ރަންޔޫބިލް އަހަރުގެ ރީފް ހެލްތު އެސެސްމަންޓް ފޮޓޯ މުބާރާތް ފަށައިގެން ކުރިއަށް!

ދިރާގު، ޓޫރިޒަމް މިނިސްޓްރީ، އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް (މަޑޯ) ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތް  ފަށައިފި އެވެ.

މި މުބާރާތް 15 ޑިސެންބަރު 2022 ހަމައަށް ކުރިއަށް ދާނެއެވެ.

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިޔުމެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔަތް ކުރުމަށް ކުރަމުންގެންދާ މަސައްކަތާއި ދިވެހިރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ބޭރު ފަރާތްތަކަށް ދައްކާލުމަށްޓަކައިވެސް ކުރިއަށް ގެންދާ އިވެންޓެކެވެ.

މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މަޝްހޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައެޅިފަ އެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ.

ނަމަވެސް ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ. މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުވެސްމެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.