ޖޯޑަން (އުރްދުން) ގެ ޢަޤަބާ ބަނދަރުގައި ހިނގި ވިހަ ގޭހެއް ލީކުވުމުގެ ހާދިސާއެއްގައި 11 މީހުން މަރުވެ، 250 އެއްހާ މީހުންނަށް އަނިޔާވެއްޖެއެެވެ. ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގާފައިވާކަން ޖޯޑަންގެ ޕަބްލިކް ސެކިއުރިޓީ ޑިރެކްޓަރެޓްއިން ކަށަަވަރުކޮށްދިން ނަމަވެސް ލީކުވެފައި ވަނީ ކޮން ބާވަތެއްގެ ގޭހެއް ކަމެއް އިދާރާއިން ހާމަކޮށްފައި ނުވެއެވެ.
"ޢަޤަބާގައި އެހެން ދުވަހެކޭވެސް އެއްފަދައިން މިއަދު މަސައްކަތް ކުރިޔަށް ދަނިކޮށް، ވިހަ ގޭހެއް އަޅާފައި ހުރި ޓޭންކެއް ވެއްޓުމުގެ ހާދިސާއެއް ވަނީ ހިނގައި، އެ ސަރަހައްދަށް ވަނީ ގޭސް ލީކުވެފައި. އެ ސަރަހައްދު ވަނީ ވަގުތުން ބަންދުކުރެވިފައި. ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެހާދިސާއާ ގުޅިގެން ކުރަންޖެހޭ މަަސައްކަތް ކުރަން ފަށާފައި." ސެކިއުރިޓީ ޑިރެކްޓަރެޓްގެ ތަރުޖަމާނު ޢާމިރު އައްސަރަޠާވީ ވިދާޅުވިއެވެ.
ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި ލީކްވެފައި ވަނީ ކްލޮރީންއެވެ.
މީސްމީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ޓްރޭލާއަކުން ގެންދިޔާ ގޭސް ޓޭންކެއް ބަނދަރުގައި އޮތް ބޯޓަކަށް ބަރުކުރަނިިކޮށް، އެ ޓޭންކް ބޯޓުގެ ތެރެއަށް ވެއްޓެނީއެެވެ. އެއާއެކު، އެ ގޮވައި ރީނދޫ ކުލައިގެ ގޭހެއް މުޅި ސަރަހައްދަށް ފެތުރިގެން ދެއެެެވެ.
"ބަރުކުރަމުން ދިޔަ ގޭހަކީ ޖިބޯޓީއަށް ގެންދާ ގޭސް. ބަރުކުރުމުގެ ތެރޭގައި ވަލެއް ކަނޑައިގެން ދިއުމުގެ ސަބަބުން 20 ޓަނުގެ ޓޭންކެއް ވެއްޓުނީ." ޢަޤަބާ ކޮމްޕެނީ ފޯ ޕޯސްޓް އޮޕަރޭޝަން އެންޑް މެނޭޖްމަންޓްގެ ޑިރެކްޓަރ ހާޝިމް އަލްޢަަސްކަރީ ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި "ޖޯޑަނު މީހުންނާއި، އާގުބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބި ބޭރުމީހުން" ހިމެނެއެވެ.
'އަލްމަމްލަކާ ޓީވީ ޗެނެލުން ބުނިގޮތުގައި ޢަޤަބާގެެ ދެކުނު ފަރާތުގެ އަތިރިމަތި މިހާރު ވަނީ އާއްމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. އަދި ގޭސް ލީކުވީ ސަރަހައްދަކީ މީހުން ދިރިއުޅޭ ހިސާބާ ދުރު ސަރަހައްދެކެވެ. މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ އެ ޗެނެލުން އިތުރަށް ބުނި ގޮތުގައި ވައިގެ މިސުރާބު ކަނޑާ ދިމާއަށް ހުރުމުން ލީކުވި ގޭސް ދަތުރުކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށެވެ.