އަޅުގަނޑާއި ޖުމްހޫރީ ޕާޓީއަށް މުހިންމީ ގައުމީ މަސްލަޙަތު ކަމަށް ޖުްމހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭހެން ގިނަ ބައެއްގެ އޮރިޔާން ފޮޓޯ އަދި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހިމެނޭއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ "ޒާތީ ކަންކަމާ" ގުޅުވައި "ހަވަރަށް ދޭ ތަން" ބައްލަވަން ނުހުންނަވާނެ ކަމަށާއި އެއްވެސް މައްސަލައެއްގައި މެންބަރަކު ފުލުހަށް ހާޒިރު ކުރާ ނަމަ އެކަން މަޖިލީހުގެ އިދާރާއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ހިއްސާދާރު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވީ ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ދިވެހި ފުލުހުންގެ ޚިދުމަތުން ޤާނޫނު އަސާސީން އެ މީހުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާ އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.
އެފަދަ މައްސަލަތައް އޮއްބާލައިފިނަމަ ދެން ވާނެ ގޮތް ކޮންމެހެން އެމަނިކުފާނު ވިދާޅުވާން ބޭނުން ނުވާ ކަމަށާއި ﷲގެ ކޯފާއަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދާން އެކަކު ވެސް ނޭދޭނެ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.