(9 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސީމާ އޭނާ އަތުގައިހުރި މާވަށިގަނޑު ޝާންތީ އަތަށްދީފިއެވެ. އަދި ބުންޏެވެ. "ބޮޑުދައިތަމެން ގެއިން ގެނައި މޭވާކޮޅެއް.." އެވަގުތު މަސަންތު ރާއޮ ސީމާގެ އަތުގައި ހިފާފައި އަޝޯކްގެ ސިޓީއޭނާގެ އަތަށް ދިނެވެ.
އެވަގުތު މަސަންތުރާއޮ ސީމާގެ އަތުގައި ހިފާފައި އަޝޯކްގެ ސިޓީ އޭނާއަތަށް ދިނެވެ. ސީމާ ކުޑަކޮށް ތުރުތުރު އަޅާގޮތްވެގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޭނާ އަޝޯކްގެ ސިޓީ ކިޔަން ފެއްޓިއެވެ.
"ލޯބިވާ ބައްޕާ...
ބައްޕަގެ ސިޓީ ލިބުނެވެ. ޖަވާބު އަވަހަށް ނުފޮނުވުނީއެވެ. އެކަމަށްޓަކައި މާފުއެދެމެވެ. ބައްޕާއެވެ. އަޅުގަނޑުގެ ކައިވެނީގެ ކަންތައްތަކާމެދު ބައްޕަ މިހާތަނުން މާ ކަންބޮޑުވެ ނުލައްވާށެވެ. އަޅުގަނޑު ބީ.އޭ ނިންމާލަންދެން މަޑުކޮށްލައްވާށެވެ. މައްސަލައަކަށް އޮތީ އަންހެންކުއްޖާގެ މައްސަލަ ނޫންތޯއެވެ. ސީމާއަކީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ދަންނަ ކުއްޖެކެވެ.
ސިޓީ ކިޔަމުންގޮސް މިހާތަކަށް ދިޔުމުން ސީމާއަށް މަޑުކޮށްލެވިއްޖެއެވެ. މަސަންތުރާއޮއަށްވވެސް ސީމާއަށް ވީގޮތް އެނގުނެވެ. އެހެންކަމުން އަވަސްއަވަހަށް ބުނެލިއެވެ.
"އާނ..އާނ.. ކިޔާބަލަ ދަރިފުޅާ"
ސީމާ ލަދުންގޮސް ތުރުތުރު އަޅާގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ސިޓީ ކިޔަން ފެއްޓިއެވެ.
"ސީމާއަކީ އަޅުގަނޑު ކުޑައިރުއްސުރެ ދަންނަ ކުއްޖެކެވެ. ބައްޕަމެންނަށް ސީމާ އެންމެ ރަނގަޅުނަމަ އަޅުގަނޑުވެސް...."
ސީމާއަކަށް އެއަށްވުރެ ކުރިއަކަށް ނުދެވުނެވެ. ލަދުންގޮސް އޭނާގެ މޫނު ރަތްވެއްޖެއެވެ. އަދި އޭނާ އަތުގައި އޮތް ސިޓީ ދޫކޮށްލާފައި އޭނާގެ ގެއާ ދިމާއަށް ދުއްވައި ގަނެވިއްޖެއެވެ. މަސަންތުރާއޮ ވަރަށް ބާރަށް ހީނގަތެވެ. އަދި ބުނެލިއެވެ.
"ވިސްނިއްޖެ. ވިސްނިއްޖެ.."
"ކޯންޗެއް ވިސްނުނީ.." ޝާންތީ އަހާލިއެވެ.
"އަޝޯކްވެސް ސީމާއަށް ޤަބޫލުކަން.."
"އެކަމަކު ކަލެއަކީވާ ހާދަ ޒާތެއްގެ މީހެކޭ..އަޝޯކްގެ ސިޓީގައި އޮންނަނީ ސީމާގެ ކައިވެންޏާބެހޭ ވާހަކަކަން އެނގި އެނގިހުރެ އެސިޓީ ތިޔަ ކިޔުއްވީ ސީމާލައްވާ ވިއްޔާ!"
"އަހަރެންގެ އަންހެން ކުއްޖާގެ ހިތް އޮތްގޮތް ވެސް ބަލާލަން ބޭނުންވީ. އޭނާވެސް އަޝޯކާ ޤަބޫލުތޯ ނުވަތަ ނޫންތޯ ބަލާލަން ޖެހޭނެނުން؟ މިހާރު އެނގިއްޖެ އޭނާވެސް އަޝޯކާ ޤަބޫލު. އެހެން ނޫންނަމަ އެގޮތަށް ލަދުން ފިލާކަށް ނުޖެހުނީސް..."
"އެކަމަކު އަހަރެމެންގެ އަޝޯކް އަދި ކައިވެނިކުރާކަށް ތައްޔާރެއް ނުވެއެއްނު؟
"އެކަމާ ކަލޭ މާބޮޑަށް ފިކުރު ނުކުރޭ އަހަރެންނަށް ކައިވެނީގެ މައްސަލަ ހުށަހެޅުނީމާ އަހަރެންވެސް ބުނީ އެހެން. އެހެން ނަމަވެސް ސީމާ އެކަން ޤަބޫލުކުރާކަމަށް ވަންޏާ އަވަހަށް އެކައިވެނި ކުރުމަށް އަހަރެމެން އަޝޯކް ޤަބޫލު ކުރުވަފާނަން.."
"ހަމަރަނގަޅަށް..." ޝާންތީ އުފާވެލާފައި ބުންޏެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރީން ސީމާ ގެނެސްދިން މޭވާތަކުން އާފަލެއް ނަގާފައި އޭނާގެ ފިރިމީހާގެ އަނގައިގައި ޖައްސާލިއެވެ. މަސަންތުރާއޮ ދަތުން އާފަލުގެ އެތިކޮޅެއް ނައްޓާފައި ކާން މަޖްބޫރުކުރިއެވެ. ޝާންތީ އާފަލުގެ އަނެއްބައި އޭނާގެ އަންހެނުން ކާން މަޖްބޫރު ކުރިއެވެ. ޝާންތީ އާފަލުގައި ދަތް އަޅަމުން މަސަންތުރާއޮގެ އިނގިއްޔެއްގައިވެސް ދަތް އަޅައިފިއެވެ. މުސްކުޅިވީ ދުވަހު އޭނާގެ އަންހެނުންގެ މިލާނަތްކަން ފެނިފައި މަސަންތުރާއޮ ވަރަށް ބޮޑަށް އުފާވެގެން ވަރަށް ބޮޑަށް ޝާންތީވެސް ހެމުންހެމުން ގޭތެރެއަށް ވަދެގެން ހިގައްޖެއެވެ. އެތަންވަޅު ގުޑުގުޑާއިން ދުންފޮދެއް ބޯލާފައި މަސަންތުރާއޯ އޭނާގެ އަވަށްޓެރިޔާގެ ގޭތެރެ ބަލާލިއެވެ. އޭނާއަށް ފެނުނީ ސީމާ އެތާނގައި އޮތް މޭބިސްކަދުރު ވެލެއްގެ ކައިރީގައި ފިލާހުރެގެން އެދެމަފިރިންގެ ސަމާސާތައް ބަލަންހުރިތަނެވެ. މަސަންތުރާއޮއަށް އެތަން ފެނުމުން ހިސާބަކަށް ލަދުގަންނަ ގޮތްވެސް ވިއެވެ. އެއާއެކު އަވަސް އަވަހަށް ގުޑުގުޑާގެ ނޮޅި ދަމަން ފެއްޓިއެވެ.
ރޭގަނޑު އަނދިރީގެ ތެރޭގައި ޓެކްސީއެއް އައިސް އަޝޯކްގެ ގޭގެ ދޮރުމައްޗަށް ހުއްޓާލައިފިއެވެ. އެއްޗެތި އަޅާފައިވާ ކޮތަޅުތަކެއް ހިފައިގެން އަޝޯކް ޓެކްސީން ފައިބަފިއެވެ. އޭނާގެ ފަޓްލޫނުގެ ޖީބުން ދަބަސް ނަގާފައި ޓެކްސީގެ ފީ އަދާކޮށްފައި، ދަބަސް އަނބުރައި ޖީބަށްލިއެވެ. އަދި އަތުގައިހުރި ކޮތަޅުތައް ހިފައިގެން ބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.
ހަމަ އެ އަނދިރިކަމުގެ އެހީ ހޯދައިގެން ރަޖްނީވެސް ފައިމަގުގައި ހިނގާފައި އައިސް އަޝޯކްގެ ގެޔާ ދިމާއާށް އެބައާދެއެވެ. ބިންމަތީގައި އޮތް ކޮންމެވެސް އެއްޗެއް އޭނާގެ ފައިޖެހުނެވެ. އޭނާ ގުދުވެލާފައި އެއެއްޗެއް ނެގިއުރު އެއީ އަޝޯކްގެ ދަބަހެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އަޝޯކް އޭނާގެ ފަޓްލޫނުގެ ޖީބަށް ލީދަބަސް ކޮންމެވެސް ގޮތެއް ދިމާވެގެނެ މިއޮތީ މަގުމައްޗަށް ވެއްޓިފައެވެ. އެ ދަބަސް ބަލާލާފައި ރަޖްނީ ހިނިތުންވެލިއެވެ. އަދި އެ ދަބަސް ހުޅުވާލާފައި އޭގެ ތެރޭގައި ހުރި އެއްޗެއްސަށް ބަލާލިއިރު ނޫޓްތަކަކާއެކު އަޝޯކްގެ ފޮޓޯއެއްވެސް އޮތެވެ. އޭނާ ތުރުތުރު އަޅައަޅާއޮތް އިނގިލިތަކަކުން އެފޮޓޯ ނަގައިފިއެވެ. އަދި ކުއްލިއަކަށް އެ ފޮޓޯ އޭނާގެ ބްލައުޒްގެތެރެއަށްލާ ފޮރުވައިފިއެވެ. އެކަން އޭނާ އެކުރީ ކޮންއެއްޗެއް ވިސްނާފައިކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އެއަށް ފަހު އަޝޯކްގެ ގެ ކައިރިއަށް ގޮސް ކުޑަދޮރުން ގޭތެރެ ބަލާލިއެވެ.
އަޝޯކް ހޯލަށް ވަނުމަށް ފަހު އޭނާގެ އަތުގައި ހުރި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓައިފިއެވެ.އަދި އަތުކުރީގައި އޮތް ގަޑިވެސް ނައްޓާލާފައި މޭޒުމަތީގައި ބާއްވައިފިއެވެ. ދެން އޭނާ ފަޓްލޫނުގެ ޖީބަށް އަތްކޮށްޕާލިއެވެ. ދަބަސްނަގާފައި އަލަމާރީގައި ބޭއްވުމަށް ގަސްދު ކޮށްގެންނެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައެވެ. ދަބަސް ހުންނަ ޕޮކެޓަށް ވެސް އަތްކޮށްޕިއެވެ. ނަމަވެސް އެއިން އެއްވެސް ތަނެއްގައި ދަބަހެއްނެތެވެ. އޭނާވަރަށް ބޮޑަށް ހައިރާންވެގެން މޭޒުމަތީގައި ހުރި ކޮތަޅުތައްވެސް ބަލާލިއެވެ.ނަމަވެސް ދަބަހެއް ނުފެނުނެވެ. އެންމެ ފަހުން ޓާޗަރެއް ހިފައިގެން ދަބަސް ހޯދުމަށް ޓަކައި މަގުމައްޗަށް ނިކުމެއްޖެއެވެ.
އަޝޯކް ކަންބޮޑުވެފައިވާކަން ރަޖްނީއަށް އިހްސާސްކުރެވުނެވެ. އެހެން ކަމުން ހިނިތުން ވެލާފައި އޭނާ އަނެއްކާވެސް އަނދިރީގެ ތެރޭގައި ފިލާހުރީއެވެ. އަޝޯކް ޓޫޗުން އަލިކުރަމުން އައިސް ޓެކްސީއިން ފޭބި ހިސާބަށް އަތުވެއްޖެއެވެ.ޓޯރޗުން އެތަންމިތަނަށް އަލިކޮށް ހަދައިގެން ވެސް ދަބަހެއް އޭނާއަށް ނުފެނުނެވެ. އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާގޮތް ވެއްޖެއެވެ.
އަޝޯކް މަގުމަތި ހޯދާފައި ގެއަށް ވަނުމުގެ ކުރިން ރަޖްނީ ގޭތެރެއަށް ވަދެއްޖެއެވެ.އަދި އަޝޯކްގެ ދަބަސް އަޝޯކް ނިދާ އެދުމަތީގައި ބާއްވާފައި އެ ކޮޓަރީގެ އަނދިރި ކަނެއްގައި ފިލާ ހުރެއްޖެއެވެ.
އަޝޯކް ދަބަސް ހޯދާހޯދާ ނުފެނުމުން މާޔޫސްވެގެން ގޭތެރެއަށް ވަދެގެން އައިސް ނިދާކޮޓަރިއަށް ވަދެއްޖެއެވެ.ކުއްލިއަކަށް އޭނާއަށް ފެނުނީ އޭނާގެ ދަބަސް ނިދާއެދުމަތީގައި އޮތްތަނެވެ. އޭނާ އަވަސް އަވަހަށް އެދަބަސް ނަގާފައި ހުޅުވާލިއެވެ.އަދި އެ ދަބަހުގައި ހުރި ފައިސާ ގުނަންފަށައިފިއެވެ. ދަބަހުގައި ހުރި ރުފިޔާ ހަމަ ބަރާބަރަށް ހުއްޓެވެ. ނަމަވެސް ދަބަހުގައި އޮތް އޭނާގެ ފޮޓޯވަނީ ގެއްލިފައެވެ.
"ފޮޓޯ ދިޔައީ ކޮންތަނަކަށްބާ؟"އޭނާގެ އަނގައިން ބޭއިޚްތިޔާރުގައި ބުނެވުނެވެ.
"އަޅުގަނޑު ކައިރިއަށް....." ކުއްލިއަކަށް އަނދިރީގެ ތެރެއިން މީހަކު ބުނި އަޑުއިވުނެވެ.އަޝޯކްވެސް ސިއްސައިގެން ގޮސްފައި އެނބުރި ކޮޓަރީގެ ދޮރާ ދިމާޔަށް ބަލަން ފެށިއެވެ.އޭނާއަށް ފެނުނީ ރަޖްނީ މަޑުމަޑުން އެ ދޮރުން ވަދެގެން އަންނަތަނެވެ.
"ކަލާ...........އެކަމަކު ކަލާ ކައިރިއަށް ދަބަސް ދިޔައީ ކިހިނެއްތޯ؟.........."އަޝޯކް ހައިރާން ވެލާފައިބުންޏެވެ.
"އަޅުގަނޑު ވަގަށް ނެގީ................."މިހެން ބުނެފައި ރަޖްނީ އޭނާ ލައިގެން ހުރި ބްލައުޒްގެތެރެއިން ފޮޓޯ ނަގާފައި އަޝޯކަށް ދައްކާލިއެވެ.
"ކީއްކުރަން" އަޝޯކް ރަޖްނީ ކައިރިއަށް ޖެހިލާފައި ބުންޏެވެ.
"އަޅުގަނޑަށް ރީތިވީ. އަޅުގަނޑު ބޭނުންވީ. ވީމާ ވަގަށް ނެގީ............"ރަޖްނީ ހީނލާފައި ބުންޏެވެ. އަދި އަނެއްކާ ވެސް އެފޮޓޯ އޭނާގެ ބްލައުޒްގެ ތެރެއަށް ލައިފިއެވެ.
"އަހަރެންގެ ފޮޓޯދީ..........." އެހެން ބުނަމުން އަޝޯކް އެ ފޮޓޯ އަތުލެވޭތޯ ނާކާމިޔާބު މަސައްކަތެއް އަޝޯކް ކުރިއެވެ.
"އުނހޫ.އުނހޫ... ފޮޓޯއެއް ނުލިބޭނެ......މި ފޮޓޯ ދެން އޮންނާނީ އަޅުގަނޑު އަތުގައި." ފަހަތަށް ޖެހިލަމުން ރަޖްނީ ބުންޏެވެ.
"ކީއްވެތޯ...އަނެއްކާ މާގަދަ ދައްކަވަނީތޯ.............."
"ލައްބަ ........އެހެން ހީކުރައްވާ" އެ ފޮޓޯއިން އަޅުގަނޑުގެ ހިތްހަމަ ޖައްސާލާނީ.................."
"އެކަމަކު ކަލާ މިތަނަށް ދުރުވީ ކީއްވެގެންތޯ........."
"އަޅުގަނޑު އަންނާކަށް ނުވާނެކަން އަޅުގަނޑަށް އެނގޭ.....އެކަމަކު ކުރާނީ ކީއްތޯ........ކަލާ ކައިރިއަށް އަންނަން އަޅުގަނޑުގެ ހިތްއެދެނީ. އެހެންވީމާ އާދެވުނީ....."
"ކަލާގެ ހިތެއް އެބައޮތްތޯ"
"އަޅުގަނޑުގެ ހިތެއް ނެތްނަމަ ވަގެއްހެން މިގޮތަށް ސިއްރުސިއްރުން މިގެއަށް އައިސް ކަލާގެ ފަހަތުގައި އަޅައިގަނެގެން މިއުޅެނީ ކިއްވެގެންތޯ.؟"
"އަޅެ އެންމެ ރަނގަޅު. ...ކަލާ ބޭނުންވެލައްވަނީ ކޮން އެއްޗެއްތޯ............"އަޝޯކް ކުޑަކޮށް ހަރުކަށިކޮށް ބުންޏެވެ.
"ކަލާގެ ލޯބި!" "ކީކޭ..........."އަޝޯކް ހައިރާންވިއެވެ.
(ނުނިމޭ)