އަމީރާ ސުލްޠާނާގެ ނާރެސް - 57

(27 ޖުލައި 2022 ގެ ބަޔާ ގުޅޭ)

ވަށައިގެން އެތައް އަންހެނުންނެއް ތިބިއިރުވެސް، އަޅުގަނޑުގެ ބޭބެ އެއްވެސް އެއްޗެއް ހިތަކަށް ނޭރިއެވެ. އަންހެނުން ނިކަމެތިކޮށް އެކަނބަލުންނަށް އިހާނެތިކޮށް ހިތޭގޮތަށް އޭނާ ކިޔައިދެމުންގެންދިޔަ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ބެލެވޭގޮތުގައި އަންހެނުންނާމެދު ބޭބެ، ޢަލީގެ ހިތުގައި އޮންނަ ފޫހިކަމާއި ނަފުރަތާއި ރުޅިވެރިކަން އެވާހަކައިގެ ވާސިޠާއިން ހާމަކޮށް ނިންމައިލިއެވެ. ބޭބެގެ ވާހަކައިގާ ހާމަކޮށްދިނީ ޒުވާން ބަދަވީއެއްގެ ވާހަކައެވެ. ޤަދީމީ އާދަތަކެއް ގެންގުޅުނު ޤަބީލާއެއްގެ އެންމެން އޭނާއާ ދިމާކޮށް އަނިޔާދެމުންގެންދަނިކޮށް އޭނާ ސަލާމަތްކޮށްދިނީ ހިތްވަރުގަދަ ޒުވާން އަންހެނެކެވެ. އެއީ އޭނާ ނުވެސް ދަންނަ މީހެކެވެ. އެޒުވާނާއަށް އޭނާ ސަލާމަތްކޮށްދިން އަންހެނާގެ އަތް ފެނުމާއެކު އެއީ އަންހެނެއްކަން ދެނެގަނެ އޭނާގެ މޫނު ނިވާކޮށްގެން ހުރި ބުރުގާ ނެގިއެވެ. އަދި އެވަޤުތު، އެ ޒުވާޏް އަންހެނާ ހިލައިން ތަޅައި މެރުމަށް އެދުނެވެ. ޢަލީ އޭނާގެ ވަށައިގެންތިބި އޭނާގެ ފިރިހެންދަރިންނާއި ކޮއްކޮއިންނަށް ބަލައިލިއެވެ. އަދި އެކިޔައިދެވުނު ހިތްވަރުގަދަ ވާހަކަޔަކީ ބޭބެގެ ލިޔާޤަތާއި ޤާބިލިއްޔަތުގެ ނަމޫނާއެއްކަމުގައި ދެއްކިއެވެ. އަދި ބުންޏެވެ. ތިމާގެ ދިފާޢުގައި އެހީތެރިވާ އަންހެނެއްގެ އެހީގައި ސަލާމަތްވުމަށްވުރެ، ޙަމަލާދޭ ފިރިހެނެއްގެ އަތުން މަރުވުންވެސް މާ ރަނގަޅެވެ.

އަޅުގަނޑުގެ އަނގަ، ކުއްލިޔަކަށް ހުޅުވުނެވެ. ދިފާޢުގައި އެއްޗެއް ބުނުމަށެވެ. އެހެންނަމަވެސް، ދެދަތްޕިލަ ޖައްސައި ދުލުންބޭރުވާން އުޅުނު ބަސްތައް ހިފަހައްޓައިލީމެވެ. ޢަލީގެވާހަކައަށް އެތާތިބި އެންމެންގެ މޫނުމަތިން ފޫހިކަން ވެރިވެފައިހުރިތަން ފެނުނެވެ. ޢަލީއަށް ޙައްޤުނޫން އިޙްތިރާމެއް އަދާކުރުމުން މޮޅެތިބަސްތަކެއް ރައްދުވުމަކީ، ހަމަގައިމުވެސް އަޅުގަނޑު އެދޭކަމެއްނޫނެވެ. އެހެންނަމަވެސް ޢަލީއާ ދެކޮޅަށް އެއްޗެކޭ ބުނުމަށް އެއްވެސް މީހަކު އިސްނަގާގޮތެއް ނުވިއެވެ.

އަންހެންވެރިންގެ މޫނުމައްޗަށް ވެރިވަމުންދިޔަ ނުތަނަވަސްކަން ފިލައިނުދަނިސް، ޢަލީ އޭނާގެ އެންމެފަހު ވާހަކަ ކިޔައިދިނުމަށް ކަރުކެހިލައި ސާފުކޮށްލިއެވެ. އަޅުގަނޑުގެ ސަމާލުކަން ކަރީމާދިމާއަށް ހުއްޓުނެވެ. ކަރީމު ބޭނުންވާނީ ޢަލީގެ އިތުރުވާހަކަޔަކުން އޭނާގެކުދިންގެ ހިތަށް އިތުރު ހަމަނުޖެހުމުގެ ޝުޢޫރުތަކެއް ވަނުމުގެކުރިން ކުދިން ނިދަން ފޮނުވުންކަން އަޅުގަނޑަށް އިޙްސާސް ވިއެވެ.

"ކުދިންނޭވެ! އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، މެހެމާންދާރީއާއި އޯގާތެރިކަމާ އަދި އަޅައިލުމެވެ. އަހަރެން އެކަހަލަ އިޙްސާސްތަކެއް ލިއްބައިދޭނެ ރީތި ވާހަކައެއް ކިޔައިދޭނަމެވެ. އެއީ ޢަރަބީންގެ ތެރޭގައި އުފެދުނު އެންމެ އޯގާތެރި އެންމެ އެންމެ ޚުލްޤު ރަނގަޅު އަދި އެންމެ މަތިވެރިޝަޚުޞިއްޔަތެވެ." ކަރީމް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އަދި އޭނާގެ ވާހަކަ އެތާތިބި އެންމެންގެ ހިތާކުޅެލިއެވެ. އަދި އިންސާނިއްޔަތާއި އޯގާތެރިކަމާއި ހަމްދަރުދީއާއި ޙިކުމަތާއި ހިތްވަރުފިޔަވައި އެހެން އެއްޗެއް އެވާހަކަޔަކު ނެތެވެ. އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ކުޑައިމީސްބަހެއް ރައްދެއް ނުވެއެވެ.

ބުނެވޭގޮތުހައި، ޢަރަބީންގެ ތެރެއިން ހިތްވަރުގަދަ ބަޠަލުން އުފެދިގެން އައިސްފައިވަނީ ކުދިކުދި ޤަބީލާތަކުންނެވެ. ޝައިޚު ޙާތިމަކީވެސް އެފަދަ ޝާޚުޞިއްޔަތެކެވެ. އެއީވެސް އާދައިގެ ކުޑަކުޑަ ޤަބީލާޔަކަށް ނިސްބަތްވާ ބަޠަލެކެވެ. އެހެންނަމަވެސް، ހީވާގިކަމާއި ހިތްވަރުގަދަކަމުން މިސާލުދައްކަވައި ސަހަރާގެ އެންމެ މުއްސަނދި އެކަކުކަމަށް ވެގެން ދިޔައެވެ. މި ޝައިޚުގެ ނަމަކީ، ކޮންމެ ޢަރަތްބެއްގެވެސް ދުލުކުރީގައި އޮންނަ ނަމެކެވެ. ސަބަބަކީ އޭނާގެ މުއްސަނދިކަން އެކަންޏެއްނޫނެވެ. އޭނާގެ ހިތްވަރުގަދަކަމުގެ އިތުރަށް އޯގާތެރިކަމާއި މީހުންނަށް އަޅާލައި އެހީތެރިވުމަކީ އޭނާގެ އާދައެއްކަމުގައި ވާތީއެވެ. އެއީ އިޚުލާޞްތެރިކަމުގެ ނަމޫނާއެކެވެ. އަދި ޢަރަބީންގެ އާދަކާދަ ދަމަހައްޓަވައި ޢަދްލުވެރިކަމުގެ މައްޗަށް އޭނާގެ ޚުލްޤު ބަށްޓަންކުރެވިފައިވާ ޢިލްމުވެރިޔެކެވެ. ބޭނުމަކައިގެން އޭނާގެ އަރިހަށް އަންނަ މީހުންނާ ސުއާލުކުރެއްވުމެއްނެތި، އޭނާގެ ކިބައިން އެދޭ ކަންކަން ޝައިޚު ޙާތިމް ފުއްދަވައި ދެއްވައެވެ. އެއްވެސްމީހެއްގެ އެދުމަކަށް އޭނާ ބީރުކަންފަތެއް ނުދެއްވައެވެ. އޭނާއާ ދެކޮޅުމީހުންގެ ބޭނުންތައްވެސް އިތުރު ސުއާލެއް ނުކުރައްވައި ފުއްދަވައި ދެއްވައެވެ. އެއްފަހަރަކު، ސަހަރާގައި ދިރިއުޅޭ ހަތަރު ސަތޭކަ ނިކަމެތިން ބަނޑުހައިކަންމަތީ ޝައިޚުގެ އަރިހަށް އައެވެ. އެމީހުންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި 50 ޖަމަލު ކަތިލައި ފިހެފައި އެއެންމެންނަށް ކާންދެއްވިއެވެ.

ރޯމުގެ ސުލްޠާނަށް މި ޝައިޚުގެ އޯގާތެރިކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމުގެ އިމްތިޙާނެއްކުރެއްވުމަށް ނިންމެވިއެވެ. އަދި އެއީ ޝައިޚު އިޝްތިހާރުވުމަށް ނުވަތަ މީސްތަކުންގެ ސަމާލުކަން ހޯއްދެވުމަށް ކުރައްވާކަމެއްތޯ ބެއްލެވުމަށް ނިންމެވިއެވެ. މީހުންބުނާގޮތުގައި ޝައިޚުގެ އަތްޕުޅުގައިހުރި އަގުބޮޑުތަކެތި އަސްތަކުން ޛުލްޛުލް ނަމަކަށްކިޔޭ އަހެއް އޮވެއެވެ. އެއީ މުޅި ޢަރަބިކަރައިގާވެސް މަޝްހޫރު އަގުބޮޑު ބާވަތެއްގެ އަހެކެވެ. އެއަހަކީ ޝައިޚު ޙާތިމްގެ ޢާއިލާއަށް އުފައުވެރިކަމާއި ހިނިތުންވުން ގެނެސްދޭ އަދި ޝައިޚުގެ ކުދިން ކުޅެން ގެންގުޅޭ އަހެކެވެ. އަދި އެހާލޯތްބާއެކު އެޢާއިލާގެ މެންބަރެއްގެ ގޮތުގައި ކުޑައިރުއްސުރެ ބޮޑުވަމުން އައި އަހެކެވެ. ދުވަހަކުވެސް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން އެއަހާދިމާއަށް ހަޑުހަރުކޮށް ބަހެއްވެސް އިއްވިފައެއް ނުވެއެވެ.

ސުލްޠާން ފޮނުއްވި ލަޝްކަރުގެ މީހުންނަށް ތޫފާނަކާ ކުރިމަތިވެ ދަތުރުކުރުމަށް ހުރަސް އެޅުނެވެ. އަދި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުނެވެ. އެމީހުން އެތޫފާން މަޑުވުމުން ދަތުރުކޮށް ދިޔައިރު އެމީހުންނަށް ފެނުނީ އާދައިގެ ކުޑަ ތިން ޖިފުޓިއެކެވެ. އެއްވެސް ޖަނަވާރެއް އެތަނަކުން އެމީހުންނަކަށް ނުފެނުނެވެ. އަދި ޝައިޚު ޙާތިމް ނުކުންނަވައި އެމީހުންނާ އިސްތިޤްބާލް ކުރެއްވީ އޭނާގެ އަސް ޛުލްޛުލާ އެކުގައެވެ. ސުލްޠާނުގެ މީހުން އަންނާނެކަމުގެ އެއްވެސް ޚަބަރެއްނެތުމާއެކުވެސް، ޝައިޚުގެމީހުން ދިން މެހެމާންދާރީއާމެދު ސުލްޠާނުގެ ލަޝްކަރުގެ މީހުންތިބީ ޙައިރާންވެފައެވެ. އަދި އެމީހުން ބަނޑުހައިވެފައިތިބިތަން ފެނިފައި އެމީހުންނަށް ނާސްތާ ތައްޔާރުކުރުމަށް ޝައިޚު އެންގެވިއެވެ.

ޝައިޚުގެ އޯގާތެރިކަމާއި ހަމްދަރުދީގެ ޙައްދެއްނެތްމިންވަރު ފެނިފައި ރޯމުގެ ސުލްޠާނުގެ މީހުންތިބީ ޢަޖައިބުވެ އަންތަރީސްވެފައެވެ. އެވަރުގެ ޝާހީ ކެއުމެއް އެމީހުންނަށް ޢުމުރުގައިވެސް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އެމީހުން ޝައިޚުގެ އަރިހަށް އައިއައުމާމެދު ލަދުވެތިވިއެވެ. އަދި އެކަމުގެ ޙަޤީޤަތް ޝާއިޚަށް ކިޔައިދީ، އެއީ ޝައިޚުގެ ގޮތްބެލުމަށްޓަކައި ޛުލްޛުލް އަސް ގެންދިއުމަށްޓަކައި ރޯމުގެ ސުލްޠާނު ފޮނުއްވިބަޔެއްކަމުގައިވެސް ދެންނެވިއެވެ. އެވަޤުތު، ޝައިޚުގެ މޫނުމަތިން ހިތާމަޔާއި މޮޅިވެރިކަމުގެ އަސަރު ފައުޅުވިއެވެ. އަދި ވިދާޅުވިއެވެ.

"އަހަރެން މިތަނުގައި މިފޭލިގޭގައި މިހުރީ ތާށިވެފައެވެ. ދަތުރުކުރަނިކޮށް އައިތޫފާނުގައި ދަތުރު ނުކުރެވިގެންނެވެ. މިތާތިބިމީހުންނަށް ވާވަރަށް ކާތަކެއްޗެއްވެސް ނެތެވެ. އެހެނެއްކަމަކު، ކަލޭމެން ބަނޑުހައިވެފަ ތިބިތަންފެނިފައި ކަލޭމެންނަށް ކާންދީ އަހަރެމެންގެ އަތުގައިހުރި ހުރިހާ އެއްޗެއް މިހުސްވީއެވެ. މިވަޤުތު އަހަރެންގެ ޢިނާމުލިބިފައިވާ ޛުލްޛުލްވެސް އަހަރެންނާއެކުގައެއް މިތާކު ނެތެވެ. އެއަހަކީ އަހަރެމެންގެ ޢާއިލާގެ އެއްވެސް މީހެއްގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ޖަނަވާރެއްނޫނެވެ. އަދި، އެއީ އަހަރެމެންގެ ޢާއިލާގެ އެންމެން ލޯބިވާ އެންމެ އަގުބޮޑު ޚަޒާނާއެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދާށެވެ! ގޮސް އަހަރެންގެ ފަރާތުން ފެނުނު ކަންކަން ކަލޭމެންގެ ނުކިޔަމަންތެރި ސުލްޠާނަށް ކިޔައިދޭށެވެ. އެންމެފަހުން އަހަރެންގެ ޛުލްޛުލް އަސްވެސް ކަލޭމެންނަށްޓަކައި ހޭދަކުރިވާހަކަވެސް ދަންނަވާށެވެ! އޭނާ ބޭނުންވެގެން އުޅުނީ އެއަސް ނޫން ހެއްޔެވެ؟" ކަރީމް އޭނާގެ ވާހަކަ ކިޔައި ނިންމައިލިއިރު، އެންމެންވެސް ތިބީ ނިދަން ވެފައެވެ.

އަޅުގަނޑު ކައިރިންލާފައި ޢަލީ ދިޔައިރު އޭނާ އަޅުގަނޑާދިމާއަށް ބަލައިލި ބަލައިލުމުންވެސް އޭނާގެ ހިތުގެ ގޯސްކަން ހާމަވިއެވެ. ކޮންކަހަލަ ޚަޞީލަތެއްގެ މީހެއްކަން ސާފުވިއެވެ. އަޅުގަނޑު، ކަރީމަށް ރޭގަނޑުގެ ސަލާމްކޮށްފައި އޭނާގެ ކަރުދޮށުގައި ބޮސްދިންތަން ބަލަން ޢަލީ ހުއްޓެވެ. ކަރީމުވެސް އަޅުގަނޑަށް ދޮނެއްދިނެވެ. އަނބިމީހާއަށް އިޙްތިރާމްކޮށް ޤަދަރުކުރެވޭ މިފަދަ ތަންތަން ފެނުމަކީ ޢަލީއަށް ކެތްކުރެވޭނެ ކަންކަމެއްނޫނެވެ.

ކަރީމުގެ ލަފާގެމަތިން، އަޅުގަނޑުމެންގެ ފޭލިގެހުރީ އިރުއޮއްސުނުއިރު ތައްޔާރުކޮށް ނިމިފައެވެ. ފޭލިގެވަނީ ފަސްބަޔަކަށް ބައިކުރެވިފައެވެ. އެންމެ ބޮޑުބައިވަނީ މުނިފޫހިފިލުވުމާއި ކެއުކުގެ ކަންކަމަށް ޚާއްޞަ ކުރެވިފައެވެ. ދެ ކޮޓަރިއެއްވަނީ ނިދުމަށް ޚާއްޞަ ކުރެވިފައެވެ. އަދި އަނެއް ދެކޮޓަރީގައިވަނީ ފާޚާނާ ތައްޔާރު ކުރެވިފައެވެ. ކަރީމާއި އަޅުގަނޑަށް ހުރީ އެއްކޮޓަރި ޚާއްޞަ ކޮށްފައެވެ. އެކޮޓަރިއާ ގުޅިފައި ފާޚާނާއެއްވެސްވަނީ ލެވިފައެވެ.  އަންހެން ދެބެންނަށް އެއްކޮޓަރި ހުއްޓެވެ.

އަޅުގަނޑު ހިނގާފައިދިޔައީ ފޭލިގޭގެ ބޮޑުކޮޓަރި ތެރެއިންލާފައެވެ. ބިތުގައިވާ ސަތަރީގެ މަތިންވަނީ ފޮތި ދަމައި ޒީނަތްތެރިކޮށްފައެވެ. އަދި މަތީގައި ސަނދުވާ ދަމާފައެވެ. ވަކިން މިދަތުރަށް ޚާއްޞަކޮށް ތައްޔާރުކުރި ދެސޯފާސެޓް އެއްއަރިމަތީ ބެހެއްޓިފައި ހުއްޓެވެ. ފަސްމަޑު ސަހަރާގެ ބިންމަތީގައިވަނީ ފާރިސްކަރައިން ގެނެވިފައިވާ ބޯ ދޫލަ ފަތުރާފައެވެ. ބައެއްކަހަލަ ލިޔުމާއި ކަނޑިބަޑިވެސް ބިތުގައި ހަރުކުރެވި ޒީނަތްތެރި ކުރެވިފައި ހުއްޓެވެ. އެއްގަމުގެ ގަނޑުވަރެއްގައި ހުންނަންޖެހޭ ހުރިހާ ފުރިހަމަކަމެއް އެތަނުން ފެންނަން ހުއްޓެވެ.

އަޅުގަނޑު އަންނަންވާއިރަށް، އަޅުގަނޑުގެ ޚާދިމާހުރީ ރޭގަނޑު ނިދަންލާންވީ ހެދުން ނަގައިދީފައެވެ. ދަތް އުނގުޅައި މޫނުދޮވެލައިގެން އައުމަށްފަހު، އެނދުގައި އަޅުގަނޑަށް ޚާއްޞަ ކުރެވިފައިވާ ފަރާތުގައި އޮށޯވެ ހިންދެމިލީމެވެ. މިއަދަކީ އަޅުގަނޑުގެ ޙަޔާތުގައި އައި އެންމެ ހިތްގައިމު ދުވަހެވެ. ސިކުނޑިހާސްވެ ހިތަށް އުނދަގޫވެގެން އުޅޭކަށް ކުޑަވެސް ފުރުޞަތެއް ނުވެއެވެ. ސިކުނޑިޔަށް ލިބިފައިވާ ހަމަޖެހުމާއެކު، ޖެހުނުގޮތަށް އަޅުގަނޑަށްވެސް ނިދިއްޖެއެވެ. ކަރީމު އައިކަމެއްވެސް އަޅުގަނޑަކަށް ނޭނުގުނެވެ. އަންހެން ދެބެންގެ ޚަބަރެއް ބަލައިލާކަށްވެސް ހިތަކަށް ނައެވެ. އެކުދިންވެސް މަޖަލާ އަރާމުގައި އެކުދިންގެ ވަޤުތު ހޭދަކުރާނެތާއެވެ!

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.