
ހުވަދުއަތޮޅު ދެކުނުބުރީ ވިލިގިލީ ފުލެޓުތަކަށް ފެންހޮޅި ލުމަށްޓަކައި ކޯރު ކޮންނަމުންދަނިކޮށް ފެނަކަ ކުންފުނީގެ މުވައްޒަފަކު ކުރަންޓު ޖެހިއްޖެއެވެ. ކަރަންޓު ޖެހިފައިވަނީ އެރަށު ފެހިވިލާގޭ އަޙުމަދު މުފީދެވެ.
ކަރަންޓު ޖެހުމުން ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައިވަނީ އޭނާއަށް ފަރުވާދޭން ފަށައިފައެވެ. ފުލުހުން މިރޭ ވިދާޅުވީ މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:15 އެހައިކަންހާއިރު ކަމަށެވެ. އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ކަރަންޓު ޖެހުނު މީހާގެ ޙާލު މިހާރު ރަނގަޅު ކަމަށެވެ. ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ މުފީދުގެ ޙާލު ސީރިއަސްއެއް ނޫންކަމަށެވެ. ސޓީ ސްކޭނެއް ހެދުމަށްޓަކައި މިރޭ ފަތިހު ކޫއްޑޫއިން ފުރާ ފުލައިޓުން އޭނާ މާލެ ފޮނުވާ ގޮތަށް މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ފުލެޓުތަކަށް ފެނާއި ނަރުދަމާ ގުޅައިލުމުށްޓަކައި ކޯރު ކޮންނަމުންދިޔައިރު ފެން ހިއްކަން ބަހައްޓާފައިހުރި ކަރަންޓު ޕަމްޕެއް ޝޯޓުވެގެން ކަމަށް ބެލެވޭ ކަމަށެވެ.
ކަރަންޓުގައި ޖެހިގެން މީގެ ކުރިންވެސް ފެނަކައިގެ މުވައްޒަފަކު ވަނީ އެރަށުގައި މަރުވެފައެވެ.