(4 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިނިސްޕެކްޓަރު ކޮޓަރިން ނުކުތްތަނާ ލޮޖްގައި ވަރަށް ގިނަދުވަހުއްސުރެ ހުންނަމުން އަންނަ މީހެއްކަމަށްވާ ދޭވީ ދަޔާލް ދޫބޭ ނޫސްކިޔަމުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
ކޮޓަރިއަށް ވަނުމާއެކު މޫނުމަތިން ނޫސްގަނޑު ދުރުކޮށްލާފައި ލޮލުގައި އަޅާފައިވާ އައިނު ނޭފަތް މައްޗަށް ތިރިކޮށްލާފައި، ކަމަލްއާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.
"މިއަދު ތާޒާ ޚަބަރު"
"އޭނ.... ކަމަލް ސިއްސައިގެން ގޮސްފައި އޭނާއަށް ދިމާއަށް ބަލާލިއެވެ.
"ބަކަރިއެއްގެ ޙައިރާންވާ ފަދަ ދަރިފުޅު.. އާސާމްގެ ވިލެޖެއްގެ ޕަންޗާޔަތުން ޚަބަރުދޭގޮތުގައި އެތާނގެ ބަކަރިއެއް ވިހޭ ދަރިފުޅުގެ ހަށިގަނޑަކީ ބަކަރިއެއްގެ ހަށިގަނޑު..ނަމަވެސް އޭތީގެ މޫނަކީ އިންސާނެއްގެ މޫނު. މިކަމާ ގުޅިގެން މިހާރު އެ ހިސާބުގަނޑު އެންމެން ތިބީ ކަންބޮޑުވެފައި. ބައެއް މީހުން ބުނަނީ މިއީ ޝައިތާނުގެ ކަމެއްކަމަށް އަދި އަނެއްބައި މީހުން ބުނަނީ..."
"އެކަމަކު ކަލާއަކީ؟.." ކަމަލް ދޫބޭގެ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ބަލާލާފައި ސުވާލުކޮށްލިއެވެ.
"އޯވ.." ދޫބޭ ސިއްސައިގެން ދިޔަގޮތް ދައްކާލާފައި އޭނާ އަތުގައި އޮތް ނޫސް ކިހިލިފަތް ދޮށަށް ޖަހާލިއެވެ. އަދި ބުންޏެވެ. "މާފުކުރައްވާ. އަޅުގަނޑަކީ މާތޫރާގެ މީހެއް.. މި ލޮޖްގައި ހުންނަތާ މިހާރު ހަތަރު އަހަރުވެއްޖެ... ކިތަންމެ ބަޔަކު މިތަނަސް އައިސްފައި.. މިހާރުގޮސް ނިމިއްޖެ.... ނަމަވެސް އަޅުގަނޑު ހަމަ ބަރާބަރަށް ހުންނަނީ .އަޅުގަނޑުގެ ނަމަކަށް ކިޔަނީ ދޭވީ ދަޔާލް ދޫބޭ.. މަނިކުފާނުގެ ނަންފުޅަކީ ކޮބައިތޯ؟"
"ދީޕް ކަމަލް"
"ދީޕް ކަމަލް- މި ކަމަލް ނަމަކީވެސް ކޮންފަދަ ނަމެއްތަ.. ނީލްކަމަލް ރާޖްކަމަލް މިހެންގޮސް މަނިކުފާނަކީ ދީޕްކަމަލް..."
ދޫބޭގެ ވާހަކަތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި ކަމަލް އޭނާ ގާތުގައި އެ ތާހުރި ގޮނޑިއެއްގައި އިށީނުމަށް އިޝާރާތް ކޮށްލާފައި ބުންޏެވެ.
"އިށީންނަވާ.. އަޅުގަނޑު ބޭރަށްދާން ތައްޔާރުވެލާނަން. އަޅުގަނޑު ސްކޫލަށް ދާންޖެހިފައި އެބައޮތް"
"އާދެ..އާދެ..! ޝަވްގުވެރިކަމާއެކު..." އެހެންބުނެފައި ދޫބޭ އެ ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ބުންޏެވެ. "ކަލާ ސްކޫލަށް ވަޑައިގަންނަވަނީ ކިޔަވާ ވިދާޅުވާންތޯ؟"
"ނޫނޭ... ކިޔަވާދޭން..."
"އެހެން ގޮތަކަށް ވިދާޅުވާނަމަ މާސްޓަރެކޭތޯ؟"
"އާނ...ޓީޗަރެއް"
"ކަލާއާ ބައްދަލުވުމުން ވަރަށް އުފާވެއްޖެ. ޓީޗަރުންނަކީ ވަރަށް ރަނގަޅު ބައެއް"
ކަމަލް ދޫބޭގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދީ އޭނާގެ ސޫޓްކޭސް އިން ހެދުމެއް ނަގަން ފަށައިފިއެވެ. އަދި ތުނބުޅިބާލާ ސާމާނާއި ބޮލުގައިލާ ކަހަލަ ތެޔޮފުޅިއެއް ވެސް ނަގައިފިއެވެ. ތެޔޮފުޅި ފެނިފައި ދޫބޭ ބުންޏެވެ.
"އަޅުގަނޑު އިއްޔެ ތެޔޮ ގަންނަން ހަނދާންނެތުނީ... ކަލާ އެއްޗެކޭ ހީނުކުރައްވަންޏާ އަޅުގަނޑަށް ތެޔޮފޮދެއް ބޭނުންކޮށްލަންތޯ؟"
"އާނ..އާނ.. އެކަމާ ދެން އެއްޗެކޭ ހީކުރާނެ ތަނެއް އެބައޮތްތަ؟" ކަމަލް ރީތި އަޚްލާޤެއްގެ ގޮތުން ބުނެލިއެވެ.
"އަޅުގަނޑު އެއްވެސް ކަމަކާމެދު އެކަކުވެސް އެއްޗެކޭ ހީއެއްނުކުރޭ. ކަލާ ނުހަނު މާތް މީހެއް ވިއްޔަ. ވީމާ ޢަމްދުން ކަލާ..." މިހެން ބުނުމުން ދޫބޭ އެ ތެޔޮފުޅި ކަމަލް އަތުން އަތުލައިގެން އެނާގެ އަތަށް ބޭނުންވާ ވަރަށްވުރެ ވެސް ގިނައިން ތެޔޮ އޮއްސާލައިފިއެވެ. އަދި ދެ އަތް ދެ އަތާ ހާކާލާފައި ބޮލުގައި ތެޔޮލާން ފަށައިފިއެވެ. ދެން ކުއްލިއަކަށް އެ ތެޔޮފުޅީގައި އޮތް ލޭބަލްގައިވާ ތެލުގެ ނަން ބަލާލާފައި ބުންޏެވެ.
އަހާނ.... ކޮން ކަހަލަ ނަމެއް.. ޒުލްފެ ބެންގޯލް. (ބަންގާޅުގެ ކަންހުޅި) ކަލާއަކީ ތެލުގެ ކަންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. ކިހާމީރުވަހެއް މި ތެލުގައިވެސް އެބަހުރި... ކޮންމެވެސް ޅެންވެރިއަކު ކިހާރީތިކޮށް މި ވާހަކަ ބުނެފައިވޭތޯ؟
"ކޮންމެ މީހެއްގެ ތެތް އިސްތަށިގަނޑުން ފެން އައިގޮތުން
ހީވިއޭ ހެން ކަޅު ވިލާގަނޑަކުން ވެހުނު ވާރޭގެ ފެން"
މި ޅެންބައިތު ކިޔާލާފައި ކަމަލްއާ ދިމާއަށް ދޫބޭ ބަލާލީ އޭނާގެ މި ޅެންބައިތަށް ތާރީފުގެ ބަސްތަކެއް ލިބޭނޭކަމަށް ހީކޮށެވެ. ނަމަވެސް އެ ވަގުތު ކަމަލް ހުރީ މާސީރިއަސް ގޮތަކަށެވެ. އެކަން ފާހަގަ ކުރެވުމާއެކު އަވަސް އަވަހަށް ދޫބޭ ބުންޏެވެ.
"ބައްލަވާ ...ސާބަސް ދެއްވަންވާނެ ނޫންތޯ؟!"
"ފުރުސަތެއް ލިބުނީމާ ސާބަސް ދޭނަން... މިހާރު ދެން އަމުރު ދެއްވައިފިނަމަ ފެންވަރާލަން ދާންކަމަށް.." ކަމަލް އެނާގެ ހެދުމާއި ހުރިހާ އެއްޗެއް ހިފައިގެން ތެދުވަމުން ބުންޏެވެ.
"އާނ..އާނ.. ޝަވްޤުވެރިކަމާއެކު ފެންވަރުއްވަން ވަޑައިގަންނަވާ.. އަޅުގަނޑު އެހެން ފަހަރަކުން އަތުވެދާނަން." ދޫބޭ ހިތްހަމަޖެހިލާފައި އެހެން ބުނަމުން ތެދުވެގެން އެ ކޮޓަރީން ނުކުމެން ހިނގައްޖެއެވެ.
ކަމަލް ވެސް އޭނާ ފަހަތުން ކޮޓަރީގެ ދޮރާ ހަމައަށް ގޮސްފައި ދޮރުލައްޕާލާފައި އެތެރޭން ތަންޑު އަޅުވައިފިއެވެ. އަދި އެނބުރިލުމާއެކު މޭޒުމަތީގައި ހުރި ތެޔޮފުޅި ފެނިގެން އޭގެ ކައިރިއަށް ގޮސް ރަނގަޅަށް ބަލާލިއެވެ. އެ ފުޅީގައި ހުރި ތެޔޮވަނީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މަދުވެފައެވެ.
ތިނެއް
ދުނިޔެއަށް ވެރިވެފައިވަނީ ރޭގަނޑުގެ އަނދިރިކަމެވެ. ރަޖްނީ ކޮންމެވެސް ކަސްޓަމަރެއްގެ ހިތްހަމަޖައްސާ ދިނުމަށްފަހު ފައިސާ ކޮޅެއް ހޯދައިގެން އޭނާގެ ގެއަށް އެނބުރިދަނީއެވެ. ކުއްލިއަކަށް ނުހަނު ބާރަށް ވިދާފައި ގުގުރަން ފަށައިފިއެވެ. އަދި ގިނައިރުތަކެއް ނުވެ ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ރަޖްނީ ކަންބޮޑުވެގެން ހިޔާވެލާނެ ތަނެއް ފެނޭތޯ އެކި ދިމަދިމާއަށް ބަލަން ފަށައިފިއެވެ. ތަންކޮޅެއް ދުރުގައި ހުރި ގެއެއްގެ އަލި ފެނުމުން އެ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. ނަމަވެސް އެ ގެއާ ހަމަޔަށް ދެވުނު އިރު އޭނާވަނީ ހަމަ ރަނގަޅަށް ފޯވެފައެވެ. ގޭގެ އަސްކަނި ކައިރިއަށް އައުމަށްފަހު ރަޖްނީ އޭނާގެ މޫނުމަތިން ފެންތައް ފުހެލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް ފެންތައް ފޮޅާލުމަށްފަހު އަނެއްކާވެސް ފަހަތަށް އެއްލިއެވެ. އޭނާ ލައިގެންހުރި ސާޅީ ވަނީ ތެމިގެން އޭނާގެ ގައިގައި ތަތްލަވާފައެވެ. އެތަންވަޅު އޭނާ އެކި ދިމަދިމާ ބަލަމުން ދިޔައެވެ. އެއިން އެއްވެސް ހިސާބަކުން އެ ވަގުތު އެއްވެސް މީހަކު ނުދެއެވެ. ކާރެއް ނުވަތަ ރެކްޝާއެއް ވެސް ނުދެއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ އެ ގޭގެ ކުޑަދޮރުން އައިސްއައިސް ހުރި އަލިކަމެވެ. ކުޑަދޮރު ހުރީ ހުޅުވާލާފައެވެ. ދޮރުގައި ދަމާފައިވާ ފޮތިގަނޑު ބާރަށް ޖެހެމުންދާ ވައިގެ ސަބަބުން ބައެއްފަހަރު ކުޑަދޮރުން ބޭރަށްވެސް އަންނަގޮތްވެއެވެ. އަދި ރަޖްނީގެ މޫނަށް އޭގެ ހިޔަނިވެސް އެޅެމުންދާގޮތް ދިމާވެއެވެ.
ރަޖްނީ މަޑުމަޑުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ސިއްރުސިއްރުން އެތެރެ ބަލަން ފަށައިފިއެވެ.
(ނުނިމޭ)
vv.reethi