އަމީރާ ސުލްޠާނާގެ ނާރެސް - 41

(1 ޖޫން 2022 ގެ ބަޔާ ގުޅޭ)

އެމެރިކާގެ ލަ ގާރޑިއާ އެއަރޕޯރޓްގައި، އަޅުގަނޑުމެންގެ ޖެޓް އިސާހިތަކު ޖައްސައިފިއެވެ. ނިއުޔޯރކްގައި ހުންނަ ސުޢޫދީ ކޮންސިއުލޭޓްގެ މުއައްޒަފަކު އަޅުގަނޑުމެންގެ ކަންތައްތައް ބެލެހެއްޓުމަށް އެއަރޕޯރޓަށް އައިސް ހުއްޓެވެ. އެހެންކަމުން، އިމިގްރޭޝަނާއި ކަސްޓަމްގެ ކަންތައްތައް ވަރަށް ލުއިފަސޭހަގޮތަކަށް ނިމުނެވެ.

އަޅުގަނޑުމެންގެ ޚިދުމަތުގައި 10 ލިމޯސިންސް ނުވަތަ ބޮޑެތި 10 ލަގްޒަރީ ކާރު އެއަރޕޯރޓްގެ ބޭރުގައި އޮތެވެ. ހުރިހާ އަންހެންވެރިންތިބީ އުފަލުންގޮސް ފޮޅިފައެވެ. އެހެންކަމުން، ކާކުއަރާނީ ކޮންކާރަކަށްތޯ، ލަގެޖްއަރުވާނީ ކޮންކާރަކަށްތޯއާއި އެކުގައި ކާކުދާނީ ކާކާއެކުގައިތޯ ނިންމުމަށް ކުޑަވަގުތުކޮޅެއް ނެގިއެވެ.

ލަގެޖްތަކާއެކު އަޅުގަނޑުމެން ގެންދެވުނީ ނިއުޔޯރކްގެ ޕްލާޒާ ހޮޓަލަށެވެ. އެއީ ފަސްތަރީގެ ލަގްޒަރީ ހޮޓަލެކެވެ. ކަންކަން ތަރުތީބުކުރަން ފޯރިހުންނަ ކަރީމް، މީހުންކާރަށް އަރަން ގޮތްކިޔައިދޭން ހުއްޓެވެ. އަދި އަޅުގަނޑުމެން އަރާނީ ކަޅުކުލައިގެ ކާރަށްކަމުގައި ބުނެ އަޑުގަދަކޮށްލިއެވެ. އަންހެންވެރިން ކިޔަމަންތެރިކަމާއެކު ކަރީމްބުނި ކާރަކަށް އަރައިފިއެވެ. އަޅުގަނޑު ހުރީ އެއްފަރާތެއްގައި މަޑުކޮށްލައިގެންނެވެ. ކަރީމު، އަޑުގަދަކޮށް ހަޅޭއްލެވީމަ އަޅުގަނޑުހުރީ ހިތްހަމަނުޖެހިފައެވެ. އަދި ކަރީމް މާފަށް ނުއެދެނިސް ކާރަށް ނާރާނެކަމުގައި އަޅުގަނޑު ބުނީމެވެ. އަޅުގަނޑު ގޮތްދޫނުކުރާނެކަން ކަރީމަށް އެނގުނެވެ.

"ސުންޠާނާ! އަހަރެންނަށް މާފުކުރާށެވެ! ދެން މާކަންތައް ބޮޑުނުކޮށް ކާރަށް އަރާށެވެ!" ކޮނޑުއަރުވާލަމުން ކަރީމްބުންޏެވެ. ގޮތްދޫނުކުރަންވެގެން އަޅުގަނޑުގޮސް އެރީ މާއިސާއާއި ސާރާމެންތިބި ކާރަށެވެ. އަޅުގަނޑު އެރިތަނުން ކާރުގެ ޑްރައިވަރުގެ ދެލޯބޮޑުވިތަން އަޅުގަނޑު ދުށީމެވެ. ސުޢޫދީ ޝާހީޢާއިލާގެ މެންބަރުންގެ ގޮތްދޫނުކުރުން އޭނާއަށްވެސް ރަނގަޅަށް އެނގޭނެއެވެ. ކޮންމެއަކަސް، ކާރުތައްގޮސް ޕްލާޒާ ހޮޓަލަށް މަޑުކޮށްލައިފިއެވެ.

ޕްލާޒާ ހޮޓަލުގެ ވައަތަށް ހުންނަބައި އެއްކޮށް ހުރީ ކަރީމް، އަޅުގަނޑުމެންނަށް ޚާއްޞަކޮށްގެން ހިފާފައެވެ. އެހޮޓަލަކީ، ނިއުޔޯރކަށް އަޅުގަނޑުމެން އަންނައިރު އަބަދުވެސް ތިބޭ ހޮޓަލެވެ. އެހޮޓަލުގެ މުއައްޒަފުންތިބެނީ، މެދުއިރުމަތީގެ ޝާހީ ޢައިލާއާއި މުއްސަނދިން އެތަނަށް އައިމަ ޚިދުމަތްކުރާނެގޮތަށް ތަމްރީންވެގެންނެވެ. ވަރަށް އޯގާތެރި ޚިދުމަތްތެރި ބަޔެކެވެ. ލާރިހުންނަމީހުން އައިމަ  ކަންކުރާނެގޮތް އެމީހުންނަށްވެސް އެނގެއެވެ. މަސް ދުވާނީ ފެން އޮންނަތަނަށް ނޫންތޯއެވެ؟

އެއާރޕޯރޓުން ސިޓީތެރެޔަށް ނުކުމެ ދުއްވަމުންދިޔައިރު، އަންހެނުން ކާރުދުއްވާތަން ފެނުނީމަ ވަރަށް އުނދަގޫވިއެވެ. އެއީ ބޭރުޤައުމަކަށް ދެވުނީމަ އެފެންނަ މަންޒަރުތަކުން އަޅުގަނޑުގެ ހިތަށް އެންމެ އުނދަގޫވާ މަންޒަރެވެ. އެހެނީ، އަންހެނުން ކާރުދުއްވުމަކީ، ސުޢޫދީ ޢަރަބިއްޔާގައި މަނާކަމެކެވެ. އެއީ ދީނީ  ނަޒަރަކުން ބަލާއިރުވެސް އަންހެނުންނަށް މަނާކުރާނެ އެއްވެސް އަސާސެއްވެސް އޮތްކަމެއްނޫނެވެ. އެކަމަކުވެސް ސުޢޫދީގައި އަންހެނުންނަށް އެވަރުވެސް ހުއްދައެއް ނުކުރެވެއެވެ. އަހަރުތަކެއްކުރިން، ކަރީމްވަނީ ސަހަރާގެ ވަރަށްދުރު ހިސާބަކަށް އަޅުގަނޑު ގެންގޮސް ކާރުދުއްވަން ދަސްކޮށްދީފައެވެ. އަޅުގަނޑަށް ކާރުދުއްވަން އެނގެއެވެ. އެކަމަކު އަމިއްލަ ޤައުމުގެ މަގުމަތީ ކާރުދުއްވާލުމުގެ ހުއްދައެއް ނޯވެއެވެ. އޭގެއިތުރަށް 40 އަހަރުންމަތީގެ އެއްވެސް އަންހެނަކު ކާރުދުއްވުމަކީ ހަރުކަށިކޮށް މަނާކުރެވިފައި އޮންނަކަމެކެވެ. އޭގެ ބަދަލުގައި އަށެއް ނޫނީ ނުވައަހަރުގެ ފިރިހެންކުދިން، ކާރުފުރާ އަންހެންކުދިން އަރުވައިގެން މުޅިމަގުކުޑަޔަށްލައި ކާރުދުއްވިއަސް އެއީ މައްސަލައެއްނޫނެވެ. ސުޢޫދީ ބަދަވީންގެ ބައެއްފިރިހެނުން އެމީހުންގެ ޖަމަލަށް ހިތާހިތުމާއި ކުރާ އިޙްތިރާމްވެސް، އެމީހުންގެ އަނބިންނަކަށް ނުދެއެވެ.

އެމެރިކާގެ ކާރޫބާރޫބޮޑު، މީހުންނާއި ދުއްވާއުޅަނދުން ފުރިފައިއޮންނަ މަގުތަކުގައި، އެއްވެސް ޖެހިލމެއްނެތި، އަންހެނުން ކާރުދުއްވާތަން ފެނުނީމަ އަޅުގަނޑުގެ އުއްމީދަށް ދިރުން ލިބުނެވެ. އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތައް އެހެން ޤައުމުތަކުގައިނަމަވެސް ލިބިގެންވާތަން ފެނުމުން ހިތަށްލިބޭ އުފާވެރިކަން ބޮޑެވެ. އަޅުގަނޑުގެ ވަށައިގެން އެއުޅޭ އަންހެންވެރިން ހިތްހަމަޖެހުމާއެކީ، ދުނިޔޭގެ އުފާތައް ލިބިގަންނަތަން ފެނުމުން އެއީ އަޅުގަނޑަށްވެސް ލިބެމުންދާ އުފާވެރިކަމެއްގެ ގޮތުގައި އިޙްސާސް ކޮށްލީމެވެ. ނަޞީބުކަންދިމާކޮށްފަ އޮތްގޮތުން، އަޅުގަނޑުބޭނުންވާ ކަންކަން އަބަދުވެސް އޮންނަނީ ނުފުދިއެވެ.

މަގުމަތީގައި އެހައި އެއްޗެތި ގިނައެއްނޫނެވެ. އަޅުގަނޑުމެން ހޮޓަލަށް އައިއިރު، ކޮންސިއުލޭޓްގެ އިތުރު މުއައްޒަފަކުހުރީ، ހޮޓަލުގެ ސަލާމަތީ ކަންކަން ރާވައި ހަމަޖައްސާފައެވެ. ރިސެޕްޝަނުގައި ކުޑަހިނދުކޮޅަކަށްވެސް އަޅުގަނޑުމެން މަޑުކުރާކަށް ނުޖެހުނެވެ. ހޮޓަލަށް ވަތްތަނުން އަޅުގަނޑުމެން ގެންދެވުނީ ސީދާ އަޅުގަނޑުމެންތިބެންވީ ކޮޓަރިތަކަށެވެ.

އަޅުގަނޑުމެން ހުރިހާ އަންހެންވެރިން، ހޮޓަލުގެ ކޮރިޑޮރގައި އެއްވެލީމެވެ. އުފާވެފައި ތިބިލެއްބޮޑުކަމުން، އަޅުގަނޑުމެން އެންމެން ސައްލާކޮށްފާ އެންމެ ހިނދުކޮޅެއްވެސް ހުހަށް ދުއްވާނުލަން ނިންމީމެވެ. އަވަސް އަވަހަށް ހެދުން ބަދަލުކޮށްލައިގެން އައިސް، ބާޒާރަށް ނުކުތުމަށް ނިންމީމެވެ.

އަޅުގަނޑު ކޮޓަރިއަށް ވަތްވަގުތު ކަރީމާ ބައްދަލުވިއެވެ. އޭނާއެހުރީ އަޅުގަނޑުގެ އިންތިޒާރުގައިކަން އަޅުގަނޑަށް އެނގުނެވެ.

"ސުލްޠަނާއެވެ؟ އަހަރެން ވަރަށް އަވަހަށް ބޭރަށްދާން ޖެހޭނެއެވެ. ބޭރަށް ދިއުމުގެކުރިން، ސުލްޠާނާއަށް އަހަރެން ކުޑަ ހަދިޔާއެއްދޭން ބޭނުމެވެ." އަޅުގަނޑާކުރިމަތިލައި ހިނިތުންވެފައިހުރެ ކަރީމް ބުންޏެވެ. އަޅުގަނޑު، ޙައިރާންވެފައިހުރެ ކަރީމާދިމާއަށް ބަލައިލީމެވެ. އަދި އެއީ ކޮން އެއްޗެއްތޯ ސުއާލުކުރީމެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ހެޔޮމީހެކެވެ. އަބަދުވެސް، ނުވަގުތުތަކުގައި އަޅުގަނޑު އުފާވާ ކަހަލަ ކަންކަން ކޮށްލާ އުފަލުންގޮސް މަރުވާވަރުގެ އަގުބޮޑު ހަދިޔާ ދޭނެއެވެ.

ކަރީމް އޭނާގެ ވޮލެޓުން، ޕްލެޓިނަމް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާރޑެއް ނެގިއެވެ. އަދި އެކާރޑް އަޅުގަނޑުގެ އަތަށް ލައިދިނެވެ.

"ސުލްޠާނާ! މިއީ އަހަރެން ދޭ ހަދިޔާއެކެވެ. ސުލްޠާނާ ބޭނުން ކޮންމެ އެއްޗެއް ގަންނާށެވެ. ފަސްލައްކަ އެމެރިކާ ޑޮލަރާ ހަމަޔަށް މިކާރޑުން ސުލްޠާނާ ބޭނުންއެއްޗެއް ގަނެވޭނެއެވެ." ހިނިތުންވެލާހުރެ ކަރީމް ބުންޏެވެ.

"ކަނބުލޯއެވެ! ކަނބުލޮ ތިއައީ ވަރަށް ހިތްނުތަނަވަސް ވަގުތުތަކެއްގައި ހާސްކޮށް އުޅެފައެވެ. އުފާވެރި ހުސްވަގުތުތަކަކަށް ސުލްޠާނާ ބޭނުންވާކަން އަހަރެންނަށް އެނގެއެވެ. އެކަމަކު، މިކާރޑުން ސުލްޠާނާ ބޭނުންވާވަރަށް ރަނާއި ގަހަނާ ނުގަނެވިދާނެއެވެ. ސުލްޠާނާ ބޭނުންވާ އެއްވެސް އެއްޗެއް ނުގަނެވިއްޖެނަމަ، އެއެއްޗެއް ރައްކާތެރިކަމާއެކު ނުވިއްކާ ބާއްވާލަދިނުމަށް ފިހާރައިގެ މެނޭޖަރުގާތު ބުނާށެވެ. އަހަރެންގެ ބޭންކްގެ މެނޭޖަރު ލައްވާ މާދަމާ އެއެއްޗެއް ގަނެގެން ގެނެސްދޭނަމެވެ."

އަޅުގަނޑު، އެކާރޑްގެ ދެފުށަށް ބަލައިލީމެވެ. އެއީ އެފަދަ ކާރޑެއް އަޅުގަނޑުގެ އަތަށް ދެވުނު ފުރަތަމަ ފަހަރެވެ. ސުޢޫދީގައި ފިހާރަތަކަށްގޮސް އަޅުގަނޑުމެން އެއްޗެތި ގަންނައިރު ފައިސާދައްކަނީ އަޅުގަނޑެއްނޫނެވެ. ޙަޤީޤަތަށް ދަންނަވަންޏާ އަޅުގަނޑު ގަންނަ އެއްޗެއްގެ އަގު އަޅުގަނޑެއް ދުވަހަކުވެސް ނުބަލަމެވެ. އަޅުގަނޑުގެ ކަމަކީ ބޭނުންވާ އެއްޗެއް އެއީ ކޮންމެ އެއްޗެއްކަމަށްވިޔަސް އެއެއްޗެއް ނެގުމެވެ. އަގަކަށް ނުބެލޭނެއެވެ. އަގުދެއްކުމަކީ، އަޅުގަނޑުމެންގެ ވިޔަފާރި މެނޭޖަރުގެ ކަމެކެވެ. މިއަދު، އަޅުގަނޑާއެކު މެނޭޖަރެއް ނެތެވެ. އެކަމާ އަޅުގަނޑު އުފާކުރީމެވެ. މިއަދު އަޅުގަނޑާއެކު މިއޮތީ ފަސްލައްކަ ޑޮލަރެވެ. ބޭނުން ކޮންމެ އެއްޗެއް ގަންނާށެވެ ! ފަސްލައްކަ ޑޮލަރު ހުސްވުމުން، އަޅުގަނޑު ބޭނުންއެއްޗެއް ނުނެގޭނީކީ ނޫނެވެ. އެއެއްޗެއް ބާއްވަން ބުނަންވީއެވެ. މާދަމާ އެއެއްޗެއް އޮންނާނީ އަޅުގަނޑު އަތުގައެވެ. އެކަމަކު މިއަދު، އަޅުގަނޑުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް އެބައޮތެވެ.

ނިއުޔޯރކްގެ ޕްލާޒާ ހޮޓެލް – މެދުއިރުމަތީގެ މުއްސަނދިންގެ މަރުކަޒު

ކަރީމް އޭނާގެ ދަބަސް ހުޅުވައިލިއެވެ. އަދި ގިނަޢަދަދެއްގެ އެމެރިކާ ޑޮލަރު އެދަބަހުން ނަގާ އަޅުގަނޑުގެ ދަބަސްތެރެޔަށް އަޅައިލިއެވެ. ފަހަކާއި ދިހައެއް އަދި ފަންސާހާ ސަތޭކައިގެ ނޫޓުތައް އޭގައި ހުރި ޢަދަދެއްވެސް ނޭނގެއެވެ. އަޅުގަނޑުގެ ދަބަހަށް އެބޮނޑިވަރު އަޅާލުމަށްފަހު، އަނެއްކާވެސް ކަރީމް އަޅުގަނޑާ ދިމާއަށް އެނބުރުނެވެ. ނުދަންނަމީހަކަށް އެފައިސާ ފެންނާނެގޮތަކަށް ޢަމަލުނުކުރުމަށް، ތިންފަހަރު، ކަރީމް އަޅުގަނޑަށް އިންޒާރުކުރިއެވެ.

އެވަގުތު، އަސަދު އައިސް ދޮރުގައި ޓަކިޖެހިއެވެ. ހަމައެއާއެކު، ކަރީމް އަވަސްއަވަހަށް، އަޅުގަނޑަށް ދޮނެއްދީފައި އަސަދާއެކު، އެމީހުންގެ ވިޔަފާރި ބައްދަލުވުމަކަށް ނައްޓާލިއެވެ. ކޮޓަރީގައި އަޅުގަނޑު އެކަންޏެވެ. އިންޓަރކަމްއިން ގުޅާފަ، އަޅުގަނޑު ފެންވެރުމާބެހޭ ކަންކަން ތައްޔާރުކުރުމަށް ލިބީއައުމަށް އެންގީމެވެ. ދިގުދަތުރަކަށްފަހު، ފެންވަރައި ތާޒާވެލުމަށް އަޅުގަނޑުހުރީ ބޭނުންވެފައެވެ. ފެންވަރަން ސައިބޯނިލާން އިނދެގެން ބާޒާރުކުރަން ދާނެތަނަކާމެދު އަޅުގަނޑު ވިސްނީމެވެ. އަދި ބާރގޑްރޮފް ގުޑްމަން ޑިޕާރޓްމަންޓް ސްޓޯރަށް ދާން ނިންމީމެވެ. އެއީ، އަޅުގަނޑުމެންގެ ޝާހީ ސަޢުދުޢާއިލާގެ ގިނަ އަންހެނުން ބާޒާރުކުރާ މަޝްހޫރު ފިހާރައެކެވެ. ހެދުންލައި ތައްޔާރުވުމަށްފަހު، ސާރާގެ ކޮޓަރީގައި މަޑުކޮށްގެންތިބި އެހެން އަންހެނުންގާތަށް އަޅުގަނޑު ދިޔައިމެވެ. ދިގު ބަހުސަކަށްފަހު، އަޅުގަނޑާއި ސާރާ އަދި މައިސަރާ ދާނީ ބާރގޑްރޮފަށް ކަމުގައި ނިންމީމެވެ. ލިބީ އާއި ބެޓީ އަދި ޢަފާފު އަޅުގަނޑުމެން ބުނާއެއްޗަކަށް މަޑުކޮށްގެން މަޑުމަޑުން ތިއްބެވެ. ޢާންމުގޮތެއްގައި ބާޒާރުކުރަންދާއިރު، އަޅުގަނޑުމެންގެ ޚާދިމާއިން އަޅުގަނޑުމެންނާއެކު ދާނެއެވެ. ޢަފާފު ދެރަވެފައިހުރިވަރުން، މިއަދު، އެމީހުންނުލާ ބާޒާރަށްދާން އަޅުގަނޑާއި ސާރާ ނިންމީމެވެ. އޭގެބަދަލުގައި އެމީހުންނަށް ލާރިކޮޅެއްދީ، އަރާމުކޮށްލަން ބައިތިއްބާނީއެވެ. އޭރުން އެމީހުން މާއުފާވާނެއެވެ. ތިންމީހުން، ޚާދިމާއިންނަށް ހީލާފައި ފިފްތު އެވެނިއުއަށްދާން ނުކުތީމެވެ.

އެކީގައި މިއުޅޭ ހަތް އަންހެނުންކުރެ، އަޅުގަނޑުމެންގެ ދެބެންގެ ދެދަރިކޮއްކޮއެއްކަމުގައިވާ ހުދާ، އަޅުގަނޑުމެންނާއެކީ ދާން އިންކާރުކުރިއެވެ. އޭނާ ފަހުން ބާޒާރުކޮށްލާނިކަމަށް ބުންޏެވެ. އަދި ކޮޓަރީގައި އަރާމުކޮށްލައި ކައިބޮއިހަދާލަން މަޑޫކޮށްލާނީ ކަމުގައި ބުންޏެވެ. މިހާރުވެސް އޭނާހުރީ، ރަލުގެ މޮޅުބްރޭންޑަކަށް އޯޑަރު ކޮށްގެންނެވެ. އަޅުގަނޑު، ހުދާއާމެދު ކުޑަކޮށް ވިސްނައިލީމެވެ. ނިއުޔޯރކް ސިޓީއަށް އައިސް، ބާޒާރުކޮށްނުލައި، ކޮޓަރިތެރޭ ތަޅުލެވިގެން އިންނަން އިޚްތިޔާރުކުރާނީ ކޮން އަންހެނެއް ހެއްޔެވެ ؟ އަޅުގަނޑުމެން ސުޢޫދީ އަންހެނުން ރަށުގައި އޮންނަ ހަރުކަށި އުޞޫލުތަކުން ސަލާމަތްވާން ލިބޭ މިކަހަލަ މިނިވަން ފުރުޞަތުތަކުގެ ބޭނުން ނުހިފާންވީ ކީއްވެތޯއެވެ ؟ އަޅުގަނޑު ކަންބޮޑުވިއެވެ. އެކަމަކު ހުދާއާދިމާއަށް އެއްވެސް އެއްޗެކޭ ނުބުނަމެވެ. އެހެންނޫނަސް ހުދާއަކީ އަޅުގަނޑާ އެހާ ގާތް އަދި އަޅުގަނޑުވެސް އެހާ ގަޔާވާ ތިމާގެމީހެއްނޫނެވެ. ހުދާގެ އޮންނާނީ ކެއުމާއި ބުއިމެވެ. ހުދާއާއެކު ދެކެވޭ ކޮންމެ ވާހަކައެއްގައިވެސް މީރު އަގުބޮޑު ކެއުމާއި ބުއިންތަކުގެ ވާހަކަ އަންނާނެއެވެ. ޢާއިލާގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެއް އޮވެއެވެ. އެއީ، ހުދާއާއި އޭނާގެ ފިރިމީހާ، ހަމައެކަނި އެއްފަހަރު ކާލަން ފަރަންސޭސިވިލާތަށް ޖައްސާލާ ވާހަކައެކެވެ. ކެއުމާބެހޭގޮތުން ހުދާ އެންމެ ގަޔާވާނީ ސާރާއާ އެކު ދައްކާވާހަކައެވެ. ސާރާއަކީވެސް ކޮންމެވެސް ވަރަކަށް ކެއުމަށް ދެވިހިފާފައި ހުންނަ މީހެކެވެ.

އަޅުގަނޑުމެން ބާރގޑްރޮފަށް ދިޔައީ ހިނގާފައެވެ. އެއީ ހިތަށް އަރާމާއި މިނިވަންކަމުގެ ނޭވާއެއް މުޅި ހަށިގަނޑަށް ލިބިގެންދިޔަ ވަގުތުކޮޅެކެވެ. ދުނިޔޭގެ ތަހުޒީބީ އެހެން އަންހެނުންނެކޭ އެއްގޮތަށް، މިނިވަންކަމާއެކު މަގެއްމަތީ ހިނގާލާފައިދާން އެލިބުނު ފުރުޞަތަކީ، ސުޢޫދީގައި މަދުންނޫނީ ނުލިބޭނެ ފުރުޞަތެކެވެ. އެވަގުތު އަޅުގަނޑުދިޔައީ، ދުވާލުގެ ގަދައަވީގައި، ސްކާރޓަކާއި ޖެކެޓެއްލައިގެން އެހެން ފިރިހެނުންނާއި އަންހެނުންނާއެކު މަގުމަތީގައި ހިނގާފައެވެ. މިނިވަންކަމުގެ ކޮޅެއްނެތެވެ. އެފަދަ ހެދުމެއްލައިގެން ސުޢޫދީގެ މަގުމަތީގައި އަންހެނަކަށް ހިނގާފައިދެވުމަކީ ނާދިރު ކަމެކެވެ. ފުލުހުންގެ ލަޓިބުރިން އެފަދަމީހުން ސަލާމަތެއް ނުވާނެއެވެ. އެތަން ހޮޓަލާ އެހައި ދުރެއްނޫނެވެ. ވަރަށްކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނަށް ދެވިއްޖެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.