ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަސް އިއްޔެ ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެންބަސީގައި ފާހަގަ ކޮށްފިއެވެ. މި ކަމަށްޓަކައި ހެނދުނު 9 ޖެހިއިރު އެންބަސީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު މީހުންނާއި ބައެއް ދިވެހިން ވަނީ ބައިވެރި ވެފައެވެ. ބައިވެރިވެރ ވަޑައިގަތް ދިވެހިންގެ ތެރޭގައި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް މަސްޢޫދު ޢިމާދާއި ޖަމްއިއްޔާގެ އެހެން މެންބަރުން ހިމެނިވަޑައިގަނެއެވެ.
ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވައި ދެއްވީ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރ) އަޠްހަރް މުޚްތާރެވެ.
ބައްދަލުވުމުގައި ފުރަތަމަ ވާހަކަފުޅު ދެއްކެވީ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަޙްމަދެވެ. އޭނާގެ ވާހަކަފުޅުގައި މިނިވަންކަމުގެ އަހުމިއްޔަތުކަން ފާހަގަ ކުރައްވައި ޕާކިސްތާނަށް މިނިވަންކަން ހޯއްދަވަދެއްވި މުޙައްމަދު ޢަލީ ޖިނާހުގެ ޒިކުރާ އައު ކުރެއްވިއެވެ. އަދި ޕާކިސްތާނާއި ދިވެހިރާއްޖޭގެ އެކުވެރި ގުޅުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޕާކިސްތާން އުފަންވީ ޖިނާޙްގެ ދުރުވިސްނުންފުޅާއި ޙިކުމަތްތެރި ރޭއްވެވުމުގެ ސަބަބުންނެވެ. ޖިނާޙަކީ އިންޑިއާގައި މުސްލިމުންނަށް އެ ދުވަސްވަރު ކުރިމްތިވަމުން އައި ދަތިތަކުގެ ސަބަބުން މުސްލިމުންގެ ވަކި ގައުމެއް އޮންނަން ޖެހޭ ކަމަށް ވަކާލާތު ކުރައްވައި އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ އަޠްހަރް މުޚްތާރު ވިދާޅުވި ގޮތުގައި މިނިވަން ދުވަހަކީ ޕާކިސްތާނުގެ މިނިވަންކަމަށްޓަކައި ޤުރަބާންވީ ދަރިންގެ އަގު ވަޒަންކޮށް ޒިކުރާ އައު ކުރަން ޖެހޭ ދުވަހެކެވެ. އަދި މިނިވަން އުފާ ފާޅުކުރަމުން ގެންދާއިރު އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހަނދާންކޮށް އެކަން ކުށްވެރި ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ޕާކިސްތާނުގެ ރައްޔިތުންގެ އަޒުމަކަށް ވާން ޖެހޭނީ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމެވެ. ޕާކިސްތާނުގެ ބާނީ ޖިނާޙް ވިދާޅުވެފައިވާ ފަދައިން އެއްބައިވަންތަކަމާއި ދީނީ ވަހުދަތާއި ހެއު ސުލޫކު ދެކެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެމްބެސެޑަރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އަޚުވަންތަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެ ގުޅުން ބަދަހި ކުރުމުގެ މުގހިއްމުކަން ފާހަގަ ކުރެއްވިއެވެ.
75 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ވަނީ ހައި ކޮމިޝަނާއި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިޝަން ގުޅިގެން ކެއުމަކާއެކު ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާ އޮތީ ރަސްފަންނުގައި ހުންނަ ލެމްން ގްރާސް ޕޮމެލޯގައެވެ.
މި ހަފުލާގެ ޝަރަފުވެރި މެހުމާނަކީ ރާއްޖޭގައި ގގަލޮޅު ބޮޑުފެންވަޅުގޭ މުޙައްމަދު މުޞަޠަފާ ޙުސައިނެވެ. މުޞްޠަފާއަކީ ރާއްޖޭގެ ވަޒީރުކަމާއި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާ އެމްބެސެޑަރުކަންވެސް ކުރައްވައިފައިވާ ޢިއްޒަތްތެރިއެކެވެ.
މުޞްޠަފާގެ އިތުރަށް މި ހަފުލާފައި އެމްބެސެޑަރ އަޠްހަރް މުޚްތާރާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަޙްމަދާއި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް މަސްޢޫދު ޢިމާދު ވާހަކަފުޅު ދެއްކެވިއެވެ.
ހަފުލާގައި މުޞްޠަފާ ވާހަކަފުޅު ދެއްކެވީ ދިވެހި ބަހުންނާއި އުރުދޫ ބަހުންނެވެ.
މި ހަފުލާގައި ވަނީ 75 އަހަރު ފުރުމުގެ މުނާސަބަތުގައި އަޅައިފައިވާ ކޭކެ ފަޅައިފައެވެ. އަދި އެމްއެންޔޫގެ ސްޓޫޑެންޑް ޔޫނިއަންގެ ކުދިން ހުށަހަޅައިދިން ބޮޑުބެރު ޖެހުމާއި ނެށުން އޮތެވެ.
ހަފުލާގައި ޕާކިސްތާޏުގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.