
އައްޑޫ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރެވިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސިޓީގެ ހިތަދޫ ބޮޑުމަގު ބުރު ކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފްއިން ބުނީ އެ އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 5:25 ގައި ކަމަށާއި ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި އަލިފާން ކޮންޓްރޯލް ކުރެވުނީ މިރޭ 8:30 ގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އައްޑު ސިޓީ މޭޔަރާއި ހަވާލާދީ ބައެއް އޮންލައިންތަކުގައި ވަނީ ބުނެފައެވެ.
އަލިފާން ރޯވި ސަރަހައްދަކީ މީޙުން ދިރިއުޅޭ ސަރަހއްދެއް ނޫންނަމަވެސް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް ހުންނަ ސަރަހައްދާ މާ ދުރު ނޫން ސަރަހައްދެއްކަމަށްވާތީ، ދުމުގެ އަސަރު އެ ސަރަހައްދަށް ވަނީ ކޮށްފައެވެ.