ސީރިޔާ ރެފިއުޖީންގެ ކޭންޕުގައި ރޯކޮށްލި މައްސަލައިގައި 8 މީހަކު ހައްޔަރުކޮށްފި

ސީރިޔާގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ކޭންޕު އަދައި ހުލިވެފައި

ލެބެނާން (ލުބްނާން) ގެ އުތުރުގައި ސީރިޔާ (ސޫރިޔާ) ގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ރެފިއުޖީ ކޭންޕެއް ރޯކޮށް މުޅި ކޭންޕު އަންދާލި މައްސަލައިގައި 8 މީހަކު ހައްޔަރުކޮށްފިއެވެ.

އދ. އަދި ލެބެނާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އުތުރު ލެބެނާންގެ ބަޙްނީން އަވަށުގައި 400 އެއްހާ ރެފިއުޖީން ދިރިއުޅެމުން ދިޔަ ކޭންޕުގައި ރޯކޮށްލާފައި ވަނީ އެ ރަށުގެ އާއިލާއަކާއި ކޭންޕުގައި ދިރިއުޅެމުން ދިޔަ ރެފިއުޖީންގެ ބަޔަކާ ދެމެދު ހިނގި އަރައިރުމަކަށް ފަހުގައެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ނިވާލެވުނު އިރު މުޅި ކޭންޕު ވަނީ އަނދާހުލިވެފައެވެ. ކޭންޕުގައި ހުރި ފޭލިގަތަކާއި މުދަލުން އެއްވެސް އެއްޗެއް ސަލާމަތްކުރެވިފައި ނުވެއެވެ.

ލެބެނާނު ސިފައިން ވަނީ މި މައްސަލައިގައި ލެބެނާނު 2 މީހަކާއި ސީރިޔާ 6 މީހަކު ހައްޔަރުކޮށްފައެވެ.

"ބަޙައްނީން-އަލްމިންޔާ އަަވަށުގައި ޕެޓްރޯލްކުރަމުން ދިޔަ އިންޓެލިޖެންސް ޑިރެކްޓަރޭޓުގެ ޓީމަކުން ވަނީ، އެ އަވަށުގެ ޒުވާނުންތަކަކާއި، ސީރިޔާގެ މަސައްކަތްތެރިންގެ ބަޔާކާ ދެމެދު އިއްެޔެ (ހޮނިހިރު ދުުވަހު) ހަވީރު ހިނގި ޒާތީ އަރައިރުމަކަށް ފަހު ހިނގި ކަންތައްތަކާ ގުޅިގެން ލެބެނާނުގެ ރައްޔިތުންގެ ދެ މީހަކާއި ސޫރިޔާގެ 6 މީހަކު ހައްޔަރުކޮށްފައި." ލެބެނާނު ސިފައިން ނެރުނު ބަޔާނެއްގައި ވެއެެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވާގޮތުގައި މިއަަރައިރުުމުގައި ލެބެނާނު ޒުވާނުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. އަދި ފަހުން ރެފިއުޖީ ކޭންޕުގައި ރޯކޮށްލާފައެވެ.

ސީރިޔާގެ 75 އާއިލާއެއް ދިރިއުޅެމުން ދިޔަ އެ ކޭންޕު ބިމާ ހަމަވެފައިވާއިރު، އެތަނުގައި ދިރިއުޅެމުން ދިޔަ 370 އަށްވުރެ ގިނަ މީހުން މިހާރު ވަނީ އެތަން ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި 50 ކުޑަކުދިންވެސް ހިމެނެއެވެ. މި އަލިފާނުގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާއިރު، 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފަައި ވެއެވެ.

އަލިފާން ރޯކޮށްލުމުގެ މިހާދިސާއަށް ފަހު ލެބެނާނު މީހުން ސޯޝަލް މީޑިޔާގައި ފާޅުކުރި ހަމްދަރުދީގެ ޝުއޫރުތަކަަށް ފަހު ގިނަ ބަަޔަކު ސީރިޔާގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދެމުންދާކަން އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ރެފިއުޖީންގެ ގިނަ ބަޔަކަށް ބަޙައްނީން އަވަށުގެ ގެތަކުގައި ނިދޭނެ ގޮތް ހަދާފައި ވާއިރު، ބާކީ ތިބި މީހުން ވަނީ ވަގުތީ ފޭލިގެތަކުގައި ބައިތިއްބާފައެވެ.

ދެ ޒުވާނަކު އިސްނަގައިގެން މަގުމަތިވި ހުރިހާ ރެފިއުޖީންގެ ކެއުމުގެ ކަންތައް އިންތޒާމުކޮށްފައިވާކަން ފާހަގަކޮށްލެވެއެެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެގައުމުގެ ބޮޑު ބައެއް ސުންނާފަތިވެފައިވާއިރު، ސީރިޔާގެ ގިނަ ބަޔަކު ވަނީ ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފައެވެ. ލެބެނާނުގައި އެކަނިވެސް ސީރިޔާގެ 1 މިލިއަން ރެފިއުޖީން ދިރިއުޅެއެވެ. މިއީ 5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެބެނާނުގެ އާބާދީގެ ފަސްބައިކުޅަ އެެއްބަޔާ އެެއްވަރު އަދަދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.