
ތައުލީމުގެ މައިގަނޑު ބޭނުމަކީ ބުއްދި ފާގަތި ކުރުމާއި އެކު އުޅުން ފުރިހަމަ ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިއަދު ފެށި ދިރާސީ އާ އަހަރުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ފަހުން ކަންކަމާއި މެދު ވިސްނަން އަދި އުނގެނެން ބޭނުން ކުރަނީ ސުކޫލު ދައުރުގައި ކިޔަވާ ކިޔެވުންތައް ކަމަށެވެ. އަދި އެހެން މީހުންނާއި މުއާމަލާތް ކުރުމުގެ ހުނަރުތައްވެސް ދަސްކުރަނީ ސުކޫލުން ކަމަށެވެ.
ސުކޫލުގައި އުޅެން ލިބޭ މަދު ދުވަސްތަކުގެ ފުރުސަތުތައް އެންމެ ބޭނުންތެރި ގޮތުގައި ހުރިހާ ދަރިވަރުން ވެސް ހިފުމަށް ވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލު ކިޔަވައިދިނުމުގައި ބަހައްޓަވާ ފަރުވާ ތެރިކަމާއި، ދަރިވަރުންގެ ތަރުބިއްޔަތާއި ފިކުރުން ފެނިގެން ދިޔުމަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ޓީޗަރުން ކުރައްވާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތްތަކެއް. އެހެންކަމުން މުދައްރިސުން ވާންވާނީ އަމަލުތައް އިޚްލާސްތެރި ހަރަކާތްތަކުން ނަމޫނާ ދައްކާ ދަރިވަރުންގެ މައުސޫމު ކަމާއި އިފްއަތްތެރިކަން ރައްކާތެރި ކުރާ ބަޔަކަށް." ޑރ. ޢައިޝަތު ޢަލީ ވިދާޅުވިއެވެ.