
ރައްޔިތުންގެ މަޖިލީހުގައި ޖޫމްހޫރީޕާޓީ (ޖޭޕީ) މިހާރު ވެސް ތަމްސީލް ކުރަމުންދާ އެޕާޓީގެ މެމްބަރުންނަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ޓިކެޓު ދެއްވައިފިއެވެ.
އެބޭފުޅުންނަށް އެމަނިކުފާނު ޓިކެޓު ދެއްވީ ޖޭޕީގެ ކައުންސިލުން އެބާރު މިރޭ ޤާސިމަށް ދެއްވުމުންނެވެ. މިހާރު ވެސް މެމްބަރުކަން ކުރައްވާ އެ ޕާޓީގެ ބޭފުޅުންނަށް ޓިކެޓު ދެއްވުމަށްފަހު ބާކީ ދާއިރާތަކާމެދު ވެސް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ޖޭޕީގެ ފަރާތުން ވާދަކުރަން ޝައުގުވެރިކަން ހުރި މީހުން އެކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި 61 ދާއިރާއަށް 97 މީހުން ކުރިމަތިލިއެވެ. އެހެންނަމަވެސް ޤާސިމް ވިދާޅުވީ ޕާޓީން ވާދަކުރާނީ 35 ދާއިރާއަށް ކަމަށެވެ.
އެމްޑީޕީން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 86 ދާއިރާއަކަށް ކުރިމަތި ލައިފައެވެ. އެހެންނަމަވެސް އެއީ ކޯލިޝަން އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ޖޭބީން ވަނީ ބުނެފައެވެ. އެމްޑޯޕީން ބުނެފައިވަނީ މަޖިލިސް އިންތިޚާބާ ބެހޭ އެއްބަސްވުމެއް ކޯލިޝަން ތެރޭގައި ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އެޕްރީލްމަހު 6 ވަނަ ދުވަހުއެވެ.