
ޖީއެސްޓީ ބޮޑުކޮށްފިނަމަ، އަންނައަހަރު ރާއްޖޭގެ ފަތުރުވެރިކަން 10 އިންސައްތަ ދަށަށްދާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެއެވެ.
މަޓާޓޯ އިން ބުނީ ޖީއެސްޓީ ބޮޑުކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށައިފިނަމަ އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 10 އިންސައްތައަށް ދަށްވާނެ ކަމަށެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ބަންދުކުރި ފަތުރުވެރިންގެ މަގްބޫލު މަންޒިލުތައް މިހާރު ހުޅުވާލާފައިވާ ކަމަށާއި އެގައުމުތަކަކީ ރާއްޖެއާއި ވަރަށް ވާދަވެރި ގައުމުތަކެއް ކަމަށް ވެސް މަޓާޓޯ އިން ބުނެއެވެ.
ޖީއެސްޓީ ބޮޑުކޮށްފިނަމަ ރާއްޖެވެގެންދާނީ ރާއްޖެއާއި ވާދަކުރާ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެންމެ ޓެކްސް ބޮޑު އެއް ގައުމަށް ކަމަށް ރާއްޖޭން ބޭރުގެ ސްޓޭކް ހޯލްޑަރުން ވެސް ފާހަގަކޮށްފައިވާ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.
އެހެންކަމުން އޭގެ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށާއި ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި ގެސްޓް ހައުސްތަކަށް ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.