އަމީރާ ސުލްޠާނާގެ ނާރެސް - 50

(3 ޖުލައި 2022 ގެ ބަޔާ ގުޅޭ)

އިތުރަށް ވިސްނައިލުމެއްނެތި، އަމާނީ ފުންމައިގެންތެދުވެ، މަހާ އަތުން ޓީވީގެ ރިމޯޓް އަތުލިއެވެ.

"މަންމާއެވެ!" ރުޅިއަރައިގަނެގެން އިނދެ އަމާނީ ހަޅޭއްލަވައިގަތެވެ. މިއީ އަޅުގަނޑުގެ ދެއަންހެން ދަރިންނާއެކު ހަވީރުގެ އެވަގުތުކޮޅު ހޭދަކޮށްލަން އަޅުގަނޑު ބޭނުންވިގޮތެއްނޫނެވެ. އަމާނީއަތުން އަޅުގަނޑު، ރިމޯޓް އަތުލީމެވެ. އަދި ޗެނަލަކަށްފަހު ޗެނަލަކަށް ބަދަލުކުރަމުން، އެންމެން ބަލަން ކަމުދާކަހަލަ ޗެނަލަކަށް އެޅުވޭތޯ ބެލީމެވެ. ކަންދިމާކުރިގޮތުން، އިނގިރޭސިވިލާތުގެ ޗެނަލަކުން ފޮނުވަމުންދިޔަ ޚަބަރެއްގައި އަޅުގަނޑު އަޅައިގަތެވެ. އެއީ ޕްރޮފެސަރ މުޙައްމަދު އަލްމަޝްޢަރީއާބެހޭގޮތުން ފޮނުވަމުންދިޔަ ޚަބަރެކެވެ. މަޝްޢަރީއަކީ އިނގިރޭސިވިލާތުގައި ސިޔާސީ ޙިމާޔަތް ހޯދައިގެން ދިރިއުޅެމުންގެންދާ ސުޢޫދީ ރައްޔިތެކެވެ. ސުޢޫދީ ރަސްކަމުގެ ޝާހީޢާއިލާއާ ބެހޭގޮތުން އޭނާ ނުފަތުރާކަ ދޮގު އަދި ދެކޮޅުވެރި ޚަބަރެއް ނެތެވެ. އަޅުގަނޑަށް އެޚަބަރަށް މާބޮޑަށް ސަމާލުކަން ދެވުނެވެ. މަހާއާއި އަމާނީގެ މަތިންވެސް ހަނދާން ނެތުނެވެ.

ޕްރޮފެސަރ އަލްމަޝްޢަރީއަކީ ސުޢޫދީ ޢަރަބިއްޔާގައި ދިމިޤްރާތީ ވެރިކަމުގެ ނިޒާމެއް ޤައިމްކުރުމަށް ބާރުއަޅައި ވަކާލާތުކޮށް، އިދިކޮޅު ޙަރަކާތްތައް ރާވައި ހިންގަމުންގެންދާ މީހެކެވެ. އޭނާގެ ދެކޮޅުވެރި ޢަމަލުތައް ހުރިގޮތުން ސުޢޫދީގައި ނޫޅެވިގެން، އަމިއްލަޔަށް އިނގިރޭސިވިލާތަށް އަރުވައިލެވި، ސިޔާސީޙިމާޔަތް ހޯދައިގެން ދިރިއުޅެމުން ގެންދަނީއެވެ. އިނގިރޭސިވިލާތަށް ދިއުމުގެކުރިން އޭނާވަނީ އެތައްފަހަރަކު ހައްޔަރުވެސް ކޮށްފައެވެ. އަދި ސުޢޫދީ ސަލާމަތީ ކަންކަމާބެހޭ މުއައްސަސާތަކުން، އޭނާއަށް ނުރައްކައު ކުރުމާގުޅިގެން، ފިލައިގެން ދިޔައީއެވެ. އަދި އިނގިރޭސިވިލާތަށްގޮސް، އެތާނގައި އަމިއްލަޔަށް އަރުވައިލެވިގެން ތިބޭ ސުޢޫދީގެ ރައްޔިތުން ބައިވެރިކޮށްގެން " އަސާސީ ޙައްޤުތައް ދިފާޢުކުރާ ކޮމިޓީ " ގެ ނަމުގައި ކޮމިޓީއެއް އުފައްދައި ސުޢޫދީ ސަރުކާރާ ދެކޮޅު ސިޔާސީ ޙަރަކާތްތައް ހިންގަމުން ގެންދިޔައެވެ. އަރުވައިލެވިގެންތިބޭ ސުޢޫދީންވަނީ، އަޅުގަނޑުމެން ޝާހީޢާއިލާގެ ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކެއް ހުޅަނގުގެ މީސްމީޑިއާއަށް ބޭޒާރުކޮށްލާފައެވެ. އެބައިމީހުންނަކީ، ހުޅަނގުގެ ތާއީދު އޮވެގެން ސުޢޫދީ ސަރުކާރާދެކޮޅަށް މަސައްކަތްކުރަމުންގެންދާ ބަޔެކެވެ. މިހުރިހާކަމަކީވެސް އާލް ސަޢުދު ޢާއިލާގެ ގަނޑުވަރުތަކުގައި ރޭގަނޑުގެ ނިދި ގެއްލުވައިލި ކަންކަމެވެ. ޝާހީ ޢާއިލާގެ މެންބަރުންނާބެހޭ ވަރަށް ސިއްރު މަޢުލޫމާތުވެސް، ޕްރޮފެސަރ ވަނީ ބޭޒާރުކޮށްފައެވެ. އެމަޢުލޫމާތުތައް އޭނާއަށް ލިބުނުގޮތާބެހޭގޮތުން، ޝާހީޢާއިލާގެ އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. އަޅުގަނޑުމެންގެ ޢާއިލާއާ އެކު ގާތްގޮތެއްގައި ޚިދުމަތްކޮށް، މަސައްކަތްކުރަމުން އަންނަބަޔަކު، ޚުދު އަޅުގަނޑުމެންގެ ދުޝްމަނުންނަށް ވަނީއެވެ.

މުޙައްމަދު އަލް މަޝްޢަރީ، އަޅުގަނޑުމެންގެ ޝާހީޢާއިލާއާ ބެހޭގޮތުން ވަރަށްގިނަ ކަންކަން ހާމަކޮށްފައި ވެއެވެ. ބައެއް ކޮންޓްރެކްޓް ދިނުމުގައި ބޭރުގެ ފަރާތްތަކުން އެތައްމިލިއަން ރިޔާލައެއް  ރިޝްވަތުގެގޮތުގައި ނަގާވާހަކަވެސް ދައްކާފައި ވެއެވެ. އަދި ނިކަމެތިންގެ ބިންތައް އަތުލައި އަމިއްލަކުރުންފަދަ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެފަދަ އެތައް ވާހަކައެއް ދައްކައެވެ. މިއީ، ހުޅަނގުން ތަރުޙީބުދީ އެބައިމީހުން ގަޔާވާ ކަހަލަ ކަންކަމެވެ. ޝާހީޢާއިލާގެ މެންބަރުން އަތުލައިގަންނަ ބިންތަކުގެ ވެރިން މައްސަލަ ޖައްސައިފިނަމަ އެމީހުންނަށް އަދަބުދީ އެމީހުންގެ ދިރިއުޅުން ބަރުބާދުކޮށްލާވާހަކަވެސް ދައްކައެވެ. މިހުރިހާ ޚިޔާނާތާއި ރިޝްވަތުގެ ޢަމަލުތަކުން މުއްސަނދިކަން ލިބިގެން، ޝާހީޢާއިލާގައި ފަންސާހަކަށް ބިލިއަނަރުން އުފެދިފައިވާ ވާހަކަވެސް ދައްކާފައި ވެއެވެ. އޭނާ އެދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރަން ޚުދު އަޅުގަނޑަށްވެސް އުނދަގުލެވެ. އެހެންނަމަވެސް، ޢާއިލާގެ ތެރޭގައި ފަސާދައިން ފޯވެފައިތިބި ބައެއް މެންބަރުން ތިބިކަންވެސް ޤަބޫލުކުރަން ޖެހެއެވެ. މިސާލަކަށް، ސުޢޫދީ ޕްރިންސަސް އެއް، ޢަސްކަރީ މުއައްސަސާތަކަށް ނުޤަވާޢިދުން ތަންތަން ކުއްޔަށްދީގެން އެތައް މިލިއަން ރިޔާލައެއް ދާއިމީގޮތަކަށް ނަގަމުންގެންދާކަން އަޅުގަނޑަށްވެސް އޮތީ އެނގިފައެވެ. އަދި ވަރަށް ފަޚުރުވެރިކަމާއެކު، އޭނާވެސް އެވާހަކަ ދައްކައެވެ. އަޅުގަނޑަށް އެންމެ އުނދަގޫވާކަމަކީ، އެކަހަލަ ފަސާދައިގެ ޢަމަލުތައް ނުހިންގިޔަސް، އަޅުގަނޑުމެން ޝާހީޢާއިލާގެ މެންބަރުންނަށް ހަމަޖެހިލައިގެން ދިރިއުޅެވެން އޮއްވާވެސް ބައެއް މެންބަރުން އެފަދަ ކުށްތަކަށް އަރައިގަންނަކަމެވެ. ޝާހީ މެންބަރެއްގެ ހައިޞިއްޔަތުން، އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވެސް، ޚަރަދުކޮށްފައި އިތުރުވާވަރަށް، ކޮންމެ މަހަކުވެސް ގަނޑުވަރުން އެލަވަންސް ލިބެއެވެ. އެހެންކަމުން، ފަސާދައިގެ ޢަމަލުތަކުން ޢާއިލާގެ ނަން ހަޑިކުރަން އެކަހަލަ ކަންކަން ކުރުމުގެ ބޭނުމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

މީގެއިތުރަށް، ހުޅަނގުގެ ނުފޫޒުގަދަ ނޫސްވެރިންނަށް، ސުޢޫދީ ޝާހީޢާއިލާއިން ދާއިމީކޮށް ލާރިދޭވާހަކަޔަކީވެސް، މަޝްޢަރީ ދައްކާ ވާހަކައެކެވެ. އެއީ ފަސާދައިގެ ޢަމަލުތައް ޚަބަރުގައި ނުހިމެނުމަށާއި އެފަދަ މަޢުލޫމާތު ނުފެތުރުމަށް، ޝާހީޢާއިލާއިން ކުރާ ހޭދައެއްކަމަށް އޭނާ ތުހުމަތު ކުރެއެވެ. މިހާރު އެފެންނަނީ، އިނގިރޭސިވިލާތުގެ ޓެލެވިޜަން ޝޯއެއްގައި މަޝްޢަރީ ވާހަކަދައްކަމުންގެންދާ ތަނެވެ. އޭނާގެ ވާހަކަ ބިނާވެފައި އެއޮތީ، އަޅުގަނޑުމެންގެ ޤައުމާއި ޝާހީޢާއިލާގެ މެންބަރުންގެ ފަސާދައިގެ ޢަމަލުތަކުގެ މައްޗަށެވެ. އަޅުގަނޑުގެ ފައި ދަމައިލެވުނެވެ. އަދި ކުއްލިޔަކަށް ޓީވީކުރިމަތީ ހުއްޓިލެވުނެވެ. މަހާ ވާހަކަ ދައްކަން ފެށުމުން، އެކަންމަނާކޮށްފައި އަޅުގަނޑަށް ކުރިޔަށް ޖެހިލެވުނެވެ. އަޅުގަނޑު އެވަގުތު ބޭނުންވީ، އޭނާގެ މޫނުމަތީ ތަފާލެއް އެޅުމަށެވެ. މީގެކުރިންވެސް މި މަޝްޢަރީގެ ވާހަކަ އަޅުގަނޑަށް އޮތީ އިވިފައެވެ. އެވަގުތުވެސް، އޭނާއަކީ އަޅުގަނޑަށް ތަޞައްވުރުކުރެވުނުފަދަ ޚިޔާނާތްތެރި، މިޤައުމުގެ ދުޝްމަނެކެވެ. މިވަގުތު އެއަނިޔާވެރި މަކަރުވެރިޔާ އެއިނީ އަޅުގަނޑުގެ ކުރިމަތީ، އަޅުގަނޑުމެން ޝާހީޢާއިލާގެ ވާހަކަ، މުޅިދުނިޔެއަށް ބޭޒާރުކުރަން ހުޅަނގުގެ ޓީވީ ޕްރޮގްރާމަކަށް އަރައެވެ. އޭނާއަކީ ދޫހެލޭ އަދި ތެދު ދޮގަށް، ދޮގު ތެދަށް ބަދަލުކޮށްލެވޭފަދަ ބަސްތަކުން މީހުންގެ ސަމާލުކަން ދަމައިގަނެވޭފަދަ ބަލާޣަތްތެރިޔެކެވެ.

"ސުޢޫދީ ރަސްކަން ވަށްޓާލައި، ދިމިޤްރާތީ ވެރިކަމެއް ޤާއިމްކުރުމުގެ ވާހަކަ ދައްކަން އޭނާއަކީ ކާކު ހެއްޔެވެ؟" އަޅުގަނޑުގެ ހިތަށް އެރިއެވެ. ސުޢޫދީގެ ޒަމާންވީ، އާލްސަޢުދުގެ ރަސްކަމަކީ، ރައްޔިތުންނަށް ޚިދުމަތްތެރި އަދި، ދެޙަރަމުގެ ޚާދިމުންގެ ގޮތުގައި މުޅިދުނިޔޭގެ އެންމެހައި މުސްލިމުންނަށް ޚިދުމަތްކުރަމުން އަންނަ ވެރިކަމެކެވެ. ސުޢޫދީ ރަސްކަމަކީ، މުޅިދުނިޔޭގައިވެސް އިޙްތިރާމް ލިބިގެންވާ ޢިއްޒަތްތެރި ވެރިކަމެކެވެ. އެރަސްކަން، ދުނިޔޭގެ އެހެން ހުރިހައި ރަސްކަމަކަށްވުރެ މަތިވެރިވެފައި ތަފާތެވެ. އެކަމަށްޓަކައި އަޅުގަނޑުމެން، އާލް ސަޢުދުގެ ވާރުތަވެރިން ފަޚުރުވެރިވަމުއެވެ.

ކަރީމުވަނީ، އެއްފަހަރަށްވުރެ ގިނައިން، މި މަޝްޢަރީގެ ވާހަކަ އަޅުގަނޑުގާތުގައި ދައްކާފައެވެ. އޭނާއަކީ ޤައުމަށާއި ސުޢޫދީ ތަޚުތަށްހުރި ނުރައްކަލެކެވެ. ސުޢޫދީއަށްލިބޭ އާމްދަނީއަކީ، އާލްސަޢުދު ޢާއިލާއަށް މިލްކުވެގެންވާ އެއްޗެކެވެ. ހަމައެއާއެކު، އެއާމްދަނީން ރައްޔިތުންނަށްވެސް ފުދިއިތުރުވާވަރަށް ހޭދަކުރެއެވެ. އަޅުގަނޑުގެ ފިރިމީހާ، ބައްޕަ އަދި ބޭބެއިންނާއި ކޮއްކޮމެން ސުޢޫދީ ޢަރަބިއްޔާގެ ތެލުގެ މުއްސަނދިކަމާއި ކަޅުރަނުގެ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި ކޮންމެފަދަ ކަމަކަށްވެސް ތައްޔާރުވެތިބިކަން އަޅުގަނޑަށް އެނގެއެވެ. އެހުރިހައި ޤުދްރަތީ މުއްސަނދިކަމެއް މިހާރު ވަންނަމުންއެދަނީ ސީދާ އާލް ސަޢުދުގެ މިލްކިއްޔާތުގެ ތެރެއަށެވެ.

އަޅުގަނޑުގެ ވިސްނުންވެސް އެ ޕްރޮގްރާމުގައި ގެނެސްދިން މަޢުލޫމާތާއެކު ދަތުރުކުރަމުން ގެންދިޔައެވެ. އިންޓަރވިއު ކުރިމީހާގެ ބަހުންނަމަ، އިންގްލޭންޑަކީ، ޕްރޮފެސަރ މަޝްޢަރީފަދަ، މެދުއިރުމަތީގެ ސިޔާސީ ދެކޮޅުވެރި ވާދަވެރިންގެ ސުވަރުގެޔަކަށް ވެއްޖެއެވެ. އެހެނަސް، އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، އިނގިރޭސިވިލާތަށް އެމީހުން މިހާރު އެކުރަމުންގެންދާ ނޭއްގާނީ ޢަމަލުގެ ހިތިރަހަ ފެންނާނެއެވެ. ސުޢޫދީފަދަ ތެލާއި ރަނުގެ ޤުދްރަތީ މުއްސަނދިކަން އިންތިހާއަށް ލިބިގެންވާ ޤައުމަކާ ދެކޮޅުވެރި ޙަރަކާތްތެރިންނަށް ވާގިވެރިވެގެން އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ ކޮންމެ ޤައުމަކީ އެއީ ރަސްކަމެއްވިޔަސް އަދި ޖުމްހޫރިއަޔްތެއްކަމަށްވިޔަސް، އަމިއްލަ މިނިވަންކަމަކާއި އިސްތިޤްލާލެއް އޮންނާނެ ޤައުމެކެވެ. އެބައިމީހުންނަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ކޮންމެ ޤައުމަކުންވެސް ޖެހިލުމެއްނެތި ކުރިމަތިލާނެއެވެ. އާޚިރުގައި ގެއްލުންވާނީ، އެކަންކަމަށް ވާގިވެރިވެ އެހީތެރިވާ އިނގިރޭސިވިލާތްފަދަ ޤައުމުތަކަށެވެ.

އަޅުގަނޑުމެންގެ ޢާއިލާގެ ފިރިހެނުންނަކީ، އިނގިރޭސީން ބަދަލުހިފުމަށް ނިޔަތްގަނެގެން އެބައިމީހުންގެ ޢަމަލުތަކަށް ފާރަލެވެމުންދާ ބަޔެކެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް މެއެވެ. ވަލީޢަހުދު މުޙައްމަދުގެ ކާފަދަރިކަނބަލުން، ރާނީ މީޚާއީލް ވަނީ 1980 ވަނައަހަރު، ސުޢޫދީ ޢަރަބިއްޔާގައި ޤަތުލުކުރެވިފައެވެ. އެއީ ނަހަމަ ޖިންސީގުޅުމެއް ހިންގުމުގެ ކުށުގައެވެ. އެޙާދިސާގެ މައްޗަށް "ރާނީގެ މަރު" ގެނަމުގައި ފިލްމެއްހަދައިގެން މިނިވަން ޓިވީ ކުންފުންޏަކުން، އިނގިރޭސިވިލާތުގައި ވަނީ ދައްކާފައެވެ.

ރަސްގެފާނު ޚާލިދަށް މިފިލްމާގުޅޭ މަޢުލޫމާތު ލިބިވަޑައިގަތުމުން އެކަމާ ވަރަށްބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގަތެވެ. އަދި އިނގިރޭސިވިލާތާއެކު އޮތްގުޅުން ވަގުތުން ކަނޑުއްވާލެއްވިއެވެ. ލަންޑަނުގައި ހުރި ސުޢޫދީ އެމްބެސެޑަރު އަނބުރާ ޤައުމަށް ގެންނަވައި ސުޢޫދީގައިހުރި އިނގިރޭސި އެންބެސެޑަރު އިނގިރޭސިވިލާތަށް ފޮނުއްވައިލެއްވިއެވެ. މީގެ އިތުރަށް، އިނގިރޭސިވިލާތުގެ ކުންފުނިތަކާއެކު ހެދިފައިވާ އެތައްމިލިއަން ރިޔާލައެއްގެ އެއްބަސްވުންތައް ބާތިލު ކުރެއްވިއެވެ. އެކަމާގުޅިގެން އިނގިރޭސިވިލާތުގެ އެތައް ރައްޔިތުންނެއްގެ ވަޒީފާވެސް ގެއްލިގެންދިޔައެވެ.

އިނގިރޭސި ޗެނަލުން ފޮނުވަމުންގެންދިޔަ ޕްރޮގްރާމް ނިމުމުން އަޅުގަނޑު، ގޮނޑީގައި އިށީނީމެވެ. އަދި އަޅުގަނޑުގެ ބުއިމަށް އިންސާފުކުރަންފެށީމެވެ. މުޙައްމަދު އަލްމަޝްޢަރީ އަކީ އަޅުގަނޑު ހީކުރިފަދަ މީހެއްނޫނެވެ. އޭނާއަކީ ޢިލްމީ މީހެއްގެ ބަދަލުގައި ފެނިގެންއެދަނީ، ބާޣީއެއްގެ ސިފައިގައެވެ. އެހިސާބުން، މަހާ އަޅުގަނޑުއަތުން ރިމޯޓު އަތުލިއެވެ. އަދި މިއުޒިކް ޗެނަލަކަށް އަޅުވައި ލަވަބަލަމުން ގެންދިޔައެވެ. އަމާނީގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. އަދި ދަތްކުނޑިވިކައިގެންފައި އަޅުގަނޑާދިމާއަށް ބަލަހައްޓައިގެން އިނެވެ. ހިތްހަމަޖެހޭ ވަގުތުކޮޅެއް ލިބޭތޯ ދެކުދިންގެނެސް ކައިރީގައި ބޭންދީމަވެސް އަޅުގަނޑަށް ލިބުނު "އުފަލަކީ" މިއީއެވެ.

"އެމީހާ އަހަރެމެންދެކެ ފޫހިވާން އަހަރެމެންކުރީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ޝަޚުޞިއްޔަތާއި ޢާއިލާއާ، މިނިވަންކަމާ އަދި ފަހިދިރިއުޅުން، ހިތަށް އަންނަ ޚިޔާލުތަކަކަށްޓަކައި ޤުރުބާން ކުރަންވީ ކީއްވެ ހެއްޔެވެ؟" ދެއަތްދެއަތަށް ތަގުޅިކޮށްލަމުން އަޅުގަނޑަށް ހަޅޭއްލަވައި ގަނެވުނެވެ.

"މަށަކަށްވެސް ނޭނގެއެވެ. މަންމާއެވެ!" މަހާވެސް އަޑުގަދަކޮށްލިއެވެ.

"އަހަރެންނަށް އެނގެއެވެ." އަމާނީ ހިނިތުންވެހުރެ ބުންޏެވެ. އަޅުގަނޑަށް ލިބުނީ ޙައިރާންކަމުގެ ޝޮކެކެވެ. އޭނާއަށް އެނގެއެވެ. ޙައިރާންވެފައި އިންމަހާއަށް ބަލައިލަމުން އަޅުގަނޑަށް ބުނެވުނެވެ. އަޅުގަނޑުގެ ބޮލުގައި ރިއްސައިލިއެވެ.

"އެމީހާއާ ބެހޭގޮތުން އަމާނީއަށް އެނެގެނީ ކޮން އެއްޗެއް ހެއްޔެވެ؟" އަމާނީއަށް ބަލައިލަމުން އަޅުގަނޑަށް ބުނެވުނެވެ.

"ހަމަ އަޞްލުވެސް އެކަން އެނގެން މަންމަ ބޭނުން ހެއްޔެވެ؟" އަމާނީ ސުއާލުކުރިއެވެ. ސިޔާސީ ކަންކަމާގުޅުވައިގެން އަމާނީގެ މިނިވަންޚިޔާލަށް ބައެއްފަހަރު އަޅުގަނޑު ކަންބޮޑުވެއެވެ.

"މަންމަ އެކަން އެނގެން ބޭނުމެވެ." އަޅުގަނޑަށް އަމާނީއާ ދިމާއަށް ހަޅޭއްލަވައިގަނެވުނެވެ.

"އެންމެ ރަނގަޅެވެ." އަމާނީއަށް އެނގޭ އެއްޗަކަށް ފަޚުރުވެރިވާ ޙާލު ބުންޏެވެ.

ހާމަކުރަން ނޭނގޭ ޚިޔާލުތަކެއް އަޅުގަނޑުގެ ސިކުނޑިއަށް ޖަމާވަމުން ދިޔައެވެ. ކަރީމާއި އަޅުގަނޑުކުރަމުން ގެންދިޔަ ބުރަ މަސައްކަތާއެކުވެސް، އޭގެ އަސަރެއްނުކުރެ، އަޅުގަނޑުމެންގެ ދަރިފުޅު އެވަނީ އިދިކޮޅު ޚިޔާލުގެމީހަކަށް ވެފައެވެ.

"ޕްރޮފެސަރު އޭނާގެ ހުރިހާކަމެއް ނުރައްކަލަށް ވައްޓައިލީ ކީއްވެތޯ މަންމަ ސުއާލުކުރިން ނޫންހެއްޔެވެ؟ މަންމާއެވެ! ޖަވާބު ވަރަށް ސާދާއެވެ. އެ ޕްރޮފެސަރ ހެދި ބޮޑުވެގެންއައީ، އަހަރެމެންގެ ޢާއިލީ ރަސްކަމުގެތަޚުތާ ދެކޮޅު ޢާއިލާއެއްގެ ތެރޭގައެވެ." އަމާނީ ކަރުކެހިލައި އޭނާގެ އަޑު ސާފުކޮށްލުމަށްފަހު ބުންޏެވެ. އަޅުގަނޑުގެ ނިތްކުރިން ހިއްލަމުންދިޔަ ދާތައް ޓިސޫއަކުން ފުހެލީމެވެ.

"ދަރިފުޅާ އަމާނީއެވެ. ދަރިފުޅަކީ މަނާކުރެވިފައިވާ އެ ޖަމާޢަތުގެ މެންބަރެއް ހެއްޔެވެ." މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އަމާނީއޭ ބުނެ އަޅުގަނޑަށް ހަޅޭއްލަވައި ގަނެވުނެވެ.

އަމާނީ ކުއްލިޔަކަށްގޮސް ސޯފާގެމައްޗަށް ވެއްޓިގަތެވެ. އަދި އޭނާގެ ދެފައި އެއްފައިމައްޗަށްލައި ހަމަޖެހިލިއެވެ. އަދި ކަންބޮޑުވެ ހާސްވެފައިހުރި އޭނާގެ މަންމައާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އަޅުގަނޑުގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ހިތްދަތިކަމެއްވެސް އިޙުސާސްކުރެވުނެވެ. އަމާނީއަކީ، ރީތި އަދި ސާދާ ކުއްޖެކެވެ. ހެދިހުރި ރޫފަހެޔޮ، ޅަބާޅަ ހަށިގަނޑެކެވެ. އެހެނަސް، ބޮޑުވެގެން އައިއިރު، ވިސްނުމާއި ފިކުރު ބަދަލުވަމުން ދިޔައެވެ. ދިރިއުޅުމަކަށް ބޭނުންވާނީ ބޭރުފުށުން ރީތިވުމެއްނޫނެވެ. ވިސްނުމާއި ފިކުރުގެ ތަނަވަސްކަމާއި ދުޅަހެޔޮކަންވެސް އެއީ ވަރަށް މުހިންމު ކަމެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.