މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "ކޯޕަރޭޓް ސްކޮލަރޝިޕް"ގެ ދަށުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތަކެއް ހޯދައިދިނުމަށް އެއްބަސްވެ، ފަހުމުނާމައިގާ ސޮއެ ކޮށްފިއެވެ.
އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމައިގާ ސޮއެ ކޮށްފައިވަނީ އެމްޕީއެލް އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއެކުގައެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިބްރާހިމް ހަސަނެވެ.
އެމްޕީއެލްގެ "ކޯޕަރޭޓް ސްކޮލާޝިޕް" އަކީ ކޮންމެ އަހަރެއްގެ އޭލެވެލް އިމްތިހާނުން ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ކޮންމެވެސް އެއް ދަރިވަރަކަށް އެމްޕީއެލްއާ ގުޅޭ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭ ފުރުސަތެކެވެ.
ކޮންމެ އަހަރަކު ދިނުމަށް ނިންމާފައިވާ މި ސްކޮލަރޝިޕަށް އެމްޕީއެލްއިން ޚަރަދުކުރާއިރު، ސްކޮލަރޝިޕް އިއުލާނުކުރުމާއި ލިބޭ ދަރިވަރުން ހޮވުމާއި ސްކޮލަރޝިޕް އެވޯޑުކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ މިނިސްޓްރީންނެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރޭގައި ނެޝަނަލް ޓޮޕް 10ގައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ހިމެނޭ ކަމަށާއި ނަމަވެސް އެ ދަރިވަރުންނަށް ދޭ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް މިހައިތަނަށް ތައާރަފުކޮށްފައި ނުވާ ކަމަށެވެ.
" އެމްޕީއެލުން މިއަދު ފެށި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން އެފަދަ ދަރިވަރުންނަށްވެސް މިހާރު އެ ފުރުސަތު ހުޅުވާލެވިއްޖެ. އުއްމީދުކުރަނީ އެމްޕީއެލުން އިސްނަގައިގެން މިއަދު ފެށި ޕްރޮގްރާމާ އެއްގޮތަށް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުންވެސް މިފަދަ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލުން." މިނިސްޓަރ ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ޒުވާނުންނަށް ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަމެއްދޭ ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މީހުން ބިނާކުރުމަށް އެމްޕީއެލުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި އަހަރު ތެރޭގައި އިތުރު ހަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ.
މި ފުރުސަތުތަކުގެ ތެރޭގައި ޕޯޓްސް އޮޕަރޭޝަން ދާއިރާ އާއި ހެލްތް އެންޑް ސޭފްޓީ ދާއިރާ އާއި އިންޖިނިއަރިންގ ގެ އެކި ދާއިރާތައް ހިމެނޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.