އައިޔޫއެމްގެ ރިސަރޗް ކޮންފަރެންސްގައި ރިސަރޗް ދާއިރާގެ ފުންނާބު އުސް ބޭފުޅުންގެ ކީނޯޓް ތަގުރީރު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މި މަހުގެ 17 އާއި 18 ވަނަ ދުވަހު ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ގައި ރިސާޗް ދާއިރާއިން ފުންނާބު އުސް ބޭފުޅުން ތަގުރީރުކުރައްވާނެ އެވެ.

އެގޮތުން މި ކޮންފަރެންސްގައި ޖުމްލަ ތިން ކީނޯޓް ސްޕީކަރުން ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާއޫދު އަބްދުލްމަލިކް ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނަކީ 1994 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް އެ ޔުނިވާސިޓީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދި  އެއީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ޓެލެންޓް ޑިވެލޮޕްމެންޓްގެ މުއައްސިސް އަދި ރައީސް ވެސް މެ އެވެ. ޑރ. ދާއޫދު ތަގުރީރު ކުރައްވާ މައުޟޫއަކީ "ޕްރޮޕޯސްޑް ޤުރްއާނިކް މޮޑެލްސް ފޮރ ހަޔަރ އެޑިއުކޭޝަން" އެވެ.

މި ކޮންފަރެންސްގައި ދެން ތަގުރީރު ކުރައްވާނީ ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް، ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާ-އުލް-ހައްގު އެވެ. މި ބޭފުޅާ ކީނޯޓް ދެއްވާ މައުޟޫއަކީ "ރިފޯމް ވ. ރިކޮންސްޓްރަކްޝަން: އަ ކަރެންޓް ޑިބޭޓް ކޮންޓެކްސުއަލައިޒޭޝަން އޮފް ޝަރީއާ/އިސްލާމިކް ލޯ" އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓް ތަގުރީރު ދެއްވާ ތިން ވަނަ ބޭފުޅަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް އެވެ. މި ބޭފުޅާއަކީ މެލޭޝިއާގެ ސެކިއުރިޓީ ކޮމިޝަންގެ އިތުރުން ފެޑެރަލް ޓެރިޓޮރީސް އިސްލާމިކް ރެލިޖިއަސް ކައުންސިލްގެ ޗެއާކަން ކުރައްވާ ބޭފުޅެކެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ޑރ. ދާއޫދު ތަގުރީރުކުރައްވާނީ "އިންކްއިސިޓިވް އެންޑް ބިގް ޑޭޓާ މައިންޑްސެޓް އިން މޮޑާން ސްޓަޑީސް" އާއި ގުޅޭ ގޮތުންނެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސް، ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވާނެ އެވެ. އޭގެ ތެރޭގައި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނެ އެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަން އެއް ވެސް އޮންނާނެ އެވެ.

ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.

ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން އެވެ. މީގެ ސަބް ތީމުތަކަކީ ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް، ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް، މީޑިއާ އާއި މާސް ކޮމިއުނިކޭޝަން، ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް، ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އެވެ.

ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯގެ މައްޗަށް އެކުލެވޭ މައިގަނޑު ތީމުގެ ތެރޭ ހިމެނޭ ސަބް ތީމުތަކަކީ އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު، ގުރުއާނިކް ސްޓަޑީސް، ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް އަދި ރަސޫލާގެ ލީޑާޝިޕް އެވެ.

ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީގެ މައްޗަށް އެކުލެވޭ ތީމުގެ ތެރެއިން ކަރުދާސް ހުށަހަޅާ ސަބް ތީމުތަކަކީ ހަލާލް ޓޫރިޒަމް، މޫސުމީ ބަދަލުތައް، ދެމެހެއްޓެނިވި ތަރައްގީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ.

މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އަކީ ވެސް މައިގަނޑު ތީމެވެ. މީގެ ދަށުގައި އިސްލާމިކް ފައިނޭންސް، ހިއުމަންސް ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ކެޕިޓަލް މާކެޓް އަދި މާކެޓިން އާއި ބްރޭންޑިން ސަބް ތީމުތަކަކަށް ހިމެނެ އެވެ.

މި ކޮންފަރެންސަށް ރިސާޗު ޕޭޕަރު ހުށަހެޅުމުގެ ފުރުސަތާއި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ. ބައިވެރިންގެ އަދަދާއި ހުށަހެޅޭ ޕޭޕަރުގެ އަދަދާއި ދާއިރާތަކަށް ބަލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސަށް ވާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.