(23 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަޖްނީއަށް ރޮވޭގޮތް ވާން ފަށައިފިއެވެ. އަނެއްކޮޅުން އަޝޯކްގެ ރުޅިވެސް މައްޗަށް ދާން ފަށައިފިއެވެ. އޭނާ ބުންޏެވެ.
"ޖަޔަންތު..ރަޖްނީ ދޫކޮށްލާ.!"
" ދޫކޮށްލާށޭ- ކީއްކުރަން ދޫކޮށްލަންވީ؟ މިއަމިއްލަ އެއްޗެކޭ ހީކުރަނީތަ... ބަލަ މިއީ ޕަބްލިކް ފްރޮޕަރޓީއެކޭ....ރަޙްމަތްތެރިޔާ...!"
ޖަޔަންތަށް އެހިސާބަށް ބުނެވުނުކަން ނޭނގެއެވެ. އަޝޯކްގެ އަތަށް ލެވުނުހާ ބާރެއް ލާފައި ޖަޔަންތުގެ އަނަގަމަތީގައި ބޮނޑިއެއް އަޅައިފިއެވެ. އެއާއެކު ޖަޔަންތުވެސް ރުޅިއައިސްފައި ރަޖްނީ ދޫކޮށްލާފައި އަޝޯކާ ދިމާކޮށްލައިފިއެވެ. ހީވަނީ ދެމީހުން އެކަކު އަނެކެއްގެ ލެއަށް ދަހިވެތި ވެފައިވާހެންނެވެ. އެއްފަރާތަކަށް ޖެހިލައިގެން ރަޖްނީ ހުއްޓެވެ. އޭނާގެ ހަށިގަނޑު ވަނީ ތުރުތުރު އަޅައަޅައެވެ. އިރުކޮޅަކު ހުރުމަށްފަހު ހިތްވަރު ކޮށްލައިގެން ޖަޔަންތާއި އަޝޯކް ކައިރިއަށް އައިސް އެދެމީހުން ދުރުކުރެވޭތޯ އާދޭސް ކުރަން ފަށައިފިއެވެ.
"ތިޔަ އުޅެނީ ކީއްވެގެންތަ..މޮޔަވީތަ..ހޭއަރާބަލަ ތިޔަހެން ނުހަދާ...އަހަރެން މި މިބުނަނީ ތިޔަހެން ނުހަދާ...އަރާރުން ނުވޭ... ތަޅާނުފޮޅާ ނުހަދާ...އަހަރެން..."
"ރަޖްނީގެ ލޫޅާފަތި ދެ އަތުން އެ ވަރުގަދަ ދެ ފިރިހެނުން ދުރުކުކުރެވުމުން އޭނާ އަޝޯކްގެ އަތުގައި ހިފާފައި އާދޭސްކުރާގޮތަށް ބުންޏެވެ.
"އަޝޯކް ބާބޫ...އޭނާ އެހެރީ މަސްތުވެފައި...ކަލާއަށް ތިޔަހެން ތިޔަ ވެލައްވަނީ ކީއްވެތޯ...؟ "
"އޭ...ދުރަށްދޭ...."
ޖަޔަންތު ރުޅިއައިސްފައި ރަޖްނީ ކޮށްޕާލިއެވެ. އެފަކީރު ދިޔަގޮތަށްގޮސް ވެއްޓިއްޖެއެވެ. އަދި ކުރާނެ ކަމެއް ނެތިގެން ތެދުވަންވެސް ނުކުރެވިފައި، އެދެމީހުން ތަޅާފޮޅާތަން ބަލަން އޮތެވެ. ތަޅަމުން ތަޅަމުންގޮސް އަޝޯކް ބަލިވާގޮތް ވެއްޖެއެވެ. ޖަޔަންތުގެ ވަރުގަދަ ހަށިގަނޑަށް އިތުރު ޙަމަލާތައް ދޭނޭ ބާރު އޭނާގެ ކިބައިން ހުސްވެއްޖެއެވެ. ޖަޔަންތު ހުއްޓާލުމެއްނެތި އަޝޯކް ގައިގައި ތަޅަމުން ދިޔައެވެ. އެންމެފަހުން އަޝޯކް ބަލިވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު ޖަޔަންތު ބުންޏެވެ.
"ކޮލެޖްގައި އެއްފަހަރު މަޢާފުކުރިން. އެކަމަކު އެދުވަހުވެސް އަހަރެން ބުނެފާ އޮންނާނީ ދެން ދުވަހަކުވެސް އަހަރެންގެ ގަޔަށް ނާރާށޭ. އަދި އަހަރެންގެ ގަޔަށް އަރައިފިނަމަ އަތް ބިންދާލާނަމޭ..މިހާރު އަހަރެން އަދި އިތުރު ބޮނޑިއެއް ކަލޭގައިގައި އަޅައިފިނަމަ ދެން ކަލޭގެ ފުރާނަ ވެސް ކަލެއާ ވަކިވާންޖެހޭނެ.." އެހެން ބުނެފައި، އަޝޯކް ބިންމަތިން ނަގައިގެން ގެންގޮސް އެނދުމަތީގައި ބާއްވާފައި ރަޖްނީއާ ދިމާއަށް ބުންޏެވެ.
"އޭ މިއޮތް އަންހެން ކުއްޖާ... ރަނގަޅަށް އޭނާއަށް ފަރުވާ ކޮށްދޭތި އަހަރެން ޑޮކްޓަރެއް ފޮނުވާނަން..."
އެހެން ބުނެފައި ޖަޔަންތު ނުކުމެގެން ހިނގައްޖެއެވެ. ރަޖްނީ ބިންމަތިން ތެދުވެގެން އަޝޯކް ކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ މޫނު މައްޗަށް ލިބިފައިވާ ޒަޚަމްތައް ފެނިފައި ރަޖްނީ ވަރަށް ހާސްވިއެވެ. އަދި
އޭނާގެ ސާޅީގެ ކަންގަނޑުން އަޝޯކްގެ މޫނުމަތީގައިވާ ލޭތައް ސާފު ކުރަން ފެއްޓިއެވެ. އެއާއެކު އޭނާއަށް ބޭއިޚްތިޔާރުހައި ބުނެވުނެވެ.
"އަހަރެން ކަލާކައިރިއަށް އަންނަ ކޮންމެ ފަހަރަކު ކަލާއަށް ކޮންމެވެސް މުސީބާތެއް އެބަ ކުރިމަތިވޭ ދޯ.."
ރަޖްނީގެ ވާހަކައަށް އަޝޯކްއަކަށް ޖަވާބެއް ނުދެވުނެވެ. ވަރަށް އުނދަގުލުން ރަޖްނީއާ ދިމާއަށް ބަލާލާފައި ކުކުރާލާފައި ލޯމަރާލީއެވެ.
މާރިޔާ އާއި މޯތީ ރަޖްނީއަށް އިންތިޒާރުކުރާތާ ލައްކަ ގިނައިރުވެއްޖެއެވެ. މާރިޔާ އުޅެނީ ގޭތެރޭގެ ކަންތައްތައް ކުރުމުގައެވެ. މޯތީއަށް ހިމޭނުން ނުހުރެވިގެން ކޮޓަރިތެރޭގައި ބަހައްޓާފައި ހުރި އެކައްޗެކާ ކުޅެލާފައި އަނެކައްޗަކާއި ކުޅެލާފައި އުޅެމުންދެއެވެ. މިގޮތަށް އެތައް އިރެއްވުމަށްފަހު އެންމެފަހުން މާރިޔާ މޯތީއާ މުޙާޠަބްކޮށް ސުވާލުކުރިއެވެ.
"ކަލޭ މިހާރު އެވާހަކަ އޭނާ ގާތު ދައްކައިފިންތަ.... މަސައްކަތް ފަށާނީ ކިހާތާކުތަ.....މިގޮތަށް ކަމެއްނެތި ދެން އުޅެވޭނީވެސް ކިހާދުވަހަކު؟"
"އާންޓީ... އަހަރެން އޭނާއަށް ކިހާވަރަކަށް ވިސްނައިދީފިންތަ؟ މަރުވާ މީހާއެކީ ދެންތިބި އެންމެން މަރުވާކަށް ނުޖެހެއޭ.... އަބަދު އަބަދު ރުއިމަކުން ބަނޑެއް ނުފުރޭނެއޭ. އަހަރެން އެތައް ފަހަރަކު އޭނާ ގާތު ބުނެފިން. އެކަމަކުވެސް އެނާ އެވާހަކައެއް ނޭހި..."
"އަހަރެން ބޭނުނުމީ ހަމަ އެންމެ ދެއިރު ކާނެ އެއްޗެއް....ބަނޑުހައިކަން އެއީ ކެތްކުރެވޭވަރު ކަމެއް ނޫން... އެކަމަކު އެކަންވެސް ކުރެވޭނީ މަސައްކަތެއް ކޮށްގެންނު... މިގޮތަށް އުޅެވޭނީ ކިހައިދުވަހަކު.."
މާރިޔާ ބުނެލިއެވެ.
"އާންޓީ. އޭނާ ގަބޫލެއް ނުކުރޭ.. ބުނަނީ ދީޕަކް މަރުވީމާ ދެން ރަޖްނީވެސް މަރުވީއޭ...ރަޖްނީ މަތިން ހަނދާން ނައްތާލާށޭ..."
"އަހަރެން ދެން އުޅޭނީ ކިހިނެތް؟" ހުރިހާ ވިޔަފާރިއެއް ހަލާކުވީ..އެކުއްޖާއަށް އެވަރުވެސް ނުވިސްނޭ..."
އެވަގުތު މާރިޔާ ދައްކަމުންދިޔަ ވާހަކަ މުޅީން ފުރިހަމަނުވަނީސް ރަޖްނީ ގެއަށް އަތުވެއްޖެއެވެ. މާރިޔާއަށް އޭނާ ފެނުމާއެކު، ވާހަކަ ހުއްޓާލައިފިއެވެ. މޯތީ ރަޖްނީ ފެނުމާއެކު އޭނާގެ ކައިރިއަށް ޖެހިލާފައި ޕެކެޓެއް ދިއްކޮށްލަމުން ބުންޏެވެ.
"ރަޖްނީ..މިއޮތީ މާސްޓާރ ފޮނުވި ޕެކެޓެއް..."
"ކާކަށް.... ރަޖްނީ އެޕެކެޓްގައި ހިފާފައި ބުންޏެވެ."
"ކަލެއަށް....!"
ރަޖްނީ ހައިރާންވެލާފައި މޯތީއާއި މާރިޔާއާ ދިމާއަށް ބަލާލިއެވެ. އަދި އެޕެކެޓް ހުޅުވާލިއެވެ. އޭގައި ވަނީ ވަރަށް އަގުބޮޑު ސާޅީއެކެވެ. އެއާއެކު ކުޑަ ނޯޓެއްވެސް އޮތެވެ. އެނޯޓް ކިޔާލިއިރު އޭގައި އޮތެވެ.
"ރަޖްނީ!" މިއީ އަޅުގަނޑުގެ ފަރާތުން ފޮނުވި ވަރަށް އާދައިގެ ހަދިޔާއެކެވެ. އެހަދިޔާ ޤަބޫލުކުރައްވާށެވެ. ...އަދި ވެލައްވާނަމަ އަޅުގަނޑަށް މަޢާފްކޮށްދެއްވާށެވެ....!"
"އޭނާގެ މި ހިތްވަރު..." ރަޖްނީ އެނޯޓް ކިޔާ ލާފައި ރުޅީއައިސްގެން ބުންޏެވެ. އަދި އެނޯޓް މުށުތެރެއަށް ލައި ބޮނޑިކޮށްލާފައި ސާޅީވެސް ހިފައިގެން ބާރުބާރަށް ހިނގާފައިގޮސް ގެއިން ނުކުމެއްޖެއެވެ.
ރަޖްނީ ސާޅީ ހިފައިގެން ދިޔަގޮތަށްގޮސް ކްރިޝްނާ ލޮޖަށްވަދެ ކަމަލްގެ ކޮޓަރިއަށް ދިޔުމަށްޓަކައި ސިޑީން އަރަން ފެށިއިރު، ދޫބޭ ސިޑީގެ އެންމެމަތީ ހަރުފަތުގައި އިށީދެގެން އިނެވެ. އޭނާ އިނީ އެދުވަހުގެ ނޫސް ކިޔާށެވެ. އޭނާ ފެނުމާއެކު ރަޖްނީ ސުވާލުކުރިއެވެ.
"މާސްޓާރް ކޮބާ!"
ދޫބޭ ކޮޓަރިއާ ދިމާއަށް އިޝާރަތްކޮށްލިއެވެ. ރަޖްނީ ރުޅިމޫނު ދައްކާލާފައި ދިޔަގޮތަށްގޮސް ކަމަލްގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ކަމަލް ތުވާއްޔަކުން މޫނު ފުހެމުން ފާޚާނާއިން ނުކުންނަނީއެވެ. އޭނާއަށް ރަޖްނީ ފެނުމުން ސިއްސައިގެން ދިޔައެވެ. އަދި އެހާ ބޮޑަށް ރުޅިއައިސްފައި ހުއްޓާ ފެނުނީމާ ކަންބޮޑުވާގޮތްވެސް ވިއެވެ.
"މި ސާޅި ފޮނުވީ ކަލޭތަ...އަދި މި ސިޓީވެސް މީކަލޭ ލިޔުނު ސިޓީއެއްތަ..." ރަޖްނީ ލޯއަޅާލާފައި ކަމަލްއާ ދިމާއަށް ބުންޏެވެ.
ކަމަލް ޖެހިލުންވާގޮތް ވެފައި އެކިދިމަދިމާއަށް ބަލަން ފަށައިފިއެވެ. އަދި އެއްވެސް ޖަވާބެއް ނުދެވި އިރުކޮޅެއް ވެއްޖެއެވެ. އެހެންވުމުން އަނެއްކާވެސް ރަޖްނީ ވަރަށް ބާރަށް ބުންޏެވެ.
"ޖަވާބު ނުދެނީ ކީއްވެ! އަހަރެންގެ ކޮއްކޮގެ ފުރާނަ އަތުލައިގެންވެސް ކަލޭގެ ހިތް އަދި ހިތްހަމަނުޖެހެނީދޯ....ސްކޫލްގައި ކުދީންނަށް އިންސާނިއްޔަތާއި ޝަރާފަތު ދަސްކޮށްދޭ މީހެއް..މިހާރު އަންހެނުންނަށް ސާޅީ ފޮނުވަންފެށީ ދޯ..ކަލޭ ލަދެއްނުގަނެތަ.." ރަޖްނީ ...ވަރަށްބާރަށް އޭނާ ބުންޏެވެ.
"ލޮލުން ފެންނަނީ ކޮންއެއްޗެއްތަ...އެހެންނާ އަހަރެންމީ ކަލޭގެ ކާކުތަ. މަށަށް ސާޅީ ފޮނުވުމުގެ ބޭނުމަކީ ކޮބައިތަ. މުޅިދުނިޔޭގައި ހުރިހާ ފާފަތައް ބޮލުގައި އަޅައިގެން އުޅެންވީ!" ކަލޭގެ މަޤާމުގައި އެހެން މީހަކު ހުރިނަމަ،ކޯރަކަށް ފުންމާލައިގެން އަމިއްލައަށް މަރުވެއްޖައީސް...." މިހެން ބުނެފައި ރަޖްނީ އޭނާގެ އަތުގައި އޮތް ސާޅީ، ކަމަލްގެ މޫނުމައްޗަށް އެއްލާލައިފިއެވެ. އަދި ބުންޏެވެ. "އަން މިއޮތީ ކަލޭގެ ސާޅީ..ދެން މިކަހަލަ ކަމެއް ކޮށްފިއްޔާ މަށަށްވުރެ ނުވައި މީހެއް ނުހުންނާނެކަން ދަންނާތި!"
އެހެން ބުނުމާއެކު ވަރަށް ބާރަށް ފައިޖަހާލާފައި ހިނގަމުން ރަޖްނީ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެންމެންވެސް އޭނާގެ ދިމާއަށް ބަލަހައްޓައިގެން އެއްވެސް އެއްޗެއް ބުނަން ނުކެރިފައި ތިއްބެވެ. ކުޑައިރުކޮޅެއް ވަންދެން އެތަނަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ކަމަލްހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާއަށް ހީވަނީ ބިންގަނޑު ފަޅައިގެންގޮސް އެގެތެރެއަށް އޭނާ ވެއްޓުނީހެންނެވެ. އެތަންވަޅު ދޫބޭ ކޮޓަރިތެރެއަށްވަދެ، ދެންމެ ރަޖްނީ ކަމަލްއާ ދިމާއަށް އެއްލާލި ސާޅީއަށް ބަލާލިއެވެ. ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް އިރު އޭގެކައިރީގައި ކުޑަކުޑަ ނޯޓް ދޫބޭއަށް ފެނުމާއެކު އަވަސް އަވަހަށް ގުދުވެފައި އެނޯޓް ނަގައިފިއެވެ.އަދި އެގޭގައި އޮތް އެއްޗެއް ކިޔަން ފަށައިފިއެވެ.
(ނުނިމޭ)
ވވ.ރީތި