އަފްޣާން ހަނގުރާމައަށް އެމެރިކާއިން ދައްކާފައި ވަނީ ބޮޑު އަގެއް

އެމެރިކާ މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމަ، އަފްޣާނިސްތާނުގައި ފަށާފައި ވަނީ 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ އެ ދުވަހު ދިން ވަރުގަދަ ޓެރަރިސްޓު ހަމަލާގައި ނިއުޔޯކްގައި ހުންނަ ވާލްޑް ޓްރޭޑް ސެންޓަރުގެ ދެޓަވަރު ގޮއްވާލައި ބިމާ ހަަމަކޮށްފައި ވަނީ އަލްގާއިދާއިންކަަމަށް ބުނެ އަފްޣާނިސްތާނުގައި އޮތް އަލްގާއިދާއަށް ވާގިވެރިވާ ޠާލިބާން ސަރުކާރު ވައްޓާލައި އެ ގައުމުގައި އެމެރިކާ އެދޭ ސަރުކާރެއް ގާއިމުކުރުމަށެވެ.

އޭގެ ފަހުން 20 އަަހަރުވާން ކައިރިވެ، އެމެރިކާގައި 4 ރައީސުން ވެރިކަން ކުރި އިރުވެސް އެމެރިކާއަށް އެެ ހަނގުރާމައިން މޮޅު ނުވެވުނެވެ. އަދި އެ ހަނގުރާމައަށް ލެޔާ ފައިސާއިން އެމެރިކާ ކުރި ހޭދައަކީ މިފަހުގެ ތާރީޚެއްގައި އެ ގައުމުން ހަނގުރާމައަކަށް ކުރި އެންމެ ބޮޑު ހޭދައެވެ.

ހަނގުރާމައަށް 20 އަހަރު ފުރޭދުވަހު، މިއަހަރު ސެޕްޓެނބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމާނެކަން ރައީސު ޖޯ ބައިޑަން އިއުލާންެކުުރެއްވި ހިސާބުން ހަނގުރާމައިގެ ފަހު މަރުހަލާ މިވަނީ ފެށިފައެވެ. އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާއިރު، ސެޕްޓެންބަރު 11 ގައި ސިފައިން ބާލައި ނިންމަން ވަނީ ހަމަޖެހިފައެވެ.

ހަނގުރާމައިގައި އެންމެ ބޮޑު އަގެއް ދައްކާފައި ވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނެވެ. އެމެރިކާގެ ރޯޑް އައިލޭންޑުގައި ހުންނަ ބްރައުން ޔުނިވަސިޓީގެ ވޮޓްސަން އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ޕަބްލިކް އެފެއާޒް އިން ހިންގާ ކޯސްޓްސް އޮފް ވާ ޕްރޮޖެކްޓުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި އަފްޣާނިސްތާނުގެ އާއްމުންގެ 47 ހާސް މީހުން ވަނީ މަރުވެެފައެވެ. އަދި އަފްޣާން ސިފައިންގެ 66 ހާހާ 69 ހާހާ ދެމެދުގެ އަދަދަކަށް މީހުން ވަނީ މަރުވެފައެެވެ. މީގެ އިތުރަށް އިދިކޮޅު ހަނގުރާމަވެރިންގެ 51 ހާސް މީހުން ވަަނީ މަރުވެފައެވެ.

ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނު ރައްޔިތުންގެ 2.7 މިލިއަން މީހުން ގައުމު ދޫކޮށް އެހެން ގައުމުތަަކަށް ހިޖުރަކޮށްފައި ވާއިރު، 4 މިލިއަން މީހުން ވަނީ ގައުމުގެ ތެރޭގައި އެތަން މިތަނަށް ވިއްސިވިހާލި ވެފައެވެ.

މި ހަނގުރާމައިގައި ނިސްބަތުން އެމެރިކާ އަދާކުރި އަގުވެސް ބޮޑެވެ. އެގައުމުގެ ސިފައިންގެ 2 ހާސް 400 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 3 ހާސް 800 ޕްރައިވެޓް އަސްކަރީ ކޮންޓްރެކްޓަރުން ވަނީ މަރުވެފައެވެ. އަދި ނޭޓޯގެ މެންބަރު ގައުމުތަކުގެ ސިފައިންގެ 1100 މީހުން މަރުވެފައި ވެއެެވެ.

ކޯސްޓްސް އޮފް ވާ ޕްރޮޖެކްޓުން ބުނާގޮތުގައި ހަނގުރާމައަށް ހޭދަކުރި ފައިސާގެ އަދަދު އާދަޔާ ޚިލާފަށް މައްޗެވެ. އަންދާޒާކުރެވޭ ގޮތުގައި މި ހަނގުރާމައަށް އެމެރިކާއިން ވަނީ 2.26 ޓްރިލިއަން (2260 ބިލިއަން) އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. އެެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ސީދާ އަސްކަރީ ކަންކަމަށް ކުރި ހޭދަ 815 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ.

އެހެންކަމުން، އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާއިން ނިންމުމާއެކު އެގައުމުން ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު އަގެއް ދައްކަން ޖެހުނު ހަނގުރާމަ ނިމުމަކަށް އައީއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.