އަމީރާ ސުލްޠާނާގެ ނާރެސް - 62

(21 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

ޞުލްޠާނާގެ ނާރެސް

ﷲ ހެއްދެވި ކޮންމެ މަޚުލޫޤަކަށްވެސް، ކުރިން ލިޔެ ބަޔާންކުރެވިގެންވާ ކަންތައްތަކެއް ވާނެފަދައިން، އެއާ އެއްފަދަ ގޮންޖެހުންތައްވެސް އޮންނާނީ ލިޔެވިފައެވެ. އެއީ ތެދެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެއްވެސް އިންސާނަކު ހިތްދަތިކަމެއްނުލިބި، ހުރިހާ އުފަލަކާ އަރާމެއް ޙާޞިލްކޮށް މިދުނިޔެއަޅާ ގޮސްފައިވާކަމުގެ މަޢުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނުވެއެވެ. އެއިން އެނގޭ އެއްޗަކީ އެއީ ވާނެކަމެއްނޫންކަމެވެ. އެއްވެސް އިންސާނަކީ ހަމައެކަނި އުފަލާއި އަރާމުން އޭނާގެ ދިރިއުޅުން ބަށްޓަންކުރުމުގެ ފުރުޞަތު އޮތްމީހެއްނޫނެވެ. ދައްޗާއި ހިތާމަ އަދި ވޭނާއި ކެކުޅުމާއެކުގައި ނޫނީ އަރާމާއި އުފަލާ އަދި ހަމަޖެހުން، އެއްވެސް އިންސާނަކަށް ފުރިހަމަވެގެންނެއް ނުދާނެއެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށްވިސްނައިލިޔަސް، އަޅުގަނޑުގެ އަމިއްލަ ޙަޔާތުގައި ހިތާމައާއި ހިތްދަތިކަމުގެ އެތައް ވޭނަކާއި ތަކުލީފެއް އުފުއްލީމެވެ.

ﷲ ގެ ރަޙުމަތްފުޅު އަޅުގަނޑުގެ މައްޗަށް، މިނެއްނެތް މިންވަރަށް ތަނަވަސްވެގެން ވެއެވެ. ހަމައެއާއެކު ހިތާމައާއި ވޭނުގެ ކެކުޅުންވެސް އަޅުގަނޑަށް ތަޙައްމަލުކުރަން ޖެހުނެވެ. އަޅުގަނޑުގެ މައިންބަފައިންނަށް ބަލާއިރު، ހަރުކަށި ބައްޕައަކާއި ލޯބިވާ އޯގާތެރި މަންމަޔަކު އަޅުގަނޑަށް ދެއްވިއެވެ. އޯގާތެރިކަމުން ފުރިގެންވާ ލޮބުވެތި މަންމައެއް، ﷲ އަޅުގަނޑަށް މިންވަރު ކުރެއްވިއެވެ. ހަމަ އެއާއެކު، ދުނިޔެއަކީ ކޮންއެއްޗެއްކަން ނޭނގޭ ޅަ ޢުމުރުގައި ، އެލޮބުވެތި މަންމަ އަޅުގަނޑާ ވަކިކުރެއްވިއެވެ. ދެމިއޮތުމުގެ ޢާލަމަށް ގެންދެވިއެވެ. ޝާހީ ރަސްކަމެއްގެ ޢިއްޒަތްތެރި ރާނީއެއްގެ ދަރަޖަ އާއި ނަޞީބު، ﷲ އަޅުގަނޑަށް މިންވަރު ކުރެއްވިއެވެ. އެހެންކަމާއެކުވެސް، ފިރިހެނުންނަށް އަޅުދާސްވެގެންއުޅޭ ބިމެއްގައި އަޅުގަނޑުގެ މަޤާމާއި ދަރަޖައިން އެތައްތަނެއް އުނިވެގެންވިއެވެ.

އަޅުގަނޑުގެ ޙަޔާތުގެ ފަތްފުއްތައް ލިޔެވިގެންވީ ނަމަވެސް، އަޅުގަނޑުގެ ލޯކުރިމަތީ އެޙަޔާތުގެ ޞަފުޙާތައް ނިއުޅި ފެތުރި އަދި ފުޅާވެގެންދިޔަތަން ފެނުނެވެ. އަޅުގަނޑުގެ ޙަޔާތުގައި އަންނާނެކަމަށް ބެލެވި އުއްމީދުކުރެވުނު ކަންކަމަކީ އަޅުގަނޑު އެހާ ގަޔާވިކަންކަމެއްނޫނެވެ. އަޅުގަނޑުގެ މުދަލާއި މިލްކިއްޔާތު އެތައްގުނަޔަކަށް އިތުރުވެގެންދިޔައެވެ. ހަމައެއާއެކު، އަޅުގަނޑުގެ ހިތްހަމަޖެހުމާއި އުފަލާ އަދި އަރާމުން ޙައްޤު މިންވަރު ގެއްލިގެން ދިޔައެވެ. އަޅުގަނޑުގެ ޙަޔާތުގެ އަޑިގުޑަންތަކާއި އުސްކުންނުތަކުގެ ނޭދެވޭ އަސަރުން ރަލާދޯޅު މީހަކަށް އަޅުގަނޑު ބަދަލުވެގެންދިޔައެވެ. ސިކުނޑިއަށް ލިބެމުންދިޔަ ހާސްކަމާއި ދިރިއުޅުމުގެ ނުތަނަވަސްކަމުގެ ސަބަބުން، ރަލާނުލައި ނޫޅެވޭ މީހަކަށް އަޅުގަނޑު ބަދަލުވިއެވެ. މިހުރިހާ ކަމަކީ، އަބަދުވެސް، އަންހެނުންނަށް އެހީތެރިވެ އެބައިމީހުންގެ މިނިވަންކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސްއެޅިގެންދިޔަ ކަންކަމެވެ. އެއީ އަޅުގަނޑު ދުނިޔެއަށް ހޭލައިގަތީއްސުރެ އަޅުގަނޑުގެ ހިތުގައި ކަނޑައަޅައިގެންހުރި ޢަޒުމެކެވެ. އެހެންނަމަވެސް، އެކަމަށް ހުރަސްއެޅިގެންދިޔައީ އަޅުގަނޑުގެ ދިރިއުޅުމުގެ ނޭދެވޭ އާދަތަކެވެ. އަޅުގަނޑަށް ޙާޞިލްނުކުރެވުނު މި ލަނޑުދަނޑިޔަށް ވާޞިލްވުމަށް ހުރިހުރަސްތަކުން އަޅުގަނޑަކީ އިންސާނިއްޔަތަށް އެހާ ބޭނުންތެރި މީހަކަށް ވެގެންނެއް ނުދިޔައެވެ. ކުރީގެ ޞުލްޠާނާއަކީ އޭނާގެ އުއްމީދުތައް ފުރިހަމަކުރުމަށް ވަރުގަދަ ޢަޒުމެއްގައި ހުރެ މަސައްކަތްކުރަމުންއައި ޒުވާން، ޝާހީ ޢަރަތްބެކެވެ. މިއަދު އޭނާއެވަނީ، މިޞްރާބު ގެއްލި މަންޒިލަށް ދަތުރުކުރަން ހިތްވަރުލިބޭފަދަ ޙާލަތެއްގައެއް ނޫނެވެ. ކުރި ހުރިހާ އުއްމީދެއްވަނީ ދިރުމެއްނެތި ގެއްލި ގޮސްފައެވެ.

ޢަޖައިބެއްފަދަ ކުއްލި ބަދަލެކެވެ. މިއަދު، އަޅުގަނޑު މިވަނީ އިހުގެ ޞުލްޠާނާގެ ރޫޙުގައި ދިރުން ލިބި އުއްމީދުގެ އަލިކަން ގެނެސްފައެވެ. އަޅުގަނޑުގެ ޙަޔާތުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި، އަޅުގަނޑުގެ ވިސްނުމާއި ފިކުރަށް މިވަނީ ބަދަލުތަކެއް އައިއްސައެވެ. ހުވަފެނުގައި މަންމަ އަޅުގަނޑާ ބައްދަލުކޮށް ދައްކާ ވާހަކައިންނެވެ. މުނީރާގެ އަސަރުގަދަ ޅެމުގެ އިޙްސާސްތަކެވެ. އަދި އަޅުގަނޑުގެ ބޭބެ ޢަލީ މަރުގެ ތުންފަތްމަތީ އޮވެ ސަލާމަތްވި ގޮތެވެ. މިހުރިހާ ކަމަކީވެސް އަޅުގަނޑަށް ހިތްވަރާއި ފޯރި ލިބިގެންދިޔަ ކަންކަމެވެ. ﷲ މިފަދަ ކަންކަން ރާއްވަވައި އިންސާނާއަށް ދައްކަވައި ކުރިމަތިކުރުއްވަނީ ވަކި މަޤްޞަދެއްގައިކަން އަޅުގަނޑަށް އެނގެއެވެ. ﷲ ގެ ކުޅަދުންވަންތަކަމަށް ހެކިވާ އެއްވެސް އިންސާނަކަށް އެކަމުގެ ސަބަބު އޮޅިފައެއް ނޯންނާނެއެވެ.

މިކަންކަމާގުޅިގެން އަޅުގަނޑުގެ ޙަޔާތަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެކަމާ އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. މިކަންކަމާ ކުރިމަތިލާން އަޅުގަނޑަށް ނުޖެހުނުނަމަ، އަދިވެސް އަޅުގަނޑު ހުންނާނީ ހިތްނުތަނަވަސް ކަމުން ފުރިގެންވާ ބޭނުމެއްނުހިފޭ މީހެއްގެ ގޮތުގައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ޕާކިސްތާނުގެ އަންހެން ކުއްޖާ ވީނާ ދިރިއުޅެމުންގެންދާނީ ވަޙުޝީ ޝިކާރަކަށްވެގެން ދިރިހުރެމެ، މަރުވެފައިވާ އިންސާނެއްގެ ގޮތުގައެވެ.

"ދެން މިނިމުނީއެވެ. އަންހެނުންނަށް ކުރިމަތިވާ އިހާނެތިކަމާއި އަނިޔާތަކަށް ކެތްކޮށްގެން، ދެއަތް އުރާލައިގެން އަހަރެން ދެނެއް ނުހުންނާނަމެވެ." ފޭލިގެޔަށްދިޔަ މަގުމަތީ ސާރާގާތު އަޅުގަނޑު ބުނީމެވެ. އާނއެކޭ ބުނުމަށް ސާރާ ބޯޖަހައިލިއެވެ.

ހަމަ އެވަގުތު، ދުނިޔާގެ ހަގު ފިރިހެންދަރިފުޅު، ޝާދީ އައިސް ސަވާރީން ފައިބާ އޭނާގެ ތިމާގެ ކުދިންނާ ސަލާންކުރަމުން ގެންދިޔަތަން ފެނުނެވެ. ޝާދީއަކީ، ބޮޑު ހަށިގަނޑެއްލިބިގެންވާ 20 އަހަރުގެ ޒުވާނެކެވެ. އޭނާގެ ސިފަ އެހާ ރީއްޗެއްނޫނެވެ. އޭނާއާ ބެހޭގޮތުން އަޅުގަނޑަށް އެނގެނީ ވަރަށް މަދު މަޢުލޫމާތެކެވެ. ޢާއިލީ ބައްދަލުވުންތަކުންވެސް ދިމާވެފައި އޮތީ ވަރަށް މަދުންނެވެ. މިދަތުރާ ޝާދީ ގުޅޭނީ ހައެއްކަދުވަސް ފަހުންކަމަށް، ދުނިޔާ ބުނެފައޮތް ހަނދާން އެވަގުތު އާވިއެވެ. ޝާދީއަކީ، ދުނިޔާގެ ނަޒަރުގައި ވަރަށް ކާމިޔާބު ވިޔަފާރި ވިސްނުމެއްލިބިގެންވާ ކުއްޖެކެވެ. ޢާއިލާގެ އެހެންކުދިންނާ ޚިލާފަށް ވިޔަފާރީގެ މުޢާމަލާތުތަކުގައި ޝާދީ އުޅެނީ ވަރަށްކުރީގައެވެ. އެއީ ދުނިޔާވެސް ފަޚުރުވެރިކަމާއެކު ބުނަމުންދާ ވާހަކައެކެވެ. ޕާކިސްތާނުގެ ވަރަށްގިނަ ވިޔަފާރިތަކުގެ ޙިއްޞާ، ޝާދީއޮންނަނީ ގަނެފައިކަމަށް ދުނިޔާ ބުނެއެވެ. ވަރަށް ގިނައިން ޕާކިސްތާނަށް ދަތުރު ކުރާނެއެވެ. މިފަހަރުވެސް އެއައީ ވިޔަފާރީގެ ބޮޑެތި މުޢާމަލާތުތަކެއް ހިންގާފައިކަމަށް ދުނިޔާ ބުނެއެވެ. އަޅުގަނޑާއި އެހެން ދައްތައިން، ދުނިޔާގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އެހެންނޫނަސް، އެމީހުންނަކީ، އަޅުގަނޑުމެންގެ އެހެންކުދިންނަށް ހުތުރު އަރުވާ ބަޔެކެވެ. ފާޙިޝް ޢަމަލުތަކުން ޝާހީޚާންދާނުގެ ނަން ޚަރާބު ކުރަމުންގެންދާ ބަޔެކެވެ.

ޝާދީއަށް މަރުޙަބާ ކިއުމަށްޓަކައި، އަޅުގަނޑާއި ސާރާއެއް ނުދަމެވެ. އޭރުވެސް އަޅުގަނޑުމެންގެ ޅަ ފިރިހެންކުދިންތައް އޭނާގެ ވަށައިގެން ތިއްބެވެ. އަޅުގަނޑުމެން ޝާދީއާ ބައްދަލުކުރާނީ ފަހުންކަމުގައި ނިންމައި އަޅުގަނޑުމެންގެ ފޭލިގެއާ ދިމާއަށް ހިނގައިގަތީމެވެ.

ޝާދީގެ ވޭނުގެ ފަހަތު ޝީޓުގައި ޕާކިސްތާނުހެދުން އަޅައިގެން އިން ޅަ އަންހެންކުއްޖަކު އިންތަން ފެނުނު ނަމަވެސް އެކަމަކަށް އަޅުގަނޑު އެހާ ސަމާލުކަމެއް ނުދެމެވެ. ޢާންމުގޮތެއްގައި ނޯކަރުން ތިބޭނީ ފަހަތު ޝީޓުގައެވެ. އަޅުގަނޑު ޤަބޫލުކުރީ އެކުއްޖާއަކީ ދުނިޔާގެ އެދުމަށް ފޭލިގެޔަށް ގެނައި ދުނިޔާގެ ޚިދުމަތުގައިވާ ކުއްޖެއްކަމުގައެވެ.

ފޭލިގެޔަށް ވަތްތަނާ، އަޅުގަނޑު ނުފެނިގެން ކަރީމް ކަންބޮޑުވެގެން އުޅުނުވާހަކަ، އަޅުގަނޑުގެ ނޯކަރު ލިބީ ބުންޏެވެ. އަދި އަޅުގަނޑު ހޯދުމަށްޓަކައި މީހުން ފޮނުވާފައިވާކަމުގައިވެސް ބުންޏެވެ. އަދި އަޅުގަނޑުވީ ސާރާއާއެކު ބުރެއްޖަހާލުމަށް ނުކުމެކަމުގައި ބުނުމުން ކަރީމު މިހާރުހުރީ ހަމަޖެހިފައިކަމުގައިވެސް ލިބީ ބުންޏެވެ. ކަރީމް މިހާރުވީ އަޅުގަނޑުމެންގެ ދެބެން ގޮވައިގެން ޖަމަލު ދުއްވައިލުމަށް ސަހަރާތެރެޔަށް ނުކުމެކަމުގައިވެސް ލިބީ ބުންޏެވެ. އެއީ އެކުދިންނަށް ސަހަރާގައި ޖަމަލު ދުއްވާލެވޭނެ އެންމެ ފަހު ފަހަރެވެ. އޭރު އޮތީ ދަތުރުވެސް ނިމުމަކަށް އައިއްސައެވެ.

ވަގުތުގެ ބޭނުންހިފައި ފެންވަރާލުމަށް އަޅުގަނޑު ނިންމީމެވެ. ސަހަރާގައި ފެންވެރުމަކީ އެހާ އުނދަގޫ ކަމެއްނޫނެވެ. އަވިބާރުކަމުން ބޭރުގައި ހުންނަ ބޮޑެތި ފެންހަންތަކުގައިހުންނަ ފެން ހުންނަނީ އެންމެ އަރާމު މިންވަރަށް ހޫނުވެފައެވެ. ފެންވަރާ ބިލިގާއަށް އެރި އޮންނައިރު އެއީ ސަހަރާކަމެއް ނޭނގޭނެއެވެ. ފާޚާނާގެ ވަށައިގެން ބެހެއްޓިފައިހުރި ތަކެތިން އެއީ އެއްވެސްކަމެއް އުނިވެފައިނުވާ ފުރިހަމަ ފާޚާނާއެއްކަން އިޙްސާސްކޮށްދެއެވެ.

ލިބީ އައިސް ބިލިގާއަށް ހޫނުފެންފުރައި ދިނުމުން އެއަށް އެރިއޮވެ އަރާމުކޮށް ފެންވަރާލީމެވެ. ބޮލަށް އެޅިފައިވާ ސަހަރާގެ ވެލިތައްވެސް ރީތިކޮށް ދޮވެލީމެވެ. އަދި ގައިހިއްކައިގެން ނުކުމެ ބިންމަތީ އަލާފައިވާ ދޫލަމަތީ ނަމާދުކުނާ ފަތުރާލީމެވެ. މައްކާއަށް، ޤިބުލައަށް ކުރިމަތިލައިގެންހުރެ، ނަމާދުކޮށް ހެޔޮދުޢާ ކުރީމެވެ. އަޅުގަނޑުގެ ޙަޔާތުގެ ކަންކަން ސީދާމަގުން ގެންގޮސްދެއްވައި ބާއްޖަވެރި ޙަޔާތެއް މިންވަރުކޮށްދެއްވުން އެދިއެވެ. އަދި ސަހަރާގެ އެންމެފަހު ދުވަހަކީ އަމާންކަމާއި ސަލާމަތާއަދި ރައްކާތެރިކަމުން ފުރިގެންވާ އުފާވެރި ދުވަހެއްކަމުގައި ލެއްވުން އެދި ﷲ އަށް ދުޢާ ކުރީމެވެ. އަޅުގަނޑުގެ ޙަޔާތުގައި ދެންކުރިމަތިވާ ކަންކަމުގައި ވާގިވެރިވެވޮޑިގެން، އެކަންކަމާ ކެރިގެން ކުރިމަތިލުމުގެ ތަވްފީޤު މިންވަރުކުރެއްވުން އެދިއެވެ. އަޅުގަނޑުގެ ހިތަށް އެވަގުތު ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ. އުއްމީދަށް ދިރުންލިބިގެންގޮސް ރޫޙަށް އިތުރު ބާރެއް ލިބުނު ފަދައެވެ. އަޅުގަނޑަށް ދެން އެންމެ އަވަހަށް ކުރިމަތިވާނެ އިމްތިޙާނަކީ، ކުރިން ތަޖުރިބާ ކުރެވިފައިނުވާފަދަ ހިތްދަތި އިމްތިޙާނެއްކަން އެނގޭނީ ކިހިނެއްތޯއެވެ؟

މުނިރާގެ ޅެން ކިއުމުގެފަހުން، އަޅުގަނޑަކީ ކުރީގެ ސުލްޠާނާއެއްނޫނެވެ. އަޅުގަނޑުގެ ހިތުގައިވާ ރޭވުންތައް ތަރުތީބު ކުރުމަށްޓަކައި ވަގުތު ބޭނުން ވާނެއެވެ. އެހެންކަމުން، ދެކުދިންނާއި ކަރީމް ހިނގާލަންދަމުން އަޅުގަނޑަށް ދިން ދަޢުވަތުވެސް ދޫކޮށްލައި، އިރުކޮޅަކު އެކަނިވެލުމަށް ނިންމީމެވެ. އަދި އަޅުގަނޑުގެ ދައްތަމެން ކުޅެމުންގެންދިޔަ ކުޅިވަރެއްގައި ބައިވެރިވުމަށް ދިން ދަޢުވަތުވެސް ދޫކޮށްލީމެވެ. ބޭނުންވީ، އާ ޞުލްޠާނާގެ ކުރިމަގު ބަށްޓަންކުރަންވީ ގޮތެއްގެ މަގުޗާޓު ކުރަހާލާށެވެ. އެކަނި އިނދެއެވެ.

ސަހަރާގެ ދަތުރުގެ އެންމެ ފަހުދުވަހު އަޅުގަނޑު އިނީ އެކަންޏެވެ. އެހެން ހުރިހާ މީހުންނާއި ހުރިހާ ކަމަކާ ނުބެހި ވަކިންނެވެ. އެހެންނަމަވެސް އަޅުގަނޑު އެކަނިވެރިއެއް ނުވެއެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުންތަކާއި އެވިސްނުންތަކުން ކުރިފަޅަމުންއައި އުއްމީދުތައް އަޅުގަނޑާއެކުގައި ވިއެވެ. ޙަޔާތުގެ ޞަފުޙާތައް އަލުން ކިޔައި ބަލައި އަތުރައި ތަރުތީބުކުރަމުން ގެންދިޔަ، އާ ޞުލްޠާނާއެކެވެ. އަޅުގަނޑުގެ ރޫޙުވަނީ އުއްމީދުން ފުރިގެން ތާޒާކަންމަތީ ދިރިދިރިއެވެ. ޙަޔާތުގެ އާ ބާބަކަށް އަލިވިލުމަށް ބޭނުންވާ ބަހާތަކުން ތަރުތީބު ކުރެވިގެންނެވެ.

އެދުވަހުގެ ހަވީރަކީ، އަޅުގަނޑުމެންގެ ސަހަރާ ދަތުރުގެ އެންމެ އުފާވެރި ހަވީރެވެ. އެއީ ދަތުރުގެ އެންމެ ފަހު ހަވީރުވެސް މެއެވެ. އޭގެ އަނެއްދުވަހަކީ، އަޅުގަނޑުމެންގެ ކާރޫބާރޫބޮޑު އަވަށަށްގޮސް ޢާންމު ދިރިއުޅުމުގެ ހަނގުރާމަޔާ ކުރިމަތިލާނެ ދުވަހެވެ. އެރޭގެ އިރާކޮޅުގެ ނާސްތާއާއެކު، ޢާއިލީ ބައްދަލުވުން ނިމިގެންދިޔައީ، މެދުއުޑުގައި ފިޔަޖަހަމުންދިޔަ ތަރިތަކުގެ ނަލަނަލަ ހިތްގައިމުކަން ހިތުގައި ބިންވަޅުނެގިގެންނެވެ. އެންމެންވެސް އެކަކު އަނެކަކަށް ހެޔޮދުޢާކޮށް ސަލާމް ކުރުމަށްފަހު، އެމީހެއްގެ ފޭލިގެޔަށް އެމީހަކު ދިޔައެވެ.

ފޭލިގެޔަށްގޮސް ކަރީމާއި އަޅުގަނޑުގެ ދެއަންހެންކުދިންނާއެކު ހަމަޖެހިލީމެވެ. ކުޑައިރުކޮޅަކު ހީސަމާސާކުރުމަށް މަޑުކޮށްލީމެވެ. އަދި ދަތުރުގައި ނަގާފައިވާ ޕޮލޮރައިޑް ފޮޓޯތައްބަލައި ހެދީމެވެ. އިރުކޮޅަކުން އަމާނީ އާފުރެން ފެށިއެވެ. އެހެންކަމުން ނިދާގަޑި ޖެހުނީކަމަށް ބަލައި އަޅުގަނޑު ކަރީމާދިމާއަށް ބަލައިލާ ހީލީމެވެ. އަދި އަޅުގަނޑުގެ ނިދާ ކޮޓަރިޔަށް ގޮސް ހަމަޖެހިލީމެވެ. ނިދާހެދުން ބޮލަށް ވައްޓާލަ ވައްޓާލަ އޮއްވާ ވޭނީ ރުއިމެއްގެ އަޑު އަޅުގަނޑުގެ ކަންފަތުގައި ޖެހުނެވެ. އެއީ ކޮންއަޑެއްތޯ ކަރީމުގާތު އަޅުގަނޑު އަހައިލީމެވެ.

"ހީވަނީ އަންހެނެއްގެ ރުއިމުގެ އަޑު ހެންނެވެ." ރުއިމުގެ އަޑުއިވޭދިމާއަށް ކަންފަތް ދިއްކޮށްގެން އޮވެ ކަރީމް ބުނެލިއެވެ.

"ޔާ ﷲ! ޢަލީގެ ގައިގަޔަށް ވިހަލީގޮތަށް އެހެންމީހެއްގެ ގައިގާ ހަރުފަޔެއް ދަތްނޭޅިއްޔާ ކަލާކޯއެވެ!" އަޅުގަނޑު ކަންބޮޑުވެފައިހުރެ ބުނީމެވެ.

ކަރީމްވެސް، ހާސްވެގެންހުރެ، ޓޯޗު ބައްތިއެއް ހޯދައި އަލިކުރަމުން އަޅުގަނޑުމެންގެ ފޭލިގެއިން ނުކުތެވެ. އަޅުގަނޑުވެސް ކަރީމުގެ ފަހަތުން އޭނާގެ އަތުގައި އެލިގަނެގެން އޮވެ ދިޔައިމެވެ. އެ ރުއިމުގެ އަޑު ނޫރާ އާއި ސާރާއަށްވެސް އިވިގެން، އަޙްމަދާ އަދި އަސަދާއެކު އެދެމީހުންވެސް ފޭލިގެއިން ނުކުމެ އަޅުގަނޑުމެންނާ ދިމާއަށް ދުވަމުން އަތުވެއްޖެއެވެ. ހުރިހާ ފޭލިގެތަކުގައި ދިރިއުޅޭ ނޯކަރުންނާއިޚާދިމުންވެސް ދެލޯބޮޑުކޮށްގެންތިބެ ނުކުމެއްޖެއެވެ. އަދި އެ ރުއިމުގެ އަޑުއިވޭ ދިމާލެއް ހޯދަން އެންމެން މަސައްކަތް ފެށިއެވެ.

ރުއިމުގެ އަޑު ތަންކޮޅެއް މަޑުވިއެވެ. ރޯމީހާއިން ތަނާދުރަށް އަޅުގަނޑުމެންނަށް ދެވެނީކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ރަނގަޅަށް ވިސްނައިލީމަ، އަންހެން ޚާދިމާއިން ތިބޭ ފޭލިގެއާ ދިމާލުން ރުއިމުގެ އަޑު ބާރުވަމުން އަންނަކަން ފާހަގަ ކުރެވުނެވެ. އަންހެން ޚާދިމާއިން ތިބޭ ފޭލިގެޔާ ހިސާބަށް ދެވުނުއިރު، ރޯއަޑު މަޑުވިއެވެ. އެކަމަކު ބާރަށް އިވެމުންދިޔައީ، ހުޅަނގުގެ ރޮކް އެންޑް ރޯލް ކިއުޒިކްގެ ބާރު އަޑެވެ. އެއަޑާހުރެ، އެހެން އެއްވެސް އަޑެއް އެތާކުން ނީވެއެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން، މިއުޒިކްގެ އަޑު މަޑުވެލާއިރަށް،  ފޭލިގޭގެ އެއްކަނަކުން، ޅަ އަންހެންކުއްޖަކު ގިސްލަ ގިސްލާފައި ވޭނާއެކު ރޮމުންގެންދާ އަޑު އިވެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.