އެމެރިކާ ސިފައިން 20 އަހަރަށް ފަހު ބަގްރާމް ވައިގެ މަރުކަޒުން ފައިބަައިފި

ބަގްރާމް ވައިގެ މަރުކަޒުގައި އެމެރިކާ ސިފައިންގެ ގޮލޯބްމާސްޓާ ސީ-17 އަސްކަރީ ކާގޯ މަތިންދާބޯޓަކަށް ބްލެކްހޯކް މަރުކާގެ ހެލިކޮޮޕްޓަރެއް އަރުވަނީ

20 އަހަރު ދުވަހަށް ފަހު އަފްޣާނިސްތާނުގެެ ބަގްރާމް ވައިގެ ބަނދަރު ދޫކޮށް އެމެރިކާ ސިފައިން އެ މަރުކަޒުން ފައިބައިފިއެެވެ. އެ ވައިގެ މަރުކަޒަކީ 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ނިއުޔޯކުގެ ވާލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓު ހަމަލާގެ ރައްދުގައި އެމެރިކާ ސިފައިން އަލްގާއިދާއާއި ޠާލިބާން ޖަމާއަތާ ފެށި ހަނގުރާމައި، އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިންގެ މައި މަރުކަޒެވެ.

ޠާލިބާން ޖަމާއަތާ އެމެރިކާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިން ދަނީ އަފްޣާނިސްތާނުން ފައިބަމުންނެވެ. އަދި މި އަހަރު ސެޕްޓެންބަަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފައިބައި ނިންމާނެއެެެެވެ.

އަފްޣާނިސްތާނު ސަރުކާރުން ބުނެފައި ވަނީ އެމެރިކާ ސިފައިން ވަރިރަށް ކާބުލްގެ އުތުރުން 60 ކިލޯމީޓަރު ދުރުގައި އޮންނަ ބަގްރާމް ވައިގެ މަރުކަޒުން ފޭބުމަށް ފަހު އެތަނާ ހަވާލުވާނީ ސަރުކާރުން ސިފައިން ކަމުގައެވެ. އަދި އެތަން ބޭނުންކުރާނީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް ކަމުގައެވެ.

ފާއިތުވި 20 އަހަރެއްހާ ދުވަހު އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުގައި ހިންގި ހުރިހާ އަސްކަރީ އޮޕަރޭޝަނެއް ވިލަރެސްކޮށް، އެ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވަނީ ބަގްރާމް ވައިގެ މަރުކަޒުންނެވެ. އެތަނުން އެމެރިކާ ސިފައިން ފޭބުމަކީ ބޭރުގެ އަސްކަރީ ބާރުތައް އަފްޣާނިސްތާނުގައި ތިބުން ނިމުމަކަށް އަންނަ ކަމުގެ ރަމްޒެކެވެ.

އެމެރިކާ ސިފައިން ބަގްރާމްއިން ފައިބައިގެން ދިއުން އެހެން ކަމެއްވެސް ރަމްޒުކޮށްދެއެެވެ. މިއީ އަފްޣާނިސްތާނަށް އެރި އިސްތިއުމާރީ ބާރެއް 1951 ވަނަ އަހަރު ރޫސީވިލާތުން ބިނާކޮށްދިން އެ މަރުކަޒު ދޫކޮށްދިއުމާއެކު އަފްޣާނިސްތާނުވެސް ދޫކޮށްދާ ދެވަނަ ފަހަރުކަމަށް ވާތީއެވެ. އަފްޣާނިިސްތާނުގައި އޮތް ކޮމިއުނިސްޓު ސަރުކާރުގެ ދިފާއުގައި މުޖާހިދުންނާ ހަނގުރާމަކުރުމަށް 1979 ވަނަ އަަހަރު އެގައުމަަށް އެރި ރޫސީ ސިފައިން ލަދުވެތި ބައްޔަކުން ބަލިވުމަށް ފަހު 1989 ވަނަ އެގައުމުން ފައިބައިގެން ދިޔައީވެސް ބަގްރާމް ވައިގެ ބަނދަރުން ފޭބުމަށް ފަހުއެެވެ.

2001 ވަނަ އަަހަރު އެމެރިކާ ސިފައިން ބަގްރާމް ވައިގެ މަރުކަޒަސް ދިިޔައިރު އެއީ ވީރާނާވެފައި އޮތް ތަނެކެވެ. އެމެރިކާއާއި ނޭޓޯގެ އަސްކަރިއްޔާއިން ވަނީ އެތަން އަލުން މަރާމާތުކޮށް 12000 ފޫޓު (3660 މީޓަރު) ގެ ރަންވޭއެެއް އިތުރުކޮށް 2006 ވަނަ އަހަރު ނިންމުމަށް 96 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެެވެ. މީގެ އިތުރަށް އަސްކަރީ މަތިންދާބޯޓުތައް ބަަހައްޓާނޭ ތަންތަނާއި، މަރާމާތުކުރާނޭ ހޭންގަރުތަކުގެ އިތުރަށް، އިތުރު ޚިދުމަތްތަކަށް ބޭނުންވާ އިމާާރާތްތައް ހަދާފައި ވެއެވެ.

މީގެ އިތުރަށް އެ މަރުކަޒުގައި 3 އޮފަރޭޝަން ތިޔޭޓަރާއި، ޒަމާނީ ޑެންޓަލް ކްލިނިކެއް ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް ހިމެނެއެެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއްވެސް އެތަނުގައި ބިނާކޮށްފައި ވެއެވެ.

ޠާލިބާން ޖަމާއަތުން ވަނީ އެމެރިކާ ސިފައިން ބަގްރާމް ވައިގެ މަރުކަޒުން ފައިބާފައިވާކަން ޔަގީންކޮށްދީފައެވެ. އަދި އެކަމަށް މަރުހަބާ ކިޔާފައެވެ.

"އަަހަރުމެން ދެކެނީ މި ފޭބުމަކީ އިޖާބީ (ޕޮޒިޓިވް) ފިޔަވަޅެެއް ކަމަށް. ބޭރުގެ ބާރުތައް މުޅިން ފައިބައިގެން ދިއުމުން އަފްޣާން މީހުންނަށް ހަމަޖެހުމާ ސުލްހައާއި ގާތަަށް ދެވޭނެ." ޠާލިބާންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ނެރުނު ބަޔާނެއްގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.