ޕާކިްސތާނުގެ ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި އަލީ ޒަފަރްގެ ބޮލުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތު އެޅުވުމާ ގުޅިގެން މީޝާ ޝާފީ އާ ދެކޮޅަށް އަލީ ޒަފަރް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވައިފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އަލީ ޒަފަރް ވަނީ މީޝާ ޝާފީ އަށް ލީގަލް ނޯޓިސް އެއް ފޮނުވާފައެވެ. އެނޯޓިސްގައި ބުނެފައިވަނީ ޝާފީ، އަލީ ޒަފަރްގެ ބޮލުގައި ތުހުމަތު އަޅުވައި މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވާހަކަތައް ޑިލީޓް ކުރުމަށާއި އަދި ޑިލީޓް ނުކޮށްފިނަމަ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަަމަށެވެ. އަލީ ޒަފަރްގެ ނޯޓިސްގައި ބުނެފައިވާ މުއްދަތުގައި ޝާފީ އެއަށް އަމަލުކޮށްފައި ނުވެއެވެ. އެހެންކަމުން އަލީ ޒަފަރް ހޮނިހިރު ދުވަހު ކޯޓަށް މައްސަލަ ވެއްދިއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން ލާހޫރް ގެ ސޭޝަން ކޯޓުގައި އާދިއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. ކުރަިއަށް ދިޔައިރު އިސް ގާޒީ އަކަށް އިންނެވނީ ފަނޑިޔާރު ޝެހްޒާދް އަހްމަދް އެވެ.
އަލީ ޒަފަރ ވަނީ މީޝާ ގެ ޓްވީޓުތަކުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 1 ބިލިއަން ރުޕީސް ހޯދުމަށް ދައުވާ ކޮށްފައެވެ. މިއަދުގެ އަޑު އެހުމުގައި އަލީ ޒަފަރްގެ ވަކީލުންވަނީ މީޝާ ޝާފީގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ސަމާޅުކަން ހޯދަން ޝާފީ ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ޒަފަރްގެ ވަކީލުން ބުނެފައިވެއެވެ. ނޯޓިސްގައިވާ ގޮތަށޤ ޝާފީ އަލީ ޒަފަރްގެ ކިބައިން މާފަށް އެދިފައި ނުވެއެވެ. އެހެންކަމުން އަލީ ޒަފަރްގެ ވަކީލުން އެދިފައިވަނީ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 1 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށް އަމުރެއް ނެރެދިނުމަށެވެ.
އަލީ ޒަފަރްގެ ދައުވާގައި ބުނާ ގޮތުން ޝާފީގެ ޓްވީޓުގެ ސަބަބުން އޭނާއަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. ބދަލުގެ ތަފްސީލަށް ބަލާއިރު އެ ޓްވީޓު ތަކާ ގުޅިގެން އަލީ ޒަފަރް އަށް ސިކުނޑިއަށް ބުރަ ބޮޑުވެ ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 2 ކުރޯޑް ރުޕީސް ހޯދަން ދައުވާ ކޮށްފައިވެއެވެ. އަދި އޭނާއަށް ތާއީދު ކުރާ މީހުންނާއި ގާތް މީހުން ގެއްލިފައިވާތީ އޭގެ ބަދަލުގައި 8 ކުރޯޑް ރުޕީސްގެ ގެއްލުން އޭނާ އަށް ލިބިފައިވާ ކަމަށް ވެއެވެ. އޭނާގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 50 ކުރޯޑް ރުޕީސް އާއި ގެއްލިފައިވާ މާލީ ފުރުސަތު ތަކުގެ ބަދަލަށް 50 ކުރޯޑް ރުޕީސް ހޯދަން އެދިފައިވެއެވެ.
މައުލޫމާތު ނަގާފައިވަނީ ހެލޯ މެގަޒިން ޕާކިސްތާން އިންނެވެ.