ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުތަކަށް ފުރިހަމައަށް ނުބަލާ: މަޓާޓޯ

ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުތަކަށް ފުރިހަމައަށް ނުބަލާ ކަމަށް މަޓާޓޯ އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން މިހެން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުންނެވެ.

މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން ޖަޒީރާ މަންޒިލްތަކުގެ ބޯޑަރުތައް ވެސް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި، ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ވާދަވެރިކަން މިހާރުވަނީ ބޮޑުވެފައި ކަމަށެވެ. އެހެންކަމަށްވާއިރު، ޓީޖީއެސްޓީ އާ އެކު ރޫމްތަކުގެ އަގުތައް އުފުލުމުން ފަތުރުވެރިން ރާއްޖެ އިޚްތިޔާރު ކުރުމުގެ ފުރުސަތު ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

"ޓީޖީއެސްޓީ ބޮޑުކުރުމުން އެކަމުގެ ނޭދެވޭ އަސަރު ސަފާރީ އާއި ގެސްޓްހައުސް ފަދަ ކުދި ވިޔަފާރިތަކަށް ކުރާނެ. އެފަދަ ބަދަލެއް ގެންނައިރު ފަތުރުވެރިކަމުގެ ދާއިރާ އަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ." މަޓާޓޯ ގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އެންމެ މަދުވެގެން އަހަރެއްހާ ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށާއި ތެލުގެ އަގުތައް އުފުލި، ދަތުރުތަކަށް ކުރާ ހޭދަ ބޮޑުވެފައިވާ މި ދުވަސްވަރު، ރިސޯޓް ފަދަ ތަންތަނުގެ އަގުތައް އުފުލުމުން ފަތުރުވެރިންގެ މެދުގައި އޮންނަ މަގްބޫލުކަން ވެސް ދަށަށް ދާނެ ކަމަށެވެ.

މަޓާޓޯ އިން ވަނީ ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.