
ރާއްޖޭގެ އިމްޕޯޓަރުންނަށް ލުއިތަކެއް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމަވައިފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ އެމްޕީއެލްއިން ވަނީ މާލެއާއި ހުޅުމާލޭގައި ޑެމަރޭޖުއަރާ މިންވަރު 20 ޕަސެންޓަށް ދަށްކުރުމަށް ނިންމަވާފައި ކަމަށެވެ. އަދި ކުޅުދުއްފުއްޓާއި ހިތަދޫގައި ސްޓޯރޭޖުގެ ޑެމަރޭޖު 50 ޕަސެންޓް ދަށްކުރުމަށް ވެސް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެއިތުރުން މުދާ ހިލޭ ބެހެއްޓުމަށް ދެދުވަސް ވަނީ އިތުރު ވެސް ކޮށްދެއްވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮންޑެޑު ވެއަރ ހައުސްތަކުގެ ލައިންސަންސް ފީ އިން 50 ޕަސެންޓް ކުޑަކޮށްދޭން ވެސް އެމްޕީއެލްއިން ވަނީ ނިންމަވާފައެވެ. އެގޮތަށް ނިންމެވީ ކޮވިޑް-19 ގެ ސަބަބުން މިހާރު ދިމާވެފައިވާ ދަތިކަންކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނެވެ.
މިފަދަ ޚާއްސަ ނާޒުކު ދަނޑިވަޅެއްގައި އެންމެ އިސްކަންދޭންޖެހެނީ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް މަބްރޫކް އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ކަމާބެހޭ ފަރާތްކުގެ އެންގެވުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.