަ ބޯޓުތަކަކީ ސަލާމަތީ ވަސީލަތްތަކެއް ނެތް، ފެންވަރު ދަށް ބޯޓުތަކެކެެވެ. އަދި މި ބޯޓުތައް ދަތުރުކުރަނީ އެކަށީގެންވާ ވަރަށްވުރެ ގިނަ މީހުންނާއިގެންނެވެ.
4.5 މިލިއަން މީހުންގެ އާބާދިއެއް އޮންނަ ލެބެނާނުގައި ސީރިޔާގެ 1.5 މިލިއަން ރެފިއުޖީން ދިރިއުޅެމުން ދެއެވެ. މީގެ އިތުރަށް 10 ވަރަކަށް ރެފިއުޖީ ކޭންޕުގައި ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ދިރިއުޅެއެވެ.