އަފްޣާނިސްްތާނުގައި ދިން ހަަމަލާއެއްގައި އަލްޤާޢިދާގެ ލީޑަރު އައިމަން އައްޒަވާހިރީ (އައްޡަވާހިރީ) މަރާލާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ. އޭނާއަކީ އުސާމާ ބިން ލާދިންއަށް ފަހު އެ ޖަމާއަތުގެ ލީޑަރުގެ ގޮތުގައި ހުރި މީހާއެވެ.
ހޯމަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ބައިޑަން ވިދާޅުވި ގޮތުގައި އެމެރިކާގެ މިހަމަލާއިން ވަނީ "އިންސާފު" ލިބިގެން ގޮސްފައެވެ.
"އިންސާފު ހޯދައިދެއްވިއްޖެ. ޓެރަރިސްޓް ލީޑަރު މިހާރަކު ނެތް." ބައިޑަން ވިދާޅުވިއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި އައްޒަވާހިރީ މަރާލާފައި ވަނީ އޭނާ ކާބުލްގައި އަމާންކަމާއެކު ދިރިއުޅެމުން އައި ގޭގެ ބެލްކަނީގައި ހުއްޓައި އެމެރިކާގެ ސީއައިއޭ (ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ) ގެ ޑްރޯނަކުން ފޮނުވައިލި 2 މިސައިލަކުންނެވެ. އެފަރާތްތަކުން ބުނި ގޮތުގައި ހަމަލާދިން ވަގުތު އެ ގޭގައި އައްޒަވާހިރީގެ އާއިލާގެ މީހުން ތިބި ނަމަވެސް، އޭނާ ފިޔަވައި އެހެން މީހަކު އެ ހަމަލާގައި މަރުވެފައި ނުވެއެވެ.
ނަންހާމަކުރަން ނޭދޭ ބައެއް އޮފިޝަލުން މައުލޫމާތު ދީފައި ވާގޮތުގައި އަފްޣާނިސްތާނުގެ ވެރިރަށުގައި ދިން މިހަމަލާ ދީފައި ވަނީ އާދީއްތަ ދުވަހު ހެނދުނު 6:18 (ރާއްޖޭ ގަޑިން ހެނދުނު 6:48) ގައެވެ.
މިއީ 2011 ވަނަ އަހަރު އުސާމާ ބިން ލާދިން މަރާލި ފަހުން އަލްޤާޢިދާއާ ދެކޮޅަށް އެމެރިކާއަށް ދެވުނު އެންމެ ކާމިޔާބު ހަމަލާއެވެ.
ރައީސު ބައިޑަން ހާމަކުރެއްވި ގޮތުގައި އުމުރުން 71 އަހަރުގެ އައްޒަވާހިރީ މަރާލުމަށް ހަމާދިނުމަށް އޭނާ ހުއްދަދެއްވާފައި ވަނީ އެތައް މަސްދުވަހު އެކަމަށް ޕްލޭންކުރުމަށް ފަހުގައެވެ.
އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވަނީ މިހަމަލާ ދީފައިވާކަން ކަށަވަރުކޮށްދެއްވުމާއެކު، ހަމާލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ހަމަލާއަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެކެެވެ.
"މިފަދަ ކަންކަމަކީ ފާއިތުވި 20 އަހަރު އެމެރިިކާއިން ކޮށް، ފޭލްވެފައިވާ ތަޖުރިބާތައް ފަދަ އަމަލެއް. މިއީ އެމެރިކާއާއި، އަފްޣާނިސްތާނާާއި، މި ސަރަހައްދުގެ މަސްލަހަތާއި ފުށުއަރާ ކަމެއް." މުޖާހިދު ނެރުއްވި ބަޔާނެއްގައި ވެއެެވެ.
ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އަައިމަން އައްޒަވާހިރީ އަކީ މިސްރަށް އުފަން މީހެކެވެ. ހަރުކަށި އަމަލު ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި އޭނާ ވަނީ 1980 ވަނަ އެގައުމުގައި ޖަލަށް ލާފައެވެ. ޖަލުން ސަލާމަތްވުމަށް ފަހު ގައުމު ދޫކޮށް އަފްޣާނިސްތާނަށް ހިޖުރަކޮށް އުސާމާ ބިން ލާދިންއާ ގުޅިގެން އަލްޤާޢިދާ ޖަމާޢަތް އުފައްދައި އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރިއެވެ.