އާބާދީއަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ތަފާތު ކުރުމެއް ނޫން: ރައީސް ނަޝީދު

އާބާދީއަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ތަފާތު ކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި ޕްރޮޖެކްޓް ސިންޑިކޭޓް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބޭއްވި "ސަސްޓެއިނަބިލިޓީ ފޯ ސޭކްން" އިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް  އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހުރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިމުގެ ގޮތުން ބޮޑު ރަށްރަށާއި ބިމުގެ ގޮތުން ކުޑަ ރަށްރަށުގައި ހަމަހަމަކޮށް ތަރައްގީގެ މަޝްރޫއު ހިންގުން އެހާ ރަނގަޅު ނުވާނެ ކަމަށާއި އާބަދީއަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ތަފާތު ކުރުން ނޫން ކަމަށެވެ.

ތަރައްގީ ގެންނަންވާނީ އާބާދީގެ ނިސްބަތަށް ބަލައިގެން ކަމަށާއި އެގޮތުން އައްޑޫ ސިޓީއަކީ އާބާދީ ބޮޑު ސިޓީއެއް ކަމަށެވެ. އަދި އައްޑޫ ތަރައްގީ ކުރުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ވައުދުތައް އައްޑޫ ސިޓީގެ ރައްޔިތުންނަށް ފުއްދައިދެއްވާފައިވާ މިންވަރާ ގުޅޭގޮތުން އަޅުގަނޑުވެސް ހިތްހަމަނުޖެހޭ. އެހެންނަމަވެސް އަޅުގަނޑުވެސް ގަބޫލުކުރަން މި ދޭތެރެއިން ކޮވިޑުގެ އަހަރެއް ވެސް ވަދެއްޖެ. އެހެންވީމާ ދިމާވި ކަންކަމާއި ދަތިތަކާ އަޅުގަނޑުމެން ނަޒަރު ހިންގައިގެން މިކަން ކުރަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ދަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ.

އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި ގާމެންޓް ފެކްޓަރީ އެޅުމަށް ބީލަމަށް ހުޅުވާފައިވާ އިރު، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އައްޑޫ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތާއި އެމްޓީސީސީން އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާއި އެ ކުންފުނިން މަސައްކަތް ފުރިހަމަކޮށްފައިވާ މަޝްރޫއުތައް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.