ފެނަކައަކީ ކަސްޓަމަރުންނާ ނުހަނު ގާތުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ނަމުގައި އެއްވެސް މެސެޖެއް ނުފޮނުވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތައް ފޮނުވަމުންދާ މި ދަނޑިވަޅުގައި ފެނަކައިން ވަނީ އެ ކުންފުނީގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކަށް ސަމާލުވުމަށް އެދިފައެވެ.
" އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކޮށް، ރައްޔިތުންނަށް އޮޅުވާލައި މަކަރާއި ހީލަތް ހެދުމަށް ބަޔަކު ފަށާފައިވާ ފިނޑި މަސައްކަތްތަކެއްގެ ތެރެއިން މި ކުންފުނީގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުން ދާކަން ވަނީ ފާހަގަ ކުރެވިފަ. އެފަދަ މެސެޖްތަކަށް މި ކުންފުނީގެ އެންމެހައި ލޮބުވެތި ކަސްޓަމަރުން ސަމާލުވުމަށް އިލްތިމާސްކުރަން." ފެނަކައިން ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ނަމަ، އެ ކުންފުނީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުން، އެކަމާގުޅޭ ތަފްސީލްތައް ކަސްޓަމަރުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގެ ތަފްސީލް ހޯދުމަށް ވަކި ލިންކަކަށް ކްލިކް ކުރުމަށް ނޭދޭނެ ކަމަށެވެ.
އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތައް ފޮނުވާ ކަން ފާހަގަކޮށް އެކަން ބަލަމުން ދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.
އެގޮތަށް ފޮނުވާ މެސެޖުތަކުގައި ސަރުކާރު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށް ދޭ ޔޫޓިލިޓީ ޚިދުމަތްތަކަށް ބިލް ދައްކައިގެން 50 ޕަސެންޓް ޑިކްސައުންޓެއް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޑިސްކައުންޓް ހޯދަން ވަންނާނެ ލިންކެއް ވެސް އެ މެސެޖާއެކު ހިއްސާކޮށްފައިވާއިރު، މި ފަދަ ސްކޭމްތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.