ކޯލް ގާރލް - 28

(16 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަމަލް ދިޔަތާ މާގިނައިރެއްނުވެ އެރަށުގެ މޮޅު ޑޮކްޓަރެއް ގޮވައިގެން މޯތީ އަތުވެއްޖެއެވެ. ޑަކްޓަރު ދީޕަކް ބަލަމުން ދިޔައިރު ރަޖްނީ އާއި މާރިޔާ އެތާނގައި ތިއްބެވެ. އެއްފަހަރު ޑަކްޓަރުގެ މޫނަށް އަދި އަނެއް ފަހަރު ދީޕަކާ ދިމާއަށް ބަލަމުންނެވެ. އެމީހުންނަށް ލިބިފައިވާ ހާސްކަމާއި ހިތްދަތިކަން، އެމީހުންގެ މޫނުމަތިން ވަރަށް ސާފުކޮށް އެނގެއެވެ. ޑަކްޓަރު ދީޕަކް ބަލައި ނިމުމާއެކު ރަޖްނީ އަވަސް އަވަހަށް ޑަކްޓަރާއި ސުވާލުކޮށްލިއެވެ.

"އަޅުގަނޑުގެ ކޮއްކޮ ދީޕަކް ކިހިނެއްތޯ...ޑަކްޓަރު ސާހަބް...؟"

"މިހާރު އެއްޗެއް ބުނަން ވަރަށް ދަތި. މާދަމާ ހެނދުނު އަހަރެން އަންނާނަން. އެއްޗެއް ބުނަން އެނގޭނީ ހެނދުނު ބަލާފައި."

"އެކަމަކު އަޅުގަނޑުގެ ކޮއްކޮ ރަނގަޅުވާނެ ދޮގެއްތޯ! ޑަކްޓަރް ސާހަބް" ރަޖްނީއަށް ރޮވޭގޮތްވެއްޖެއެވެ.

"މާތްކަލާނގެ ކިބަފުޅުން އުއްމީދު ކަނޑާނުލާ...އެ ފަރާތުން ވާގިއެދިގެން ދުޢާކުރޭ! ހުރިހާ ކަމެއް ވާނީ އެ ފަރާތުގެ ބާރުގެ ދަށުގައި.. އެ ކުއްޖާ ރަނގަޅަށް ނިދާލުން މިހާރު ވަރަށް ބޭނުން ..ނުރައްކާތެރި ވަގުތު މިރޭ ފާއިތުވާއިރަށް ދާނެ. ހަމައެކަނި މިރޭ ވަރަށް ސީރިއަސް ..… އެންމެރަނގަޅު..މިހާރު އަހަރެން ގޮސްލާނަން...ކަމެއް ބޮޑުވެއްޖެނަމަ އަންގާލާ..އަހަރެން އައިސްދޭނަން.." އެހެން ބުނެފައި ޑަކްޓަރު ނުކުމެގެން ހިނގައްޖެއެވެ. ރަޖްނީ ދީޕަކްއާ ދިމާއަށް ބަލާލާފައި އޭނާގެ ކައިރީގައި އިށީންދެއްޖެއެވެ.

 ދީޕަކް އަދިވެސް ހެއެއް ނާރައެވެ. ބައެއްފަހަރު، ލޯ ހުޅުވާލާފައި ފުރާޅާދިމާއަށް ބަލާލައެވެ. ނަމަވެސް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ރަޖްނީ ދީޕަކްގައިގައި އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލިއެވެ. އަދި އޭނާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ބުންޏެވެ.

"ނިދާލާ...ކޮއްކޯ..ރަނގަޅަށް ނިދާލާ..." ރަޖްނީ މަޑުމަޑުން ދީޕަކްގެ ބޯ މޮޑެދެމުން ގެންދިޔައެވެ. އަދި ވަރަށް ހިމޭން ރާގެއްގައި ލަވައެއްވެސް މަޑުމަޑުން ކިޔަން ފަށައިފިއެވެ.

އެ ލަވައަކީ އޭނާ ކުޑައިރު އަދި ދީޕަކްވެސް ކުޑައިރު އެ މީހުންގެ މަންމަ އެ މީހުން ނިންދެވުމަށް ކިޔާ އުޅުނު ލަވައެކެވެ. ރަޖްނީއަށް އެ ލަވަ ދަސްވެފައިވަނީ މަންމަ ކައިރިންނެވެ. އެ ލަވަ ކިޔަމުން ދިޔައިރު ރަޖްނީގެ ޚިޔާލުތަކުގައި ދަތުރުކުރަމުން ދަނީ އޭނާގެ ޅަދުވަސްވަރުގެ ހަނދާންތަކެވެ. އޭނާގެ ހިތަށް އަރަމުންދަނީ އެ ލަވަ ކިޔާދެނީ އޭނާގެ މަންމަކަމަށެވެ. އޭނާގެ މަންމަ އައިސް ދީޕަކްގެ ބޯމޮޑެދެނީކަމަށެވެ.

ލަވަ ނިމުމުން ރަޖްނީއަށް އޭނާގެ މާޒީގެ ހަނދާންތަކުން ވަކިވެވިއްޖެއެވެ. އަދި މިހާރު ހަޤީޤަތުގެ ތެރެއަށް އަތުވެއްޖެއެވެ. އޭނާގެ ކައިރީގައި އޮތް ދީޕަކްގެ މޫނަށް ބަލާލިއިރު އޭނާއަށް ފެނުނީ، ހިތްހަމަޖެހޭ ފަދަ އަސަރުތަކެކެވެ. އޭނާ ކިޔައިދިން ލަވައިގެ ސަބަބުން ނާއި އޭނާގެ ފިރުމުންތަކުގެ ސަބަބުން ދީޕަކަށް ވަނީ ނިދިފައެވެ. ދީޕަކްގެ މޫނުމަތިން ފެންނަނީ މަޢުސޫމިއްޔަތެވެ. އެއްވެސް ފިކުރެއް ނެތް އުފާވެރިކަމެވެ. ދެންމެ ދެންމެ އަނގައިން ބުނެފާނެއޭ ހީވާފަދަ ލޯބިވެތި ހިނިތުންވުމެވެ. ހީވަނީ ރަޖްނީ ކިޔައިދިން ލަވައިގެ ސަބަބުން ދީޕަކް އަށް ލިބިފައިވާ ހުރިހާ ވޭންތަކެއް ފިލައިގެން ދިޔަހެންނެވެ. އޭނާގެ ހަށިގަނޑަށް އަރާމު ގެނެސްދިނީ ހެންނެވެ.

އެތަންވަޅު ޑޮކްޓަރު ބުނެފައި އޮތް ވާހަކަ ރަޖްނީއަށް ހަނދާންވިއެވެ. "އެކުއްޖާ ރަނގަޅަށް ނިދާލުން ވަރަށް ބޭނުމޭ..." ޑަކްޓަރުވަނީ ބުނެފައެވެ. އަދި އޭނާއަށް ނުރައްކާތެރި ހަމައެކަނި މިރެއޭ ވެސް ޑޮކްޓަރު އޮތީ ބުނެފައެވެ. މިހާރު ދީޕަކް އެތޮތީ ނިދާފައެވެ. އެހެންވީމާ ދެން ނުރައްކާތެރިކަން ވެސް ކުޑަވާނީއޭ ރަޖްނީ ހިތަށް އެރިއެވެ. އެއާއެކު އޭނާގެ ހިތަށްވެސް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އަދި ދީޕަކް ގައިގައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލާފައި ތެދުވަން އުޅުނެވެ. ނަމަވެސް އެވަގުތު ދީޕަކްގެ މޫނަށް ބަލާލިއިރު އާދަޔާޚިލާފު އެހެން އަސަރެއް ދީޕަކްގެ މޫނުމަތިން ފެންނަންހެން ރަޖްނީއަށް އިޙްސާސްކުރެވިއްޖެއެވެ. އެއާއެކު އޭނާއަށް ނޭނގޭކަހަލަ ބިރެއް އޭނާގެ ހިތުގެތެރެއަށް ވެރިވެގެން ހިނގައްޖެއެވެ. ދީޕަކްގެ މޫނާ އޭނާގެ މޫނު ކައިރިކޮށްލިއެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ރޮއިގަނެވުނެވެ.

"ދީޕަކް..ދީޕަކް.. އަހަރެންގެ ކޮއްކޯ....އޭ ދީޕަކް.."

ރަޖްނީ ރޯއަޑާއި ދީޕަކަށް ގޮވާއަޑު އިވިގެން މާރިޔާ އަވަސް އަވަހަށް އެތަނަށް އަތުވެއްޖެއެވެ. ރަޖްނީ ދެލޯ ބޮޑުކޮށްލާފައި މާރިޔާ އާ ދިމާއަށް ބުންޏެވެ.

"އާންޓީ...އައިސްބަލަ ދީޕަކަށް ވެފައި މިއޮތީ ކިހިނެތް...އަނެއްކާ އޭނާއަށް ކަމެއްވީތަ...އަނެއްކާ؟"

މާރިޔާ ދީޕަކް އޮތް އެނދުކައިރިއަށް އައިސް ދީޕަކްގެ މޫނު ބަލާލުމާއެކު ވެގެން އުޅޭގޮތް ރަނގަޅަށް އެނގިއްޖެއެވެ. ދީޕަކް ނިދާފައިވާ ނިދުމަކީ ވަގުތީ ނިއްޖެއް ނޫންކަމާއި އެއީ ދާއިމީ ނިއްޖެއްކަން، ތަޖްރިބާކާރު މަރިޔާއަށް އެނގިއްޖެއެވެ.

"އޯ ގޯޑް.." އޭނާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ އިނގިލިން މޭމަތީގައި ކްރޮސްއެއް ކުރަހާލިއެވެ.

ރަޖްނީ އަނގަ ހުޅުވިފައި އަދި ދެލޯބޮޑުވެފައިވާ ގޮތެއްގައި، މާރިޔާއާ ދިމާއަށް ބަލަންހުއްޓެވެ. ހީވަނީ މާރިޔާ ކުރެން އެއްޗެއް އަހައިފިނަމަ، މިހާރު ރަޖްނީގެ ހިތަށް އަރާފައވާ އެއްޗެއްގެ ތެދުކަން ސާބިތުވެދާނެތީ އެއްޗެކޭ އަހަން ނުކެރި ބިރުން ހުރީހެންނެވެ. ނަމަވެސް އެނާގެ ހިތް އެވަގުތު އޮތީ ތެޅިތެޅިއެވެ. ހީވަނީ ކޮށްޓެއްގައި ބަންދުކޮށްފައި އިން ދޫންޏެއް މިނިވަންވާންވެގެން ތެޅޭހެންނެވެ. އެންމެފަހުން. ކެތްނުކުރެވިގެން މާރިޔާގެ ކޮނޑުގައި ހިފައި ތަޅުވައިގެންފައި ވަރަށް ބާރަށް ބުންޏެވެ.

"ކީއްވީތަ...އަހަރެންގެ ކޮއްކޮއަށް ކީއްވީތަ....!..އާންޓީ!"

މާރިޔާ އެއްވެސް އެއްޗެއް ޖަވާބެއް ނުދިނެވެ. ނަމަވެސް އޭނާގެ ހިތާމައިން ފުރިފައިވާ ލޯ އެ ވާހަކަތައް ރަޖްނީއަށް ވިސްނައިދީފިއެވެ. އޭރު މާރިޔާގެ ދެލޮލުންވެސް ކަރުނަތައް ފައިބަން ފަށައިފިއެވެ. ރަޖްނީ މާރިޔާ ދޫކޮށްލާފައި ދީޕަކްގެ ގައިމައްޗަށް ވެއްޓިގެންފިއެވެ.

"ދީޕަކް... އަހަރެންގެ ކޮއްކޯ..." ގޮވާލުމާއެކު ދީޕަކްގެ ފުރާނަނެތް ހަށިގަނޑުގައި އޮޅުލައިގަތެވެ.

މާރިޔާ ކުރާނެކަމެއްނެތި އެތަން ބަލަން އިރުކޮޅަކު ހުރެފައި އަވަސް އަވަހަށްގޮސް އީސާގެ ފާނުގެ ބުދުގެ ކައިރީގައި، ކަކޫ މައްޗަށް ތިރިވެ އަޅުކަންކުރަން ފަށައިފިއެވެ. ރަޖްނީގެ ރުއިމުގެ އަޑު ބާރުވެއްޖެއެވެ.

ރަޖްނީގެ ރުއިމުގެ އަޑާއި ހިތްފަޅައިގެންދާފަދަ ގޮތަކަށް ދީޕަކަށް ގޮވަމުންދާ އަޑަށް ކަމަލްއަށްވެސް ހޭލެވިއްޖެއެވެ.ކުޑައިރުކޮޅެއްވަންދެން އޭނާއަށް މިވެގެންއުޅޭގޮތް ނޭނގިފައި އިނދެވުނެވެ. ނަމަވެސް އެއިވެނީ ރަޖްނީގެ އަޑުކަން ޔަޤީންވުމުން އަވަސް އަވަހަށް އެނދުން ތެދުވެގެންގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި މާރިޔާގެ ގޭތެރެ ބަލަން ފެއްޓިއެވެ.

ބޭރު އޮތީ ވަރަށް އަނދިރިކޮށެވެ. އެހެންކަމުން މާރިޔާގެ ގޭތެރެއެއް އޭނާއަށް މާރަނގަޅަކަށް ފެންނަގޮތެއް ނުވެއެވެ. ރަޖްނީގެ ރުއިމުގެ އަޑު ކަމަލްގެ ކަންފަތުގައި ޖެހުމުން ދިޔަވަރަކަށް އޭނާގެ ހިތް ދަތިވަމުން ދިޔައެވެ. އަދި ސިކުނޑި ހާސްވުމުން ދިޔައެވެ. އޭނާގެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ނަމަވެސް ރަޖްނީގެ ރުއިމުގެ އަޑު އޭނާގެ ހަށިގަނޑުގެ ހުރިހާ ތަނަކަށް އަސަރު ފޯރަވަމުންދަނީއެވެ. އެވަގުތު އޭނާއަށް ކުރެވޭނެ އެހެންކަމެއް ނެތެވެ. އަވަސް އަވަހަށް ޓެލެފޯނުން އިނިސްޕެކްޓަރް ދިލިޕާ ގުޅާލައިފިއެވެ. އަދި ދީޕަކް މަރުވިވާހަކަ އޭނާ ގާތު ބުނެފިއެވެ.

"ކީކޭ...ކަމަލް...ކާކު މަރުވިއްޔޭ..." ދިލިޕް ޙައިރާންވެފައި ސުވާލުކުރިއެވެ.

"ދީޕަކް... އެކުއްޖާ...އަހަރެން ކައިރިއަސް ކިޔަވަން އަންނަ ކުއްޖާ..."

"ދީޕަކް...އެއްކަލަ ގަޑިއާބެހޭ ގޮތުން ގެނައި ކުއްޖާ ދޯ...އޯހ...." ދިލިޕްއަށްވެސް ބުނެވުނެވެ. އޭނާވެސް ވަރަށް ކަންބޮޑުވާގޮތްވިއެވެ. ކުޑައިރުކޮޅެއް ވަންދެން އެއްވެސް އެއްޗެއް ނުބުނިފައި ހުއްޓެވެ.

އެރޭގެ ހަތަރުދަމުވެސް ރަޖްނީގެ ރުއިމެއް ނުހުއްޓެއެވެ. ކަމަލްއަށްވެސް އެރެއަކު އެއްގޮތަކަށްވެސް ނުނިދެއެވެ.

ފަތިސްވެ އަލިވުމާއެކު ކަމަލް ވަރަށް ބިރުންހުރެ، ކުޑަދޮރުން މާރިޔާގެ ގެއާ ދިމާއަށް ބަލާލިއެވެ. އޭރު އެގޭގެ ދޮރުމަތީގައި ދީޕަކްގެ ހަށިގަނޑު ގެންދިއުމަށްޓަކައި ތައްޔާރުކޮށްފައިވާ އަށިގަނޑު ބާއްވާފައި އޮތެވެ. އެހިސާބުގަނޑު މީހުންތައްވެސް ފުދޭވަރަކަށް އެތަނަށް އެއްވެފައި އޮތެވެ. ދީޕަކްގެ ހަށިގަނޑު ގޭތެރެއިން ނެރެގެން ގެނެސް އެއަށިގަނޑު މަތީ ބާއްވާ ތަން ފެނުމުން ކަމަލްގެ މުޅިހަށިގަނޑުން ހީބިހިނަގައިގެން ދިޔައެވެ. އޭނާއަށް އިޙްސާސްވަމުން ދިޔައީ އެކުށެއްނެތް މައުސޫމް ކުއްޖާ މާރާލި މީހަކީ އޭނާކަމެވެ. އޭނާއަކީ ޤާތިލެއްކަމެވެ.

އޭރު އެއްފަރާތެއްގައި ރަޖްނީ މާރިޔާގެ ކޮނޑުގައި ބޯޖައްސައިލައިގެން ގިސްލަ ގިސްލާފައި ރޯން ހުއްޓެވެ. ދީޕަކް ބާއްވާފައި އޮތް އަށިގަނޑު ނަގައިގެން މީހުންތައް ހިނގައިގަންނަން އުޅެން ފެށުމާއެކު  ރަޖްނީ މާރިޔާ ދޫކޮށްލާފައި ރޮމުން ރޮމުން އައިސް އެމީހުންގެ ކުރިމައްޗަށް އަރައިފިއެވެ. އެވަގުތު އެތަނުގައި އެއްވެއޮތް އެހެން އަންހެނުންތައްވެސް އޭނާގެ ފަހަތުން ދުވަމުން އައިސް އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރަން

ފަށައިފިއެވެ. އެމީހުންގެ އަތުން ވީއްލިގަނެގެން ރަޖްނީ ރޮމުން ރޮމުން ހަޅޭއްލަވާ ކަހަލަ ގޮތަކަށް ބުނަމުންދެއެވެ.

"ކަލޭމެން އަހަރެންގެ ކޮއްކޮ ތިޔަގެންދަނީ،ކޮންތާކަށް....އަހަރެން އޭނާ ގެންދިޔަކަ ނުދޭނަން..އަހަރެންނާ ވަކިކޮށްގެން އޭނާ ނުގެންދޭ...އޭނާ ގެންދިޔަކަ ނުދޭނަން.... އަހަރެންނާ ވަކި ނުވާނެ.. އޭނާ ދުވަހަކުވެސް އަހަރެންނާ ވަކިންނެއް ނޫޅޭ...އޭނާ އެކަނި އުޅޭނީ ވެސް ކިހިނެއް؟ އޭނާ ނުގެންދޭ...ތިޔަހެން ނުހަދާ  އަހަރެންގެ ކޮއްކޮ އަހަރެން އަތުން ނާތުލާ ...އޭނާ ނުގެންދޭ...އަހަރެންގެ ކޮއްކޮ ނުގެންދޭ...."

ރަޖްނީގެ ވާހަކަތަކާއި ރުއިމުގެ އަޑު އިވިފައި އެތާތިބި އެހެން އަންހެނުންތައް ވެސް ރޯން ފަށައިފިއެވެ. އަދި ފިރިހެނުންގެ ތެރެއިން ވެސް ގިނަ ބައެއްގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެހާތަނަށް ކަންތައް ދިޔުމުން  އެތާނގައިހުރި ތަންކޮޅެއް ދުވަސްވި މީހަކު މާރިޔާއަށް އިޝާރަތްކޮށްލުމުން މާރިޔާ އައިސް ރަޖްނީ ގައިގައި ހިފައިގެންފިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް އެމީހުންތަކުގެ ކުރިމަތިން އެއްފަރާތަކަށް ދަމާގެންގޮސްފިއެވެ.

އެއްވެފައިވާ މީހުންތައް ދިޕަކްގެ ހަށިގަނޑު ހިފައިގެން އަންދާތަން ގެންދާތަން ބަލަންހުރެފައި ކަމަލް ވަރަށް ބާރަށް ގޮސް އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު އޭނާއަށް ވީގޮތެއް ޚުދް އޭނާއަކަށްވެސް  ނޭނގުނެވެ.

ދެދުވަސް ވަންދެން ކަމަލް ސްކޫލަކަށްވެސް ނުދެއެވެ. އެއްވެސް އެއްޗެއް ނުކައެވެ. ނުވެސް ބޮއެވެ. ކޮންމެ ދުވަހެއްގެ ތާޒާ ޚަބަރު  ކިޔައިދޭން ދޫބޭ އޭނާގެ ކޮޓަރިއަށް އައީމާވެސް ރުޅިއައިސްގެން އޭނާއާ ދިމާއަށް އެއްޗެތި ގޮވާފައި ފޮނުވާލަނީއެވެ.

ދެވަނަ ދުވަހު ދޫބޭ ކޮޓަރިން ނުކުތްތަނާ، އިނިސްޕެކްޓަރ ދިލިޕް އަތުވެއްޖެއެވެ. އޭނާ އައުމާއެކު ވަރަށް ފިނިނޭވާއެއް ލާފައި ބުންޏެވެ.

"ކަމަލް...އަހަރެން ސަސްޕެންޑް ކޮށްފި.."

"ކީއްވެގެން...؟" ކަމަލް ޙައިރާންވެފައި ސުވާލުކުރިއެވެ.

"ކަލޭގެ ކިޔަވާ ކުއްޖާއާމެދު އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން..."

"އޯހ....ދިލިޕް"

" އާނ...ކަމަލް އެމީހަކު ކުރިކަމެއް އެމީހަކަށް ފެންނާނެ އަދި އެމީހަކު އެހެންމީހުންނާމެދު ކަންތައްތައް ބަހައްޓާގޮތަކަށް އެމީހަކާމެދު ވެސް ކަންތައްތައް ދިމާވެގެން އަންނާނެ. އަހަރެމެންގެ އަމިއްލަ ބޭނުންތަކަށް އަދި އެހެންވުމުގެ ސަބަބުން މުޅި ޕޮލިސް ޑިޕާޓްމަންޓް ބަދުނާމް ވުމުގެ ސަބަބެއްކަމުގައި ވެސް އަހަރެމެންވޭ...ނަމަވެސް އަހަރެން ޤަސްދުކޮށްގެން މިހިރީ ޝަރީޢަތުގައި ކަންތައް ހިނގިގޮތް ކިޔާދޭން... އަހަރެން ކިތަންމެ ބޮޑު އަދަބެއް ލިބުނުކަމުގައިވިޔަސް އަހަރެން ހަދާނީ އެހެން. އޭރުން ފުލުހުންގެ އެހެން މީހުންނަށްވެސް މިކަން އިބުރަތަކަށް ވެގެންދާނެ."

"އަދަބު ލިބެންވީ މީހަކީ އަހަރެން އެކުށެއްނެތް ކުއްޖާފުޅުގެ ފުރާނަ އެދިޔައީ އަހަރެންގެ ސަބަބުން....ދިލިޕް..އެހާބޮޑު ފާފައިން ތަވްބާ ވެވޭނީ ކިހިނެއްކަން އަހަރެންނަށް އެއްގޮތަކަށްވެސް ނުވިސްނޭ"

"އެކަމުގައި ކަލޭގެ ކުށަކީކޮބާ؟ ކަލޭ ކުރިކަމަކީ ގަޑި ގެއްލުނު ވާހަކަ ފުލުހުންނަށް އެންގީ އަދި ކަލެއަކަށް އެކަމާމެދު ތުހުމަތުކުރެވޭގޮތް ދިމާވި މީޙެއްގެ ވާހަކަ ބުނީ. އެކަން ތަޙްޤީޤް ކުރިމީހަކީ އަހަރެން....އަދި ތަޙްޤީޤު ކުރުމުގައި އެކުއްޖާއަށް އަނިޔާކުރި މީހަކީވެސް އަހަރެން.....ލިބިފައިވާ އިޚްތިޔާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މީހަކީ އަހަރެން....އާނ...ދެން މިހާރު އަހަރެން ގޮސްލަނަން....އަދި ފަހުން މިވާހަކަ ދައްކާލަން އަންނާނަން..."

"އައި އޭމް ސޮރީ...ދިލިޕް!"

ދިލިޕް ކަމަލްގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ ކުޑަ ރުމާލުން ލޯ ފުހެލަމުން ކޮޓަރިން  ނުކުމެގެން ހިނގައްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.