
(12 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަޅުގަނޑުގެ ހިތެއް ނެތްނަމަ ވަގެއްހެން މިގޮތަށް ސިއްރުސިއްރުން މިގެއަށް އައިސް ކަލާގެ ފަހަތުގައި އަޅައިގަނެގެން މިއުޅެނީ ކިއްވެގެންތޯ.؟"
"އަޅެ އެންމެ ރަނގަޅު. ...ކަލާ ބޭނުންވެލައްވަނީ ކޮން އެއްޗެއްތޯ............"އަޝޯކް ކުޑަކޮށް ހަރުކަށިކޮށް ބުންޏެވެ.
"ކަލާގެ ލޯބި!" "ކީކޭ..........."އަޝޯކް ހައިރާންވިއެވެ.
"ލައްބަ އަޝޯކް ބާބޫ....... ދިރިއުޅުމުގެ ހޫނުގަދަ މެންދުރަށް އާދެވިފައިވާ އިރު ކުޑަކުޑަ ފިނިފެންފޮދެއް ބޯލުމުގެ ޙައްޤު އަޅުގަނޑަށް ނެތީތޯ؟"
"ރަޖްނީ..." އަޝޯކް ވަރަށް އަސަރުގަދަ އަޑަކުން ގޮވާލިއެވެ. އަދި ރަޖްނީގެ ލޮލުގެ ތެރެއަށް ބަލަންފަށައިފިއެވެ. އޭރު ރަޖްނީގެ ދެލޯވަނީ ކަރުނުން ތެމިފައެވެ. އޭނާގެ ހިތުގެ ތަދުތައް ލޮލުގެ ތެރެއަށް އަންނަނީއެވެ. ރަޖްނީގެ މި ހާލަތު ފެނިގެން އަސަރުކޮށްގެން އަޝޯކް ބުނެލިއެވެ.
"ރަޖްނީ.....ކަލާ ތިހެން ނުވިސްނެވުން ބޭނުން..........."
"އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑުގެ ހިތަށް ވަނީ މަޖުބޫރުވެފައި. މި ނަންގަންނަނީ ހަމަ ތެދެއް.އަޅުގަނޑުގެ ހިތަށް މިވާގޮތެއް އަޅުގަނޑަށް ވެސް ނޭނގޭ. އަބަދުވެސް އަޅުގަނޑުގެ ހިތް އެދެނީ ކަލާގެ ކައިރީގައި ހުންނަން. ކަލާގެ ކައިރީގައި އުޅުމުން އަޅުގަނޑުގެހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްލިބޭ. އަމާންކަމެއް އިހްސާސްވޭ."
"ނަމަވެސް ރަޖްނީ!...ކަލާއަށް އެނގިލައްވާތަ، އެކަމުގައި އަޅުގަނޑު ބަދުނާމުވާނީ ކިހާވަރަކަށް ކަން.............މިހާރުވެސް ޖަޔަންތު މުޅި ކޮލެޖްގައި އަޅުގަނޑު ބަދުނާމުކޮށްފި." ރަޖްނީ އަޝޯކާ ހަތަރުކަޅި ހަމަކޮށްބަލާލިއެވެ. އޭނާއަށް މަޖުބޫރުވެފައިވާ ވަރު ރަޖްނީއަށް އިޙްސާސްކުރެވެއެވެ. އެހެންކަމުން އެގެއިން ނުކުމެގެން ދާން ގަސްދުކޮށްގެން ރަޖްނީ ހިނގައިގަތެވެ.
"ކަލާ ދުރުވަނީތޯ؟.............." އަޝޯކް ކުޑަކޮސް ޖެހިލުންވެފައި ހުރެ އަހާލިއެވެ.
"ލައްބަ.....އަޅުގަނޑު މިދަނީ ކީއްވެތޯ............އަޅުގަނޑު މިތާނގަ ހުރެގެން ކަލާއަށް އަނެއްކާ އިތުރު މުޞީބާތެއް މެދުވެރިވިޔަ ނުދޭން........." ރަޖްނީ އަޝޯކާ ދިމާއަށް ނުބަލައި ބުނެލިއެވެ. އަދި ބޭރަށް ދާން ހިނގައިގެންފިއެވެ.
"މަޑުކޮށްލައްވާ!......" އަޝޯކްއަވަސް އަވަހަށް ބުންޏެވެ. ރަޖްނީ އެނބުރިލާފައި ބަލާލިއެވެ.
"ކަލާބޭނުން ނަމަ މިގޭގަ ހުންނެވިދާނެ............." އަނެއްކާ ވެސް އަޝޯކް ބުނެލިއެވެ.
އަޝޯކް މިހެން ބުނެލި އަޑުއަހާފައި ރަޖްނީ އުފަލުން ފޮޅުނެވެ. އަޝޯކްގެ މި ބަސްކޮޅު ހީވީ އޭނާގެ ކަންފަތަށް އިވުނު ރަޙްމަތުގެ ނިދާއެއްހެންނެވެ. އޭގެ ކުޑައިރުކޮޅެއްކުރިން އޭނާގެ ލޮލަށް އެއްވެފައިވާ ހިތާމައިގެ ކަރުނަތައް އުފާވެރިކަމުގެ ހިނިތުންވުމާއެކު ކޯމައްޗަށް ފައިބަން ފެއްޓިއެވެ. އޭނާއަށް އެއްވެސް ޙަރަކާތެއް ނުކުރެވި އަޝޯކާ ދިމާޔަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އަނެއްކޮޅުން އަޝޯކް ވެސް ހިލައިން ހަދާފައި ހުރި ބުދެއްހެން ހިމޭނުން ހުރީއެވެ. ރަޖްނީގެ ލޮލުގެ ތެރެއަށް ބަލަމުން އޭނާގެ ހިތުގެ ފުންމިނުގެ ތެރެއަށް ފީނާލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައީއެވެ. އެންމެ ފަހުން މި ދިގު ހިމޭންކަން ނަގާލީ ރަޖްނީއެވެ. އޭނާ އަޝޯކާ ހަތަރުކަޅި ހަމަކޮށްގެން ހުރެ، ދެލޮލުން އޮހެމުންދާ ކަރުނަތަކާއެކު ހިނިތުންވަމުން ބުންޏެވެ.
"މިރޭވެސް ގޮދަޑި ލިބޭނެތޯ؟"
ރަޖްނީގެ އަސަރުގަދަ އަޑުން އަޝޯކް ހެލައްވާލިއެވެ. އޭނާ މަޑުމަޑުން އެނބުރި ލާފައި ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ބާލީހެއް ހިފައިގެން އައިސް ހޯލްތެރޭގައި ހުރި ސޯފާ ގޮނޑިއެއްގައި ބާއްވާފައި ބުންޏެވެ.
"ކަލާ ނިދިކުރައްވާނީ މިރޭ މިތާނގައި.........." އެހެން ބުނެފައި އަޝޯކް ގޮސް އޭނާގެ ނިދާކޮޓަރިއަށް ވަދެ ދޮރުލައްޕަން ފަށައިފިއެވެ. އެވަގުތު ރަޖްނީގެ ލޮލުން އެ ދޮރު ނުލެއްޕުމަށް އަޝޯކަށް އިޝާރާތް ކޮށްލިއެވެ.
"ކަލާ އަމިއްލަ ނަފްސަށް އިތުބާރު ނުކުރައްވަނީތޯ؟...."
"އަޅުގަނޑު ކުރަން. ނަމަވެސް ކަލާއާ މެދު އިތުބާރެއް ނުކުރެވޭ.............." އެހެން ބުނެފައި އަޝޯކް ދޮރު ލައްޕާފައި އެތެރެއިން ތަންޑު އަޅައިފިއެވެ. ރަޖްނީ އޭނާގެ މައުޞޫމިއްޔަތުގެ މައްޗަށް ހީނލިއެވެ. އަދި އޭނާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެމުން ގޮސް ސޯފާ ގޮނޑީގައި އޮށޯވެއްޖެއެވެ.
އަޝޯކް ނިދާހެދުން އަޅައިގެން އެނދުގައި އޮށޯވެއްޖެއެވެ. ނަމަވެސް އޭނާގެ ކައިރިއަށް ނިންޖެއް ނާދެއެވެ. އޭނާގެ ހިތުގެ ބޭގަރާރުކަން އިތުރުވާން ފަށައިފިއެވެ.
"ކަލާ އަމިއްލަ ނަފްސަށް އިތުބާރު ނުކުރައްވަނީތޯ؟" އޭ ރަޖްނީ ކުރި ސުވާލު އޭނާގެ ވިސްނުމާ ކުޅެމުން ދަނީއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ނުތަނަވަސްކަން ލިބި އޭނާގެ ހަށިގަނޑުގެ އެކިއެކި ބައިގައި އަލިފާނެއް އުފެދެމުންދާ ހެން ހީވަނީއެވެ.
އޭނާގެ ހިތްހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވޭތޯ އެނދުމަތީގައި، އެއްފަރާތުން އަނެއްފަރާތަށް ފުރޮޅެމުން މަސައްކަތް ކުރަމުންދަނީއެވެ. ނަމަވެސް ހިތުގެ ތެޅުން އިރުކޮޅެއްވިއްޔާ އިރުކޮޅަކަށް ވަމުން ދަނީ އިތުރެވެ. އޭނާ ބޯދަށުން ބާލީސް ނަގައިގެން މޭ ދަށަށް ބާލީސްލާފައި ބަންޑުން އޮވެގެން ޓޭބަލް ލޭމްޕްގެ އަލީގައި ފޮތެއް ކިޔޭތޯވެސް މަސައްކަތް ފެއްޓިއެވެ.
ނަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ ރަޖްނީގެ ފައިގެ ކެވެލިތައް ހެލިލި ލުއިލުއި އަޑެވެ. އޭނާ ސިއްސައިގެން ދިޔުމާއެކު އަތުގައި އޮތް ފޮތް އަތުން ދޫވެގެން ވެއްޓިއްޖެއެވެ. އަދި އޭނާގެ ކަންފަތް ދީގެން ރަޖްނީގެ ފައިގެ ކެވެލިތަކުން އިއްވާ ރީތިރާގު އެހޭތޯ މަސައްކަތް ކުރަން ފެށިއްޖެއެވެ. ކުރީ ރޭ ފަދައިން މިރޭ ވެސް އެ އަޑުގެ ސަބަބުން އަޝޯކްގެ ހިތުތެރޭގައި ވަރަށް ގިނަ ޝުޢޫރުތައް އުފެދެމުން ދިޔައެވެ. އަދި އޭނާގެ ހަށިގަނޑަށް ތަފާތު އިހްސާސްތައް ވެރިވަމުން ދިޔައެވެ.
އޭނާޔާމެދު ރަޖްނީގެ ހިތުގައި ޚާއްޞަކަނެއް ދެވުމާއި ރަޖްނީ ގަދަކަމުން މިގޭގައި އޮންނަން އެދުމާއި، އަދި އޭނާގެ ޖަޒްބާތުގެ އަލިފާންގަނޑަށް ރަޖްނީ ފުމެމުންދާކަމާއި މި ކަންކަން އަޝޯކް ވަރަށް އުފާވާ ކަންތައްތައް ކަމުގައި ވާން ފަށައިފިއެވެ. ރަޖްނީގެ ސާފު ދެލޮލާއި ހިނިތުންވެފައިވާ ތުންފަތް އޭނާގެ ހިތަށް ގެނެވުމާއެކު އޭނާގެ ކޮންޓްރޯލުން ނެއްޓިއްޖެއެވެ. އަދި އެނދުން ތެދުވެ މަޑުމަޑުން ފިޔަވަޅު އަޅަމުން ދޮރުކައިރިއަށް އަތުވެއްޖެއެވެ. އަދި އެހާމެ މަޑުމަޑުން ދޮރުފަތުގެ ތަންދު ނައްޓާލައިފިއެވެ. އަދި ވަރަށް ބިރުން ހުރެ ދޮރު ހުޅުވާ ވެސް ލައިފިއެވެ.
ރަޖްނީ ސޯފާގައި އޮށޯވެލައިގެން އޮތެވެ. އޭނާގެ ދެބައިކުޅަ އެއްބައި އޮރިޔާންކޮށް އޮތް ދެފައި މަޑުމަޑުން އެއްފައި އަނެއްފަޔާ ޖައްސާލަމުން ގެންދަނީއެވެ. އޭނާގެ ފައިގައި އަޅާފައިވާ ކެވެލިތަކުގެ އަޑު ފަޒާގެ ތެރޭގައި ނުހަނު އުފާވެރި ރާގެއްގައި އިވެމުންދަނީ އެހެން ވެގެންނެވެ. އެ އަޑުން އަޝޯކްގެ މައްޗަށް ވެރިކުރުވަމުންދަނީ އާދަޔާ ޚިލާފު މަސްތެކެވެ. އެހެން ކަމާއެކު އޭނާގެ ބޭ އިޚްތިޔާރުގައި މަޑުމަޑުން ރަޖްނީއާ ކައިރިއަށް އާދެވިއްޖެއެވެ.
ރަޖްނީގެ ކައިރިން ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވުނުހެން ހީވެގެން ސިއްސައިގެން ގޮސްފައި އެނބުރި ބަލާލިއެވެ. އަދި އޭނާގެ ތުންފަތުގައި އެއްވެސް ބާރެއް ނެތްގޮތަކަށް، ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
"ކަލާ އަދިވެސް ނިދި ނުކުރައްވަނީތޯ؟"
"ކަލާވެސް ތިޔަ އުޅުއްވަނީ ހޭލައްވާ ނޫންތޯ؟"
"އަޅުގަނޑު ގާތަށް ނިދި ނާންނަނީ.........."
"އަޅުގަނޑުގެ ލޮލަށް ވެސް މިއުޅެނީ ނިދި ނައިސްގެން"
"ކީއްވެތޯ"
"ރޭގަނޑު މެންދަން..............ހުރިހާ ދިމާއެއްގައި ވެސް ހިމޭންކަން.......ފިނިވައި.........."
"އެހެންވީމަ އަރާމުކޮސް ނިދި އަންނަންވީ ނޫންތޯ؟"
"އެކަމަކު މި ފިނި މޫސުމުގައި ވެސް ހިތުގައި އަލިފާން ގަނޑެއް އަނދަމުން ދަނީ......."
"ދެން ވާނީ ކިހިނެއްތޯ؟"
"ނާރުތަކުގައި ވެސް އަލިފާން އުޅޭހެން ހީވާނީ. ނޭވާ ކުރުވާ ގޮތް ވެދާނެ.............. ސިކުނޑި މަސައްކަތެއް ނުކުރާނެ. އަދި ހިތް ކޮންޓްރޯލުން ވަރަށް ގޯސްކޮށް ތެޅެން ފަށާފާނެ............ނިކަން ބަލާބަލަ............... އަހަރެންގެ ހަށިގަނޑު ވެސް ކިހާ ހޫނު................" އެހެން ބުނަމުން އަޝޯކް ރަޖްނީގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.
"ދެން އެހެން ވިއްޔާ އެ އަލިފާން ގަނޑުނިއްވާލައްވާ!" ރަޖްނީ އަޝޯކާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ބުނެލިއެވެ.
(ނުނިމޭ)