އައްޑޫ ސިޓިގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީތައް ހުޅުވުމުގެ ހުއްދަ ދީފި

އައްޑޫސިޓީގެ އައްޓްޑޯ ކުޅިވަރު ފެސިލިޓީތައް ހުޅުވުމުގެ ހުއްދަ އައްޑޫސިޓީ ކައުންސިލުން ދީފއެވެ. މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ އިއުލާނާއި އެއްގޮތަށް އައްޑޫ ސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މޭއި 29 އިން ފެށިގެން އައްޑޫ ސިޓީގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީތައް ހެނދުނު 06:00 އިން ހަވީރު 18:00 އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

މި ބަޔާނުގައި ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް އަދި އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް ވަނީ އަންގާފައެވެ. މިގޮތުން ކުޅިވަރު މައިދާންތަކަށް ކުޅު ނުޖެހުމަށާއި އެ ތަންތަނުގައި ތިބޭ ވަގުތުތަކުގައި ސާފުތާހިރުކަމަށާއި ގައިދުރުކުރުމަށް އިސްކަންދިނުމަށް ވަނީ އަންގާފައެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ ކުޅިވަރު މައިދާންތަކަށް ނުދިޔުމަށާއި ކުޅެން ފެށުމުގެ ކުރިން އަދި ކުޅެ ނިމުމަށްފަހު ގްރޫޕް ހަދައިގެން މައިދާންތަކުގައި މަޑުނުކުރުމަށް ވަނީ އަންގާފައެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްއިން 26 މޭއި ގައި ވަނީ ކޮވިޑް-19 ގެ ބަލި ފެތުރިފައިނުވާ ރަށްތަކާއި އަދި މޮނިޓަރިންގެ ހާލަތު ނިމިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުގައި ކުޅިވަރުކުޅުމުގެ ހުއްދަ ދީފައެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުމާއި، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރުނުދޭކަމަށް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. އަދި ހުއްދަ ދީފައިވީ ކަމުގައި ވިޔަސް ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެކަމަށް ކަމާބެހޭ އެޖެންސީތަކުން ފާހަގަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.